Saeedh ge suspension ah eh mas ithurukohffi
image
ސަސްޕެންޑް ކުރި ޕީއެސް ސައީދު (ކ) ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ސީއެސްސީގެ ރައީސް ޑރ. ޝަމީމް އާ އެކު.-- ފޮޓޯ: އެޑިއުކޭޝަން
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

ސައީދުގެ ސަސްޕެންޝަނަށް އެއް މަސް އިތުރުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތަށް އެއް މަސް ދުވަސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިތުރުކޮށްފި އެވެ.
ސައީދު އެންމެ ފުރަތަމަ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ސީއެސްސީ ގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާޅުވީ، ސައީދުގެ ސަސްޕެންޝަން އަށް އެއް މަސް އިތުރު ކުރީ މައްސަލަ އަދިވެސް ބަލަމުން ދާތީ ކަމަށެވެ.

"އަދިވެސް އިންވެސްޓިގޭޝަން ކުރަމުންދާތީ އެއް މަސް އިތުރު ކުރީ،" ޒުހުރީ ވިދާޅުވިއެވެ.

ސައީދު ސަސްޕެންޑް ކުރީ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ލިބޭ ގޮތެއް ނުވެއެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ސައީދު، އެޑިއުކޭޝަނުގެ ޕީއެސް އަކަށް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލްގެ މަގާމުގަ އެވެ.

ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ މިނިސްޓްރީއެއްގައި ވެސް ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް ވެރިޔާ އެވެ. ކުރީގެ ސަރުކާރުން 2016 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި ވަނީ ސިވިލް ސާވިސް ގާނޫނަށް ބަދަލު ގެނެސް ސީއެސްސީން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރަންޖެހޭނީ އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާގެ މަތިން ކަމަށް ބުނެފައި ވެއެވެ.
ހިޔާލު