Riyaasee Commission thakuge bill othee committee ninmi gothakah noon: Qasim
image
މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް
0 ކޮމެންޓް
 

ރިޔާސީ ކޮމިޝަންތަކުގެ ބިލް އޮތީ ކޮމެޓީން ނިންމި ގޮތަކަށް ނޫން: ގާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ބާރުދޭ ބިލް، އޮތީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމި ގޮތަށް ނޫންކަމަށާއި އެކަން ތަހުގީގު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާސިމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާފައިވާ އެބިލްގައި ކޮމެޓީން ނިންމި ނިންމުންތަކުގެ އިތުރުން، އިތުރު ކަންތައްތަކެއް ހިނަމާފައިވާ ކަމަށް ކޮމެޓީގައި ހިމެނޭ ބައެއް މެމްބަރުން ސޮއިކޮށް އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން އެމައްސަލަ ބައްލަވާނެ ކަމަށާއި، އަދި އެބިލް ދިރާސާ ކުރުމަށް އަނބުރާ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމާ ކަމަށެވެ.

ގާސިމް އެގޮތަށް ނިންމުމާއެކު، މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް "ރާއްޖެޓީވީ"އަށް ދެއްވި އިއްޓަވިއުއެއްގައި ވިދާޅުވީ އެއީ މަޖިލީހުގެ ތާރީހުގައިވެސް ރިޔާސަތުން ކަންކޮށްފައިވާ ގޮތެއް ނޫންކަމަށާއި ކޮމެޓީންގެ އަޣްލަބިއްޔަތުން ނިންމާ ނިންމުތަކާއި ހިތްހަމަ ނުޖެހޭ ބަޔަކު ސޮއިކޮށް، މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާލާއިރަށް، އެބިލަށް ވޯޓަށް ނާހައި، އަނބުރާ ކޮމެޓީއަށް ފޮނުވާލުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ކޮމެޓީން ނިންމި ރިޕޯޓަކީ ކޮމެޓީގެ އަޣްލަބިއްޔަތުން ނިންމާފައިވާ ރިޕޯޓެއް ކަމަށާއި، އެބިލް ދިރާސާ ކުރުމުގައި އިސްކޮށް އުޅުއްވީވެސް އޭނާގެ އިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ކަމަށެވެ.

މިއަދު މިއީ އެބިލް ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރި ހަތަރު ވަނަ ފަހަރެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްރުމަށްޓަކާ ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ ކަމަށެވެ.

އެހެންކަމުން ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ދިލަށް ވޯޓަށް އެހޭނީ 85 މެމްބަރުން ހިމެނޭ މަޖިލީހުގެ 43 މެމްބަރުން ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.

މިއީ އެބިލަށް ވޯޓަށް އެހުމަށް އެޖެންޑާކުރި ހަތަރު ވަނަ ފަހަރެވެ. އެގޮތުން އެ ބިލު ފާސްކުރަން އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މިހަފްތާގައި ބޭއްވި ދެ ޖަލްސާގައިވެސް އެދަދަށް މެމްބަރުން ހަމަވެފައިނުވާއިރު، މިއަދު ބޭއްވި ޖަލްސާގައި 60 އަށްވުރެ ގިނަ މެމްބަރުން ތިއްބެވި އެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް ގާސިމް ވަނީ އަނބުރާ ކޮމެޓީއަށް އެބިލް ފޮނުވުމަށް ނިންމާފަ އެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުގައި އޮވެ، ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރުމާ ދެކޮޅު ހަދަމުންދާތީ ސަރުކާރު ކޯލިޝަން ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ޕާޓީތަކުގެ އާންމު މެމްބަރުންގެ މެދުގައި ވަރުގަދަ ދެބަސްވުންތަކެއް ދަނީ އުފެދެމުން ނެވެ.

ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި 45 މެމްބަރުންނަށް ވުރެ ގިނަ އެވެ.

ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އެބިލް ފާސްކުރަން ބޭނުން ނުވާ ބައެއް މެމްބަރުން ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ގޮތުގައި އުޅުއްވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ރިޔާޒު ނިސްބަތްވާ ޖުމްހޫރީ ޕާޓީއަށް ސަރުކާރު ބަދަލުވިފަހުން އޭރު ސަރުކާރު ހިންގަމުންދިޔަ ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަނުގެ ގިނަ މެމްބަރުން ގުޅިވަޑައިގަންނަވާފައި ވެއެވެ.
ހިޔާލު