Thimaa ah nafaa libey hisaabun gaumee maslahathu "kafun" kohlaa dhivehin!
image
މަޖިލިސްގެ ޖަލްސާއެއް ހިނގަމުންދަނީ: ތަރުބިއްޔަތުކުރުމުގައި ނަމޫނާ ދައްކަންޖެހޭ-- ފޮޓޯ: މަޖިލިސް އިދާރާ
ރުގިއްޔާ ހުސައިން
1 ކޮމެންޓް
 

ތިމާއަށް ނަފާ ލިބޭ ހިސާބުން ގައުމީ މަސްލަހަތު "ކަފުން" ކޮށްލާ ދިވެހިން!

އަމިއްލަ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކުރުމަކީ ޖަމާއަތަށާއި ޤައުމަށް އެންމެ ފައިދާ ހުރިގޮތް ކަމަށް ކޮންމެ ބޭފުލަކުވެސް ވިދާޅުވެއެވެ. ކޮންމެ ބޭފުޅަކުވެސް އެދެމުން ދަނީ ލިބެން އޮތް މަންފާ އަކަށް ނުބަލާ ކޮންމެ ކަމެއްގާވެސް ކޮންމެ ބޭފުލަކުވެސް ޤައުމުގެ މަސްލަހަތު ނުވަތަ އަނެކުންގެ މަސްލަހަތު އިސްކުރުމަށެވެ. މިހެން ވިދާޅުވާ ބޭފުޅުން އެވިދާޅުވާ އަޑު އިވޭ އިރު ހިތަށް އަރަނީ އެއީ ވަރަށް ބޮޑަށް ޤައުމު ދެކެލޯބިވާ ބޭފުޅެއް ކަމަށެވެ. މިހެން ވިދާޅުވާ ބޭފުޅުން އެވިދާޅުވާ އަޑު އިވޭއިރު އެބޭފުޅުންނަކީ އެއްގޮތަކަށްވެސް ޤައުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރާނެ ބޭފުޅުންނެކޭ ހިތަށްވެސް ނާރާނެއެވެ.
ނަމަވެސް އަމިއްލަ މަސްލަހަތަކީ ނުވަތަ ޤައުމީ މަސްލަހަތަކީ ކޮބައިކަން އެނގި ވަޑައިގަންނަވަނީ ކިތައްބޭފުޅުންނަށްތޯ މިހާރު ސުވާލު އުފެދެއެވެ. ސުވާލު އުފައްދަންވެސް ޖެހެއެވެ. ސުވާލު ކުރަންވެސް ޖެހޭކަމަށް އަޅުގަނޑަށް ހީވެއެވެ. ސަބަބަކީ ކޮބައިތޯ އެވެ. ސަބަބުތައް ވަރަށް ބައިވަރެވެ. މުޖުތަމައުން ފެންނަމުންދާ ކޮންމެ މަންޒަރަކުން މިފަދަ އެތައް ސުވާލެއް ހިތައް އަރައެވެ. ދިވެހިންނަކީ މުސްލިމުންނެވެ. ރިވެތި އަޚުލާގެއްގެ ވެރިބައެކެވެ. އެކަކު އަނެކަކަށް އަޅާލާ އޯގާތެރި ބައެކެވެ. ރަހުމު ކުރާ ބައެކެވެ. ހަމްދަރުދީ ވާ ބައެކެވެ. ތިމާޔަށް ވުރެ އުމުރުން ދޮށީ މީހުންނަށް އިޙްތިރާމް ކުރާ ބައެކެވެ. ކުޑަކުދިންނަށް އޯގާތެރި ބައެކެވެ.

ޒަމާނީ ތައުލީމާއި އިގްތިޞާދީ ތަރައްޤީ އާއި އެކު އެހެނިހެން މުޖުތަމައުތަކުގެ މީސްތަކުން އަންނަނީ ހޭލުންތެރި ވަމުން ނެވެ. ތަހުޒީބު ވަމުންނެވެ. އެފަދަ މުޖުތަމައުތަކުން ފެނިގެންދަނީ އެމީހުން އެމީހުންގެ އުމުރުން ކިތައްމެ ދޮށީވިޔަސް، އެމީހުންގެ މައިންބަފައިންނަށް ވުރެ ކިތައްމެ މޮޅަށް ކިޔަވައިގެން ތިއްބަސް، ކިތަންމެ މޮޅު ފާހެއް ނަގައިގެން ހުއްޓަސް، އެމީހުންގެ މައިންބަފައިންގެ ކޮންމެ އަމުރަކަށްވެސް ކިޔަމަންވާ މަންޒަރެވެ. ބޮޑެތިމީހުންނަށް އިހްތިރާމް ކުރާ މަންޒަރެވެ. އާއިލާގެ އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާ މަންޒަރެވެ. ރަހުމު ކުރާ މަންޒަރެވެ. ކުޑަކުދިންނަށް އޯގާތެރިވާ މަންޒަރެވެ. އަވަށްޓެރިންނަށް އެހީތެރިވާ އަޅާލާ އެހީތެރިވާ މަންޒަރެވެ. އެމީހުންގެ އެމީހުންގެ ގޮތްތައް ދަމަހައްޓަމުންދާ މަންޒަރެވެ.

ދިވެހި މުޖުތަމައަކީވެސް މިއަދު ތައުލީމީ މީހުން ގިނަ މުޖުތަމައެކެވެ. ހޭލުންތެރި މުޖުތަމައެކެވެ. އާބާދީގެ 98 އިންސައްތަ އަކީ ލިޔަންކިޔަން އެނގޭ މީހުންނެވެ. އާބާދީގެ ބޮޑު އިންސައްތައަކީ މިއަދު ވެސް ކޮންމެވެސް ޔުނިވަސިޓީއަކުން ނުވަތަ ކޮލެޖަކުން ނުވަތަ ކޮންމެވެސް ތަނަކުން ކޮންމެވެސް އިލްމެއް އުނގެނެމުންދާ ބައެކެވެ. އެއީ ކިތަންމެ އުމުރުން ދޮށިވީކަމުގައިވިއަސް މެއެވެ. އުމުރުން ވަރަށް ދޮށީ މީހުންވެސް މިއަދު ކޮންމެވެސް ކުލާހަކަށް ދާނެއެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ މިފަދަ އިލުމީ މީހުން ގިނަ އިލުމަށް ލޯބިކުރާ މީހުން ގިނަ މުޖުތަމައަކުން ފެންނަމުން މިދާ މަންޒަރަކީ ހަމަ ހަގީގަތުގައިވެސް ހޭލުންތެރި މުޖުތަމައަކުން ފެންނާނެ މަންޒަރެއްތޯއެވެ. ކޮންމެ މީހަކުވެސް އަތް ދިއްކުރަނީ އަނެކާ އަށެވެ. ތުހުމަތު ކުރަނީ އަނެކާ އަށެވެ. ނުބައި މީސް ކުރަނީ އަނެކާ އެވެ. ކުށްވެރި ކުރަނީ އަނެކާ އެވެ. ހައްތަހާވެސް ފެންނަނީ އަނެއް މީހާގެ ކުށެވެ. އެކަކަށްވެސް ތިމާގެ ކުށެއް ނުފެނެއެވެ. އެހެންނަަމަވެސް ކޮންމެ މީހަކުވެސް އަނެކާގެ ކަންތަކާ މެދު ނުވިސްނާ ތިމާގެ ކަންތައްތަކާއި މެދު ވިސްނާނަމަ މުޖުތަމައު އޮންނާނީ އިސްލާހު ވެފައި ނޫންތޯއެވެ.

އިސްލާހު ވާންޖެހެނީވެސް އެހެންމީހުންނެވެ. ޤާނޫނު ތަކާއި ޤަވާއިދު ތަކަށް ކިޔަމަންތެރި ވާންޖެހެނީވެސް އެހެންމީހުންނެވެ. ގަވާއިދާއި އެއްގޮތަށް އުޅެންޖެހެނީވެސް އެހެން މީހުންގެ ދަރިންނެވެ. ތިމާޔާއި ތިމާގެ ދަރިންނާއި ތިމާޔަށް ވާގިވެރިވާ މީހުން ގާނޫނަކަށް ޤަވާއިދަކަށް ނުބެލިއަސް އެއީ މާބޮޑު ކަމަކަށް ނުވާނެއެވެ. އަދި ކިއެއްތަ މިފަދަ މީހަކު މައްސަލައެއްގައި ބެދިއްޖެނަމަވެސް ވީ ގޮތަކުން އޭނާ ސަލަމަތް ކޮށްދޭނެއެވެ. ކުށްވެރިވެފަ އަދަބު ލިބިފައި އޮންނަން ޖެހެނީ އެއްކަލަ އާރެއް ބާރެއް ނެތް ނިކަމެތި މީހާ އެވެ. ނިކަމެތި މީހާގެ ދަރިއެވެ. މުންސަނދި ބާރު ހުރި މީހެއްގެ ދަރިއެއް ކުށްވެރިއެއްވެސް ނުވާނެއެވެ. މިފަދަ ކަންކަމުން ގެއްލިގެން ދަނީ މުޖުތަމައުގެ މަސްލަހަތު ނޫންތޯ އެވެ. އެކަމަމު ކޮންމެ ބޭފުޅަކުވެސް އަޑަށް ބާރު ލައްވާފަ ޤައުމަށް އެންމެ މަސްލަހަތު ހުރި ގޮތަށް މުޖުތަމައަށް އެންމެ ފައިދާ ހުރި ގޮތަށް ކޮންމެ ބޭފުޅަކުވެސް ކަންތައްތައް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވާނެއެވެ.

އަޅުގަނޑަށް ބާރެއް ލިބިއްޖެއްޔާ އެންމެންވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ވާނެ ކަމަށް ވަރަށް ބާރަށް ވިދާޅު ވާނެއެވެ. ނަމަވެސް އާޚިރު ގައި ކަންވެގެންދަނީ މިއާ ދިމާ އިދި ކޮޅަށެވެ. އިސްކުރަންޖެހޭނީ ޤައުމީ ކުލަތައްކަމަށް ވިދާޅާ އަޑު އިވޭނެއެވެ. ނަމަވެސް މިހެން މިކަން ކުރަނީ ކޮންބައެއް ތޯ ހިތައް އަރައެވެ. ތިމާ ނިސްބަތްވާ ކުލަޔަކަށްވުރެ ޤައުމީ ކުލަތައް އިސްކުރީ ފަހެކާކުތޯއެވެ. މީހަކު ކުށެއްކޮށްގެން އަދަބެއް ލިބުނަސް ތިމާ ތާއީދު ކުރާ މީހާ ވެއްޖިއްޔާ ބުނެވެނީ އެމީހާއަށް އަދަބު ލިބުނީ ބޭއިންސާފުން ކަމަށެވެ. އެމީހާ ވީހާވެސް އަވަހަކަށް އެއަދަބުން ސަލާމަތް ކުރަން ރެ އާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރާނެއެވެ. ބައިނަލް އަގުވާމީ އެކިފަރާތްތަކަށްވެސް ލިޔާނެއެވެ. ވަކާލާތު ކުރާނެއެވެ.

މިހާލަތުގައި ތިމާގެ ޤައުމުގެ ނަން ހަޑިވިއަސް ހުތުރުވިއަސް، ބޭރު ތަންތާންގައި ތިމާގެ ލޯބިވާ ޤައުމު ބަދުނާމުވިއަސް އެއީ މައްސަލައެއްް ނޫނެވެ. މިފަހަރަު ޤައުމު ޤުރުބާން ކޮށްފައިވެސް ތިމާގެ ލޯބިވާ މީހާ ތިމާ ތާއީދު ކުރާ މީހާ ސަލާމަތް ކުރަންޖެހެއެވެ. ނަމަވެސް ތިމާ ތާއީދު ކުރާ މީހާ ނޫންކަމަށް ވާނަމަ ކުށެއް ނުކުރިއަސް ކޮންމެވެސް ގޮތަކުން އޭނާގެ އަށް ބޮޑު އަދަބެއް ދެވޭތޯ މަސައްކަތް ކުރާނެއެވެ. މިފަހަރު ޤައުމީ މަސްލަހަތު ކޮބައިތޯ އެވެ. އަނިޔާ ދެވެނީ ހަމަ ޤައުމުގެ އިޚްލާސްތެރި ދަރިއަކަށްތޯ ނުވަތަ ނޫންތޯ ވިސްނާލާކަށް ނުޖެހެއެވެ . އާޚިރުގައި ނިންމާނީވެސް ކޮންމެވެސް ގޮތަކުން އޭނާއަށް ބޮޑު އަދަބެއް ދީފައެވެ. ނުވަތަ ކޮންމެވެސް ބޮޑު ދެރައެއް ދީފައެވެ. ދެން އޭނާ ސަލާމަތް ވެގެން އަނެއްކާ އެއްކަލަ އަދަބު ދިން މީހުންގެ ކިބައިން ބަދަލު ހިފަންވީއެވެ. ކުށެއް ނުކުރި ނަމަވެސް ކުށްވެރި ކުރެވޭނެ ކޮންމެވެސް ގޮތެއް ހޯދައިގެންވެސް ކުށްވެރި ކޮށްގެން ބޮނޑި އެއްް ދޭންވީއެވެ. މީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަ ނިމުމެއް ނެތް ހިތާމަވެރި ސިލްސިލާ އެކެވެ. ވީމާ މިޤައުމަށް ހަމަޖެހުމެއް އެބައޮތްތޯއެވެ. ވޭތުވެގެން މިދާ ދުވަސް ތަކުގައި މި ދިވެހި ފަސްގަނޑުން ފެނިގެން މިދަނީ މިފަދަ މަންޒަރު ތަކެކެވެ.

އިންސާނީ ޙައްޤުތަކާ ޤައުމީ މަސްލަހަތު އަދި އަމިއްލަ މަސްލަހަތުވެސް އެންމެ ބޮޑަށް އޮތީ އިސްލާމްދީނުގައެވެ. ދިވެހިންނަކީ އިސްލާމުންނެވެ. ދިވެއްސަކަށްވެެވެނީވެސް އިސްލާމަކަށްވެފައެވެ. ދިވެހި ކާބަފައިން ކޮންމެ ކަމެއްގައިވެސް ދިވެހި ޤައުމިއްޔަތު އިސްކޮށްފައިވަނީ އެހެންވެގެންނެވެ. ބާރުގަދަ ހޮޅިންނާއި ކުރިމަތި ލެއްވުމުގެ ހިތްވަރު ހޯއްދެވި މުލީގޭ ދޮންހަސަން މަނިކުފާނު ނުވަތަ ދޮންބަންޑަރައިން ހޯއްދެވީ ގައުމީ ލޯތްބާއި ޤައުމީ މަސްލަހަތު އިސްކުރެއްވުންނެވެ. އަލި ރަސްގެފާނު ޕޯޗްގީޒުންނާއި ހަނގުރާމަ ކުރައްވާ ޝަހީދު ވީ ވެސް އަމިއްލަ އާއިލާ އާއި އަމިއްލަ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކުރެއްވީމަ ނޫންތޯ އެވެ.

މުހައްމަދު ތަކުރުފާނުގެ ޤައުމީ ޤުރުބާނީގެ ސިއްރަކީވެސް އެއީ ނޫންތޯއެވެ. 15 އަހަރުވަންދެން ރާއްޖެ އަޅުވެތި ކޮށްގެން އުޅުނު ޕޯޗްގީޒުންނާއި ކުރިމަތިލައްވާ ހަނގުރާމަ ކުރެއްވީ ދިވެހި ޤައުމުގެ މަސްލަހަތުގައި ނޫންތޯ އެވެ. ދިވެހިންނަށް ޤައުމީ ދުވަސް ގެނެސްދެއްވި މާތް ބަޠަލުގެ ޤުރުބާނީގެ އަގުވަޒަން ކުރުމަކީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ މަސްލަހަތު އިސްކުރުމަށްވުރެ ޤައުމީ މަސްލަހަތު އިސްކުރުމެވެ. ތިމާގެ މަސްލަހަތަށްވުރެ އަނެކުންގެ މަސްލަހަތު އިސްކުރުމެވެ.

އެންމެ ގިނަ މަޤާމުތައް ތިމާ ބޭނުންވާ މީހުންނަށް ހޯދައި ދިނުމަށް ވުރެ ކަމަށް އެންމެ އެކަށީގެންވާ މީހުންނަށް މަޤާމުތައް ދިނުމަކީ ޤައުމީ މަސްލަހަތެވެ. ޤައުމީ މަސްލަހަތަކީ ތިމާގެ ޖީބަށް ބޮޑު ވާގޮތަށް ހުރިހާ ކަންތައްތައް ތަރުތީބު ކުރުމަށްވުރެ ރަށުގެ ވީހާވެސް ގިނަ މީހުންނަށް ފައިދާ ވާ ގޮތަށް ކަންތައްތައް ތަރުތީބު ކުރުމެވެ. ތިމާގެ ޕާޓީއަށް އެންމެ ގިނަ ފައިދާ ލިބޭ ގޮތަށް ދުރާލާ ކަންތައްތައް ރޭވުން ހުއްޓާ ނުލާހާ ހިނދަކު ޤައުމުގެ މަސްލަހަތު ދެމި އެއް ނޯންނާނެއެވެ. ޤައުމަށް ހަމަޖެހުމެއް ނާންނާނެއެވެ. ކޮންމެ ކުލަޔަކަށް ތާއީދު ކުރި ނަމަވެސް ތިމާޔަށް އެންމެ ރީތި ކުލައަކީ ޤައުމީ ކުލަތަކަށް ވެގެންނޫނީ ޤައުމުގެ މަސްލަހަތު ދެމެހެއްޓުމަކީ ނާދިރު ކަމެކެވެ.

ޤާބިލު މީހުންނަކީ ގާބިލު މީހުން ކަމަށް ދެކި ނާގާބިލު މީހުންނާއި ގާބިލު މީހުން އެއްވަރު ކުރާނަމަ ގައުމީ މަސްލަހަތެއް ނޯންނާނެއެވެ. ކަމާ ގުޅޭ މުއައްސަސަތަކާއި އަމިއްލަ ފަރުދުންވެސް ޤައުމަށް ޓަކާ އެމީހުންގެ ފަރުދީ ޒިންމާ އާ މެދު ވިސްނާ އަޅުގަނޑުމެންގެ މިލޯބިވާ ގައުމަށްޓަކާ ޤައުމީ މަސްލަހަތު އިސްކުރަމާތޯއެވެ. ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކޮންމެ ބޭފުޅަކުވެސް އަމަލުކުރެއްވުމަށް ގޮވާލެއްވުމުގެ ބަދަލުގައި ކޮންމެ ބޭފުޅަކީވެސް ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަންތައް ކުރާ މީހަކަށް ވަމާތޯއެވެ.
ހިޔާލު

މފ......

މެންބަރަކަށް ވީތީ އުމުރަށް ހަމަޖެހޭ އިނާޔާތްތައް ރައްޔިތުންނަށް ހާމަކޮއްލަދޭނެ މެންބަރަކު ހަމަނެތީ ދޯ. ޢަމިއްލައަށް ބޮޑުމުސާރަ ކަނޑައަޅއިގެން، ނުވީތާކަށް 5 އަހަރުގެ ދައުރެއް އަދާކުރުމުން އެމީހަކަށް އުމުރަށް އިނާޔްތް ހަމަޖައްސައިގެން އެތިބެނީ އެވާހަކަ ރައްޔިތުންނަށް ނާންގާ. ހަމައެކަނި އާއްމުވެފައި މިއޮތީ މުސާރަ އާއި އެލަވަންސްއަށް މެންބަރަކަށް ހުންނަ މުއްދަރުގަ 70،000 ރ ....