Strive Events ge Trade Market anna mahu
image
ހުޅުމާލޭ ސެންޓްރަލް ޕާކް: ސްޓްރައިވް އިވެންޓްސްގެ ޓްރޭޑް މާކެޓް އޮންނާނީ އެތަނުގައި.-- ފޮޓޯ: އަވަސް
0 ކޮމެންޓް
 

ސްޓްރައިވް އިވެންޓްސްގެ ޓްރޭޑް މާކެޓް އަންނަ މަހު

ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓެއިންމެންޓުން، ރޯދަމަހާ ދިމާކޮށް ބާއްވާ ޓްރޭޑް މާކެޓް އަންނަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ނިޔަލަށް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ޓްރޭޑް މާކެޓްގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ކުންފުނިން ބުނީ އެ އިވެންޓް އިންތިޒާމް ކުރަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ކަމަށް ކުރިން ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ މައުލޫމާތުގެ ކުށަކުން ކަމަށާއި، އެކަމުން ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ އާ ގުޅުމެއް ނެތް ސްޓްރައިވްގެ އަމިއްލަ ޓްރޭޑް މާކެޓެއް ބާއްވަން ތައްޔާރުވަމުން އަންނަ އިރު މިހާރު ވަނީ މޭޒުތައް ދޫކުރަން ވެސް ފަށައިފަ އެވެ. އެގޮތުން އެ ކުންފުނިން ބުނީ ޓްރޭޑް މާކެޓުގައި ޖުމްލަ 200 މޭޒު ހުންނާނެ ކަމަށެވެ.

"މިހާރުވެސް 30 ޕަސެންޓް ވަނީ ދޫކުރެވިފަ. މޭޒު ދޫކުރުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލާފަ، އަންނަ މަހުގެ 20ގެ ނިިޔަލަށް އެ ފުރުސަތު އޮންނާނެ،" ސްޓްރައިވް އިވެންޓްސްގެ އޮފިޝަލަކި ވިދާޅުވި އެވެ.

މާޗް މަހުގައި ބާއްވާ ޓްރޭޑް މާކެޓްގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށާއި، އެފަދަ ގޮތަކަށް އެ މާކެޓް ބޭއްވުމުގެ މަގްސަދަކީ އަގުހެޔޮކޮށް ވިޔަފާރި ކުރުމުގެ އިތުރުން ރޯދަ މަހަށް އަތްފޯރާ ފަށުގައި މުދާ ލިބޭނެ ގޮތެއް ހެދުން ކަމަށް އިވެންޓު އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.

އޭގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރި އަރުވަން މަސައްކަތް ކޮށް، މުނިފޫހިލިވުމުގެ ދާއިރާ ކުރިއެރުވުމަށް އިތުރު ދޮރެއް މި މާކެޓުގެ ތެރެއިން ހުޅުވިގެންދާނެ ކަމަށްވެސް ސްޓްރައިވް އިވެންޓުން ބުނެއެވެ. ޓްރޭޑް މާކެޓުން ލިބޭ ފައިދާގެ ވަކި ޕަސެންޓެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ބައެއް އަމިއްލަ ޖަމިއްޔާ ތަކަށެވެ.

ސްޓްރައިވް އިވެންޓުން ބުނީ، ކުރިއަށް އޮތް ޓްރޭޑް މާކެޓް ބާއްވަން ނިންމީ ޓްރޭޑް މިނިސްޓްރީގެ އިތުރުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ވާހަކަ ދެކެވި ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ލިބިގެން ކަމަށެވެ.
ހިޔާލު