Beleniveriakah vaairu beleniveringe zinmaa engenee kihaavarakah
image
ޓީޗަރަކު ދަރިވަރުންތަކަކަށް ކިޔަވައިދެނީ-- ފޮޓޯ: ވީނިއުސް
ރުގިއްޔާ ހުސައިން
4 ކޮމެންޓް
 

ބެލެނިވެރިޔަކަށް ވާއިރު ބެލެނިވެރިއެއްގެ ޒިންމާ އެނގެނީ ކިހާވަރަކަށް!

ކޮންމެ ދެމީހަކުވެސް ލޯބިންގުޅި ޒަވާޖީ ހަޔާތެއް ފަށަނީ އުފާވެރި އާއިލާ އެއް ބިނާ ކުރުމުގެ މަތިވެރި އުންމީދުގައެވެ. ލޯބި ލޯބި ދަރިންތަކަކަށް އުންމީދު ކޮށްގެންނެވެ. މިގޮތުން ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހަކަށް ލީބޭ ދަރިޔަކީ އެންމެ ބަސް އަހާ އެންމެ މޮޅު ކުއްޖާ އަށް ހަދާށެވެ. ކޮންމެ މީހަކުވެސް އެދެނީ އެމީހެއްގެ ދަރިޔަކު އެންމެ މޮޅުވާށެވެ. ސްކޫލުންވެސް އެންމެ މޮޅު ކުއްޖަަކަށް އެކުއްޖަކު ހެދޭތޯ ބެލެނިވެރިން މިއަދު ވަރަށް މަސައްކަތް ކުރާތަން ފެެނެއެވެ.
ކުއްޖާ އަށް މާބަނޑު ވާ ހިސާބުން ފެށިގެން ލައްވާނެ ހެދުމާ އަރުވާނެ ބޫޓާއި ފައިވާނަށް ދަންދެން އެކި އެކި މަޖައްލާ ތަކާ މީސްމީޑިއާގެ އެކި އެކި ވަސީލަތްތައް ބަލައިގެން ބޭރުޤައުމު ތަކަށް އޯޑަރު ކޮށްގެންވެސް ގެންނަތަން ފެނެއެވެ. މި އާ އެކު މާބަނޑުވީއްސުރެ ވިހަން ހޮސްޕިޓަލަށް ގެންދަން ޖެހޭ އެއްޗިހި ހަމަ ކުރަމުން ގެންދާނެއެވެ.

ނަމަވެސް މާބަނޑު މީހުންގެ ކުލިނިކަށް ދައްކާއިރަަށް ބުނަނީ އަދި ދަރިއަކު ހޯދަން ތައްޔާރު ނުވާ ވާހަކަ އެވެ. މިތައްޔާރު ނުވާ ވާހަކަ އަކީ މައިމީހާގެ އުމުރުގެގޮތުންނާއި ސިއްހަތުގެ ގޮތުން ތައްޔާރު ނުވާ ވާހަކައެއް ނޫނެވެ. ކުއްޖަކު ލިބުމުން އެކުއްޖާ ރަނގަޅަށް ގެންގުޅޭނެ ގޮތުގެ މައުލޫމާތު ނެތް ވާހަކައެވެ. ފެންވަރުވަން ނޭންގޭ ވާހަކަ އެވެ. ކުޑަމިނުން ކުއްޖާ އަށް ގާތުން ދޭނެ ގޮތުގެ މައުލޫމާތުވެސް ނެތް ވާހަކަ އެވެ. ގިނަ މީހުން އަލަށް ވިހައިގެން ކުއްޖާއަށް ގާތުން ދޭން ނޭންގިގެން ވަރަށް ގިނަ ވޭނާ ހިތްދަތިކަން ތަހައްމަލު ކުރަންޖެހެއެވެ. މިހިސާބުންވެސް މިއޮތީ ދަރިފުޅަށް އުފަންވުމާއެކު ދޭންޖެހޭ އެންމެ މުހިންމު ކަންތައް ކުރަން ނޭންގިއެވެ.

ދިވެހި މުޖުތަމައަކީ މިއަދު ދީނީ ގޮތުން ވަރަށް ހޭލުންތެރި މުޖުތަމައެކެވެ. ނަމަވެސް އަދިވެސް ބައެއް މީހުން ގެ ފަރާތުން ކުދިން ވިހެއުމާއި އެކު ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ވަރަށް ބީރައްޓެހިކަން ފެނިގެން ދެއެވެ. މިސާލަކަށް ކުއްޖާގެ ކަންފަތް ދަށުގައި ބަންގިގޮވުން، ޝަހާދަތް ޖެއްސުމުގެ ގޮތުން ތަހްނީކު ކުރުން ، އަޤީޤާ ކަތިލުން ފަދަ ކަންތައް ތަކުގައި ގިނަ މީހުންނަށް އަދިވެސް މާބޮޑު ހޭލުންތެރިކަމެއް ނުހުރެއެވެ. މިކަންތައް ތަކަކީ ކުއްޖާ އަށް އެކަންތައް ތަކުން ނުހަނު ބޮޑެތި ފައިދާ ކުރާ ކަންތައްތަކެވެ. ހަމަ މިއާއި އެކު ހަތް ދުވަސް ވުމުން ކުއްޖާގެ ބޯބާލާއި، މާނަ ރަނގަޅު އިސްލާމީ ރީތި ނަމެއް ކިއުމަކީ ކޮންމެ ހެންވެސް ކުރަންޖެހޭ ކަންތައްތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް މިކަންވެސް ކުރެވެނީ އިސްލާމް ދީނުގައި އަންގަވާފައި އޮންނަ ގޮތަކަށް ނޫނެވެ.

ކުދިންނަށް ހަތް އަހަރު ވުމުން ނަމާދު ކުރަން ފަރިތަ ކޮށްދީ 10 އަހަރު ވުމުން އަދަބު ދީގެންވެސް ނަމާދު ކުރުވަން ޖެހެއެވެ.
އަންހެން ކުދިން ގޮވައިގެން މަންމަ މެން ނަމާދަށް އަރަންޖެހެއެވެ . އެކަމަކު މަންމަ ނަމާދަށް ނާރާ ދަރިފުޅު ކައިރީ ނަމާދަށް އަރަން ބުނާނެއެވެ. ބައްޕަ މިސްކިތަށް ނުގޮސް ދަރިން ކައިރީ މިސްކިތަށް ދާން ބުނާނެއެވެ. ވީމާ މީ މިކަން ކުރެވޭނެ ގޮތެއްތޯ އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ. ނަތީޖާ އަކަށް ވެގެން ދަނީ ދަރިންގެ މުސްތަގުބަލަށް އަޅުގަނޑުމެން ރާވާހުރިހާ ރޭވުން ތަކެއް ފެއިލް ވެގެން ދާތަނެވެ. ވަކި އުމުރަކަށް ދިއުމުން ކުއްޖާ ނަމާދާ ދުރުވެގެންދާތަނެވެ.

ވަރަށް ގިނަ ޤުރުއާން ކުލާސްތަކަށް ވަރަށް ތުއްތު ތުއްތު ކުދިން ގޮވައިގެން ބެލެނިވެރިން ގޮސްތިބޭތަން ފެނެއެވެ. ނަމަވެސް މިބެލެނިވެރިން ދުވާލަކު އެއްފަހަރު ޤުރުއާނުން ތަންކޮޅެއް ނަމަވެސް ކިޔާލެވޭތޯ އެވެ. ނަތީޖާ އަކަށް ވަނީ ކޮންކަމެއްތޯ އެވެ. ގޭތެރެއިން މަންމަވެސް ބައްޕަވެސް ޤުރުއާން ނުކިޔަވާތީ ގެއަށް ދިއުމަށް ފަހު ދަރިފުޅު ނުކިޔަވައެވެ. ފަހުން ކުއްޖާ ބަދަލުވެގެން ދަނީ ޤުރުއާނާއި ބީރައްޓެހި ކުއްޖަކަށެވެ. އަދި ހަމަ އެއާއި އެކު ފާހަގަ ކޮށްލެވޭ ކަމަކީ ޤުރުއާން ކުލާސް ތަކަށް މިގެންދާ ތުއްތު ތުއްތު އެންމެ ދެ އަހަރު ތިން އަހަރުގެ ކުއްޖާވެސް ހުންނާނީ ބުރުގާ އެއް އަޅުވާފައެވެ. ނަމަވެސް ގޮވައިގެންދާ އެއްކަލަ މަންމަ ކޮންމެހެން ބުރުގާ އެޅުން ވާޖިބު އަންހެނާ މިހުންނަނީ ބުރުގާ ނާޅައެވެ. ނުވިތާކަށް ގަޔަށް ބާރު ޓޮޕަކާ ޖީންސަކާ ލައިގެންނެވެ. ބައެއް ބައްޕައިން ތިބޭނީ ކަކުލާއި ހަމަޔަށްވެސް ނުފޯރާ ވަރުގެ ކުރު ސޯޓް ބުރިއެއް ލައިގެންނެވެ.

ވީމާ އުފެދޭ ސުވާލަކީ ދަރިފުޅު ގެ ބޮލުގައި ތަާކިހާ އެއް އަޅުވައިގެން ނުވަތަ އަންހެން ދަރިފުޅަކުނަމަ ކިތަންމެ ކުޑަޔަސް ބުރުގާ އެއް އަޅުވައިގެން މިގެންދަނީ އެއީ ސަގާފީ ނޫނީ އާދަކާދައިގެ ކަމެއް ކަމަށް ދެކިގެންތޯ އެވެ.

ބެލެނިވެރިޔާ ހަގީގީ ބެލެނިވެރިޔަކަށް ނުވެ ދަރިން ހޯދުމަށް ފަހު މިޒަމާނުގައި ކުއްޖާ ގެންގުލޭނެ ގޮތާއި ކުއްޖާ ޔަށް ދޭނެ ކާއެއްޗެއްގެ މައުލޫމާތުވެސް ހޯދާނީ ކޮންމެސް ބޭރުގައުމެއްގެ ސަގާފަތާއި އާދަކަދާޔާއި ގުޅޭ ގޮތަށް އެމީހުން ލިއެފައިވާ މައުލޫމާތަކުންނެވެ. ގޭތެރޭގައި އިންނަ ތިމާމެން ބަލާ ބޮޑު ކުރި ތަޖުރިބާ ކާރު މަންމަގެ ތަޖުރިބާއެއް މިޒަމާނަކު ބޭނުމެއް ނުކުރާނެއެވެ. ނަތީޖާ އަކަށް ވަނީ މާމަ ދަރިންނާއި މާމަޔާއި އޮންނަ ގުޅުން ކުޑަވުމެވެ. ކުރީގައި މާމަ ކުދިންނަށް މާމަމެން ޤުރުއާން ކިޔަވައިދީ ނަމާދު ކުރަން ދަސްކޮށްދޭނެއެވެ. މިހާރަކު އެކަމެއްވެސް ނޯވެއެވެ. ނިދާގަޑީގައި އިބްރަތްތެރި ވާހަކަތައް މާމަމެން ކިޔައިދީ ރީތި ނާނާ މިޔައިދޭނެވެ. މިހާރަކު މިކަމެއްވެސް ނޯވެއެވެ. މިހާރު ކޮންމެސް ބެޑްޓައިމް ސްޓޯރީ އެކޭ ކިޔަފާ ކޮންމެވެސް ފަރަންޖީ ވާހަކަ އެއް ކިޔައިދޭނެއެވެ. ނޫނީ ޓީވީން ކޮންމެސް ކާޓޫނެއް ބަލަން އޮވެގެއް ކުއްޖާ ނިދާފާނެއެވެ.

މިޒަމާނުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ނިދާގަޑީގައި އިބްރަތްތެރި ވާހަކާ ރީތި ނާނާ ކިޔައި ދިނުމަކީ ކުއްޖާގެ ސިކުނޑި ތަރައްޤީ ކޮށްދޭ ކަމެކެވެ. ނަމަވެސް ކާޓޫނާއި ބިރުވެރި މަންޒަރުތައް ބަލަމުން ގޮސް ކުައްޖާ އަށް ނިދުމުން އެކުއްޖާގެ އަޚުލާގަށް ވަރަށް ގޮސް ބަދަލު އަންނަ ކަމަށް ކަމާ ގުޅޭ މާހިރުން ވިދާޅުވެއެވެ. ކުއްޖާ މީހުންނާއި އެކަހެރިވެ ކުދިންނާއި ނުގުޅި ކުދިންގެ ކިބައިން ބަދަލު ހިފން ދަސްވެ ކުދިންނަށް އެކީތެރި ކުއްޖަކަށް ވުމުގެ ބަދަލުގައި އަމިއްލަ ނަފުސު އިސްކުރާ ކުއްޖަކަށް ބަދަލުވެއެވެ.

ރާއްޖޭގެ މިއަދުގެ މުޖުތަމައަށް ބަލާއިރު ކުދިންގެ އަޚުލާގީ އެކި އެކި މައްސަލަތަކާއި ހެދި މައިންބަފައިން މިތިބެނީ ހަދާނެ ގޮތެއް ނޭންގިފައެވެ.އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އިލްޒާމް އަޅުވަ އަޅުވައެވެ. ބެެލެނިވެރިން ބުނަނީ މިހާރު ކުދިން މައިންބަފައިން ބުނަނީ މިހާރު ކުދިން ބަސްނާހާ ގޯސް ކުދިންނަށް ވެގެންދަނީ ސްކޫލް ތަކުގައި ކިޔަވައިދޭ ގޮތުން ކަމަށެޥެ. ސްކޫލް ތަކުން ބުނަނީ ކުދިންނައި ދޭތެރޭ އަމަލު ކުރަން ލިބިފައި އޮންނަ ގާނޫނީ ބާރު ހަނި ކަމުން ކަމަށެވެ. ސްކޫލް ތަކުން ބުނަނީ މައިން ބަފައިން ކުދިން ގެންގުޅޭ ގޮތުން ކަމަށެވެ.

ކޮންމެ ސަބަބަކާއި ހެދި ނަމަވެސް ދިވެހި މުޖުތަމައުގެ މުސްތަގުބަލުގެ އެންމެ ފޮނި އުންމީދު ކަމުގައި ދެކޭ އެތައް ޒުވާނުންނެއް މަގުން ކައްސާލައިގެން ގޮސް ރަނގަޅު މަގަކަށް ނުގެނެވިގެން އެކަމާ ރޮއި ހިތާމަ ކުރަނީ މިއަދު ކިތަން ދިވެހި މަންމައިންތޯ އެވެ. ދަރިންދެކެލޯބިވާ ކިތައް ބައްޕައިން ތޯ އެވެ.
ވީމާ ދިވެހި ޤައުމުގެ މުސްތަގުބަލު އުޖާލާ ކުރަންއެދޭ ދިވެހި ދަރިންނޭވެ . ކައިވެންޏަކާއި ހަމަޔަށް ދިއުމުގެ ކުރިންވެސް ތިމާގެ ދަރިންގެ މަންމަ ނުވަތަ ބައްޕަ އެއްގެ ގޮތުގައި އިޚްތިޔާރު ކުރާ މީހާ ގެ ޝަރުތު ފުރިހަމަ ވޭތޯ ބަލާލުން ކީއްތޯއެވެ.

ދިވެހި ދަރިންނަށް ރީތީ ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދޭން ވައުދާއި އަހުދުވާ އެންމެހާ ބޭފުޅުންނޭވެ. ދިވެހިރާއްޖޭގައި ހުރިހާ ކަމެއް ހުއްޓާލުމަށް ފަހުވެސް ކުރަންވެފައި އޮތްކަމަކީ ބެލެނިވެރިޔަކަށް ވުމުގެ ކުރިން ބެލެނިވެރިޔަކަށް ވާން ދަސް ކުރުން ނޫންތޯ އެވެ.
ހިޔާލު

ތޫ

އަހަރެން ބަލިވެ އިން އިރު އައި.ޖީ.އެމް.އެޗް ގައި މާ ބަނޑު މީހުންނށް ހިންގި މައުލޫމާތު ސެޝަން އެއްގައި ބައިވެރިވިން. އެއީ ރަގަޅު ކަމެއް. އެކަމު ގިނަ މީހުންނަކަށް އެކަން އޮންނަ ކަމެއްވެސް ނޭނގެ.

ލަކޫ

ބައްލަވާ ދިވެހިން ކުޑައިރުއްސުރެން ބޮޑުވަނީ ސްކޫލް ތަކުން މިއުޡިކާއި ލަވަކިއުމަށް ލޯބި ޖައްސައިގެން ! ދިވެހިންނަށް ސުކޫލްތަކުންވެސް ރަގަޅު މައުލޫމާތެއް ނުދޭ !

ހެއްސި

ބެލެނިވެރިވަންތަ ކަމުގެ ކޯހެއް ހިންގަންވީޔޯ

އައިމީ

ވަރަށް ރަނގަޅު ވާހަކަތަކެއް