Dhin ufaa loabin, Episode 5
image
ދިން އުފާ ލޯބިން--
ފުނަމާ
3 ކޮމެންޓް
 

ދިން އުފާ ލޯބިން

5 ވަނަބައި
ވިއްސާރައިގެސަބަބުން އެތައްބަޔަކަށް ގެއްލުންލިބުނުކަމުގައިވިޔަސް، ގަސްތަކުގެ ދިރުން ވަރުގަދަވެއްޖެއެވެ. ފަތްތަކުގެ ހިރަފުސް ފިލައިގޮސް، ކުލަ ރީތިވެއްޖެއެވެ. މާމެލާމެލީގެ ތާޒާކަމުން ފޮނިކޮޅުބޯލާ މާބުރުތަކާއި ކުލަ ރީތި މާމަލަށްޖައްސައި ނަލަނަލަ ކޮކާތަކުގެ ހަރަކާތްތައް ބަލައިފޫހިނުވެއެވެ. ޖެހިލާ ފިނިފިނި ވައިރޯޅީގެ ތާޒާކަން ހިތްތަކަށް ފޯރައެވެ. އުޑުމަތީގައި ވިލާމަދު، މޫސުން ރީތި ދުވަހެކެވެ. ކުދިބޮޑު ގިނަބަޔަކު، ހަވީރުގެ އެންމެ ހިތްގައިމު ވަގުތުގައި އެއްތަންވެ، އުފާކޮށްލުމުން، މަންޒަރު ފުރިހަމަވެއްޖެއެވެ.

"އަހަރެން ދުވަހަކުވެސް ހިތަކަށްނާރާ، މިހައި އާންމުތަނެއްގައި އަހަރެން ގޮވައިގެން މިނިވަންކޮށް ވަގުތުހޭދަކުރުމަށް ޝަރީ އެދޭނެކަމަކަށް.. އަސްލު މިއަދު ވަރަށް ވަރަށް އުފާވެއްޖެ.. މިހާރު ގަބޫލުކޮށްފިން ޝަރީ، އަހަރެންދެކެ ލޯބިވާކަމަށް" ޝެނީން ބުނެލިއެވެ. ގުދުވެލާފައި ޝަރީފުގެ ކަންފަތްކައިރީގައި ޝެނީން ބުނެލިއެވެ. ހިނިތުންވުމަކުން ލޯބިވެރިޔާ ހަދިޔާކޮށްލި ލޮބުވެތި އިޝާރާތް ޝެނީންއަށް ވަރަށް ކަމުދިޔައެވެ.

"ދެން އެންމެ އުފާވާނީ، ޝަރީގެ އެންމެ ރަޙްމަތްތެރީންނާއި ބައްދަލުކުރުވާ ދުވަހަކުން، ސިއްރުން އުޅެވިއްޖެނުން.. އަހަރެންވެސް ބޭނުން، އަހަރުމެންގެ ލޯބީގެ ތެދުކަން އެންމެންނަށް އެނގެން، އަހަރެންނަކީ ޝަރީގެ ކާކުކަން ބުނެދޭން.. އެއަށްވުރެން ބޮޑު ފަޚްރެއް މިދުނިޔޭގައި ނުލިބޭނެ" ޝެނީން ޝަކުވާ ކޮށްލިއެވެ.

ތެދެކެވެ. ދެއަހަރުވެއްޖެއެވެ. ނަމަވެސް އެންމެ ގާތް އެކުވެރީންނަށްވެސް އެކަންވަނީ ސިއްރުކޮށްފައެވެ. ކުއްލިޔަކަށް މިއަދު ރަސްރަނި ބަގީޗާއަށް ދައުވަތު ލިބުމުން ޝެނީންގެ ހިތުގައި ސުވާލު އުފެދުނީއެވެ.
"ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެ، އެހެންވީމައި މިއީ މިކަމުގެ ވަގުތު.. އިންޝާﷲ ހުރިހައި ކަމެއްވެސް ރަގަޅުވާނެ" ޝެނީންގެ އަތުގައި ހިފާލަމުން ޝަރީފު ބުންޏެވެ. ފެންއަރުވާވަޑާމުގެ ހަރަކާތްތައް ބަލައިލުމަށް އެތަނުގައި ތިބި މީހުންގެތެރެއަށް ޝެނީން ގޮވައިގެން ޝަރީފު ވަނެވެ.

ދަރިންގެ މަންމަ އަތުގައި ހިފައިގެން އެފަދަ މާހައުލެއްގައި ހިނގާލަން ލިބުނު ދުވަހެއް ޝަރީފު ހަނދާނެއް ނެތެވެ. ދެކުދީންގޮވައިގެން އެފަދަ ތަނަކަށް ދާންވެއްޖެނަމަ، ޓެކްސީއެއްގައި ގޮސް، އާއިލީވަގުތު ހޭދަކުރަނީ މަންމައާއި ނުލައެވެ. ކުރީން، ވަރަށް ބޮޑު ކަމަކަށް އެކަންވިޔަސް ޝަރީފުއަށް މިހާރު އެކަންކަން ވަރިހަމައެވެ. ނިޝާނާއާއެކު ގެއިން ބޭރަށް ނިކުތުމަކީވެސް ޝަރީފު މިހާރު ބޭނުންވާ ކަމެއް ނޫނެވެ.
***

އޮފީހުގެ މަސައްކަތްތައް މިއަދަށް ކަނޑައެޅިފައިވާ މިންވަރަށް ކޮށްލުމަށްފަހު، ޔަނާލް ނިކުތީ ގެއަށް ދިއުމަށެވެ. ވަގުތަކީ ލިލިމަގާއި ޗާންދަނީމަގުގެ ކާރުބާރުބޮޑު ވަގުތެކެވެ. ދުއްވާއެއްޗެހީގެ ބުންޒީލައަޑުން ސަރަހައްދުގެ ހިތްގައިމުކަން ގެއްލިފައިވާތީ، ކޮންމެ މީހަކުވެސް، އެމީހެއްގެ މަންޒިލަށް އަވަހަށް ދެވޭނެ ގޮތެއް ބަލަމުން މަގުން، ޖާގަ ހޯދަނީއެވެ.

ގިނައިރެއްނުވެއެވެ. ޔަނާލްގެ ކުރިމަތީން ޝަރީފުގެ ސައިކަލަށްއެރި އަންހެންކުއްޖާ ޔަނާލްގެ ލޮލުގައި އަޅައިގަތެވެ. ތަކުރާރުކޮށް ފްރެންޑް ރިކުއެއްސްޓްލިބޭ އައިޑީއެއްގައި އެކުއްޖާގެ ފޮޓޯ އިނދެއެވެ. ވިސްނަމުންދިޔައީ ޝަރީފުގެ ސައިކަލަށް އެކުއްޖާ އަރަންޖެހުނު ގޮތަކާއިމެދުގައެވެ. އެއީ އާދައިގެ ގުޅުމެއްނޫންކަން އެމަންޒަރު ފެނުނު ކޮންމެ މީހަކަށްމެ ޔަގީންކުރެވޭނެއެވެ. ސިފަކުރެވުނީ، މިޔަރެއްގެ ބުރަކަށިމަތީގައި އައްޓަމަހެއް ތަތްކޮށްލާފައި އޮންނައޮތުމަށެވެ. ކިހިލިފަތްދަށުން އަތް ލެއްވިގޮތަށް ޝަރީފުގެ ގައިގައި ތަތްކޮށްލައިގެން އިނެވެ.

***
މުސްކާންގެ އެކުވެރިންނާއެކު ވާހަކަދައްކާލުމަށް ހުރިހައިކުދީން ތިބީ ލިލީގާޑްންގެ ޓެރަސްގައެވެ. އެކުދިންނަށް ޕިއްޒާއާއި ޖޫސް ގެނެސްދިނުމަށްފަހު މުރުޝިދާވެސް އެތަނުގައި އިރުކޮޅަކު މަޑުކޮށްލިއެވެ. ކިތަންމެ ބޮޑުވެފައި ހުއްޓަސް، މުސްކާންއަކީ އަދިވެސް މުރުޝިދާގެ އެންމެ ކުޑަ ދޫނިއެވެ. ވަށައިގެންވާ ރަޙްމަތްތެރިންނާއި އެކުދިންގެ އުޅުމާއި ބަސްމޮށުންތެރިކަން ހުންނަ ގޮތް ދެނެގަންނާން މުރުޝިދާ އަބަދުވެސް މަސައްކަތްކުރެއެވެ. ރަގަޅު އެކުވެރީން އިޚްތިޔާރުކުރުމަށް މުސްކާންއަށް މުރުޝިދާ އަބަދުވެސް ނަސޭހަތްތެރިވެއެވެ.

"ހުރިހައި ކުދީންވެސް އެންމެބޮޑަށް ސަމާލުކަންދޭންވާނީ ކިޔެވުމަށް.. ރަގަޅު މާކްސް ހޯދުމަކީ ތިޔަކުދިންގެ މައިންބަފައިން އެންމެ ބޮޑަށް އެދޭނެކަންތައް.. އެކަން ތިޔަކުދީން ފުރިހަމަކޮށްދޭންވާނެ" މުރުޝިދާ ވާހަކަދެއްކީ ނުހަނު ލޯތްބާއެކެއެވެ.
"މުސްކާން މާމަ ތިބުނީ ތެދެއް.. މަންމަގެ އަނގަ ހުއްޓާނުލާ މިހާރު! ކިޔެވުން، ކިޔެވުން، ކިޔެވުން.. އެނޫން އަޑެއް ނީވޭނެ މަންމަ ގޭގައި އުޅެންޏާ" ނިޔާޝާ ބުނެލީ ވަރަށް ފޯރީގައެވެ.
"ޔެސްސްސް! ތިބުނީ ހަމަތެދެއް.. ބޮލަށްވެސް އުނދަގޫވޭ.. ހިތައްއަރާ، މުސްކާން ހާދަހައި ނަސީބު ގަދައޭ! މަންމައެއް ނެތްކަން އެއީ ކިހައިބޮޑު ނަސީބެއްކަން މިހާރު އެންމެ ބޮޑަށް ރިއަލައިޒްވާނީ މުސްކާންއަށް" ވަރަށް ފޯރީގައި ޖީހާން ބުންޏެވެ. އިސްޖަހައިލުމުގެ ބަދަލުގައި ލުއި ހިނިތުންވުމަކާއެކު މުސްކާން ބަލައިލީ ޖީހާންއަށެވެ. އެހެން ހުރިހައިކުދީން ހަމަހިމޭންވިއެވެ. އެއްޗެކޭބުނަން މުސްކާން ތައްޔާރުވިއެވެ.

"ކޮންމެ ކުއްޖަކުވެސް އުފަންވަނީ މަންމައަކު މެދުވެރިވެގެން.. މުސްކާންގެވެސް މަންމައެއްހުރި
.. އެކަމަކު ނަސީބު ރަގަޅުކަމުން، ލިބުނީ ބައްޕައެއް.. މިހިތުގެ ލޯބި ބަހާކަށްވެސް ނުޖެހުނު.. މަންމައަށް ދޭންވީ ލޯތްބާއި ބައްޕައަށް ދޭންވީ ލޯބި، ﷲތަޢާލާ މެދުވެރިކުރެއްވީ މުސްކާންގެ އިމްތިޙާނެއްގެ ގޮތުގައި.. މަންމައަށް ދޭންވީ ލޯބިވެސް، ބައްޕައަށް ދޭންވީ ލޯބިވެސް ހަމަހަމައަށް މުސްކާން އަދާކުރަންޖެހުނީ އެންމެ ލޮބުވެތި ބައްޕައަށް.. ބައްޕައެއްގެ މާތް މަޤާމު މުސްކާންއަށްވުރެން ބޮޑަށް އިހުސާސްކުރެވޭނީ ކާކަށް؟ އިންޝާﷲ ދުވަހަކުވެސް މި ވާޖިބަށް ފަރުވާކުޑަނުކުރާނަން.. މި އިމްތިޙާނުގައިވެސް އެންމެ މަތީން، ނަތީޖާހޯދާނަން.." މުސްކާންގެ ލޮލުން ކަރުނައެއްވެސް ވިދާނުލިއެވެ. ކެތްކުރަމުންދިޔައީ އިންތިހާއަށެވެ. މުރުޝިދާއަށް ކެތްނުވިއެވެ. ދެއަތުން ދެ ލޯ ފޮހެލެވުނީ ނޭފަތްދަމައިލަމުންނެވެ.

"ޔާﷲ މިދަރިފުޅު ރައްކާތެރިކޮށްދެއްވާ، އެންމެހައި ނުބައިބެލުންތަކާއި ވަސްވާސްތަކުން މިއަޅާގެ ދަރިފުޅު މިންޖުކޮށްދެއްވާފާންދޭވެ!" މުރުޝިދާ ޙަމްދުއެޅުމާއެކު މުސްކާންއާއެކުތިބި ކުދީން 'އާމީން'ކިޔެވެ.

"އަބަދުވެސް ހަނދާންހުރޭ، އެންމެކުޑައިރުވެސް ބައްޕަ ބުނާނެ.. އެންމެ ގިނަގިނައިން ﷲ އިމްތިޙާނުކުރައްވާނީ އެކަލާންގެ އެންމެ ލޯބިވެވޮޑިގެންނަވާ އަޅުތަކުންނޭ..! ކޮންމެ ކަމަކަށް ކެތްތެރިވެ، ޝުކުރުވެރިވާންވާނެއޭ..! ހުރިހައިކުދީންނާއި ދިމާއަށް މުސްކާން ބަލައިލިއެވެ.
ޓީޗަރަކުވެސް ބުނެނުދޭވަރުގެ އަގުހުރި ފިލާވަޅެއް މުސްކާންގެ ފަރާތުން އެކުދިންނަށް މިއަދު ލިބިއްޖެއެވެ. ދެތިންކުއްޖަކު، ލޮލުން ކަރުނަވެސް ފޮހެލިއެވެ. މުސްކާންއާއި ގާތްވެލުމަށްފަހު، ވަރަށް ލޯބިން މުރުޝިދާ ބައްދައިލިއެވެ.
"ދަރިފުޅާ! މާމަ ފަޚުރުވެރިވަން ދަރިފުޅަށްޓަކައި" މާމަގެ އަޑުގައި ހުރި އަސަރުތައް ދެނެގަންނާން މުސްކާންއަށް ފަސޭހައެވެ.

ސިއްރުކުރި ރިހުމާއި، ހިފެހެއްޓިކަރުނައިގެ ބަރުކަން މުސްކާންގެ ދެކަކުލަށް ފޯރައިފިއެވެ. ފައިގައި ރިއްސާތީ، ގިނައިރު އެތަނުގައި އުޅެންފަސޭހަ ނޫންކަމަށް ބުންޏެވެ. އިރުއޮއްސޭ ވަގުތައްވާތީ، މުސްކާން އެދުނީ ހުރިހައިކުދިންވެސް ގެއަށްދިއުމަށެވެ. ހަގީގަތަކީ އެކަނިވެރިވެލުމަށް ވަގުތުކޮޅެއްގެ މުހިއްމުކަން މުސްކާންއަށް ބޮޑުވީއެވެ.

***
ގެއަށްއާދެވުމާއެކު ޔަނާލްގެ މަސައްކަތްފެށިއެވެ. ޝަރީފްއާއެކު މިއަދު ފެނުނު އަންހެންކުއްޖާގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތެވެ. ދާދިފަހަކުންވެސް އެކުއްޖާގެ ފޮޓޯލާފައިން އައިޑީއަކުން ރިކުއެސްޓް ލިބިފައިވާތީ އެކަންކުރާން މާ އުނދަގުލެއް ނުވިއެވެ.

ވަގުތުން ރަޙްމަތްތެތިކަން ގަބޫލުކޮށްފިއެވެ. ފަރުވާތެރިކަމާއެކު ބަލަމުންދިޔައެވެ. ނަމަކަށް ޖަހާފައިވަނީ އެންޖެލްއެވެ. ލިބެން އޮތް ހުރިހައި ތަފްޞީލެއް ހޯދިއެވެ. ކައިވެންޏެއްކޮށްފައި ނުވާކަމަށް ހާމަކޮށްފައި އެބައޮތެވެ. ނަރުހެއްކަމާއި އައިޖީއެމްއެޗްގައި މަސައްކަތްކުރިކަމަށްވެސް އޮތެވެ. ނަމަވެސް އެއީ ރާއްޖެތެރޭ ކުއްޖެއްކަމެއް ނުވަތަ މާލެ ކުއްޖެއްކަމެއް އެނގޭކަށް ނެތެވެ. ހަތަރުސަތޭކައަށްވުރެން ގިނަ ރަޙްމަތްތެރީން އޭނާގެ ތިއްބެވެ. އެ އެންމެންގެ ތަފްސީލްތަކާއެކު ކުރިއަށްދިއުމަކީ ޔަނާލްއަށް ފަސޭހަކަމަކަށް ނުވާނެތީ، ކުރީގެ ޕޯސްޓްތައް ބަލަންފެށިއެވެ.

ފާހަގަކުރެވެމުންދިޔައީ ފޮޓޯތަކަށް އެކިގޮތްގޮތަށް ހުއްޓުމާއި، ބަނޑިބަނޑި ލައްވަން އެންޖެލް ޝައުގުވެރިވެފައިވާ ވަރެވެ. ޔަނާލްގެ ޝައުގުވެރިކަން އަތުލީ، ނިވާކަންކުޑަ ހެދުމެއްގައި އެންޖެލް ހުރި ފޮޓޯއަކަށް މީހަކު ކޮށްފައިވާ ކޮމެންޓެކެވެ. ލިޔެފައިވެއެވެ. 'ލާމު އަތޮޅުކުދީން ހަމަ އަސަރުގަދައީ..' ޔަނާލްގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. މަޣްރިބް ނަމާދަށް ގޮވީ އެވަގުތުއެވެ.

***
ނަމާދުން އަވަދިވުމާއެކު މުސައްލަ ދުރައްޖައްސާލިއެވެ. ވަރަށް މަޑުމަޑުން ހިނގާލާފައި ގޮސް، މުސްކާން ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އެސްފިޔައެއްވެސް ޖަހައިނުލައި ބަލަމުންދިޔައީ އަމިއްލަ ސޫރައަށެވެ. އަތް އުފުލައިލުމަށްފަހު އިނގިލިތަކަށްވެސް ވަކިވަކީން ބަލައިލިއެވެ. ހަމައެވަގުތު، ދެތުންފަތް ތުރުތުރުއަޅުވާލާފައި ކޯތާފަތް ތެންމާލައިފިއެވެ. ގިސްލުމުގެ މަޑުމަޑު އަޑެއްނޫނީ ދެތުންފަތު ދޭތެރެއިން އިއްވާނުލައެވެ. އަޑުގަދަކޮށް ރޯލަން މިވަގުތު ބޭނުންނުވާތީއެވެ.

"ބައްޕަގެ ދެއަތްތިލައާއި އިނގިލިތައް ދުވަހަކުވެސް ފެނިފައިހުރި މީހަކަށް މިއަތްތިލައާއި އިނގިލިތައް ފާހަގަކުރާން އެނގޭނެ.. ނިޔަފައްޗަކީވެސް ބައްޕަގެ ނިޔަފަތީގެ ނަކަލެއް.. ބަލާބަލަ މިހިރަ މޫނުގެ ބައްޓަން! ބަލާބަލަ މިހިރަ ނިއްކުރިއެއް! މިހިރަ ނޭފަތެއް ބަލާބަލަ .." ކޮންމެ ގުނަވަނެއްގައި އަތްލާފައި މީހަކަށް ދައްކާފަދަ ގޮތަކަށް މުސްކާން ބުނެލައެވެ. ދެލޯ ރަތްވެ، މޫނުވެސް މަޑުފިޔާތޮށިކުލައަކަށް ބަދަލުވެއްޖެއެވެ. ނަމަވެސް މުސްކާންގެ ޝަކުވާގެ ރާގަށް ބަދަލެއް ނައެވެ.

"މިއީ ބައްޕަގެ ދަރިއެއް.. މިއީ ހަމައެކަނި މުސްކާން ބައްޕަގެ ދަރިއެއް.. ދެން މުސްކާންގެ ހުންނާނީ މާމައާއި ކާފަ! އެއީ މުސްކާންގެ ދުނިޔެއަކީ.." މިފަހަރު މާބޮޑަށް ރޮވިއްޖެއެވެ.

ކުޑަހިނދުކޮޅެއްގެތެރޭގައި ހަމަހިމޭންވިއެވެ. ވަރަށް ޝައުގުވެރިކަމާއެކު ލޯގަނޑަށް ބަލައިލިއެވެ. ގުދުވެލާފައިވެސް ބަލައިލިއެވެ. ދެފަހަރަކު، ލޯގަނޑައި ގާތްވެލާފައި ދުރުވެލާފައި ކަހަލަގޮތަކަށް ހަރަކާތްކޮށްލިއެވެ. ދެ ލޯ ބޮޑުކޮށްލުމަށްފަހު، ކަޅި އެކިކޮޅުކޮޅަށް ހިނގައިލިއެވެ. އެސްފިޔަތައް ހުއްޓުވާލާފައިވުމުން، ބިރުވެރިގޮތެއް މުސްކާންގެ މޫނުން ސިފަވިއެވެ. ތުންފަތުގައި އަތް ޖައްސައިލުމަށްފަހު، މަޑުމަޑުން ފިރުމާލިއެވެ. ހަމަހިމޭންކަން ވަށާލާފައިވާކަން މުސްކާންއަށް އިހުސާސްވިއެވެ. ޑްރެސިންގ ޓޭބަލްމަތީން ޓިޝޫނެގުމަށްފަހު، މޫނު ސާފުކޮށްލިއެވެ. ރުއިމުގެ އަސަރެއް އެހެންމީހަކަށް ފާހަގަނުކުރެވޭނެކަމަށް މުސްކާންއަށް ހީވިއެވެ. ނަމަވެސް ލޮލުގެ ރަތްކަމެއް ނުފިލުވުނެވެ. ތަކުރާރުކޮށް އެސްފިޔައާއި ބުމައިގައި އިނގިލި ބީއްސާލުމަށްފަހު، މުސްކާން ނިކުތީ ކޮޓަރީން ބޭރަށެވެ.
***
"އަހަރެން ދެން މިދަނީ ގެއަށް.. މިރޭ ދެން އާދެވޭނީ ތަންކޮޅެއް ދަންކޮށްލާފައި.. ދަރިން ނިންދަވާފައި، އެކުދިންގެ ފޮތްތައްވެސް ނަގާފައި އަންނާނީ، އޭރުން ދާގޮތަށްގޮސް ނިދަން އޮށޯވެވޭނީ" އާދަވެގެން ޝަރީފު ކުރާ ބައެއްކަންކަމުގެ ވާހަކައިން ޚުލާސާކޮށްލުމަށްފަހު، ޝަރީފު ބޭނުންވީ ގެއަށް ދާށެވެ.

"އޯކޭ ލަވް! އިންތިޒާރުކުރާނަން.." ޝެނީންގެ ލޯބިވެރިޔާ މިރޭ އަދި އަންނާނެކަން އެނގޭތީ އޭނާ އެހުރީ ވަރަށް އުފަލުންނެވެ.

***
ކޮޓަރީގެ ދޮރުހުޅުވިއަޑަށް ޔަނާލް ދިޔައީ ސިއްސައިގެންނެވެ. މުސްކާން ފެނުމާއެކު ލެޕްޓޮޕް ލައްޕާލިއެވެ. އަންހެންކުއްޖެއްގެ ޕްރޮފައިލް ހާވަނިކޮށް ފެނިއްޖެނަމަ ގިނަ ސުވާލުތަކެއް ކުރާނެކަން ޔަނާލްއަށް ޔަގީނެވެ. މުސްކާންގެ ސީރިއަސް މޫނުގެ، ކުލަވަރު ޔަނާލްއަށް ކަމަކު ނުދިޔައެވެ.

"ބައްޕަގެ ދޫނި، ކިހިނެއްވީ؟" ސުވާލުކޮށްނިމުނު އިރު މުސްކާން އޮތީ ޔަނާލްގެ ކޮނޑުގައި ބައްދައިގެންނެވެ.
"ޔޫ އާރ ހާރޓް! ވަޓްސް ރޯންގް މައި ލަވް؟" ޔަނާލްއަށް ވަރަށް ކަންތައްބޮޑުވިއެވެ. ހިތްދަތި އަޑަކުން މުސްކާން ރޯލިއެވެ.
"ޕްލީޒް ދޫނީ.. ދަރިފުޅު ރޮންޏާއި ބައްޕަގެ ހިތް ފުނޑުފުނޑުވެދާނެ.. ކިހިނެއްވީ؟ ބައްޕައާއި ވާހަކަދައްކާލަން އިށީންދެބަލަ؟" ބުރަކަށީގައި ފިރުމާލަމުން ޔަނާލް ބުންޏެވެ.
"ބުނެބަލަ ބައްޕާ!" މުސްކާންގެ ބުނެލުމާއެކު ޔަނާލްގެ ދެފައި ފިނިވިއެވެ. ދެލޯ މަރާލާފައި ހިންދިރުވާލިއެވެ. ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރިއެވެ.
"ކޮބާ މަންމަ؟ ނިޔާވެފައިތަ؟ ނޫނީ ދިރިހުރިތަ؟" ވަރަށް ބާރަށް ބައްދާލާފައި މުސްކާން ސުވާލުކުރިއެވެ.



--ނުނިމޭ--
ހިޔާލު

ޝާއި

މި ވާހަކައިގައި ބޭނުންކޮށްފައިވާ ޔަނާލްގެ ނަމުން ބައެއް ފަހަރު ހީވޭ އެއީ އަންހެން ކުއްޖެކޭ..ވާހަކަ ކިޔައިލީމާ އެނގެނީ އެއީ އަންހެންކުއްޖެއްގެ ބައްޕަކަން..ވަރަށް ކޮންފިއުސް ވޭ އެނަން ބޭނުންކޮށްފައި އިންނާތީވެ..

މުނާ

ޑައިލޮގް ތައް ތަންކޮޅެއް ރިއަލް ކޮށްލަބަލަ

ދިޔެ

ހެޔޮނުވާނެ ޔަނާލް އެވަރު ބުނެދީބަލަ އެކުއްޖާއަށް😢