Fandiyaaru geah nufoozu foaraanama Fandiyaarunge Ninmun Binaavaanee Birudhehkumuge Mahchah: Uhthama Fandiyaaru
image
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ-- ފޮޓޯ: ރައީސް އޮފީސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

"ނުފޫޒު ފޯރާނަމަ ފަނޑިޔާރުންގެ ނިންމުން ބިނާވަނީ ބިރުދެއްކުމުގެ މައްޗަށް"

ފަނޑިޔާރުގެއަށް ނުފޫޒު ފޯރާނަމަ އަދި ފަނޑިޔާރުންގެ މިނިވަންކަން ނެތް ހާލަތެއްގައި ނަމަ ފަނޑިޔާރުންގެ ނިންމުންތައް ބިނާވާނީ ނުފޫޒުތަކާއި ބިރުދެއްކުންތަކުގެ މައްޗަށް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި އޮތް "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރައްޔިތުންގެ ހައްގުގާއި ފަނޑިޔާރުގެއަކީ ނުފޫޒުތަކާއި ސިޔާސީ އޮއިވަރުތަކާއި އެހެނިހެން ނާޖާއިޒުތަކުގެ ހިޔަނި ނޭޅޭ މިނިވަންކަމާއެކު އަދުލުއިންސާފު ގާއިމުކުރާނެ ފަނޑިޔާރުން ތިބޭނެ ތަނަކަށް ހަދަން ޖެހޭކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުގެއަކީ ބާރުގަދަ މީހުން، އެދޭ ގޮތަކަށް ކަންތައްތައް ނިންމާތަނަކަށް ބަދަލުވެއްޖެނަމަ ފަނޑިޔާރުންގެ ނިންމުތަކުން އަދުލު އިންސާފު ގާއިމު ނުކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް ބަދަލުވެއްޖެނަމަ، ގާނޫނީ ހުކުމް ރައްކާތެރި ނުކުރެވޭނެކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދައުލަތުގެ މުވައްސަސާތަކުގައި ތިބޭ ފަރާތްތަކުން ގާނޫނާއި ހިލާފަށް ކަމެއްކުރި ނަމަވެސް އެ ފަރާތްތައް ވެސް ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ.

"މިސާލަކަށް ބާރުހުރި ސަރުކާރަކުން ބާރުގެ ބޭނުންކޮށްގެން އަނިޔާވެރިގޮތުގައި ހައްޔަރުކުރާ ނިކަމެތި ރައްޔިތަކަށް އޭނާގެ ހައްގުގައި ފަނޑިޔާރުގެއިން ކުރާ މިނިވަން އަދި އަދުލުވެރި ހުކުމަކުން ހިމާޔާތްކުރެވޭނެ ކަމުގެ އުއްމީދު ނެތިއްޔާ ކިހިނެއްތޯ ދެން ވާނީ. ދައުލަތުގެ ނުފޫޒުގަދަ ފަރާތަކުން ނިކަމެތި ރައްޔިތުންގެ ގެދޮރު އަނިޔާވެރި އަދި ނާޖާއިޒު ގޮތެއްގައި ދައުލަތުން ހިފާ ހާލަތެއްގައި ފަނޑިޔާރުގެއިން އެ ބާރުގަދަ ފަރާތުގެ ކުރިމަތީގައި އިސްޖެހުމެއް ނެތި ތިމާގެ ހައްގު ރައްކާތެރިކޮށްދޭނެ ކަމުގެ އިތުބާރު ނެތިއްޔާ މުޖުތަމައު އޮންނާނީ ކިހިނެއްތޯ."

ނުފޫޒާއި ބާރު ލިބިގެންވާ މީހެއްގެ ފަރާތުން އާންމު ރައްޔިތަކަށް ލިބުނު އަނިޔާއަށް އިންސާފު ހޯދަން އަންނައިރު ފަނޑިޔާރުގެ ބާރުގަދަ މީހާގެ މުށުތެރޭގައި ނުވަތަ ޖީބުގައި އިންނަ ހާލަތެއްގައި އިންސާފު ލިބޭނެތޯ ސުވާލު އުފައްދަވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުގެ މިނިވަން ކުރުމަށް "ރޫލް އޮފް ލޯ" އާއި "ޑިއު ޕްރޮސެސް" ކަށަވަރުކުރަން ކެޖޭކަމަށެވެ. އެއީ ގާނޫނުގެ ހުކުމަކީ ހެޔޮވެރިކަމެއްގެ އެއް އަސާސްކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް ގާނޫނުގެ ހުކުމަކީ ދުސްތޫރިއްޔަތު އަސާސީ އުންސޫރިއްޔަތެއް ކަމަށް ބަލައިގެންފައިވާ ކަމަށެވެ. އަދި ގާނޫނޫގެ ހުކުމް ކަށަވަރުކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހުކުރުމަށް ޕްލޭނެއް އެކުލަވާލާއިރު ތިން ކަމަކަށް އަލިއަޅުވާލަން ޖެހޭ ކަމަށެވެ. އެގޮތުން ޝަރުއީ ނިޒާމު އިންސްޓިޓިއުޝަނަލް ފްރޭމްވޯކާއި ކޯޓުތައް އިންސްޓިޓިއުޝަނަލް އަދި ހައިރާރިކަލް ނިޒާމް ހަރުދާނަ ކުރަން ޖެހޭ ކަމަށާއި ކޯޓުތަކުގެ އިދާރީ ހިންގުމާއި ބެހޭ ގަވައިދުތަކާއި ޝަރީއަތުގެ އިޖުރާއަތްތަކާއި ބެހޭ ގާނޫނާއި ގަވައިދުތައް އިސްލާހުކުރަން ޖެހޭ ކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ މަސްއޫލިޔަތު އަދާކުރާ ފަރާތަކީ އެމީހުންގެ ވަޒީފާތައް އަދާކުރުމަށް ބޭނުންވާ އިލްމާއި ކޮމްޕިޓެންސީގެ އިތުރުން އަހްލާގު ހުރި ބައެއްކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

"މި ތިންކަންތަކަށް ފޯކަސްކޮށް ފަނޑިޔާރުގެ އިސްލާހުކުރުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލާއި ތަންފީޒުކުރެވިއްޖެނަމަ މާތް ﷲގެ ވާގިފުޅުން ފަނޑިޔާރުގެ އިލްމީ ފެންވަރާއި ފަންނީޔަތު އިތުރުވެ ކޭސް މެނޭޖްމަންޓް އިތުރުވެ ހަރުދަނާވެ ނިންމާ ނިންމުންތަކަކީ އިލްމީގޮތުން ހަރުދަނާ އަދި ރަނގަޅު ނިންމުންތަކަކަށް ވެގެންދާނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިއަދު ދަރުބާރުގޭގައި ފެށި އެ ކޮންފަރަންސަކީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކޮންފަރެންސެކެވެ. އެގޮތުން ކޮންފަރެންސްގެ ފުރަތަމަ ދުވަހު، އަލިއަޅުވާލާނީ، ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ މިނިވަންކަންކަމާއި ގުޅޭގޮތުންނެވެ. އަދި މާދަމާ މަޝްވަރާކުރާނީ ޝަރުއީ ނިޒާމް އިސްލާހުކުރުމާއި ގުޅޭގޮތުންނެވެ.

ގާނޫނު އަސާސީގައި ތިން ބާރު ވަކިކުރެވިފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ގައުމާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމު އިސްލާހުކޮށް، ނުފޫޒެއް ނެތި ނަޒާހާތްތެރިކަމާއެކު މަސައްކަތްކުރާ ފަނޑިޔާރުގެއެއް ހެދުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށް ވިދާޅުވެފައެވެ. އެކަމަށް އިޝާރާތްކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެމަސައްކަތް ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ހިޔާލު