Iyye ''OK'', miadhu''OK ehnoon'', maadhamaa?
image
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން--
4 ކޮމެންޓް
 

އިއްޔެ "އޯކޭ" މިއަދު "އޯކޭ އެއްނޫން" މާދަމާ؟

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ މީހުންގެ ތެރެއިން ޕްރައިމަރީން ބަލިވާ މީހުން އިންތިހާބުގައި ވާދަ ކުރުމަކީ ކުރެވޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވިދާޅުވަމުން ގެންދެވި އެވެ. އެއީ ޕާޓީގެ ވިސްނުން ކަމަށް ބަލަން ޖެހެއެވެ. މިއަދު އެކަން މުޅިން އިދިކޮޅަށް ބަދަލުވުމަކީ ހާދަހާ ފާސޭހައިން ވެގެންދިޔަ ކަމެކެވެ.
ބުނަން މިއުޅޭނީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، އޭރުގެ ސަރުކާރު ހިންގަމުންދިޔަ ޕީޕީއެމް ކޯލިޝަނުން މަޖިލީހަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ވާހަކަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް ޕީޕީއެމް ކޯލިޝަނުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވި ނަމަވެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މެމްބަރަކު، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެމްބަރަކު، އެ އިންތިހާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ.

ޕީޕީއެމުން އެ އިސްލާހު ހުށަހެޅުމުން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެވެ. އަދި އެ އިސްލާހަށް ވޯޓަށް އެހުމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެމްބަރަކު އެ އިސްލާހު ފާސްކުރުމަށް ވޯޓު ދެއްވާފައި ނުވެއެވެ.

އެހެކަމުން އިސްލާހަށް ސީދާ "ނޯ" ޖެއްސެވި މެމްބަރު އެވިދާޅުވީ ޕްރައިމަރީގައި ވާދަކޮށް ބަލިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަ ކުރެވެންޖެހޭ ކަމަށެވެ. އެއީ އޭރު އެމްޑީޕީގެ ވިސްނުމެވެ.

މިހާރު ފެންމަތިވެގެން މިއުޅެނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އެ އިސްލާހަކީ ގާނޫނު އަސާސީ އާ ފުށުއަރާ އިސްލާހެއްކަމަށާއި އެއީ ބާތިލް އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެމްޑީޕީ އަށް އެކަން "ހަޖަމް" ނުކުރެވެގެން އުޅޭ މައްސަލަ އެވެ.

އެކަމަކު ހަގީގަތަކީ ސުޕްރީމް ކޯޓުން ނިންމާފައި އެވަނީ އެމްޑީޕީން ކުރިން ކީ "ލަވަ"އާ އެއްގޮތަށެވެ. އެކަމަކު މިފަހަރު މި ގޯސްވީ ސުޕްރީމް ކޯޓެވެ.

މީގަ އެންމެ ހެއްވާ ކަމަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުން މިފަހަރު ނިންމިއިރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް އަދި އެމްޑީޕީގެ ލީޑަޝިޕަށް ސުޕްރީމް ކޯޓުގެ ނިންމުން "އޯކޭ ނޫން" ވީމައެވެ. އެމްޑީޕީގެ ލީޑަޝިޕަށް މިފަހަރު ކަމުދިޔައީ ޕްރައިމަރީން ބަލިވާ މީހުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕީޕީއެމުން ގެނެސްފައިވާ އެއިސްލާހު އެގޮތުގައި އޮތުމަށެވެ.

ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބަށް ޕްރައިމަރީ ބޭއްވީވެސް އެމްޑީޕީ އެކަންޏެވެ. އެމްޑީޕީގެ ޕްރައިމަރީއަކީ މައްސަލަ ބޮޑު، ލީޑަޝިޕުން ވަކި ކެންޑިޑޭޓުންތަކަކަށް ތާއީދު ކޮށްގެން ބޭއްވި ޕްރައިމަރީއެއް ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ގަބޫލު ކުރެއެވެ. އެހެންކަމުން އެމްޑީޕީން ބޭއްވި ޕްރައިމަރީއަކީ މިނިވަން އިންސާފުވެރި ޕްރައިމަރީއެއްތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އެމްޑީޕީ ޕްރައިމަރީ ނިމުނުއިރު، ޕާޓީތެރޭގައި ހަމަނުޖެހުންތަކާއި ދެބަސްވުންތައް ހުރިކަން އެމްޑީޕީން ބުނަން ބޭނުންވިޔަސް އެއީ ރައްޔިތުންނަށް އެނގޭ ހަގީގަތެވެ.

ރާއްޖޭގައި ސިޔާސީ ކަންކަން ހިނގަނީ މުޅިންވެސް އެގޮތަށެވެ. މިއީ އަލަށް ހިނގި ކަމެއް ވެސް ނޫނެވެ. އިއްޔެ "އޯކޭ ނުވެދާނެ" އެކަމަކު މިއަދު "އޯކޭ ވެދާނެ" އެވެ. އަދި ދެން މާދަމާ ބުނާނެ އެއްޗެއް އެނގޭނީ މާދަމާއަށް އިރުއެރީމަ އެވެ.
ހިޔާލު

ޟަގެ

މީގަ މައްސަލަޔަކީ ސްޕްރިމްކޯޓް ގެ ނިންމުން މިހާ ލަސްވީމަ ހިލާފު ކަމައްވާނަމަ ޤާނޫނު އުފަންވާ ހިސާބުން ސްޕްރީމް ކޯޓްގެ ހުކުން އަންނަން އެބަޖޭ.

ހަސަނުގެ ދަރި

ޢެމްޑީޕީގެ ގޮތް ނޭގޭބަޔަކު އުޅޭނެތަ އެފަހަރަކު އެމީހުން ބޭނުންގޮތަކަށް ވާހަކަވެސް ދައްކާނީ ކަންތައްވެސް ކުރާނީ ރޫހާނީ ލީޑަރ އަށް ފެންނަ ގޮތް އެއީ ރަގަޅުގޮތް

އ. ޖ. އ

ޕާޓީގެ ފަރާތުން ބައިވެރިވުން ކަޑަ. އެގޮތަށް ބައިވެރި ވެވޭނަމަ ކީއްކުރާ ޕްރައިމަރީ އެއް.

އަބުސީ.

ހައްތަހާވެސް މުނާފިޤުން ދެގަހުގެ ދޭއްޗެއްނެތް ހަމަ ހުސް އެއްގަހުގެ އެއްޗިހި