Tharahqeege mashrooueh hingumah rashu council akah ehee dhenee
image
ރަށެއްގެ ބަނދަރުމަތި-- ފޮޓޯ: ވީނިއުސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ތަރައްގީގެ މަޝްރޫއުއެއް ހިންގުމަށް ރަށު ކައުންސިލަށް އެހީ ދެނީ

ޖަމާއަތުގެ ފައިދާއަށްޓަކައި ކޮންމެ ރަށެއްގައި އަހަރަކު އެއް މަޝްރޫއު ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ބުނީ، ރަށު ކައުންސިލުތަކުގެ ހިއްސާ އޮންނަ ގޮތަށް ހިންގާ ތަރައްގީގެ އެ މަޝްރޫއުގެ ދަށުން ކޮންމެ ރަށު ކައުންސިލަކަށް ވެސް އެދޭވޭނީ އަހަރަކު އެއް މަޝްރޫއުއަށް އެހީ ހޯދުމަށް ކަމަށެވެ. އެގޮތުން ހުށަހަޅާ މަޝްރޫއުތަކަށް 300000 (ތިންލައްކަ ރުފިޔާ) އާ ހަމައަށް އެހީދޭން މިނިސްޓްރީން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ގަބުރުސްތާންގެ ވަށައިފާރު ރޭނުމާއި މަގު ބައްތި ޖެހުން، ނެރުބައްތި ޖެހުން އަދި ހިނަވާގެ އެޅުމުގެ އިތުރުން ޕޭ ޓޮއިލެޓާއި ފެރީ ގިމަތަ ހެދުން ފަދަ ކަންކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ. އެފަދަ މަޝްރޫއުތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާއިރު ހުށަހަޅާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މަޝްރޫއުގެ ބޭނުމާއި، މަޤްސަދު އަދި މަޝްރޫއުން ހާސިލް ކުރެވޭނެ ނަތީޖާއަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން މިނިސްޓްރީން ބުނީ، މަޝްރޫއު ނިމުމަށް ފަހު ބަލަހައްޓާނެ ގޮތާއި ރަށު ކައުންސިލް އިދާރާގެ ހިއްސާ އޮންނާނެ މިންވަރާއި ރައްޔިތުންނަށާއި ރަށުގެ ތަރައްގީއަށް މަޝްރޫއުގެ ބޭނުންތެރިކަން ހުރި މިންވަރަށް ވެސް މާކްސް ދިނުމުގައި ބަލާނެ ކަމަށެވެ. އަދި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ދޭނީ އެކަންކަމަށް ބެލުމަށް ފަހު އެންމެ ރަނގަޅު މާކްސް ހޯދާ ޕްރޮޕޯސަލްތަކަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ހިޔާލު

ކާކު

ތިޔައީ ފިނިހަކާގެ އިސްޕީޓް