Dhin ufaa loabin, Episode 1
image
ދިން އުފާ ލޯބިން--
ފުނަމާ
7 ކޮމެންޓް
 

ދިން އުފާ ލޯބިން

ފުރަތަމަ ބައި

އުޑުމަތީގައި ވިލާ ބޯވެއްޖެއެވެ. ކުދިކުދި ވިލާކޮޅުތަށްގުޅި، ގަދަ އަޅިކުލައާއި ކަޅުކުލައިން އުދަރެހުގައި ބާރުގަދަކޮށްލައިފިއެވެ. ހަނަފަސްކަމުގައި ހޭދަކުރާންޖެހުނު އެތައްދުވަހަކަށްފަހު ސާފު ފެންފޮދެއް ލިބޭތީ ގިނަބަޔަކު އަވަދިނެތިއުޅެއެވެ. މީރު ފެންފޮދެއް ލިބޭތޯ ކުރެވުނު އުއްމީދުގައި ﷲތަޢާލާ ބަރަކާތްލެއްވީއެވެ. ނަމަވެސް ބަނަކޮށްލާފައިވާ އުދަރެސްގެ އަނދިރިކަމުން، ހިތްތައް ނާމާންވެސް ވެއްޖެއެވެ. ވިދާލާ ވިދުވަރާއެކު ޖަހައިލާ ގުގުރީގެ ބާރުކަމުން ގޭގެ ފުރާޅު ބޮލަށް ވެއްޓިދާނެހެން ހީވާ ކިތަންމެ ފަހަރެއް ފާއިތުވެއްޖެއެވެ. ވަދާގޮސްފައިވާ ދޯނިފަހަރާއި ކަންނެލި މަސްވެރިކަމުގައި އުޅުނު ކިތަންމެ ދޯންޏެއް ކަނޑުމަތީގައި ހާލުގައިޖެހިގެން ރަށްރަށުގެ ނިވައިދަށަށް ވަދެ، ރައްކާތެރިކަން ހޯދޭތޯ ތެޅިފޮޅެނީއެވެ. ބިރުވެރިކަމާއެކު ކެކެމުންދިޔަ ކަނޑުގެ ރާޅުތައް ބިޔަވެ، ގަދަވަޔާއެކު ދޯނިތައް މައިތިރިނުވެ، ބިންދައިލާ ރާޅުތަކުން ދެންމެދެންމެ ކަނޑުވެދާނެހެން ހީވާ ކިތަންމެ ފަހަރެއް އަތުވެއްޖެއެވެ. ކެޕްޓަންގެ ކުޅަދާނަކަމާއެކުވެސް ރާޅުތަކުގެތެރޭގައި ދޯނި ކިޔަމަންނުވެ، ބޯމަތީން ބިންދައިލާ ބޮޑެތި ރާޅާއެކު، ނާންމާންކަން ވަށައިލައިފިއެވެ.

އޮއްސެމުންދިޔަ އިރުގެ ލިސާނެއް ނެތަސް، އަނދިރިވެއްޖެއެވެ. ކަޅުއަނދިރިކަން ނޫނީ ވަށައިގެން ނުވެއެވެ. ވިދުވަރުގެ އަލިކަން ނޫނީ، އަލިކަމެއް ނުފެނެއެވެ. ހިކިފަސްތަނެއްގައި ހުރެފައި މިފަދަ ދުވަހެއްގައި ކަނޑުމައްޗަށް އެރުނީތީ ޔަނާލްގެ އަމިއްލަ ނަފުސު ކުއްވެރިކުރެވުނު ފަހަރެއް، މަދެއްނޫނެވެ. ހަޔާތުގައި ފުރަތަމަކުރެވުނު މަސްދަތުރުގެ ހަނދާން ދުވަހަކުވެސް ނުފިލާނެކަން ކަށަވަރެވެ. އިތުރުވަމުންދިޔަ ބިރުވެރިކަމާއެކު، ގަދަ ވިދުވަރުގެ އަލިކަން ނޫން، އަމާން އަލިކަމެއް ފެންނާނެވަގުތަކަށް ހިތާއި ދުލުން ދުޢާކުރުން ހުއްޓައިނުލައެވެ.

"ދަރިފުޅާ! ދަރިފުޅާ! ޔަނާލް! ޔަނާލް..!" ފެންވަރަން ހުރި ޔަނާލްއަށް މަންމަގެ އަޑުއިވުނީ އެތައް ފަހަރަކު ގޮވިފަހުންނެވެ. ފެންވަރަށް ވަންފަހުން، ގަޑިއެއްގެއިރުވަނީއެވެ. މުސްކާން ގޮވައިގެން ދާންޖެހޭތީ ދާދިއަވަހަށް އެބަ ނިކުންނަންކަމަށްބުނެފައި ފެންވަރަން ވަންގޮތަށް އެހައިއިރު ވެއްޖެކަން ޔަނާލްއަށް އިހުސާސްވެސް ނުވެއެވެ. ގަޑިޖެހިއްޖެނަމަ، މުސްކާންއަށް ރޮވޭނެއެވެ.

"އޯއި މަންމާ! މި ނިކުންނަނީ.." ވަރަށް ހިތްވަރުކޮށްފައި ޔަނާލް ބުނެލިއެވެ.

މާޒީގެ ފީތާގެ ތެރެއިން ނިކުމެ، ފެންނަމުންދިޔަ މަންޒަރުން، ކުލަތައް ސިފަވާންފެށިއެވެ. އެއީ މީގެ ސަތާރައަހަރުކުރިއެވެ. އެހަނދާންތައް އަދިވެސް އާރޯކަމާއެކު އެބަހުއްޓެވެ. އެބިރުވެރި ރޭގެ ތޫފާނަންފަހު ދިރިއުޅުން ބަދަލުކޮށްލިއެވެ. އެރޭގެ އުފާތަކާއި ލިބުނު ލޯބީގެ ލައްޒަތުގެ މީރުކަން، ހިތިޒަހަރަށްވެ ޔަނާލްގެ މިޒާޖު ބަދަލުކޮށްލި ޠޫފާނުގެ އަނދިރިކަން އަދިވެސް އެހިތުގައި ވަރަށް ތާޒާއެވެ. ލިބުނު އެންމެ ޒަޚަމަކަށްވެސް އަދިއަދަށްވެސް ފަރުވާއެއް ނުލިބެއެވެ. ސުވާލުތައް ފުނިޖެހިފައެވެ. ޝަކުވާތަކުން ސިކުނޑި ފުރިފައެވެ. ޖަވާބު ހޯދޭނެ އެއްގޮތެއްވެސް ނެތެވެ.

ލޮލުން ފޭބި ހޫނުކަރުނައިގެ އަސަރެއް އިހުސާސެއް ނުވިއެވެ. ބަރުހެލިކަމާއެކު އެސްފިޔަތައް ދުރުކޮށްލާފައި ފެންމާގަނޑަށް ބަލައިލިއެވެ. ގަޔަށް އެޅެމުންދިޔައީ ހޫނުފެންކަން ކުރިން އިހުސާސްވިނަމަ، އެފެނުގެ އަސަރު ތަންކޮޅެއް މައިތިރިކުރީހެވެ. ކޮންމެއަކަސް، ބޮލަށް އޮހެމުންދިޔަ ފެންތައް ހުއްޓުވުމަށް ފެންމާގަނޑު ބަންދުކޮށްލިއެވެ. ދެން ބަލައިލެވުނީ ދެއަތްތިލައަށެވެ. އަތުގެ އިނގިލިތަކުގެ ހަނގަނޑު ތާޒާކަން ކެނޑި، މޭލިބޮއެފައި ހުރުމުން ޔަނާލްގެ މޫނުމަތީން ހިނިތުންވުމެއްވެސް ފެނިލިއެވެ.

***
"ކިހައި ދުވަހެއް ވާންދެން؟" އެއީ ސުވާލެކެވެ.
ތަކުރާރުކޮށް ކޮންމެ ދުވަހަކު އެތައް ފަހަރަކު އިވޭ އަޑެކެވެ. މިފަހަރުވެސް އެސުވާލުގެ އަޑު ޔަނާލްއަށް އިވޭނެއެވެ. ޖަވާބު ނުދިނީ، އެސުވާލުގެ ޖަވާބު ނޭގޭތީއެއް ނޫނެވެ.

"އަހަރެން މިއަހަނީ ކިހައި ދުވަހެއްވަންދެން ޔަނާލް ތިޔަހެން ކެތްކުރާނަން ހެއްޔޭ؟" ޝަރީފްގެ ސުވާލު މިފަހަރު ތަންކޮޅެއް ވަރުގަދައެވެ. އޭނާގެ އަޑާއި ރާގުވެސް ތަފާތެވެ. ޔަނާލްގެ އަތުގައި އިފާލާފައި ޝަރީފްއާއި ދިމާއަށް ބަލައިލުމަށް އިޝާރާތްކުރީވެސް އޭނާއަށް އެސުވާލުގެ ޖަވާބު މުހިއްމު ވީމައެވެ.

"އަމިއްލަ ނަފުސައް ތިވަރުގެ ބޮޑު އަނިޔާއެއް ދޭނީ ބޮޑެތި މޮޔައިން! އެކަމަކު އަހަރެން ގަބޫލެއް ނުކުރަން ޔަނާލްއަކީ އެފަދަ މީހުންގެ ތެރެއިން މީހެއްކަމަކަށް.. މިހެން ކިޔައިކިޔައި އަހަރެންގެ ކަރުބުޑުގައި ހިތިރަހަ ލާންފަށައިފި.. އެކަމަކު ވީކަމެއް ނެތް! ހަމައެއްކަމެއްވެސް..! އަހަރެން ހިތައް އަރަނީ އަހަރެންގެ އެކުވެރިކަމުގައިވެސް އެއްވެސް އަގެއް ނެތީޔޭ!" ޝަރީފުގެ އަޑުގައި ރިހުމެއް އުފެދިދާނެކަމަށް ނަޔާލްއަށް ހީކުރެވިފައެއް ނެތެވެ. ފިރިހެނުންނަކީ ޖަޒުބާތީ ބައެއް ހެއްޔެވެ؟ ކުރެހިފައިވާ އަޑަކުން އެކުވެރިޔާ ބުނެލި ޖުމުލަތައް ބަލައިގަތްކަން، އަންގާލަން މިފަހަރު ޔަނާލް ބޭނުންވިއެވެ.

"އަހަރެންގެ ހަޔާތުގައި އަހަންނަށް ކުރެވުނު މަދު ރަގަޅުކަންތަކުގެ ތެރެއިން ތިޔައީ އެންމެ މުހިއްމު ކަންތައް.. އަހަރެންގެ ހަޔާތުގައި ޝަރީފު ނެތްނަމަ، އަހަރެން ވަރަށް ނިކަމެތިވީސް.. ޑިޕްރެޝަންއަށް ބޭސްކާން ނުޖެހޭކަން ކިހައި ބޮޑު ނަސީބެއް" މަޖަލަކަށް ހަދާފައި ޔަނާލް ބުނެލިއެވެ. ނަމަވެސް ހިތުގައި އޮތީ، ހަގީގަތުގައިވެސް އެފަދަ ބިރުވެރި އިހުސާސްތަކެކެވެ. މޭޒުމަތީގައި ބާއްވާލައިފައި އޮތް އެކުވެރިޔާގެ އަތުގައި ޔަނާލް ފިރުމާލިއެވެ. ފުން ނަޒަރަކުން ބަލައިލަމުން، އެއްބުމަ މައްޗަށް ހިއްލާލާފައި ބޮލުން ހަރަކާތްކޮށްލީ ހިތްވަރު ލިބިގަންނަފަދަ ގޮތަކަށެވެ.

"މޮޅެތި ވައްތަރު ނުޖެއްސިޔަސް ރަގަޅުވާނެ! ތިޔަ ހަމަހިމޭންކަން ފޫއަޅުވާލާފައި އަހަރުމެންކަހަލަ ކޫލް ފިރިހެނަކަށްވެބަލަ.." ދެކޮނޑު ފުޅާކޮށްލާފައި ފަޚުރުވެރިކަމާއެކު ޝަރީފު ބުނެލިއެވެ.

"ނޫނޭ! އަހަންނަކީ ތިހައި ކާމިޔާބު މީހެއްނޫން! ހާޔާތުގައި ވަސްބަލައިލަން ލިބުނީ އެންމެ މަލެއް.. އެމަލުގެ އަސަރު އަހަރެންގެ ހަށިގަނޑުގައި އަދިވެސް އެބަހުރި.. އިތުރަކަށް ބޭނުމެއްވެސް ނޫން" ފެންނަމުންދިޔަ ކުލަ ރީތި މަންޒަރަށް ޔަނާލް ބަލައިލިއެވެ.

ޝަރީފުވެސް ހަރަކާތްބަދަލުކޮށްލީ، އުދަރެސްމަތީން ދަތުރުކޮށްލާ ރަންކުލައިގެ ނަލަނަލަ ވިލާކޮޅުތަކުގެ ތެރެއިން ޔަނާލްއަށް އެފެންނަ، ތަފާތު ކުލައެއް ފެނޭތޯއެވެ. މޫނުމައްޗަށް ވައްތަރުތަކެއް ޖައްސާލާފައި ޗޮކެއް ކަނޑާލިއެވެ.

"ސޮރީ ބްރޯ! ތިޔަބުނާ ޒާތުގެކަމެއް މަށަކަށް ތިޔަ މަންޒަރަކުން ނުފެނުނު" ޝަރީފު ބުންޏެވެ.

"އިރުއޮއްސޭ މަންޒަރަށް ދުވަހަކުވެސް ބަލައިލިންތަ؟" ވަރަށް ލުއި ހިނިތުންވުމަކާއެކު ޔަނާލް ސުވާލުކޮށްލިއެވެ. ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި، ވާހަކަދެއްކީވެސް ޔަނާލްއެވެ.

ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ ފެރީ، އޭގެ މަންޒިލަށް ވާސިލްވާ މަންޒަރު ޔަނާލްގެ ލޯކުރިމަތީން ގެއްލިގެން ހިނގައިދާނެތީ ކަންބޮޑުވާހެންވެސް ހީވެއެވެ. ހިނިތުންވުމުގެ އަސަރެއް ނުފެނުނަސް، ޔަނާލްއަކީ ވަރަށް ސީރިއަސް މިޒާޖެއްގެ ސްމާޓް ފިރިހެނެކެވެ. އިށީންދެ އިން ގާ ގަނޑުމަތީން ތެދުވެ ލައިގެން ހުރި ޓީޝާރޓް ރަގަޅުކޮށްލިއެވެ. ޖައްވުގެ ކުލަތަކުން ޔަނާލްގެ ލޮލުގެ ސާފުކަޅި، ކުލަބަދަލުވެއްޖެއެވެ. ޖީސްން ޖީބަށް އަތް ޖަހައިލުމަށްފަހު ވާހަކަދައްކަން ތައްޔާރުވިއެވެ.

"ފެންނަފެނުމަށް ހީވާނެ އިރު ގޮސް، ލޮނުގަނޑުގެތެރެއަށްވަދެ، ގެއްލެނީހެން.. އެކަމަކު ހަގީގަތަކީ އަހަރުމެންގެ ލޮލަށް އެފެންނަ މަންޒަރު ބުނެދޭ ވާހަކަތަކެއް ނޫން.. ކިތަންމެ ހަލުވި ދުވެއްޔެއްގައި ދަތުރުކޮށްފައިވެސް، އެފެންނަ މަންޒަރާއި ހަމައަށް ވާޞިލްވުމަކީ ވާނެކަމެއް ނޫން.. އެއަކު އަތެއްވެސް ނުލެވޭނެ! އިންތިހާ ހިތް އެދުނަސް، ބޭނުންވިޔަސް، އެ އިރާއެކު އެ ލޮނުގަނޑުތެރެއަށް ވަދެ، ފީނާލުމުގެ ފުރުސަތެއްވެސް ނުލިބޭނެ.." މާނައިން ފުރިގެންވާ ބަލައިލުމަކުން ޝަރީފް ބަލައިލީ އޭނާގެ އެކުވެރިޔާއަށެވެ. ދުވަހަކުވެސް ވާހަކަ ނުދައްކާ މޭރުމަކުން، ފަށައިގެން ކުރިއަށްދާތީއެވެ.

" ހިތުން ގަބޫލުކުރަންޖެހޭނީ، ލޮލަށް ފެންނަ މަންޒަރު، ހަގީގަތާއި ޚިލާފަށް.. ބޭރުފުށުން އެފެންނަ ކުލައާއި ހައިރާންކަމަށް އެމީހެއްގެ ހިތުގައި އުފެދޭ އެއްޗެއް ބުނެލާފައި، މޮޅު ކުރެހުންތެރިއަކު އެމަންޒަރު ނަކަލު ކޮށްލީމައި އެއޮތީ އެކަން ނިމިފައި.. އިރު އޮއްސުމާއެކު ހަނދު އަރާނެ.. ހަނދުގެ ވާޖިބު އަދާކޮށް ނިމުމާއެކު އަނެއްދުވަހުގެ ރަން ދޯދިތައް ދުނިޔެއަށް ފެތުރިލާނެ.. ދިރިއުޅުމަކީވެސް ހަމަ މިފަދަ މަންޒަރުތަކެއް! އެއްވެސް ހަގީގަތެއްނެތް، ޚިޔާލީ ވާހަކައެއް މިއީ.." ޔަނާލްގެ ވާހަކަ މެދުކަނޑައިލި ސަބަބެއް ނޭގުނަސް، ޝަރީފުއަށް ޔަގީންވީ، އެކުވެރިޔާގެ ލޮލުން ކަރުނަ ފޮހެލިކަމެވެ. އިތުރުވާހަކައެއް ނުދައްކާ ހިމޭންކަން އިޚްތިޔާރުކުރީ، ޖެހިލާ މަޑުވައިރޯޅީގެ އެހީގައި އެކުވެރިޔާގެ އިހުސާސްތައް މަޑުމަޑުން ވިހުރިލާނެކަމުގެ އުއްމީދުގައެވެ. އިވޭނެކަމަށް އުއްމީދުކުރި އަޑު ހިމޭންވީ މިއަދުވެސް ކުރިއެރުމެއް ނުލިބިއެވެ.

***
އިމާރާތަކީ މީގެ އަހަރުތަކެއްކުރީން ހަދާފައިވާ ތަނެއްކަން އިނގެއެވެ. ހަ ބުރީގެ ބޮޑު ގޯތީގެ އެންމެ ތިރީ ގަރާޖުއާއި ފުރަތަމަ ބުރި އާއި ޓެރަސްނޫނީ އެވަނީ ކުއްޔަށްދީފައެވެ. ހަ ބުރިއަށް ހަދާފައި ހުއްޓަސް، އެދުވަސްވަރުވެސް އެގެއަކީ ލިފްޓްގެ ފަސޭހަކަން ހޯދާފައިވާ އިމާރާތެކެވެ. އާންމުދަނީ ހޯދަން މަސައްކަތެއް ނުކުރިޔަސް، ބޮޑު ގޯއްޗެއް ހަދާފައިވާ މާލެ މީހުންނަށް، ތަނަވަސްކަން ލިބޭނެކަން ގަބޫލުކުރުމަކީ އެންމެ ބަލިކަށި ސިކުނޑިއަށްވެސް މީހަކު ވިސްނައިދޭންޖެހޭނެ ކަމެއްނޫނެވެ. ހަގީގަތަކީ ލޯކުރިމަތީން ފެންނަ ބޮޑު ކުލީގެ ހިތްދަތި މަންޒަރެވެ. ގޯތީގެ ވެރިފަރާތަށް ލިބޭ ބޮޑެތި އަދަދުގެ ފައިސާބޮނޑިތަކެވެ. މާލޭގެ ނަސީބުވެރިންގެ ތެރޭގައި ޔަނާލްގެ މައިންބަފައިންވެސް ހިމަނާލެވޭނެއެވެ. މަންމަގެ އެއްބަނޑުގައި ގިނަކުދީން ތިބުމުން، ގޯތީން ލިބޭ ތަންކޮޅު ކުޑަވުމާއެކު އެވަނީ އެތަން ސަރުކާރަށް ދިނުމަށްފަހު ހުޅުމާލެއިން ކުޑަވަރެއްގެ ބިންކޮޅެއް ހޯދާފައެވެ. އެއީވެސް ރަންބިސްއަޅާ ކުކުޅެކެވެ.

"މާމާ.. މުސްކާންގެ ކްލާސްކުދިން މިހަފްތާބަންދުގައި ދަތުރެއް އެބަރާވާ.. އެންމެ ރަގަޅުތަ ދިޔަޔަސް؟" އަދަބުވެރިކަމާއެކު މުސްކާން ސުވާލުކުރިއެވެ. މާމަގެ ބުރަކަށީގައި ފިރުމާލާފައެވެ. އުނދޯލީގައި އިން ކާފައަށް ބަލައިލަމުން މާމަ ހިނިތުންވިއެވެ.

"ދަރިފުޅާ! އެކުދިން ތަންތަނަށް ދާން ބޭނުމިއްޔާ އެކުދިން ދާން ބައިތިއްބާ.. ދަރިފުޅު ދާނީ މާމައާއި ކާފައާއެކު ނޫނީ ބައްޕައާއެކު" އެއީ ލިބޭނެ ޖަވާބެވެ. އެކަން މުސްކާންއަށްވެސް އޮޅިފައެއްނޯވެއެވެ. ނަމަވެސް އެހެންކުދިންގެ އާދޭސްތަކާއެކު، މިފަހަރުވެސް އިޒުނައަކަށް އަހައިލީއެވެ.

"ދަރިފުޅަށް ކުޑަވެސް ގެއްލުމެއް ލިބޭކަށް، ދަރިފުޅުގެ ބައްޕަ ނޭދޭނެ.. މިފަދަ ޒަމާނެއްގައި ރައްޓެހިންނާއެކު އެކަހަލަ ތަންތަނަށް މަޖާނަގަން ދާން ހެޔޮނުވާނެ.. މާމަގެ ކަނބުލޮއަކީ އެކުދިންފަދަ އުޅުމެއް ނެތް ކުއްޖެއް ނޫން.. ތިޔައީ ދުނިޔޭގެ އެންމެ ކިޔަމަންތެރި، އެންމެ ބަސް އަހައި އެންމެ ލޯބިލޯބި ދަރިފުޅު" މުރުޝިދާގެ ދޮން މޫނަށް ބަލައިލަމުން ޒަމީލް އިޝާރާތްކޮށްލީ މުސްކާން އަށެވެ. ކާފަ ކައިރީގައި އުނދޯލީގައި އިށީނުމަށް ބުންޏެވެ.

"ދަރިފުޅާ! މާމައާއި ކާފަގެ އަތަށް ދަރިފުޅު ލިބުނު ދުވަހު، ދަރިފުޅުވަނީ މިވަރު!" އަތްތިލައަށްވުރެން ކުޑަތަންކޮޅެއް މައްޗަށް ޖައްސައިލުމަށްފަހު މިން ދައްކައިލިއެވެ.

"ދަރިފުޅަކީ ކާފައާއި މާމަގެ ދެލޮލުގެ ނޫރު.. ދަރިފުޅު ކިނބިއްސެއް އަޅާލި އަޑު އިވުނަސް މި މާމައާއި ކާފަގެ ނިދި، ޚަރާބުވޭ! ބުނަން މިއުޅޭވާހަކައަކީ ދަރިފުޅަކީ ކާފަމެންގެ ހިތުގެ ވިންދޭ.. މި ހިތް ހުއްޓޭކަށް އަދި، ކާފަ ބޭނުމެއްނޫން.. ގްރޭޑް ދިހައެއްގައި އުޅުނަސް ތިޔައީ ކާފަގެ ލޯބި މުސްކާން.. ކާފަގެ މިއަތުގެ ފަސް އިނގިއްޔަށް ކުރާ އިތުބާރު ކާފަމެން ދަރިފުޅަށް ކުރަން.. އެކަމަކު، މިދުނިޔޭގެ އެހެން އެއްވެސް އިންސާނަކަށް ކާފަ އެ އިތުބާރެއް ނުކުރަން.. މައިންބަފައިންނާ ވަކީން، ކުދީން އެގޮތައް މަޖާކުރަން ދާ ތަންތަނަށް ދަރިފުޅު ފޮނުވަން ކާފައަށް ފަސޭހައެއް ނޫން" ޒަމީލް ވާހަކަދެއްކީ ވަރަށް އޯގާތެރިކަމާއެކުއެވެ. އުއްމީދުކުރިފަދަ ކިޔަމަންތެރިކަމެއް މުސްކާންގެ ކިބައިން ފެނުމުން މުރުޝިދާވެސް އެދަރިފުޅަށް ތައުރީފުކުރިއެވެ.
***

"އޮފީހުގެ ޒިންމާތަކާއި ގޭތެރޭގެ ޒިންމާތައް ދަރިފުޅުގެ ކޮނޑުގައި އަޅައިގެން އެކަނިމާއެކަނި ތިހެން އުޅޭނީ ކިހައި ދުވަހެއް ވަންދެން" މުރުޝިދާއަށް ޒަމީލް އިޝާރާތްކޮށްލީ، ދިއްކޮށްލި ތައްޓަށް ކާއެއްޗެހި އެޅުމަށެވެ.
މުސްކާންވެސް ސްކޫލްގައިވީ ވަގުތަކަށްވުމާއެކު އެފަދަ ވާހަކައެއް ދެއްކުމަށް ގޭތެރެ އަމާންކަމުގައި ޒަމީލްއަށް ގަބޫލުކުރެވުނީއެވެ.

"އެއްވެސް މީހަކަށް ނޭގޭނެ، އެމީހެއްގެ ހާލަތު ބަދަލުކުރައްވާނެ ވަގުތެއް.. އެހެންވީމައި މިގޮތައް މިކަން އޮތްހައި ދުވަހަކު އަހަރެންގެ ޒިންމާތަކަށް އަހަރެން އަމާނާތްތެރިވާނަން" އަތުގައި އޮތް ވަޅިއާއި އޫ ބޭނުންކޮށްގެން، ތަށީގައި އޮތް ތެލުލި މުށިމަސް، ޔަނާލް ކަށިފިލުވައިލީ ފަރިތަކަމާއެކުއެވެ.

"ބައްޕައަށްވެސް އިނގޭ ތިކަން ދަރިފުޅާ! އެކަމަކު ކޮންމެވެސް ދުވަހަކުން މުސްކާންއަށްވެސް ހަގީގަތް އެނގޭނެ.. އެވަގުތައްވެސް ދަރިފުޅު ތައްޔާރުވާންޖެހޭނެ.. އެކަނިމައި އެކަނި ދިރިއުޅުން ކުރިއަށް ގެންދާން ދަރިފުޅު ތިކުރާ މަސައްކަތައް ބައްޕައަށް އެއްބަހެއް ނުވެވޭނެ.. އެންމެ މީހަކަށްޓަކައި މުޅި އުމުރު ހޭދަކުރަންޖެހޭކަމަށް ދަރިފުޅަށް ގަބޫލުކުރެވެންޏާއި، ބައްޕައަށް ހީވަނީ ބައްޕަމެންގެ ތަރުބިއްޔަތުގައި އުނިކަމެއް ހުރީހެން.." ޒަމީލްގެ ޖުމުލައިގެ ރާގު ބަދަލުވެއްޖެއެވެ. ބައްޕަގެ ހަރުކަށި އިބާރާތެއް އަޑުއަހަން ޔަނާލްގެ ކަންފަތް ފަރިތައެއް ނޫނެވެ.


-ނުނިމޭ--
ހިޔާލު

ކޮޔާ

ފުނަމާގެ ވާހަކަތައް އަބަދުވެސް ވަރަށް ރީތި.

ފާާތުން

ފުނަމާއާ ދޭތެރޭ ޝައްކެއް ނުކުރަން
ހަބޭސް ވާނެ ކަން ޔަގީން

ފުނަމާ

ސަޅިތަ ވާހަކަ؟ ނޫނި އެއްވެސް ކުއްޖަކު ވާހަކަ ނުކިޔަނީތަ؟؟

މީ ވެެސް

ދެން އޯކޭ

ބިޝާ

ލަވް އިޓް

ދިޔެ

ފުނަމާ ހާދަ ދިގު އިންތިޒާރެއް ކޮށްފީމޭ އާވާހަކައެއް ކިޔާލާހިތުން..ޝުކުރު އިނގޭ😊އެކަމަކު “ޔަނާލް”މިނަން ފިރިހެނަކަން ކިޔަން ރީއްޗެއްނޫން ވަރަށް އޮޑް😂 ޔަނާލްގެ ހަޔާތް ވޭތުއެކުރަނީ އެހާދިސާގައި ނިޔާވި އޭނަގެ ވައިފްގެ ހަނދާނުގަދޯ..

އެންތި ފުނަ

އަސްލު ފުނަމާ ވާހަކަ ރީއްޗެއް ނޫން