Ungeney ehcheh amalee maidhaanugai beynun kuran neyngumakee hithaamaveri museebaatheh: Home Minister
image
ޔޫތް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހޯމް މިނިސްޓްރީ
0 ކޮމެންޓް
 

"އުނގެނޭ އެއްޗެއް އަމަލީ މައިދާނުގައި ބޭނުން ކުރަން ނޭނގުމަކީ ހިތާމަވެރި މުސީބާތެއް"

އެއްޗެއް އުނގެނުމަށްފަހު އެ އެއްޗެއް ހަޔާތުގެ އަމަލީ މައިދާނުގައި ބޭނުންކުރަން ނޭނގުމަކީ އެ އުނގޭނޭ މީހަކަށް ކުރިމަތިވާނެ ހިތާމަވެރި މުސީބާތެއްކަމަށް ހޯމް މިނިސްޓަރު، އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން އެހެން ވިދާޅުވީ، ޔޫތް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ޒުވާނުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކާގައެވެ. ހއ.އަތޮޅުގެ ރަށްތަކުން އަށްޑިހައަށްވުރެ ގިނަ ޒުވާނުންނާއެކު ހޯރަފުށީގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަގައި މިނިސްޓަރު ވިދާޅުވީ އިލްމަކާ ނުލާ އަމަލަކީ ނުވާ އެއްޗެއް ކަމަށެވެ. އަދި އެއްވެސްކަމެއް ކުރަން ބޭނުމިއްޔާ އެކަމެއްގެ އިލްމް ފުރިހަމައަށް ނުލިބޭނަމަ އެކަމަކުން ދުރުހެލިވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

ކޮންމެ ކަމެއް ކުރަން ބޭނުންވާ މީހާވެސް އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ އެކަމެއްގެ އިލްމް ހޯދުންކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރު ވިދާޅުވީ އަމަލުނުކުރެވޭ އިލްމެއް މީހަކަށް ލިބުމަކީ ދުނިޔޭގައި އެއަށްވުރެ ބޮޑު މޮޔަކަމެއް ނުވާ ކަމެއް ކަމަށެވެ. އަދި އެއަށްވުރެ ބޮޑު ބޭކާރުކަމެއް ނުވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ދަސްވި ހުރިހާ އެއްޗެއް ހަޔާތުގެ ހުރިހާ މައިދާނެއްގައި ބޭނުންކުރުމަށް ޒުވާނުންނަށް ބާރު އެޅުއްވާފައެވެ.

ބަހާއި ސަގާފަތަށް ޒުވާނުން ޝައުގުވެރިވުމުގެ މުހިއްމު ކަމަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައުމިއްޔަތުދެކެ ލޯބިވާ ދިވެހި ޒުވާނުންގެ ވަރުގަދަ ޖީލެއް ބިނާކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ދިވެހި ބަހަށް ނުވަތަ ގައުމިއްޔަތަށާއި ސަގާފަތަށް އަދި ތަރިކަ ރައްކާތެރިކޮށްގެން ތިބެ، މިބަވަނަ ވެފައިވާ ދުނިޔޭގައި ކުރިއަރާދިއުމަށް ޒުވާނުންގެ އެހީތެރިކަމާ އެއްބާރުލުމަށް އިންތިހާއަށް ބޭނުންވެފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާލު