Office thakuga "Gym" hedhumuge foavahseh, dhen othee "Gym" allowance tha!
image
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައި ކޯޓު ހުންނަ ތީމުގޭގައި ހަދަމުންދާ ޖިމް -- ފޮޓޯ: ޓްވީޓަރ
3 ކޮމެންޓް
 

އޮފީސްތަކުގައި ޖިމް ހެދުމުގެ ފޯވައްސެއް، ދެން އޮތީ ޖިމް އެލަވަންސްތަ!

ދައުލަތުގެ އިސްވެރިންނަށް އަސާސީ މުސާރައެއް ކަނޑައެޅިފައި އޮވެއެވެ. އޭގެ އިތުރުން ކާރަކާއި ޑްރައިވަރެއް، އަދި އެއަށް އަޅާ ތެލުގެ ހަރަދު ކުރަނީ ވެސް ދައުލަތުން ނެވެ. ހައުންސިން އެލަންވަންސެއް ކަނޑައަޅާފައި އޮންނައިރު، ފޯން އެލަވަންސެއްވެސް ހަމަޖައްސާފައި އޮވެއެވެ. ދައުލައުލަތުގެ އިސްވެރިއަކަށް 50،000ން މަތީގެ އަދަދަކަށް ކޮންމެ މަހަކު ދައުލަތުން ހަރަދު ކުރަމުންދާއިރު، އަނެއްކާ ކޮންމެ އޮފީހެއްގައި ޖިމްއެއް ނުވަތަ ޖިމް އެލަވަންސެއް ހަމަޖައްސަންޖެހޭ ހިސާބަށް ކަންކަން ދިއުމަކީ ނިމަކަމެތި ރައްޔިތުން އިތުރަށް ނިކަމެތިވުން ނޫން ދެން ކޮންކަމެއް ތޯ އެވެ.
ރާއްޖޭގޭގައި ވަޒީފާ ނެތި ނުވަތަ ނުލިބިގެން އުޅޭ ޒުވާނުން ވަރަށް ގިނަ އެވެ. އަދި ނިކަމެތި ރައްޔިތުން ގިނައިރު، ތިންއިރު ކީއްކުރަންތޯ އެވެ. އެއްއިރު ކާއިލައިގެން، ދެން އެނޫން ގޮތެއް ނެތިގެން ފަރުޖައްސާލަންޖެހޭ މީހުން ވެސް ވަކި މަދެއް ނޫނެވެ.

ސަރުކާރުގެ ނުވަތަ ދައުލަތުގެ މުވައްޒަފުންނަކީ ބަރާބަރަށް ކޮންމެ މަހެއް ފެށުމާއެކު މުސާރަ ލިބޭ ބައެކެވެ. އެއީ އެމީހުންގެ ހަލާލު މަސައްކަތުން ހޯދާ ހަލާލު ފައިސާ އެވެ. އެމީހުންނަށް ހައްގުވާ މިންވަރެވެ.

"ހައްގުވާ" މިންވަރޭ ބުނީމައި ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިދާނެ އެވެ. އެއީ އިންސާނީ ތޮބީއަތުގައި ވެސް ލިބޭ އެއްޗަކަށްވުރެ އިތުރަށް ބޭނުންވުމެވެ. އެހެންވީމަ އަބަދުވެސް ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ނުވަތަ ފައިސާ ލިބޭނެ އިތުރު ގޮތްތައް ހޯދަ އެވެ. އެކަމަކު މިތަނުގައި "ހައްގުވާ" މިންވަރޭ ބުނެފައި އެވަނީ ދައުލަތުގެ އިދާރާއާއި ވަޒީފާ އަދާކުރާ ފަރާތާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މުސާރަ ދެމުންދާތީ އެވެ. އެހެންވީމާ ވަޒީފާ އަދާކުރާ ފަރާތުން އެއްބެސްވެފައިވާ މުސާރަ ލިބޭނަމަ އެވަޒީފާއިން ހައްގުވާ މިންވަރު ލިބުނީ ކަމަށް ގަބޫލު ކުރަމެވެ.

އަސްލު ދައްކާލަން ބޭނުންވާ ވާހަކަ ދައްކާލަމާ ހިނގާށެވެ. ރާއްޖޭގައި ވަޒީފާ ނުލިބި ގިނަ ޒުވާނުން އުޅޭއިރު، ދައުލަތުގެ އިދާރާތަކުގައި ވަޒީފާ އަދާކުރާ އިސްވެރިން އުޅޭ އަރާމު ދިރިއުޅުމުގެ ވާހަކަ އެވެ. ރާއްޖޭގެ ގިނަ ބައެއް އަނގަޔާ އަތާ ދިމާނުވެ، ނިކަމެތިކަންމަތީ ތިބި އިރު، އެމީހުން ވެސް ނިސްބަތްވާ މިދައުލަތަށް، އެމީހުންގެ ވެސް ހިއްސާ އޮތް މިދައުލަތުގެ މުދަލާއި ހިދްމަތް ވިއްކައިގެން ހޯދާ އާމްދަނީން ދައުލަތުގެ އިސްވެރިން އުޅުއްވާ އަރާމު ދިރިއުޅުމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް 82،500 ރުފިޔާ ލިބޭއިރު، ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައާއި އިނާޔަތްތަކަށް 40،000 އިން 50،000 އިން މައްޗަށް އަރައެވެ. މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ ދިރިއުޅުމުގެ ފެންވަރު ވެސް ހުންނަނީ ލަގްޒަރީ ފެންވަރުގަ އެވެ.

މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް "ޖިމް" ނުވަތަ ކަސްރަތު ކުރެވޭ ގޮތުގެ ވާހަކަތަކެއް އެބަ ފެންމަތި ވެއެވެ. ދައުލަތުން އެންމެ ބޮޑު މުސާރަ ލިބޭ، އަދި އެމީހުންގެ ނަޒާހަތްތެރިކަން ހިފަހައްޓަންޖެހޭ އެއް ބަޔަކީ ފަނޑިޔާރުންނެވެ. ފަނޑިޔާރުން ވެސް އަދި ދައުލަތުގެ އެހިނިހެން އިސްވެރިންވެސް އެމީހުންގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަށް ކަސްރަތު ކުރަންޖެހެ އެވެ. އެއީ ދައުލަތުގެ އިސް މަގާމެއްގައި ހުރި ބޭފުޅަކަށް ވީތީ ކުރަންޖެހޭ ކަމެއް ނޫނެވެ. ދައުލަތުގެ އާދައިގެން މުވައްޒަފުން ވެސް ކުރަންޖެހޭ ކަމެކެވެ. އިންސާނަކަށްވީތީ ވެސް ކަސްރަތަކީ މުހިއްމު ކަމެކެވެ. އެހެންވީމާ ކަސްރަތު ކުރަން ޖެހެއެވެ.

މިހާރު މިފެންނަނީ ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ތެރޭގައި "ޖިމް" ނުވަތަ ކަސްރަތު ކުރެވޭނެ ގޮތް ހަމަ ޖައްސަމުންދާކަމުގެ ވާހަކަތަކެވެ. މިހާރު އަދުލްއިންސާފުގެ ދާއިރާގެ އެންމެ އިސް ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގައި "ޖިމް" އެއް ހެދުމުގެ މަސައްކަތް އެބަކުރެވެ އެވެ. އެގޮތަށް ގޮސް ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ތެރޭގައި "ޖިމް" ހަދައި ކަސްރަތު ކުރެވޭނެ ގޮތް ހެދުމަކީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާނެ ކަމެއްކަމަށް ދެކެމެވެ.

ކުރިން "ސަރުކާރު މުވައްޒަފުންގެ ނާދީ" ކިޔާ ތަނެއް ހުއްޓެވެ. އެތަނުގައި އެކިއެކި ކުޅި ވަރުތަކާއި ކަސްރަތު ކުރެވޭ ގޮތް ހަމަޖެހިފައި ހުއްޓެވެ. ނަމަވެސް އެތަން މިހާރަކު ނެތެވެ. އެހެންކަމުން ދައުލަތުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުޅިވަރު ކުޅުމަށާއި ކަސްރަތު ކުރުމަށް އެފަދަ ސްޕޯޓްސް ކޮމްޕްލެކްސް އެއް ހެދިދާނެ އެވެ.

ދައުލަތުގެ އިސްވެރިއަކަށް ދުވާމެޝިނެއް (ޓްރޭޑްމިލް) ގަނެލުމަކީ އެމީހުންނަށް އެހާ އުނދަގޫކަމެއް ކަމަކަށް ނުދެކެމެވެ. އެފަރާތްތަކަށް ބޮޑު މުސާރަ ލިބެ އެވެ. ވަރުވަރުން އިތުރު އެލަވަންސްތައް ލިބެއެވެ. ލިބޭ މުސާރައިން މާރަނގަޅަށް ދިރިއުޅުމުގެ ކަންކަން އެފަރާތްތަކަށް ހަމަޖެއްސެން އެބައޮތެވެ. މީގެ އިތުރުން ރާއްޖޭން ބޭރުން ފެންވަރު ރަނގަޅު ހޮސްޕިޓަލުތަކުން ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ ކުރެވެ އެވެ.

ނަމަވެސް ދައުލަތުގެ އާދައިގެ މުވައްޒަފުންނަށް މުސާރަ ލިބޭއިރު، އޮންނަނީ ކަންމަތީ ފިހާރައަށް ދަރާފަ އެވެ. އަދި ގޭގެ ކުއްޔާއި ކަރަންޓާއި ފެނާއި އަދި ފޯނު ބިލް ދައްކާނިމޭއިރު، ގޭގެ ދެންހުރި ހަރަދު ކޮށްލެވޭ ވަރުވެސް ނުވެއެވެ.

ދައުލަތުގެ އިސްވެރިންނަށް "ޖިމް" ނުވަތަ ކަސްރަތު ކުރެވޭނެ ގޮތް ދައުލަތުން ހަމަޖައްސަ ދޭނަމަ، ދެންޖެހޭނީ ސަރުކާރު މުވައްޒަފުންނަށް "ޖިމް" އެލަންވަސް ނަމުގައި އެލަވަންސެއް ހަމަޖައްސާށެވެ. އެކަމަށް ޑިމާންޑް ކުރާތަން ފެނުމަކީ މާދުރުކަމަކަން ނުވެދާނެއެވެ. އެއީ ކަސްރަތަކީ ހަމަ ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށްވާތީ އެވެ.

ނަމަވެސް ސަރުކާރުގެ މުވައްޒަފުންނަށް ޖިމް އެލަންސް ހަމަޖައްސާ ދިނުމަކީ ދައުލަތުގެ ބަޖެޓަށް ކޮންމެ އަހަރަކު ބުރަ ބޮޑުވާނެ ކަމެކެވެ. އޭގެ ބަދަލުގައި އެކަމަށް ހާއްސަކޮށް ސްޕޯޓްސް ކޮމްޕެލެކްސެއް ހެދުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެމެވެ.
ހިޔާލު

ސައިނީ

މީ ހުސް ކޮރަޕްސަން އެކަމު އިބޫ އަށް މިކަންވެސް އޯކޭ

ލލ

އިސްރާފު އިސްރާފު އިސްރާފު

އަހްމަދު

މިއީ އަހަރެެމެން ފަޤީރުން އަތުން ނަގާ ޖީ.އެސް.ޓީ ނަހަމަ ގޮތުގަ ބޭނުން ކުރާކަމުގެ ފުރިހަމަ ދަލީލެއް މިޔަކަށް ނުކިޔާނަން އިންސާފެކޭ