Tara aai Sidharth Rahtehivegen ulhey kamuge ishaaraatheh Tiger kohlaifi
image
ތާރާ އާއި ސިދާތު--
0 ކޮމެންޓް
 

ތާރާ އާއި ސިދާތު ރައްޓެހިވެގެން އުޅޭކަމުގެ އިޝާރާތެއް ޓައިގާ ކޮށްލައިފި

ސްޓޫޑަންޓް އޮފް ދަ އިޔާއިން ބޮލީވުޑަށް ތައާރަފުވި ސިދާތު މަލްހޯތްރާއާއި ސްޓޫޑަންޓް އޮފް ދަ އިޔާ 2 އަކުން ބޮލީވުޑަށް ތައާރަފުވުމަށް ތައްޔާރުވަމުން އަންނަ ތާރާ ސުތާރިއާ، ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރެމުންދަނިކޮށް، އެއީ ތެދު ހަބަރެއްކަމަށް ޓައިގާ ޝްރޮފް އިޝާރާތްކޮށްފިއެވެ.
ކަރަން ޖޯހަރު ހުށަހަޅަމުން އަންނަ މަޝްހޫރު ޝޯ، "ކޮފީ ވިތު ކަރަން" ގެ ރޭގެ އެޕިސޯޑުގެ މެހެމާނުންގެ ގޮތުގައި ބައިވެރިވެފައި ވަނީ ސްޓޫޑަންޓް އޮފް ދަ އިޔާ 2 ލީޑު ތިން ތަރިންނެވެ. އެއީ ޓައިގާ އާއި ތާރާ އަދި އަނަންޔާއެވެ.

އެޝޯގެ ރެޕިޑް ފަޔާ ރައުންޑުގައި ކަރަން ވަނީ ބޮލީވުޑުގައި މަސައްކަތް ކުރާ ފިރިހެން ތަރިންތަކެއްގެ ނަން ކިޔުމަށް ފަހު އެމީހުންނަށް އެންމެ ގުޅޭނެ ބަތަލާގެ ނަން ބުނުމަށް އެދިފައެވެ. އަދި ރަންބިރު ކަޕޫރުގެ ނަން ބުނުމާއެކު ޓައިގާ ވަނީ ރަންބީރުގެ ލޯބިވެރިޔާ އާލިއާ ބަޓް ކަމަށް ބުނެފައެވެ. ރަންވީރު ސިންގްގެ ނަން ބުނުމާއެކު އޭނާގެ އަންހެނުން ދީޕިކާ ކަމަށް ޓައިގާ ބުނިއިރު ވަރުންގެ ނަން ބުނުމާއެކު އޭނާ ވަނީ ވަރުންގެ ލޯބިވެރިޔާ ނަތާޝާ ކަމަށް ބުނެފައެވެ. އަދި ސިދާތުގެ ނަން ބުނުމާއެކު ޖެހިގެން އިން ތާރާގެ މޫނަށް ބަލާއި ރަހި ހިނިތުންވުމެއް ޓައިގާ ދެއެވެ. އެކަމަކު، އެ ސުވާލަށް ވަކި ޖަވާބެއް ޓައިގާ ނުދެއެވެ.

އޭގެ އިތުރުން ކަރަން ވަނީ ތާރާ ކޮފީ ޑޭޓަކަށް ދާން އެންމެ ބޭނުންވަނީ ކޮން ތަރިއަކާއެކުތޯ ވެސް ސުވާލުކޮށްފައެވެ. އަދި ޖަވާބުގައި ތާރާ ވަނީ އޭނާގެ އަވައްޓެރި ސިދާތުއާއެކު ކަމަށް ބުނެފައެވެ. 23 އަހަރުގެ ތާރާ އާއި ސިދާތު ވެސް ދިރިއުޅެމުން އަންނަނީ އެއް ހިސާބެއްގައި ކަމުން އެކަކު އަނެކަކުގެ ގެއަށް ދެމީހުން ވެސް ގޮސް ހަދައެވެ.
ހިޔާލު