Dhin ufaa loabin, Episode 2
image
ދިން އުފާ ލޯބިން--
ފުނަމާ
1 ކޮމެންޓް
 

ދިން އުފާ ލޯބިން

2ވަނަބައި
ބައްޕަގެ އިހްސާސްތައް ޔަނާލްއަށް އަޑުއިވެއެވެ. އަލަކަށްވެސް ނޫނެވެ. މުސްކާން ގޭގައި ނެތްވަގުތެއްނަމަ، އެނޫން އަޑެއްނީވޭ ވަގުތުތައް މަދުވާނެއެވެ. މައިންބަފައިންގެ ކުރިމަތީގައި ޔަނާލްގެ ބަސް ވަރުގަދަކުރުމަކީ އޭނާގެ ތަރުބިއްޔަތުގައި ލިޔެވިފައި ނެތް މިޒާޖެކެވެ. ކިޔަމަންތެރިކަމާއި ހަމަހިމޭންކަމުން ދަސްކޮށްދިން ކެތްތެރިކަމަކީ ޔަނާލްއަށް ލިބުނު އަގުހުރި ހަދިޔާއެކެވެ. އެކަމަށްޓަކައި ކޮންމެ ނަމާދެއްގައި މައިންބަފައިންގެ މައްޗަށް ތަކުރާރުކޮށް ހެޔޮދުޢާކުރެއެވެ. އެކަމަށް ޝުކުރުވެރިވެ، މުސްކާންއަށްވެސް އެފަދަ ކެތްތެރިކަމެއް މިންވަރުކުރެއްވުން އެއީ ޔަނާލްގެ ހިތުގެ އެންމެ ފުނުން، ﷲއަށް ދަންނަވާ ދެންނެވުމެވެ. އެދަރިފުޅަށް އެއްވެސްކަމެއް ދަތިވުމެއްނެތި، އުފާވެރި ދުނިޔެއެއް ހޯދައިދެވިއްޖެނަމަ، ޔަނާލްއަށް ފުދުނީއެވެ. އެނޫން ބޭނުމެއް ދިރިއުޅުމުގައި ފެންނާކަށް ނެތެވެ.

"ދަރިފުޅާ! ކޮންމެވެސް ޖަވާބެއްދީބަލަ.. ދަރިފުޅަށް ބައިވެރިޔަކު ހޯދުމަކީ އުނދަގޫކަމަކަށށްވަންޏާއި މަންމައާއި ބައްޕަވެސް އެކަމަށް މަސައްކަތްފަށާފާނަން.. އެކަމުގެ އިޒުނަ ލިބިދާނެތަ؟" އެއީ ކާމޭޒުދޮށުގައިނަމަ، އާންމު ބަހުސެކެވެ. ޔަނާލްގެ މޫނަން ބަލައިލަމުން ޒަމީލް ބުނެލީ އާދޭހާއެކުއެވެ. ތެދެކެވެ. މައިންބަފައިން އެކަނިވެރިވުމުން، އެހީވާނެ އެހެންމީހަކުވެސް އާއިލާގައިނެތެވެ. މުސްކާންވެސް ކޮންމެވެސް ދުވަހަކުން ދިރިއުޅުމެއް ފަށާނެއެވެ. ގޭގައި އުޅޭވަގުތައްވުރެން، މަސައްކަތުގައި ޔަނާލްހޭދަކުވާ ވަގުތު މާބޮޑަށްވެސް އިތުރުވާނެއެވެ. މަންމައާއި ބައްޕަގެ އެދުމަށް ޔަނާލް ފުރަގަސްދެނީއެއްނޫނެވެ. ހިތާއި ދެކޮޅަށް އެހިތުގައި ޖާގައެއް ހަދާނެގޮތެއް ނޭގެނީއެވެ. އެއްޗެއް ބުނުމުގެކުރީން ވިސްނާލަންޖެހުނީވެސް އެސަބަބަށްޓަކައެވެ. މުރުޝިދާއަށް ފެނުނީ، ދަރިފުޅުގެ މާޔޫސީ މޫނާއި ހަރަކާތް ހުއްޓިފައިވާ އެސްފިޔަތަކެވެ.

"ކޮންމެ ކަމަކަށްވެސް ވަގުތުކަނޑައެޅިފައިވާނެ.. މިކަމަށްވެސް އެވަގުތު އަދި އަތުވެދާނެ.. އެކަމަކު އެއީ ކިހައިދުވަހެއްފަހުންކަން، ބުނާކަށް ނޭގެ ބައްޕާ! އަހަންނަށް އިނގޭހައިވެސް އެއްޗަކީ އަހަރެންގެ ހިތުގައި ނިމާ ނޫން އެހެން ނަމެއް ލިޔެވިފައި ނެތްކަން.. ނިމާ އުފުލި ބުރަ އަހަރެން ހަނދާންނައްތާލާނީ ކިހިނެއް؟ އެކަމަށްޓަކައި އަހަރެންގެ ދަރަނި، އަހަންނަށް އިޙްސާސްކުރެވޭ.. މަޢާފަށް އެދުމަށް ނުވަތަ އެކަމުގެ ބަދަލު ދިނުމަށް، އެޙާލަތެއް އަލަކުން އަހަންނަކަށް ނުގެނެވޭނެ.. އެކަމަކު ބައްޕާ! އަހަރެންގެ ހިތް ބުނަނީ އަދި އެއްފަހަރު ނަމަވެސް ނިމާގެ އަތުގައި ހިފާލަން އަހަންނަށް ފުރުސަތުލިބޭނެޔޭ.. އެދުވަހަކުން ދުނިޔޭގެ އެންމެ އޯގާތެރި ފިރުމުމުން އަހަރެންގެ މި ދެއަތުން އެ ހަށިގަނޑުގައި ފިރުމާލަދިނުމުގެ އިޒުނައަށް އަހަރެން އެދޭނަން.. ގަސްތުގައި ލަންޑެއް ނުދެންކަމަށް ބުނެދޭނަން.. ދުނިޔޭގެ އެއްވެސް ކަނެއްގައި އަހަރެން ނުފިލާނެވާހަކަވެސް ބުނާނަން.. ހަޔާތުގެ ކޮންމެ ސިކުންތެއްގައިވެސް ކުރީ، އިންތިޒާރުކަމަށް ބުނެދޭނަން" ޔަނާލްގެ ވާހަކައިން އަސަރުނުކުރާނެ މީހަކު ކާމޭޒުދޮށުގައި ނެތެވެ.

މަންމައާއި ބައްޕަގެ އެހެން ދަރިއަކު ދުނިޔޭގައި ހުރީއެއްނޫނެވެ. އުފަންވުމާއެކު ތިންކުދދިންވެސް ދުނިޔެ ދޫކުރީ ނިކަން ގަދަ ހުމެއް އައިސްފައެވެ. ޔަނާލްއަކީ ލިބުނު ނިޢުމަތެކެވެ. އެދަރިފުޅަށްޓަކައި ދެމަފިރީން އުފާކުރެއެވެ.

"އަހަރެންގެ ސަބަބުން ނިމާއަށް ލިބުނު ލަދުވެތިކަމުގެ ބަދަލުގައި ކޮންމެވެސް ހެޔޮކަމެއް ކކޮށްދޭން ބޭނުން! އެހެންނޫނީ އަމިއްލަ ނަފުސައްވެސް މަޢާފުނުކުރެވޭނެ.. ދުވަހަކުވެސް! ދުވަހަކުވެސް މަންމާ.. އަހަރެން ކިހިނެއް ނިމާ ހޯދާނީ؟ އަހަންނަކަށް ނޭގެ ނިމާ އުޅެނީ، ދުނިޔޭގެ ކޮން ހިސާބެއްގައިކަމެއްވެސް .. ހަމަގައިމުވެސް މިހާރަކު ކޮލަމްބޯއަކު ނޫޅޭ.. އެޚަބަރު ލިބިގެން އަހަރެން ހާދަވަރަކަށް ހޯދީމޭ! ނިމާގެ ބައްޕަ ނިޔާވުމުން، އަހަރެއްހައި ދުވަހު ލަންކާގައި އުޅުނު.. އޭގެފަހުން ލަންކާ ދޫކޮށް އެހެން ކޮންމެވެސް ދިމާއަކަށް އޭނާދިޔަ ވާހަކަ އެރަށު މީހަކު ބުނި! އާއިލާމީހުންނާއި ނިމާއާއި އެއްވެސް ގުޅުމެއް ނޯންނާނެ ކުރީންވެސް.. އެހެންވީމައި އެމީހުންގެ ފަރާތަކުންވެސް އެއްވެސް ޚަބަރެއް ނުލިބޭ.." އުމުރުން ތިރީސް އަހަރުން މައްޗަށް ގޮސްފައިވާ ފިރިހެން ދަރިއަކު އޭނާގެ ލޯތްބަށް އެދި ލޮލުން ކަރުނަ އޮހޮރާ މަންޒަރު ބެލުމަށް މައިންބަފައިންނަށް ފަސޭހަ ނުވާނެއެވެ. ޒަމީލްގެ ލޮލުގެ ހިމަކޮޅުގައި މަޑުމަޑުން ޓިޝޫ ޖައްސާލަންޖެހުނު ސަބަބަކީވެސް އެއީއެވެ.

"ދަރިފުޅާ! ނިމާ ދަރިފުޅު ބޭނުމެއްނުވޭ.. ދަރިފުޅަށް އެވަރު ނޭނގިގެން ތިއުޅެނީ ކީއްވެގެންތަ؟" މިހާރަކަށް އައިސް މުރުޝިދާއަށް ނިކަން ގިނައިން ބުނެވޭ ޖުމުލައެކެވެ. ނަމަވެސް އެއަޑު އަހަން ޔަނާލްގެ ކަންފަތް ބޭނުންނުވާކަންވެސް މުރުޝިދާއަށް އިނގެއެވެ.

"ނޫނެކޭ މަންމާ.. ހަގީގަތަކީ ތިއެއް ނޫނޭ..!" ގާތުގައި ބަހައްޓާފައި ހުރި ޖޫސްތަށި ދުރައްޖައްސައިލުމަށްފަހު ޔަނާލް ތެދުވިއެވެ. ފަސްއެނބުރި ބަލައިނުލައި އެދިޔައީ މައިންބަފައިންނަށް ނުކިޔަމަންތެރިކަން އަދާކުރުމުގެ މަޤުޞަދަކު ނޫނެވެ. އެހެންމީހުންގެ ކުރިމަތީގައި ގިސްލާ ރުއިމމަކީ ރަގަޅުކަމަކަށް ނުވެދާނެތީއެވެ.

***
މަސައްކަތުގެ ވަގުތުގައި ގެއަށް އައުމަކީ ޝަރީފް އާންމުކޮށް ކުރާކަމެއްނޫނެވެ. ކޮންމެހެން ބޭނުންވާ ޕެންޑްރައިވްއެއް ގޭގައި ބާއްވާފައި ދެވުމުން، އަންނާންޖެހުނީއެވެ. ސައިކަލް ޕާކްކޮށްފައި ދުވާރުމަތީގައި އިރުކޮޅަކު މަޑުކޮށްލެވުނީވެސް އެނޫން ގޮތެއް އޮތްތޯ ވިސްނާލުމަށެވެ. ބޭރަށްފެންނާންހުރި ބިއްލޫރި ކުޑަދޮރަށް އޭނާ ބަލައިލިއެވެ. ހީވާހީވުމަށް ބުނެވޭނީ ފާއިތުވި ތިންހަތަރު މަސްތެރޭގައި އެދޮރު ފޮހެލާފައެއްނެތެވެ. ހިންދިރުވައިލުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ.

***
މުސްކާންގެ އެކުވެރިން އޭނާ ވަށައިލައިގެންތިބެ، އާދޭސްކުރަމުންއެގެންދަނީ، ދަތުރުގައި ބައިވެރިވުމަށެވެ. ކަޓު ގޮތްތައް ދޫކޮށްލުމަށެވެ. އެކުގައި ހޭދަކުރެވޭނެ އެންމެ ފަހު އަހަރުކަމަށްވާތީ، އެކުދިންނަށް އެކުވެރިންނާއެކު ހޭދަކުރެވެން އޮތް ހުރިހައި ވަގުތެއް ހޭދަކޮށް މަޖާކޮށްލުމަށް މިއަހަރުގެ ބޭނުންކުރަންޖެހޭނެކަމަށް، އެއްކުއްޖަކު ބުނެލުމުން ނުހަނު ރީތި ހިނިތުންވުމެއް މުސްކާންގެ ކިބައިން ފެނުނެވެ. އެކުދިންގެ ވާހަކައާއި މުސްކާންގެ ނިންމުމާއި ނުވަތަ އޭނާގެ ޚިޔާލާތާއި އެކަން ދިމާނުވީކަން ދޭހަވާ މޭރުމަކުން އެކުދިންނަށް ބަލައިލިއެވެ.
"ކިހިނެއްވީ؟ ގޯސްއެއްޗެއް ބުނެވުނީތަ؟" ނިކަން މަޖާވެލާފައި ޝާހީނާ އަހައިލިއެވެ. ނޫނެކޭބުނުމުގެ ގޮތުން މުސްކާންގެ ބޯ ހަރަކާތްކޮށްލިއެވެ.

"ގޯސްވީއްޔެއް ނޫން.. އެކަމަކު ބުނަންބޭނުމީ މީއީ މަޖާކުރަންވީ އަހަރެއްނޫނޭ.. ޓެސްޓްތައް ނިމުނީމައި އަހަރުމެން ފްރީވާނެ ދުވަސްކޮޅަކަށް.. އޭރުން މަޖާކުރަން ތިގޮތަށް ވިސްނަން ރަގަޅުވާނެ.. މިއީ ކިޔަވަންވީ ވަގުތު.. އަހަރުމެން ކުރި މަސައްކަތަކުން، ނަތީޖާއެއް ނެރެވޭނީ.. މިހުރިހައި ދުވަހު އަހަރުމެންނަށްޓަކައި ބަޔަކު ހާދަ މަސައްކަތެއް ކޮށްފިއޭ.. އެކަން ބަލައިގަނނެ، އެމީހުންނަށް ބަދަލު ދޭން އަހަރުމެންނަށް ލިބޭ ފުރަތަމަ ފުރުސަތަކީ މިއީ ދޯ.. އެހެންވީމައި ތިގެންގުޅޭ ޚިޔާލުތަކަށް މާބޮޑަށް ތާއީދެއްނުކުރެވޭ.. ތި ވިސްނުން މާ ކަޓު ދޯ!" ވަރަށް ހަމަޖެހިލާފައި މުސްކާން ބުނެލިއެވެ. ބައެއްކުދީން ހިނިއައިސްފައި ތިއްބަސް، ގިނައީ ތުން އަނބުރާ ކުދިންނެވެ.

"މުސްކުޅި މާމައަކާއި ކާފައަކާއި އެކީގައި އުޅޭތީ، މުސްކާންއަށް ވިސްނޭނީވެސް ތިކަހަލަ ކަޓު ގޮތްގޮތަށް.. ޝެއާކޮށްލަންވެސް ތިބޭނީ އެމީހުންވިއްޔަ! ދެން ހުންނާނީ ބައްޕައެއް.. އަހަރުމެންގެ މަންމަމެން ކަހަލަ ކޫލް މަންމައެއް ހޯދައިދޭށޭ ބައްޕަ ކައިރީގައި ބުނެބަލަ" ހިނިގަނޑެއް ޖަހައިލަމުން ނިޔާޝާ ބުނެލިއެވެ. މުސްކާން އިސްޖަހައިލާނެކަމަށް ބައެއްކުދީންނަށް ހީކުރެވުނަސް، އެވަގުތު ތަފާތެވެ.

"އަހަރެންގެ ދިރިއުޅުމުގައި މަންމައެއްގެ ދައުރު މުހިއްމުނަމަ، އެކަން ﷲތަޢާލާ ފުރިހަމަ ކުރެއްވީސް، ލިބިފައިވާ ނިޢުމަތްތަކާމެދު އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް.. މާމައާއި ކާފަގެ ކޮންމެ ނަސޭޙަތެއްވެސް އަހަންނަށް ވަރަށް އަގުބޮޑު.. އެމީހުން ނޭދޭނެ، މުސްކާންއަށް ދެރަގޮތެއްވާކަށް! ދެންހުރީ ބައްޕަ.. އަހަރެންގެ ބައްޕަ ވަރުގެ ފަޚުރުވެރި އެހެންބައްޕައެއް ހޯދާނީ ކޮންތާކުން..؟ ހީ އިޒް މައި އެވްރިތިންގ! މަންމައަކު ނެތިގެން ލޮލުން ކަރުނައެއް ވައްޓާލި މަންޒަރު ދުވަހަކުވެސް މީހަކަށް ނުފެންނާނެ.. ބޭނުންއެއްޗެއް ނުލިބިފައެއް ނެތް.. ބޭނުންކަމެއް ނުކުރެވިފައި އެއްވެސް ނެތް.." ދެކޮނޑު އަރުވާލާފައި މުސްކާންބުނެލި ޖުމުލައިން ބައެއްކުދިންގެ ހިތްވަރު އެލުނެވެ. ރައްދުގައި އެއްޗެއް ނުބުނީ މުސްކާންގެ ހިތްވަރު އެމީހުންގެ ބަލިކަށިކަމެއްކަމުގައި ވިސްނުނީތީއެވެ. ދަތުރުދިއުން މުހިއްމުނުވުމާއެކު، މުސްކާން ބޭނުންވީ އެކުދިންނާއި ދުރައްޖެހިލުމަށެވެ.

ތެދެކެވެ. އެއްވެސް މީހެއްގެ ކުރިމަތީގައި މުސްކާންގެ ލޮލުން ކަރުނައެއް ވައްޓައިލި މަންޒަރެއް ފެނިފައެއްނުވާނެއެވެ. އެކަމަށް ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމެއް ލިބިފައިހުރިހަމަ، އެއީ މުސްކާންގެ ކޮޓަރީގެ މޫނުބަލާ ލޯގަނޑެވެ. ދެން އެކޮޓަރީގެ ހަތަރުފާރެވެ. ނުވަތަ ނިދާ އެނދުގެ ބާލީސްތަކެވެ. ހިތުގެ ޝަކުވާއަކީ މަންމައެއްގެ ފިރުމުންތަކެއްގެ އިޙުސާސް މުސްކާންއަށް މުހިއްމުވުމެއްނޫނެވެ. ބައްޕަގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ކަޅުވިލާގަނޑެއްގެ ހިޔަނި، މުސްކާންގެ ލޯބިވާ ބައްޕަގެ ހަޔާތަށް އެޅިފައިވާކަން ޔަގީނެވެ. ބައްޕަގެ އެކަނިވެރިކަން ދުރުކޮށްދިނުމަށް އިތުރުމީހަކު މުސްކާން ބޭނުމެވެ. އެއީ މަންމައެވެ. މިދުނިޔޭގައި މަންމަ ހުރިނަމަ، ބައްޕަގެ ދިރިއުޅުމުގައި ހުސްކަމެއްނުވީހެވެ. ކުޑަކުޑައާއިލާ އުފަލުން ހިނިތުންވާއިރު، އެކަމަށް އެހެންބަޔަކު އިނގިލި ދިއްކުރާނެ ޖާގައެއް ނޯންނާނެއެވެ.

***
އެޕާޓްމެންޓްގެ ދޮރުކުރިމަތީގައި ޝަރީފް ހުއްޓިލައިގެން ހުންނަތާ ކުޑައިރުކޮޅެއްވެއްޖެއެވެ. ދޮރު ނުހުޅުވައިގެން ނޫނެވެ. ނުވަތަ ތަޅުދަނޑި ނެތިގެންވެސް ނޫނެވެ. އެދޮރުން އެތެރެއަށް ވަންނާން ދެފައި އެއްބަސްނުވާތީއެވެ. ކޮންމެއަކަސް، އޮފީހަށް ލަސްވެއެވެ. ދޮރުހުޅުވާފާއި ވަނީ އެހެންވެއއެވެ. ފުރުތަމަވެސް ލޮލުގައި އަޅައިގަތީ ސްކޫލުން އައިސް ޔުނިފޯމް ބާލައި ޓައިލްސްމައްޗަށް އުކާލާފައި އޮތް މަންޒަރެވެ. ދެކުދިންވެސް ތިބީ، ސްކޫލަށްދާން ލެއްވި ޕެޓީއާއެކު ކުރު ސޯޓްކޮޅެއްލައިގެންނެވެ.

"ބައްޕާ.. ބައްޕާ! ލޯބި ލޯބި ދެއަންހެންދަރީންނެވެ. ޝަރީފު ފެނުމުން ދެއީދު އެއްފަހަރާ ބައްދަލުވުމެކޭ އެއްވަރެވެ. ކުޅެން ގެންގުޅު ސާމާނުތައް އެތަންމިތަނަށް އުކާލާފައި، ދުވެލާފައި އައިސް ބައްޕަގެ ގައިގައި ބައްދައިލިއެވެ.

"ބައްޕަގެ ޕްރިންސެސްތައް ކައިފިންތަ؟" ދެކުދިންނާއި ލޯބިކޮށްލާފައި ބުނެލިއެވެ. ސުވާލުގެ ޖަވާބު ލިބުމުގެކުރީން ޝަރީފްއަށް ބަލައިލެވުނީ ގޭތެރެއިން އޭނާ އެންމެ ނަޒަރުސީދާކުރާން ބޭނުންނުވާ އެއްދިމާއަށެވެ. އެއީ ގޭގެ ކާމޭޒެވެ. އޭރުވެސް ދެ ޕިއްޒާ މޭޒުމަތީގައިވެއެވެ. ރޭގައި ކޭ ތަށިތައް މަތިމައްޗަށް ޖަހާފައެވެ. ހެނދުނު ސައި ބުއިނަމަ، އެތަށިތައްވެސް ހުރީހެވެ.

"މިއަދުވެސް ޕިއްޒާތަ ކަނީ؟ ރޭގައިވެސް ބައްޕަ ގެއަށްއައިރު، ދަރިފުޅުމެން ތިބީ ޕިއްޒާ ކާން.. އަބަދު އެކަހަލަ އެއްޗެހި ކާކަށް ނުވާނެ.. ދަރިފުޅުމެން ބަލިވެދާނެ" ދެކުދިންގެ ކޮނޑުގައި ހިފަހައްޓައިލައިގެން ޝަރީފު ދުރައްޖެހިލީ، ދާދިގާތުގައި، ޓައިލްސް މައްޗަށް އެޅިފައި އޮތް ޗޮކްލެޓްގަނޑަކަށް ފައިންއެރި، ބޫޓު ޚަރާބުވެދާނެތީއެވެ. ހަގީގަތުގައި، ބޫޓާއެކު ގޭތެރެއަށް ވަނުމަކީވެސް ޝަރީފަށް މާފަސޭހަކަމެއްނޫނެވެ. ނަމަވެސް އިސްޓާކީނުގެ ދައްފުށުގައި އޭތިމީތި ތަތްވުމަށްވުރެން ބޫޓުގެ ދަށްފުށް އެކަމަށް މާރަގަޅުކަމަށް ފެންނާތީ މިހާރަކަށް އައިސް ބޫޓާއިއެކު ވަންނަނީއެވެ.

"ދަރިފުޅާ ޒާރާ.. މަންމަ މިއަދު ނޫޅެނީތަ؟" ގޭތެރެއިން ނިޝާނާ ފެންނާންނެތުމުން ކުޑައިކޮށް ބޯ އަރިކޮށްލާފައި ދިމަދިމާއަށް ބަލައިލައިފައި ޝަރީފް އަހައިލިއެވެ.

"މިއީ މަންމަ ނިދާގަޑި.. މިގަޑީގައި ކޮއްކޮއާއި ޒާރާ ކޮންމެ ދުވަހަކުވެސް ޓީވީ ބަލަމުން ކކުޅެނީ" ވަރަށް މަޖާވެލާފައި ޝަރީފުގެ ބޮޑު ދަރިފުޅު ޒާރާ ބުނެލިއެވެ. ތެދެކެވެ. ނިޝާނާއަކީ ދުވާލު ނިދާމީހެކެވެ. ނަމަވެސް ޝަރީފްއަށް ހީވެފައި އޮންނަނީ ދަރީން ސްކޫލުން ގެނެސް، އެކުދިން ފެންވަރުވާ، ކާންދީ އަދި ފިލާވަޅުތަކުގެ ވާނުވާ ބަލާފައިނޫނީ ނުނިދާނެކަމަށެވެ. ގިނަދުވަސްތަކަކަށްފަހު، މެންދުރުފަހު ގެއަށް ވަދެލުމުން އެނގެން ބޭނުންނުވި ކިތަންމެ އެއްޗެއް ޝަރީފަށް މިއަދު އެނގިއްޖެއެވެ.

ދެކުދިންގެ އުމުރުގައި މާބޮޑުތަފާތެއް ނެތުމުން، އެކުގައި ކުޅެން އުޅުމުން މާބޮޑެތި މައްސސަލަތަކެއް ދިމާނުވާތީ، އެކަމަށް ޝަރީފުވެސް ނަސީހަތްދީ ނުހަދައެވެ. ނަމަވެސް ސްކޫލުން އައިސް، ފެންނުވަރާ، ނުކައި ތިބުމުން ބޮލަށް ތުރާވިއެވެ. ސިޓިންގރޫމް ޓީވީ ރެކްގައި އޮތް ޕެންޑްރައިވް ހިފައިގެން ނިކުންނަމުން، ޝަރީފު އެދުނީ ދެކުދިންވެސް ފެންވަރައިގެން، ނަމާދުކޮށްގެން ކެއުމަށެވެ.

"ބައްޕާ.. ޒާރާ ކުޅެންގެންދަން ބައްޕަ އަންނާނަންދޯ!" ޒާރާ ސުވާލުކޮށްލިއެވެ. އެއީ އާދައެވެ. އެގަޑީގައި ޝަރީފް އަތުޖެހޭތޯ ޒާރާ ވަރަށް މަސައްކަތްކުރާނެއެވެ.

"ބައްޕައަށް އާދެވޭނެކަމެއް ނޭގެ، އެކަމަކު އާދެވޭތޯ ބަލާނަން" ދޮރުލައްޕަމުން ޝަރީފް ބުނެލިއެވެ. އާލާ ކުޑަކަމުން، މާބޮޑު އެއްޗެއް ނޭގުނަސް، ޒާރާއަށް މިހާރު ކަންކަން އިނގެއެވެ. މަންމަ ނިދާފައި އޮވެފައި ނުހޭލެވޭތީ ކުޅެން ނުދެވޭތާ ދެހަފްތާއެއްހައި ދުވަސްވެއްޖެއެވެ. ބައްޕަ ގާތުގައި ބުނެފިނަމަ، އެއީ މަންމަގެ މަސައްކަތެކެވެ. މަންމަ ގާތުގައި ބުނެފިނަމަ، އެއީ ބައްޕަގެ ޒިންމާއެކެވެ.
ހިޔާލު

ދިޔެ

ޔަނާލްއަށް ދިމާވެގެން މިއުޅެނީ އަދި މަހީކުރިގޮތަކަން ނޫންދޯ😀ފުނަމާ❤️