Siyaasee gothun Qasim akee ''Marketing tool'' eh!
image
ގާސިމް އިބްރާހީމް--ފޮޓޯ: ނިޝާން އަލީ/މިހާރު
3 ކޮމެންޓް
 

ސިޔާސީ ގޮތުން ގާސިމަކީ "މާކެޓިން ޓޫލެއް"!

ދިވެހިރާއްޖޭގައި އެންމެ ނުފޫޒުގަދަ އެއް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަހުޖަނު ގާސިމް އިބްރާހީމެވެ.
އެމަނިކުފާނަކީ ކުރަން ބޭނުންވާ ގިނަ ކަންތައްތައް ކުރަމުންދާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. އެގޮތުން ގާސިމަކީ ރާއްޖޭގައި އިސްލާހީ ހަރަކާތް ފެށިގެންއައިއިރު، އަދި އެމްޑީޕީ އުފެއްދުމުގައި ވެސް އުޅުއްވި ބޭފުޅެކެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި އެވެ. އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި އެވެ. ދިވެހި ފައިސާގައި ސޮއި ކޮށްލުމުގެ ޝަރަފު ލިބިލެއްވި މަދު ބޭފުޅުންގެ ތެރޭގައި ވެސް ގާސިމް ހިމެނެ އެވެ. ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި އެވެ. އަދި މިހާރު އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ.

ގާސިމް އަބަދުވެސް ދެކެމުން އަންނަ ހުވަފެންތަކުން ހަގީގަތަކަށް ނުވެއޮތީ ރައީސުލްޖުމްޖުމްހޫރިއްޔާގެ މަގާމު ކަމަށް ވެދާނެ އެވެ. އެ މަގާމަށް ވަޑައިގެންނެވުމަށް 2008 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ މަސައްކަތް އަދި ހަމަ ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ގާސިމަކީ ސިޔާސީ ގޮތުން "ކާމެޓިން ޓޫލެއް" ކަމަށް ބުނާ ސަބަބަކީ މިއީ އެވެ. ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ގާސިމް އަބަދުވެސް ވާދަކުރައްވަނީ އެމަނިކުފާނު އެ ދާއިރާއަކަށް ނިސްބަތްވާ މާމިގިލި ދާއިރާ އަށެވެ. މާމިގިއްޔަށާއި އެ ދާއިރާގެ ރަށްތަކުގެ ތަރައްގީއަށް ގާސިމް ގިނަ ކަންތައްތަކެއް ކޮށްދެއްވާކަމަށް ވެއެވެ. އެކަންވާނީވެސް އެހެންތާ އެވެ. ގާސިމަކީ ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން ގާސިމް ބޭނުންވެލެއްވުމާއެކު އިސާހިތަކުން ޖުމްހޫރީ ޕާޓީގެ ނަމުގައި ވަރުގަދަ ސިޔާސީ ޕާޓީއެއް އުފައްދައިފި އެވެ. ޕާޓީއަށް މެމްބަރުން އިތުރުކުރަން ބޭނުންވެއްޖެނަމަ އެކަންވެސް އިސާހިތަކުން ކޮށްލަ އެވެ. ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުކޮށްލަން ބޭނުންވެލާއިރަށް އެކަން ވެސް ގާސިމަށް އުނދަގޫ ކަމަކަށް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ގިނަ ބަޔަކު ގާސިމްގެ އެހީތެރިކަމަށް އެދޭ ކަމަށް ވެއެވެ. ޖުމްހޫރީ ޕާޓީ ވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެންމެ ގިނައިން ވަދެ، ނިކުމެ އުޅޭ ޕާޓީ އަށެވެ. އަދި ސިޔާސީ ހިމާޔަތް ހޯދަން ބައެއް ސިޔާސީ ބޭފުޅުން ވަންނަ ޕާޓީއަކަށް ވެސް ޖުމްހޫރީ ޕާޓީ ވެއްޖެ އެވެ.

ދެން އޮތީ ވެރިކަމެވެ. ވެރިކަމަށް މީހަކުން ގެންނަން ބޭނުންވެއްޖެ ހިނދެގައި މިހާތަނަށް ގާސިމް ފެއިލް ވެފައެއް ނުވެއެވެ. ގާސިމް ފެއިލް ވަނީ އެންމެ ހިސާބަކުން ނެވެ. އެއީ ރިޔާސީ އިންތިހާބުތަކުގެ ފުރަތަމަ ބުރުން ނެވެ. ގާސިމަކީ ވެރިކަމަށް ގެންނަން ރައްޔިތުން އެހާ ކަމުދާ ބޭފުޅަކަށް ނުވެއެވެ. އެކަމަކު 2008 ވަނަ އަހަރުން ފެށިގެން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ފުރަތަމަ ބުރުން ގާސިމް ފެއިލް ވުމުން، ދެވަނަ ޗޮއިސްއެއް އަބަދުވެސް ހޯދަން ޖެހެއެވެ. ރާއްޖޭގެ ވެރިކަމަށް ގާސިމް މީހަކު ދައްކައިފިނަމަ، މިހާތަނަށް އެބޭފުޅަކު ވަނީ ރާއްޖޭގެ ވެރިކަން ކުރައްވާފަ އެވެ.

އެހެންކަމުން ވެރިކަމަށް ކުރިމަތި ލައްވާ ބޭފުޅުނަށް ގާސިމްގެ އެހީ އަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެމީހަކު ގޮވައިގެން ގާސިމް ނިކުންނަވައިފި ނަމަ ކާމިޔާބު ވާނެ އެވެ. މިހާތަނަށް އޮތީ ކާމިޔާބު ވެފަ އެވެ.

އެކަމަކު ގާސިމް ވެރިކަމަށް ކުރިމަތި ލައިފިނަމަ ރައްޔިތުން ނޫނެކޭ ބުނަނީ ކޮންމެވެސް ސަބަބެއް އޮވެގެންތާ އެވެ. އެންމެ ފުރަތަމަ ގާސިމް ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވީ 2008ގަ އެވެ. އެއަހަރު ލިބިލެއްވީ 27,056 ވޯޓެވެ. ޖެހިގެން އައި 2013 ވަނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުން ލިބިލެއްވީ 50،422 ވޯޓެވެ. ނަމަވެސް އެވޯޓާމެދު ހިތްހަމަ ނުޖެހިގެން އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމުން، ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމަށް އަމުރުކުރުމުން ބޭއްވި އިންތިހާބުން ލިބިލެއްވީ 48،131 ވޯޓެވެ. ރާއްޖޭގައި ރިޔާސީ އިންތިހާބެއް ކާމިޔާބުވާނީ ލައްކައަކަށްވުރެ ގިނަ ވޯޓު ލިބިގެންނެވެ.

މިދިއަ އަހަރު ރިޔާސީ އިންތިހާބަށް ތައްޔާރު ވަމުންދިޔައިރު، ސަރުކާރު ހިންގަން ހުންނެވި ރައީސް ޔާމީން ފިޔަވާ ރައީސް ކަމަށް ކުރިމަތި ލައްވާނެ ސިޔާސީ ލީޑަރެއް ނެތެވެ. އިދިކޮޅު އެންމެން ތިބީ ޖަލަށްލާފަ އެވެ. އޭގެ ތެރޭގައި ގާސިމް ވެސް ހިމެނެއެވެ. އެހެންކަމުން މިދިއަ ރިޔާސީ އިންތިހާބަކީ ވަރަށް ފަސޭހައިން އެއް ބުރުން މިނިގެންދިޔަ ރިޔާސީ އިންތިހާބަކަށް ވެގެންދިޔަ އެވެ. ރައީސް ޔާމީނާއި ވާދަ ކުރެއްވީ އޭރު ޖަލުގައި ތިއްބެތި ސިޔާސީ ލީޑަރުންނަށް ވުރެ، މިދަނޑިވަޅުގައި ރާއްޖޭގެ ވެރިކަމަށް ގެންނަވަން އެންމެ އެކަށޭނެ ބޭފުޅާ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ "ވެއްޓޭ ފާހަގަ" ގެ އަވާގައިޖެހި ތިއްބައި ބޮޑު ތަނުން ރައީސް ޔާމީން ބަލިކުރައްވާފަ އެވެ.

ގާސިމް އެވެ. މަޖިލިސް މެމްބަރުންނަށް "އެއްޗެއް ދިއްކޮށްލައިގެން" ޕާޓީ ބަދަލު ކުރެވުނަސް، އަދި ތިމާ ބޭނުންވާ ގޮތްގޮތަށް މަޖިލިސް ހިންގާލެވެން އޮތަސް، ސިޔާސީ ގޮތުން އަދި ފައިސާ ތިމާގެ އަތުގައި ކިތަންމެ ބައިވަރު އޮތަސް، ތިމާއަށް ވެސް ނުވާނެ ކަންކަން ހުރެދާނެ ތާއެވެ.

ފެންނަ ހުވަފެން ހަގީގަތަކަށް ހަދަން މުޅި ގައުމު "ފުނޑާލުމަކީ"، ތިމާވެސް "ފުނޑިގެން ހިނގައިދާނެ" ކަމެއް ކަމަށް ގަބޫލު ކުރަންވާނެ އެވެ.
ހިޔާލު

ކަންއޮތްގޮތް

ސިޔާސީގޮތުން ޤާސިމަކީ އެއްވެސް ބުރަދަނެއްހުރިމީހެކޭ ބުނެވޭކަށެއްނެތެވެ. އެންމެގާތްކުރަނީ ތިބުނާފަދަ ހަތިޔާރަކާއިއެވެ. ސިޔާސީކަންތަކުގައި މިހާތަނަށް ފެނިފައިވާގޮތުގައި ޤާސިމަކީ، އަމިއްލައަށް ވެގަނެގެންގޮސް ޅޮސްއުނދޯލިހަދައި، އެޔަށްއަރައި، އެހެއްލައި، އަމިއްލައަށްވެއްޓޭމީހެކޯބުނާނެ ޖާގައެބައޮތެވެ! ސިޔާސީ ހަދުދަނާކަމެއް، އޮއްޓަރެއް، ފިކުރެއް ޤާސިމްގެނެތެވެ. ފެންނަނީ ޚުދުމުޚުތާރުކަމެވެ. އަމިއްލައެދުމެވެ. ވިސްނުންތެރިކަމަށްވުރެ އަމިއްލައެދުން އިސްކުރުމެވެ.

މަ މީ މާމިގިލި

ބުނެބަލަ މާމިގިލި ރާއްޔިތުންގެ ފައިދާއަށް ކޮށްދިން ކަމެއް. މަސްޖިދުއް ރާބިޔާ, ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލް, މަގުހެދުން ބޭންކް މިހުރިހާ ކަމަކަށްވެސް ވީ ތޮޅިޔަށް. އިންތިހާބަށް ތ އަހަރުން 5 އަހަރުން އެއަރޕޯޓް ރަންވޭ ކަޑަބަރި ޖަހާ. ގޮސް ފެންފުއްޓަށް ދާހިސާބަށް ރަންވޭގެ ކޮޅު.

މަ މީ މާމިގިލި

ބުނެބަލަ މާމިގިލި ރާއްޔިތުންގެ ފައިދާއަށް ކޮށްދިން ކަމެއް. މަސްޖިދުއް ރާބިޔާ, ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލް, މަގުހެދުން ބޭންކް މިހުރިހާ ކަމަކަށްވެސް ވީ ތޮޅިޔަށް. އިންތިހާބަށް ތ އަހަރުން 5 އަހަރުން އެއަރޕޯޓް ރަންވޭ ކަޑަބަރި ޖަހާ. ގޮސް ފެންފުއްޓަށް ދާހިސާބަށް ރަންވޭގެ ކޮޅު.