America in Raajje ah 150 million Rufiya ge ehee dhenee
image
އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު --
0 ކޮމެންޓް
 

އެމެރިކާއިން ރާއްޖެއަށް 150 މިލިއަން ރުފިޔާގެ އެހީ ދެނީ

އެމެރިކާއިން ރާއްޖެއަށް 9.75 މިލިއަން ޑޮލަރު (150,735,000 ރުފިޔާ)ގެ ހިލޭ އެހީ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކަން ހާމަކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނުގެ އޮފީހުން ވެސް ބަޔާނެއް ނެރެވެ. އަދި ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވާ 9.75 ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ކޮންގްރެސްގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.


ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިހާރު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ އެމެރިކާގެ ފޮރިން މިނިސްޓަރެއްގެ ދައުވަތަކަށް ރާއްޖޭގެ މިނިސްޓަރަކު އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިދަތުރުފުޅުގައި ދެ ގައުމުގެ ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާއިރު، ޓެރަރިޒަމާއި ހަރުކަށި ވިސްނުމާ ދެކޮޅަށް ރާއްޖެ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމަށް ދެ ގައުމުގެ ދެމެދުގައި އިއްޔެ އެއްބަސްވުމަކަށް ވެސް އައިސްފައިވެއެވެ.

ޕަބްލިކް ފައިނޭންސް މެނޭޖުކުރުމާއި ފައިސާ މެދުވެރިކޮށް ކުރާ ކުށްތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތްކުރާނެ ކަމަށް ވެސް ޕޮމްޕެއޯ ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާ އާއި އެހެނިހެން ނިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އެކަމަށް ޕޮމްޕެއޯ ވަނީ މަރުހަބާ ވިދާޅުވި އެވެ.


ރާއްޖެ އަށް 9.75 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން މަސައްކަތް ކުރަމުން އަންނަކަން އެމެރިކާއިން ހާމަކުރި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ޔޫއެސްއެއިޑާއި އޯޕެކްގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި ޔޫއެސްއެއިޑާއެކު އެއްބަސްވުމެއްގައި ސޮއި ކުރައްވާފައި ވެސް ވެއެވެ.
ހިޔާލު