Alia eyna ge bappa aaeku masaikaiykuran biruganey
image
އާލިއާ ބަޓް--
0 ކޮމެންޓް
 

އާލިއާ އޭނާގެ ބައްޕައާއެކު މަސައްކަތްކުރަން ބިރުގަނޭ

ބޮލީވުޑުގައި އަރަމުން އަންނަ ބަތަލާ އާލިއާ ބަޓް، އޭނާގެ ބައްޕަ އަދި ޑައިރެކްޓަރު މަހޭޝް ބަޓްއާއެކު މަަސައްކަތް ކުރަން ވަރަށް ބިރުގަންނަ ކަމަށް އާލިއާ ބުނެފިއެވެ.
އާލިއާ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސަދަކް 2" އަކަށެވެ. އެއީ މަހޭޝް ޑައިރެކްޓު ކުރާ ފިލްމެކެވެ.

ބައްޕައާއެކު ފުރަތަމަ ފަހަރަށް މަސައްކަތް ކުރަން ޖެހޭތީ ވަރަށް ޖެހިލުންވެފައި ހުރި އާލިއާ ބުނީ، ބައްޕަ ޑައިރެކްޓުކުރާ ފިލްމެއްގައި މަސައްކަތް ކުރަން ބިރުގަންނަ ކަމަށެވެ. އެއީ ފިލްމުގެ ސެޓުގެ ތެރޭގައި އޭނާ ކުރާ ކޮންމެ ކަމަކަށް ބައްޕަގެ ނަޒަރު ހުންނާނެތީ ކަމަށް އާލިއާ ބުނެއެވެ.

އުމުރުން 25 އަހަރުގެ އާލިއާ މިހާރު އަންނަނީ އަބީޝޭކް ވާމަންގެ ކުރިއަށް އޮތް ފިލްމު "ކަލަން"ގެ ޝޫޓިންތަކުގައި އަވަދިނެތިއެވެ. އެކަމަކު އެ ފިލްމުގެ ޝޫޓިންތައް ނިމުމާއެކު ބައްޕައާއެކު މަސައްކަތް ކުރާ ފިލްމުގެ ޝޫޓިންތައް ފަށާނެއެވެ. ސަދަކް 2 އަކީ ވެސް މިއަހަރުގެ ތެރޭގައި ނެރެން ނިންމާފައިވާ ފިލްމެކެވެ.

ސަދަކް 2 އަކީ 1991 ވަނަ އަހަރު ނެރުނު ހިޓު ފިލްމު "ސަދަކް" ގެ ދެވަނަ ބައެވެ. އެފިލްމުގެ ދެވަނަ ބައިގާ އާލިއާއާއެކު ލީޑުން ފެނިގެންދާނީ ޕޫޖާ ބަޓް އާއި ސަންޖޭ ދަތު އަދި އަދިތްޔާ ރޯއީ ކަޕޫރެވެ.

އާލިއާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ނެރުނު ފިލްމު "ގަލީ ބޯއީ" އިންނެވެ. އެފިލްމަށް ބޮކްސް އޮފީހުގައި ވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
ހިޔާލު