Primary gai balivumun vaadha nukurevey maahdhaa rangalhu: Dhaulai
image
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު--
0 ކޮމެންޓް
 

ޕްރައިމަރީން ބަލިވުމުން ވާދަ ނުކުރެވޭ މާއްދާ ގާނޫނުއަސާސީއާ ހިލާފެއް ނޫން: ދައުލަތް

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ބާއްވާ ޕްރައިމަރީގައި ވާދަކޮށް، ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނުގައި އޮތް މާއްދާ ގާނޫނުއަސާސީއާ ހިލާފު ނުވާ ކަމަށާއި އެކަން އެގޮތަށް ބޭއްވުމަށް އެދޭކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.
ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލްގެ އޮފީހުން އެގޮތަށް ބުނީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.

އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުންނެވެ. އަހުމަދު މުހައްމަދުގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ވަކިން ކަމަށް ވިޔަސް، އެމައްސަލަތައް ކުރިއަށް ގެންދަނީ އެއްކޮށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އެ އިސްލާހު ނެގެސްފައިވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، އޭރު ސަރުކާރު ހިންގަމުންދިޔަ މައިޕާޓީ ޕީޕީއެމުން ނެވެ. ޕީޕީއެމްއިން އިސްވެ އޮވެ، އިސްލާހު ކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ 10 ވަނަ މާއްދާ އަށެވެ. އެއީ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހެވެ.

ޖާބިރު ސްޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅުއްވާފައިވާއިރު، ޖާބިރު ވަނީ އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަންނަވާފަ އެވެ.

އެ މައްސަލާއާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނަރަލްގެ އޮފީހުގެ ފަރާތުން ވަނީ އެ މާއްދާ އުވާލުމަށް ތާއިދު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެޓާނީ ޖެނަރަލްގެ އޮފީހުގެ ގާނޫނީ ވަކީލް ވިދާޅުވީ ޕްރައިމަރީ ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮންނަ މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ނޫން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތަކުގައި ބައިވެރިވެވެނީ ވެސް ގާނޫނުއަސާސީއިން ލިބިދޭ އިންތިހާބުތަކުގައި ބައިވެރިވުމުގެ ހައްގުގެ ދަށުން ކަމަށްވާތީ، ގާނޫނުއަސާސީގެ އެ ހައްގު، ހަނިވާ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މީގެއިތުރުން ދައުލަތުގެ ވަކީލު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ކަމަށްބެލިޔަސް، ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެ ހައްގު ހަނިކޮށްފައި އެ އޮތީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާ އުސޫލުގެ ދަށުން ކަމަށެވެ. ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނަނީ މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ހައްގެއް ހަނިކޮށްފައިވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އަސާސީ ހައްގެއް ހަނިކުރެވިދާނެ ކަމަށެވެ.

ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ، ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށްބުނެ، މައްސަލަ ހުށަހެޅި ފަރާތްތަކުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ ބާތިލްކޮށް ދިނުމަށް އެދިފަ އެވެ.

ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ، ގާނޫނުއަސާސީގައި ފުށު އަރާ ކަމަށް ބުނާ މާއްދާތަކަކީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާ ތަފާތު ނުކުރުން، 20 ވަނަ މާއްދާ ހަމަހަމަކަން، 26 ވަނަ މާއްދާ ވޯޓްދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު އަދި 30 ވަނަ މާއްދާގެ (ހ) ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވުން ކަމަށްބުނާ މާއްދާތަކެވެ.

މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަން މިއަދުގެ އަޑުއެހުމަށްފަހު ވަނީ ނިންމާލާފަ އެވެ. ދެން އެ މައްސަލާގައި އޮންނާނީ ހުކުމް އިއްވުމެވެ. މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ މައްސަލައެކެވެ.
ހިޔާލު