Jamiyya thakuge viuga ifthithaah kohdhevvaifi
image
ޖަމިއްޔާތަކުގެ ވިއުގަ އިފްތިތާހު ކޮށްދެއްވައިވި
1 ކޮމެންޓް
 

ޖަމިއްޔާތަކުގެ ވިއުގަ އިފްތިތާހު ކޮށްދެއްވައިފި

ޖަމްޢިއްޔާތަކުގެ ވިއުގަ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ މިއަދު އިފްތިޠާހުކޮށްދެއްވައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ހުރިހާ ޖަމްއިއްޔާތަކެއް އިންޓަރނެޓްގެ ޒަރީޔާއިން ގުޅާލަދޭ ވިއުގައެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ކުރެވުނު ކަމެއް ކަމުގައެވެ.

ޖަމްއިއްޔާތަކުގެ ވިއުގަ އިފްތިޠާހުކޮށްދެއްވުމަށްފަހު މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ ކުދިކުދި ރަށްތައް ޖަޒީރާތަކަކަށް އެކުލެވިގެންވުމާއި، އަދި ޒަމާނަށް މިއަންނަ ބަދަލުތަކާ، ތަރައްޤީއާ ކުރިއެރުމާއެކުގައި ސަރުކާރުގެ ވިސްނުން އޮތީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މަދަނީ ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، ޖަމްއިއްޔާތައް ބާރުވެރިކުރުމަށް މަސައްކަތްކުރުމަށްކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މަދަނީ ޖަމްއިއްޔާތައް ބާރުވެރިކުރެވި، ރައްޔިތުންނާއެކުގައި މަސައްކަތްކުރެވި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އުސް، އަވަސް ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ އަދި މިވިއުގަ ވުޖޫދަށް ގެނައުމުގައި ޔޫ.އެން.ޑީޕީގެ އެހީތެރިކަން ވަރަށްބޮޑަށްް ލިބުނުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޔޫ.އެން.ޑީ.ޕީއަށް ޝުކުރު އަދާކުރައްވާފައެވެ.

މިވިއުގައިގެ ޒަރީޔާއިން ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް އެހީތެރިވެދީ، ޖަމްއިއްޔާތަކަށް ހުރި ފުރުޞަތުތަކާއި، މައުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިވާނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. މިވިއުގަ މެދުވެރިކޮށް މަޞްލަހަތުވެރިންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށްވެސް ޖަމްއިއްޔާތަކާ ފަސޭހައިން ގުޅި، ގުޅިގެން މަސައްކަތްކުރަން ފުރުޞަތު ބޮޑުވާނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޖަމްއިއްޔާތަކުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް މިވިއުގައިގެ ސަބަބުން ފަސޭހަވާނެކަމަށާއި މަޝްރޫއުތަކަށް ފައިސާ ހޯދެން ހުރި ފުރުޞަތުތަކާއި، ޖަމްއިއްޔާތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ތަމްރީނު ހޯދަން ހުރި ފުރުޞަތުތައްވެސް މިވިއުގައިގެ ތެރެއިން ޙިއްޞާކުރެވޭނެކަމަށް އަދި ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ހެދުމާއި، އިދާރީ މަސައްކަތްތައް ކުރުމުގައި ޒަމާނީ ގޮތްތައް ބޭނުންކުރުމަށްވެސް މިވިއުގައިގެ ސަބަބުން ފަސޭހަތަކެއް ލިބޭނެކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.
ހިޔާލު

ވިއުގަ

ތި ވިއުގަ އަކަށް ވަދެވޭނެ ލިންކެއް ނެތީ، ހަމަ އެކަނި ޕްރެޒެންޓޭޝަނެއް ދައްކާލާފައި ނިންމާލީމަތަ؟