Imaaraaiy Kurumuge Huhdha Dhey Qavaidhu Aanmukohfi
image
އިމާރާތް ކުރަމުންދާ ތަނެއް-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

އިމާރާތްކުރުމުގެ ހުއްދަ ދޭ ގަވާއިދު އާންމުކޮށްފި

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓްރީކުރުމުގެ ގަވައިދު ޕްލޭނިން މިނިސްޓްރީން އާންމުކޮށްފިއެވެ.
މީގެ ދެ އަހަރު ކުރިން، 2017 ވަނަ އަހަރު އެކުލަވާލި އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލި އެ ގަވާއިދުގެ މަގުސަދަކީ ހުއްދަ ދޫކުރާ އިދާރާއެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމެވެ. އަދި އިމާރާތްކުރުމުގެ ހުއްދަ ދީފައިވާ ތަންތަނާއި ގުޅޭގޮތުން މައްސަލަ ހުށަހެޅޭނެ ނިޒާމަކާއި އެ މައްސަލަތައް ބަލާނެ އުސޫލެއް ވެސް އެ ގަވައިދުގައި ކަނޑައަޅާފައިވާއިރު އެގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހެވެ.

އެ ގަވައިދުގެ ދަށުން، ދެ ގިންތިއަކަށް ބަހާލައިގެން އިމާރާތް ކުރުމުގެ ހުއްދަ ދޭ އިދާރާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭއިރު "ގިންތި 1" ގެ ދަށުން ރަޖިސްޓްރީ ކުރެވޭނީ އެ އިދާރާއެއްގައި މަސައްކަތްކުރާ ޓެކްނީޝަނެއް ހުންނަ ނަމައެވެ. އަދި ޓެކްނީޝަނެއް ނުހުންނަމަ ރަޖިސްޓްރީ ކުރެވޭނީ "ގިންތި 2" ގެ ދަށުންނެވެ. އޭގެ އިތުރުން ގަވައިދުގައި ވާގޮތުން ޓެކްނީޝަނެއް ނުހުންނަމަ އެމަސައްކަތް ކުރުމަށް ގިންތި 1 ދީފައިވާ އިދާރާއަކާއެކު އެއްބަސްވުމެއް ހަދަން ޖެހެއެވެ.

އެ ގަވައިދުގައި ބުނާގޮތުން ޓެކްނީޝަނެއްގެ ޒިންމާއަކީ އެ ގަވައިދުގައިވާ އުސޫލުތަކުގެ ދަށުން ހުއްދަ ދޫކުރުމާއި ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތައް ހާސިލު ކުރުމެވެ.

އޭގެ އިތުރުން ހުއްދަ ދޫކުރަން ރަޖިސްޓްރީވެފައި ނުވާ އިދާރާއަކުން އެ ގަވައިދުގައި ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުމާއި ރަޖިސްޓްރީކޮށްފައިވާ ތަނަކަށް ބަދެއް އައުމުން އެމައުލޫމާތު ޕްލޭނިން މިނިސްޓްރީއަށް ހިއްސާ ނުކުރުމަކީ އަދަބު ލިބޭނެ ކަމެކެވެ. އެގޮތުން ހުއްދަ ދޫކުރަން ރަޖިސްޓްރީވެފައި ނުވާ އިދާރާއަކުން އެ ގަވައިދުގައި ކަނޑައަޅާފައިވާ މަސައްކަތްތައް ކުރާނަމަ 2500 ރުފިޔާ އާއި 250،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާކުރުމުގެ ބާރު މިނިސްޓްރީއަށް ލިބޭއިރު ރަޖިސްޓްރީކޮށްފައިވާ ތަނަކަށް ބަދެއް އައުމުން އެމައުލޫމާތު ހިއްސާ ނުކުރާނަމަ ޖޫރިމަނާ ކުރާނީ، 2000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ.

އިމާރާތް ކުރުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ މަސައްކަތް ކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވަމުން އަންނައިރު އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަށް ނުހަދާ އިމާރާތް ކުރުމުގެ ހުއްދަ ނުދިނުމަށް އެދި ވަކީލުންތަކެއް ވެސް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު 2014 ވަނަ އަހަރު ވުޖޫދަށް އައި އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ޖުމްލަ 14 ގަވައިދެއް ހަދަން ޖެހެއެވެ.
ހިޔާލު