Sarukaarah furihama agulabihyatheh hoadhaidheyn kureven oi hurihaa masahkatheh Adhaalathun kuraane: Imraan
image
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން މިރޭ މީޑިއާ އަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ސަން/ފަޔާޒް މޫސާ
0 ކޮމެންޓް
 

ސަރުކާރަށް ފުރިހަމަ އަގުލަބިއްޔަތެއް ހޯދައިދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން: އިމްރާން

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އަގުލަބިއްޔަތު ހޯދައިދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަދާލަތު ޕާޓީން ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އިމްރާން އެހެން ވިދާޅުވީ އަދާލަތުން، އަދާލަތުން ވާދަކުރަން ނިންމާފައިވާ އަށް ދާއިރާ އަށް ކެންޑިޑޭޓުން ވާދަކުރާ ކެންޑިޑޭޓުން ރަސްމީކޮށް އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި އިމްރާން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަން ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެސް އަދާލަތުން ވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ޕާޓީން މަސައްކަތް ކުރީ އަދުލުވެރި ވެރިކަމެއް ގާއިމްކޮށްދީ، އަނިޔާވެރި ވެރިކަމަކުން ރައްޔިތުން ސަލާމަތް ކޮށްދިނުމަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެގޮތުން އަދުލުވެރި ވެރިކަމެއް ގާއިމްވީ އެ ޕާޓީން ވެސް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށާއި، މަޖިލީހަށް ވާދަކުރަނީ ވެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ މަގުސަދުގައި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އަދާލަތުޕާޓީ ދެމިއޮންނާނީ ސަރުކާރުގެ ވައުދުތައް ފުއްދަން ވާގިވެރިވާ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މަޖިލީސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ހޯދާދޭން ގުޅިގެން މަސައްކަތް ކުރުމަށް އެ ޕާޓީން އަދިވެސް ތައްޔާރަށް އޮތް ކަމަށް އިމްރާން ވިދާޅުވި އެވެ.

ގުޅިގެން މަސައްކަތް ކުރަން އަދިވެސް ތައްޔާރު ކަމަށް އިމްރާން ވިދާޅުވި އިރު، އެމްޑީޕީ އާ އެކު އެ ޕާޓީން ވަނީ ގުޅިގެން މަޖިލީސް އިންތިހާބުގައި ވާދަކުރަން މަޝްވަރާ ކޮށްފަ އެވެ. ނަމަވެސް އޭރު އެމްޑީޕީގެ ޕްރައިމަރީ ބާއްވައި، ކެންޑިޑޭޓުން ހޮވާފައި އޮތުމުން އެ ޕާޓީން ވަނީ އަދާލަތުން ބޭނުންވާ ދާއިރާތަކަށް ދޫދެވޭނީ އެ ކެނޑިޑޭޓުން އެކަމަށް އެއްބަސްވާ ނަމަ ކަމަށް ބުނެފަ އެވެ.
ހިޔާލު