Dhin ufaa loabin, Episode 3
image
ދިން އުފާ ލޯބިން--
ފުނަމާ
2 ކޮމެންޓް
 

ދިން އުފާ ލޯބިން

3ވަނަބައި
މެންދަމުންއަލިވެ، އެއްގަޑިބައިވެ ބޮޑުވެއްޖެއެވެ. ކުޑަދޮރު ރަގަޅަށް ނުލެއްޕިހުރީތީވެ، ޖެހެމުންދިޔަ ވައިގެ އަޑުވެސް ކޮޓަރިތެރެއަށް އިވެއެވެ. އެއާކޯންގެ ތޭވީހުގެ ޓެމްޕަރޭޗަރާއި ގުދުރަތީ ވައި އެކުވުމުން، މެންދަމަށްވުރެން، އެވަގުތު އިހްސާސްވަނީ ފަތިހުގެ ފިނިފިނި ވައިރޯޅިއެވެ. ކުޑަދޮރުތަކުގައި ދަމމާލާފައިހުރި ތުނިތުނި ލޭސްތައް ވަޔާއި ވިހުރިލައި މަންޒަރުގެ ހިތްގައިމުކަން ތަސްވީރުކުރެވޭނީ، އެކަމަށް ޝައުގުވެރި އިންސާނަކު އެތަނުގައި ހުރިނަމައެވެ. މަގުމަތީގައި ދުއްވަމުންދިޔަ ބާރުސްޕީޑްގެ ވެހިކަލްތަކުގެ އަޑު ނީވޭނަވަ، އެމާޙައުލުގެ ހިތްގައިމުކަން، ނުތަނަވަސް ހިތަކަށް ފަރުވާއަކަށްވެސް ވީހެވެ.

ކިޔަވަން ޚާއްޞަކޮށްފައިވާ ހަނިދިގު މޭޒުމަތީގައިހުރި ފޮތްތަކުގައި ތަރުތީބެއްނެތެވެ. ގޮނޑީގައި އިށީންދެ އިންނައިރު އަތްޖެހި، ބަންޑުންނުދާނެ ހިސާބެއްގައި ކިރުތައްޓެއް އެބަހުއްޓެވެ. އެއީ މީގެ ތިންގަޑިއެއްހާއިރުކުރީން މުސްކާންގެ މާމަ ގެނެސްދިން ކިރުތައްޓެކެވެ. ރޭގަނޑުގެ ތަންކޮޅެއް ލަސްވާންދެން މުސްކާން ކިޔަވަން އިންނާތީ، މުރުޝިދާ ނިދުމުގެ އެކަން ކުރުމަކީ އެގޭގެ ސަގާފަތަކަށްވެފައިވާ ކަމެކެވެ. ކޮޓަރީގެ މެދުގައި އަޅާފައިވާ މަޑުމަޑު ކާޕެޓެއްގެ މަތީގައި ބަހައްޓާފައިވާ ބީންބޭގްގައި މުސްކާން އޮށޯވެ އޮތީ ނިދިފައެއްނޫނެވެ. ނުވަތަ އަނިޔާވެރި ރިހުމެއްގެ ސަބަބަކުންވެސް ނޫނެވެ. އެހެންނަމަވެސް ސިކުނޑީގެ ބަރުކަމާއި ހިތުގެ ނުތަނަވަސްކަމުގެ ސަބަބުން މުޅިހަށިގަނޑު މުސްކާންގެ އަމިއްލަ އިޚްތިޔާރުން ބޭރުގައިވާ ކަމުގެ އިޙްސާސްކުރެވެނީއެވެ.

ބީންބޭގްގެ ފަހަތުން ކަނދުރާއެލުވާލައިގެން މުސްކާން އޮތީ، ހިތްދަތި ގޮތަކަށެވެ. އެގެއިން ކޮންމެ މީހަކަށް އެމަންޒަރު ފެނުނުކަމުގައި ވިޔަސް، އެމީހަކު އައިސް އެދަރިފުޅު އަތްދަނޑިމައްޗަށް އުފުލާލާނެއެވެ. މުޅިހަށިގަނޑުގައި ފިރުމާނެއެވެ. ވީގޮތަކާއިމެދު އެތައް ސުވާލެއްކުރާނެއެވެ. އަރާމުކޮށް ތަނެއްގައި ހަމަޖެހިލުމަށް އާދޭސްކުރާނެއެވެ. ރޭގަނޑުގެ އަރާމުނިދި އެދަރިފުޅުގެ ލޮލަށް ލިބުންއެދި ދުޢާކުރާނެއެވެ.

ރަތްވެފައިވާ ދެލޮލުން ކޯދުލާ އޮހޮރެމުންދިޔަ ކަރުނައިގެ ހޫނުކަން، މުސްކާންގެ ދޮން މޫނުގެ ހަން އޮމާން ކޯތާފަތް އިހުސާސްކުރަނީއެވެ. ރަތްވެފައިވާ މޫނުގެ ހަންތުނިކަމުން، އެމޫނުގެ ކުލަ، މަޑު ފިޔާތޮށިކުލައަކަށް ބަދަލުވެފައިވާކަން މުސްކާން ނުދެނަހުއްޓެވެ. އެތަނުގައި މުސްކާން އިށީނީ ފޮތްކިޔާށެވެ. ނަމަވެސް މިވަގުތު ފޮތް އޮތް ހިސާބެއް އެދަރިފުޅަކަށް ނޭގޭނެއެވެ. އެކަމަށް ހެކިދެނީ މުސްކާންގެ މޭމަތީގައި އޮތް، ކުލަފަނޑު ފޮޓޯއެވެ.

***
ކޮޓަރީގެ ދޮރުހުޅުވާލާފައި ޝަރީފު އެތެރެއަށްވަންއިރު ދެލޮލުގައި ނިދީގެ ކުޑަވެސް އަސަރެއްނެތެވެ. ވާނީވެސް އެހެންނެވެ. ލިބުނު ހިތްހަމަޖެހުމާއި އިހުސާސްކުރެވުނު އެތައް އަރާމެއް، ހަމަހިމޭން ނިންޖަށްވުރެން ޝަރީފުއަށް މާ މުހިއްމެވެ. ނިޝާނާއަށް ހޭލެވިދާނެތީ، ނުހަނު މަޑުމަޑުން ދޮރުލައްޕާލިއެވެ. ކިތަންމެ އަނދިރިޔަސް، ކޮޓަރީގެ ބޮތްކެއް ދިއްލާކަށް ބޭނުމެއްނޫނެވެ. ހިތުލަފަޔަށް މިސްރާބުޖެހީ ޑްރެސިންޓޭބަލްއާއި ދިމާއަށެވެ. ޖީބުގައި އޮތް ވޮލެޓާއި ސައިކަލް ތަޅުދަނޑި އާންމުކޮށް ޝަރީފު ބާއްވަނީ ޑްރެސިންގޓޭބަލް މަތީގައެވެ. ހިންޏަކަށްވެސް އިޝާރާތެއްނުވާނެހައި މަޑުމަޑުން ޑްރެސިންޓޭބަލްއާއި ހަމައަށް ދެވިއްޖެއެވެ. އެއާކޯން ޖައްސާފައިހުރުމުން، އޭގެ ޓެމްޕަރޭޗަރ ނަމްބަރު ދިއްލިފައި އިނީތީވެ، އެތަނުގައި އުޅެން މާބޮޑަށް ދައްޗެއް ނުވިއެވެ. ސިއްރު ނޭވާއެއްލާފައި، ޓޓީޝާރޓްގެ ކަރުގައި ހިފައިފައި ބޮލުން ދަމައިގަތެވެ. ހަމައެވަގުތު އަތުންޖެހި، ވިއްސައިގެން ދިޔައީ ސެންޓުފުޅިއެކެވެ. ދުލުން ބޭރުވީ، ހެޔޮބަހެއްނޫނެވެ. ރުޅިއާދެވުނީވެސް އަމިއްލަ ނަފުސުދެކެވެ. ޑްރެސިންގޓޭބަލްގެ ކޮންމެތަނެއްގައިވެސް، ކޮންމެ އެއްޗެއްވެސް އިނދެދާނެކަމަށް، ޝަރީފުއަށް ވިސްނެންޖެހޭނެކަމަށް އަމިއްލައަށް ގަބޫލުކުރެވުނެވެ. މިފަދަ ކަންކަން ދިމާވަނީ މަދެއްކޮށްނޫނެވެ. ތަރުތީބެއް ނެތްތާގައި، ބިއްލޫރިއެއްޗެއްވެސް، ދުރަށް ޖައްސާލާނެ މީހަކު އެކޮޓަރީގައި ނޫޅޭނެއެވެ. އެކަންވެސް ކުރަންވީ ޝަރީފުގެ ދެއަތުންނެވެ.

"ކޯންޗެއް ސުންނާފަތި އަރުވާލީ؟" އެއީ ނިޝާނާއެވެ. ނިދިބަރު އަޑަކުން ބުނެލިއެވެ. ޖަވާބުދޭން ޝަރީފުގެ އަނގަހުޅުވާލިއެވެ. ނަމަވެސް ދަތްކުނޑިވިކާލާފައި ދެއަތް މުއްކަވާލިއެވެ. ހަމަހިމޭންކަން އިޚްތިޔާރުކުރީ ހަށިގަނޑުގެ ލޮޑުކަން،އަރާމުނިންޖަށް އެވަގުތު ބޭނުންވިކަން އިހުސާސްކުރެވުނީތީއއެވެ.
***
ކަނދުރާ ވާޅުވެއްޖެއެވެ. ނިއްކުރި އައްސިވެއްޖެހެންވެސް ހީވެއެވެ. ހިންދިރުވާލީ އުނދަގުލުންނެވެ. މުސްކާންގެ ކަނދުރާ ހަރަކާތްކޮށްލުމަށްފަހު، ހަމަޖެހިލިއެވެ. ނުހަނު ލޯބިކޮށް ބީންބޭގްތެރޭގައި ބޮނޑިވެލައިފިއެވެ. ކުޑައިރުކޮޅެއްކުރީން މޭމަތީގައި އޮތް ފޮޓޯނަގާފައި އުފުލާލިއެވެ. ލޮލާއި ސީދާކޮށްލުމަށް ފޮޓޯއުފުލާލިއިރު، މޫނުމަތީގެ ހިތްދަތިކަން އިތުރުވެއްޖެއެވެ. ދެތުންފަތް ތުރުތުރު އަޅުވައިލައިފައި ހަރަކާތްކޮށްލިއެވެ. ކޮންމެވެސް އެއްޗެއް ބުނެލިއެވެ. ނަވެސް ޚުދު މުސްކާންގެ ކަންފަތައްވެސް އއެއަޑެއް ނުފޯރިއެވެ. ހިތްދަތި ގިސްލުމަކާއެކު މުސްކާންއަށް ވަރަށް ބޮޑަށް ރޮވިއްޖެއެވެ.

***
"އަހަރެން މިއަހަނީ، ކޯންޗެއްހެއްޔޭ ތި ފުނޑުއަރުވާލީ.. ގެއަށްވަނަސް ސަލާމަތެއް ނެތް! ނުވަނަސް ބޮލުގައި ރިހުންނޫން ކަމެއް މި ހަތަރުފާރުތެރޭގައި ނެތް.. މަގޭ ހިތައްއަރާ، ދުވާލު ހަތަރުދަމު އުޅޭތަނެއްގައި އުޅޭން، ދެދަރިންވެސް ގޮވައިގެން ދާނެނަމައޭ.. މަގޭ ބޮލަށް ތަންފުކެއް ލުއިވާނެ އޭރުންވެސް" ނިޝާނާގެ ވާހަކަދެއްކުން ޝަރީފުއަށް ކަމަކުނުދިޔައެވެ. އެއްޗެއް ވެއްޓިތަޅައިގެންދިޔަކަން އެނގުނީމައިވެސް އެނދުން ތެދުވެ، އެތަން ސާފުކޮށްލަން ނޫޅުނީތީއެވެ. ޝަރީފުގެ ދޫހިމޭނުން ނުބޭއްވުނީ، ނިޝާނާގެ އަނގަ އެވަގުތު ހިމޭންނުކުރީތީއެވެ.

"ބޭކާރު އަނގަނުތަޅާ މިތަން ތާހިރުކުރާން ތެދުވިއްޔާ ތަންކޮޅެއް ރަގަޅުވާނެހެން މަށަށް ހީވަނީ.." ނުރުހުމުގެ ރާގުގައި ހަރުހަށިގޮތަކަށް ޝަރީފު ބުނެލިއެވެ.

"ކަލޭ ވައްޓާލިއެއްޗެއް ތަޅައިގެން ދިޔައީ! މަ ނުޖެހޭނެދޯ ނިދިކޮޅު ނަގާލާފައި ތިތަން ތާހިރުކުރާން ތެދުވާކަށް.. އެހެންނޫނަސް، ނުލާހިކު ބޮލުގައި ރިއްސާތީ މިއޮތީ.." އެންމެ ކައިރީގައި އޮތް ބާލީސް ދަމައިގަތްފައި އޭގައި ބައްދައިލުމަށްފަހު ނިޝާނާ ދެލޮލުގެ އެސްފިޔަތައް ބާރުކޮށް، ތަގުޅިކޮށްލލިއެވެ.

"އޮވެބަލަ! އެނގިދާނެތާ! މަށެއްވެސް މިތަން ތާހިރެއްނުކުރާނަން.. ހެނދުނުވެސް މަ ހޭލައިގެން ނައްޓާލާނީ އޮފީހަށް.. ދަރީން ސްކޫލަށް ގެންދަން ތެދުވަންޖެހޭނީ ނިޝާނާ.. އެހެންވީމައި އުނދަގޫވާމީހަކު މިތަން ތާހިރުކުރަންދެން ބާއްވާނީ.. އެނގިދާނެތާ!" ފުނޑުވެފައި އޮތް ބިއްލޫރިތަކާއި ހަވާލުވާނެމީހަކު ނުވިއެވެ. ޝަރީފުވަނީ ފާޚާނާއަށެވެ.

***
ކާޕެޓްމަތީގައި ޓިޝޫފޮށި ހުއްޓެވެ. މުސްކާންގެ ކަރުނަފޮހެފައިވާ ޓިޝޫތައް އެތަނުގައި ހުއްޓެވެ. ފޯނުވެސް ޓިޝޫފޮށި ކައިރީގައި ބާއްވާލާފައި އޮތުމުން އެނގުނީ ދާދިދެންމެނަމަވެސް މުސްކާން އެތަނުން ތެދުވިކަމެވެ. އެވަގުތައް ބޭނުންއެއްޗެއްހި ކައިރިކޮށްލައިގެން އެއިނީ ކޮންމެވެސް ބޭނުމެއްގައިހެން ހީވެއެވެ.

ފެނުނު ހުވަފެނާއެކު ޔަނާލްއަށް ހޭލެވުނުއިރު މުޅިމީހާ ދާހިއްލާ ފޯވެފައެވެ. ދެލޯ ބޮޑުކޮށްލާފައި ބަލައިލެވުނީ ގަޑިއަށެވެ. ފޯނުގެ ސްކްރީންގެ އަލިގަދަކަމުން ދެލޯ ކުޑަކޮށްލައި މޫނުމައްޗަށް ވައްތަރެއްވެސް ޖައްސައިލެވުނެވެ. ސްކްރީންގެ ގަޑިއަށްވުރެންކުރީން ޔަނާލްގެ ދެލޯ ހުއްޓުނީ މުސްކާންގެ މެސެޖެއް ލިބިފައި އޮތީމައެވެ. އޭރު ތިންޖަހައިފިއެވެ. އެހައި ދަންގަޑިއެއްގައި އެދަރިފުޅުގެ މެސެޖެއްލިބެންޖެހޭ ސަބަބެއް އޮންނާނެއެވެ. ލިބިފައިވި ނުތަނަވަސްކަމަށް ބޮޅެއް އިތުރުވިހެން ހީވިއެވެ. މެސެޖް ބަލައިލީ ތެޅިތެޅި އޮތް ހިތަކާއެކުއެވެ. ލިބުނު މާޔޫސްކަން ހިތް ރޮއްވާލިއެވެ. ދެފަހަރު އަދި ތިންފަހަރުވެސް މެސެޖް ކިޔައިލިއެވެ. މުސްކާން ލިޔެފައިވަނީ ވަރަށް ކުރު ސުވާލެކެވެ. ނަމަވެސް ޖަވާބު ބޮޑެވެ. ފަރުބަދައަކަށްވުރެންވެސް ޖަވާބު ބޮޑުވެފައި ވަރުގަދައެވެ. މާސިންގާ ކަނޑަށްވުރެންވެސް ފުނުން ނޫނީ އެޖަވާބު ނުލިބޭނެއެވެ. މެންދަމުގެ މިވަގުތުގައި މުސްކާން ލިޔެފައިވެއެވެ.
"ބައްޕާ،ވައި؟" މެސެޖްކުރެވެ. ވަރަށް ކުރެވެ. އާއެކެވެ! އިންތިހާއި ކުރެވެ.

ހަމަ އެންމެ ސުވާލެކެވެ. އެވަރުގެ ކުޑަކުޑަ ސުވާލެއްގެ ސަބަބުން ޔަނާލްގެ ދެލޯ ކަރުނުން ފުރެންޖެހޭ ހެއްޔެވެ؟ އާއެކެވެ. ތެދެކެވެ. ކީއްވެހެއްޔެވެ؟ ނަފުސުގެ ބަލިކަށިކަމުގައި ސިކުނޑި މޮޔަވުމަކީ، އެކަމަކަށް ޔަނާލްގެ އިޒުނައެއް ދުވަހަކުވެސް ނުލިބޭނެކަމެކެވެ. ފިނޑިކަމުގެ އަޅަކަށްވާން ބޭނުމެއްނޫނެވެ. ނަމަވެސް ހަގީގަތް ހުޅުވާލާނެހައި ހިތްވަރެއްވެސް ނެތެވެ. ސާބިތުކަމަކީ، ކުރެވުނު ކުށުގެ މަޢާފުލިބުންއެދި ރެއާއި ދުވާލު ކުރެވޭ ދުޢާއެވެ. ފާފަފުއްސެވުންއެދި ދެންނެވޭ ދެންނެވުމެވެ. އެހެންނޫންނަމަ، މިރެއާއި ހަމަޔަށްވެސް ޔަނާލް ދިރިނުހުރީހެވެ. ކަރުނައިގެތެރެއިން، ފޯނުގެ ސްކްރީން ކިތަންމެ ފުސްވެފައިވިޔަސް، މެސެޖް ޓައިޕްކޮށްލައިފިއެވެ. މާދިގުކޮށެއްނޫނެވެ. އެކަމަށް ހޭދަވީ މަދު ސިކުންތުކޮޅެކެވެ.

މެސެޖްގެ އަޑާއެކު މުސްކާން ބަލައިލިއެވެ. އެއަޑަށް މުސްކާން އިންތިޒާރުކުރާތާ ކިތަންމެ އިރެކެވެ. އަތުގައި ފޯނުއޮތަސް، މެސެޖް ހުޅުވާލަން މިފަހަރު ވަގުތުކޮޅެއް ނެގިއެވެ. ފުންނޭވާއެއްލީ ހަމަޖެހިލުމަށްޓަކައެވެ.
"ލޯބިވާ ދަރިފުޅާ! ބައްޕައަށް މަޢާފުކުރޭ.. ބައްޕައަކީ އަނިޔާވެރިއެއް ނޫން" ލޯބިވާ ބައްޕަގެ މެސެޖް މުސްކާން ކިޔައިފިއެވެ.

ލިބުނު ޖަވާބަކީ މުސްކާންއަށްވެސް އެނގޭ އެއްޗެކެވެ. ކޯޓެއްގައި ސާބިތުކުރާންޖެހިއްޖެނަމަ ފަސޭހައިން އެކަންކުރެވޭނެވަރަށް މުސްކާންގެ އަތުގައި އެކަމަށް ހެކިވެސް އެބަހުއްޓެވެ. އެވަރުގެ ލޮބުވެތި ބައްޕައެއް އެހެން އަންހެންކުއްޖެއްގެ ނަސީބުގައި ލެއްވިކަމާއިމެދުގައި މުސްކާން ޝައްކުކުރެއެވެ. ނަމަވެސް ބައްޕާއެވެ! ބައްޕަގެ މިދަރިފުޅު މިއެދެނީ ބައްޕަ ފަރާތުން މާބޮޑު އެއްޗަކަށެވެ. ބައްޕަގެ މާޒީއަށެވެ. ކިތަންމެ އުނދަގޫވިޔަސް ބައްޕަގެ މާޒީގެ ސަފުޙާތައް މުސްކާންގެ ކުރިމަތީގައި ހުޅުވާލަދިނުމަށެވެ.

ފެނުނު ހުވަފެން ސީދާވީކަމެއް ނުވަތަ ނޫންކަމެއްވެސް ނޭގެއެވެ. އެކަމަށް ޔަނާލްގެ ފަރުވާލެއްވެސް ނެތެވެ. ނަމަވެސް މިގަޑީގައި މުސްކާން ހޭލާހުރީތީ، ވަރަށް އުނދަގޫވެއްޖެއެވެ. ފިކުރުތަކާއި ނުބައި ޚިޔާލާއި ވަސްވާސްތަކުން އެދަރިފުޅު ރައްކާތެރިކޮށްދެއްވުމަށް މިރޭވެސް ޔަނާލް އެދުނެވެ. އެނދުންފައިބައިގެން ފާޚާނާއަށްވަދެލުމަށްފަހު ޔަނާލް ނިކުތީ މޫނުވެސް ދޮވެލައިގެންނެވެ.

ޓީޝާޓެއް ލައިގެން ނިކުތީ ކޮޓަރީން ބޭރަށެވެ. މުސްކާންގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތްފައިވެސް ބަދިގެއަށް މިސްރާބުޖެހިއެވެ. ކަރުހިތްކައިގެންފައިހުރިކަން އިހުސާސްވުމުންނެވެ. ކޮޓަރީގައިވެސް ފެން ހުންނާނެއެވެ. ހިތްނުތަނަވަސްވެއްޖެކަން އިހުސާސްވުމުން ކަރުހިއްކުންވެސް ބޮޑުވީއެވެ.

***
ނިދަންއޮވެފައިވެސް ޝަރީފް ތެދުވިއެވެ. ބުރަކައްޓަށް ބާލީހެއް ލައްވައިލުމަށްފަހު ހެޑްބޯޑްގައި ލެނިގިލިއެވެ. ކޮޓަރިތެރެއަށް ބަލައިލުމަށްފަހު ފޫހިކަމެއް މޫނުމަތީން ފެނުނެވެ. އެނދުމަތީގެ ފައިލައިކޮޅުގައި ހުރި އަންނައުނުތައް ހިފައިގެންތެދުވެ، ގޮނޑިމައްޗަށް އަޅާލިއެވެ. ނިދާފައި އޮތް މީހާއަށް ހޭލެވުނަސް ހެޔޮކަމަށް ކޮޓަރީގެ ހުރިހައި ބޮކިތަކެއް ދިއްލިއެވެ. ނިޝަނާއަށް ހޭލުނުކަންވެސް ޔަގީނެވެ. ނަމަވެސް މަސައްކަތަކު ކިޔާފާނެތީވެސް ބިއްދަށަށް އެނބުރި، މޫނުގައި ބާލީސްއަޅައިގެން އޮތީއެވެ.

"ކިތަންމެ އަގުބޮޑު ސެންޓްފުޅިއަކަށްވިޔަސް، މީތި ތަޅައިގެން ދިޔަކަން މިއީވެސް ނަސީބެއް ތޯއްޗެއް.. މިތަނުގައި ނޯއްދަމާލަން މިހާރު ކެރޭވިއްޔަ! މަގޭ ހިތައްއަރާ، ނިދުމާއި ސީރީޒްބެލުން ނޫންކަމެއް ނިޝާނާ ރެއާއިދުވާލުކުރޭބާއޭ" ޝަރީފް ވާހަކަދެއްކީ ބާރަކަށްނޫނެވެ. ނަމަވެސް ކޮޓަރިއަކީ މާބޮޑުތަނަކަށްނުވާތީ، އެއަޑުވެސް ނިޝާނާއަށް އިވޭނެއެވެ.

***
ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލި އަޑުއިވުމާއެކު މުސްކާން ދޮރުހުޅުވައިފިއެވެ. މާމައާއި ކާފަ، އެގަޑީގައި ހޭލާ ނޫޅޭނެއެވެ. ބައްޕަނޫން މީހަކު އެވަގުތު މުސްކާންގެ ކޮޓަރީގައި ޓަކިނުޖަހާނެކަން ޔަގީނެވެ.

"ބައްޕަ ނުނިދަންތަ؟" ދޮރުހުޅުވާލުމާއެކު މުސްކާން ކޮށްލީ ސުވާލެކެވެ. ކުޑަކުއްޖަކުވެސް އެސުވާލުނުކުރާނެކަން މުސްކާންއަށް އިހުސާސްވީ، ސުވާލުކޮށް ނިމުނުފަހުންނެވެ. ބައްޕައާއި ދެމީހުން މެސެޖް ބަދަލުކުރީ ދާދި ދެންމެއެވެ. އެހެންވީމައި މިވަގުތު ހޭލާހުއްޓަސް، ހައިރާންވެ ސުވާލުކުރާކަށް ނުޖެހޭނޫންހެއްޔެވެ؟

"ބައްޕަގެ ދަރިފުޅުވެސް ނުނިދަމެއްނުން.. ކީއްވެ ދޫނީ؟" އެތެރެއަށް ވަނުމަށް މުސްކާން ނުބުނާތީ، ޔަނާލްހުރީ ދޮރުމަތީގައެވެ.

"ނިންޖަށްވުރެން މުހިއްމު މާގިނަ ކަންތައްތައް ސިކުނޑިއަށް އުނދަގޫކުރަންޏާއި ދެލޯމެރައިގެން ނިދާނީ ކިހިނެއް؟" މާޔޫސީ ސުވާލެކެވެ. މުސްކާން އިޝާރާތްކޮށްލީ ބައްޕަ އެތެރެއަށް ވަނުމަށެވެ.
ހިޔާލު

ާޢާނަ

ވާހަކަ ވަރަށް ރީތި ..... ހާދަކުރޭ

ދިޔެ

ވަރަށް ކިޔާ ހިތްވޭ މިވާހަކަ..