Bappaekey
image
ކުރު ވާހަކަ: ބައްޕައެކޭ
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ކުރު ވާހަކަ: ބައްޕައެކޭ

"ފަހަރެއްގައި ވެސް އަޅުގަނޑު ތި ގޮތަށް ނުދަންނަވަން" އިހުސާނު ހައިރާންކަމާއެކު އަހަންނަށް ބަލައިލިއެވެ. "އަޅުގަނޑު ސިރާޖު މި ހާޒިރުކުރީ ރަސްމީ ހައިސިއްޔަތުން ސިޔާނާގެ ބައްޕަ ހުށަހެޅި މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް. ފަހަރެއްގައި ވެސް ކުށްވެރިވެގެންނެއް ނޫން. އެގޮތަށް ނުވިސްނަވާތި. ސިރާޖަކީ އަޅުގަނޑުގެ ކުޑައިރުން ސުރެ ރަހުމަތްތެރި އަކަށް ވެފައި އަޅުގަނޑު މި މަގާމަށް އާދެވުމުގައި ސިރާޖުގެ ހިއްސާ އޮތަތީ ދަންނަވާލަން. މި ކަމުގައި އަޅުގަނޑަށް އެހީއެއް ވެދެވެން އޮތް ނަމަ އެކަން ކޮށްދިނުމަށް މިހުރީ ތައްޔާރަށް. މިހައި ހިސާބުން ރަސްމީ ބައި ނިމުނީ. ކޮފީ މޭޒަކުން މިކަމާ މަޝްވަރާކޮށްލަން ބޭނުން. މިރެއަށް އިންތިޒާރު ކުރާނަން" dhi2
"ކޮންމެހެން އިންތިޒާރު ކުރާނެ ކަމެއް ނެތް. އަހަންނަށް އިންތިޒާރު ކުރުމަކުން ލިބޭނެ ފައިދާއެއް، މޮޅެއް ނޯންނާނެ" ސިޔާނާގެ މެސެޖެއް ލިބުމުން ކިޔައިލީމެވެ. "އަދި ޔަލްވީ ހޯދުމުގެ ނަމުގައި އިންތިޒާރު ކުރަމޭ ބުނެ މެސެޖު ފޮނުވައެއްނު އެބަ. ބަލަ ސިރާޖު މިއަދު ކޮށްލިވަރު ކުޑައީތަ؟ އެފަކީރަށް ހަމަ ނިދި ވެސް ނުލިބޭ. އަބަދު އެ އޮންނަނީ ބިރުން ސިހި ސިހި" އަހަރެން ހިތުގައި ޖެހުނެވެ. ޔަލްވީ ދެކިލަން ދިޔުމުން އެކަން ބޮޑުކޮށްގެން ސިޔާނާ އެ ދައްކާ ވާހަކައިންނެވެ. ދަރިފުޅުގެ ސޫރަ ދެކިލުމުގެ މިނިވަންކަން ވެސް އަހަންނަށް ނެތީ ހެއްޔެވެ؟ އަހަންނަކީ ހަމަ އެހައި ނުބައި ނުލަފާ މީހަކީ ހެއްޔެވެ؟ އަހަރެންގެ ޒުވާން އުމުރު މި ހުސްކޮށްލެވެނީ އަހަރެން ދެކެ އެހައި ނަފުރަތު ކުރާ ދެ މީހުންގެ މުހުތާދުތަކަށް ފައިސާ ހޯދުމަށް ހެއްޔެވެ؟ އެ ކަން އެ ދެ މީހުން ނުދަންނަނީ ހެއްޔެވެ؟ ނޫނެކެވެ. ދެ މީހުންނެއް ނޫނެވެ. އެއްމެ މީހަކެވެ. ސިޔާނާއެވެ. ޔަލްވީ އަކީ އަދި ކުޑަ ކުއްޖެކެވެ. އޭނާއަށް ވިސްނޭނީ މީހަކު ވިސްނައިދިން އެއްޗެކެވެ. އޭނާއަށް އިވޭނީ މީހަކު ބުނެދޭ އެއްޗެކެވެ. ކޮންމެ މަންޒަރަކީ ވެސް އެމީހަކު ބޭނުން ގޮތަކަށް ސިފަކުރެވިދާނެ މަންޒަރެކެވެ. އެމީހަކު ބޭނުންވާ ގޮތަކަށް އެ މަންޒަރުން މާނަ ވެސް ނެގިދާނެއެވެ.

"ކަލޭ މާ މާތް މީހަކަށް ވެގެން ނޫޅޭތި! ކަލޭގެ ތިޔަ ހިޔަނިން މަގޭ ދަރީގެ މުސްތަގުބަލު ބަނަވެއްޖެ ނަމަ އެކަމުގެ އަދަބު ލިބޭނީ އެ ކުއްޖާއަށް. ހަނދާން ކުރާތި އަންހެނަކު ދައްކާ ވާހަކަ އަޑުއަހާނެ މީހުން މާ ގިނަވާނެ. އަންހެނަކު ބުނާ ބަހުގައި މާ ބާރު ގަދަވާނެ. އަމުދުން އަހަންނަކީ ޔަލްވީގެ މަންމައަށް ވީމަ އަހަންނަށް ދެއްކޭނެ ވާހަކަތައް ހުންނާނެ. އަހަންނަށް ކިޔޭނެ އެއްޗެހި ވެސް ހުންނާނެ" އަހަރެން ޖަވާބެއް ނުދިނުމުން ސިޔާނާ ދެވަނަ މެސެޖު ފޮނުވައިލިއެވެ. "ކަލޭ ކަހަލަ ގޮތެއް ނެތް މީހަކަށް މަގޭ ދަރި ދޭކަށް ބޭނުންމެއް ނޫން. ކަލޭ ގަންނަ ގަނޑު މަށަށް ނޭނގޭކަމަށް ހީ ނުކުރާތި؟"
އަނެއްކާ ވެސް ބޮޑުތާ ޖެހުނީއެވެ. ސިޔާނާގެ މެސެޖުތަކަށް ޖަވާބު ނުދިނުމުން އޭނާ ބަރު ހަތިޔާރު ނަގާނެކަން އަހަންނަށް އެނގެއެވެ. ސިޔާނާގެ ބަސްމަގު އަހަންނަށް ދަސްވިތާ އެތައް ދުވަހެކެވެ.

"ބަލަ މޮޔަވެގެން ދީވާނާވެގެން ނޫޅިބަލަ. އަހަރެން ތަކުރާރުކޮށް އެ ހާދިސާ ކިޔައިދީފިން. ސްކޫލުގެ ރަސްމީ މަސައްކަތެއް ކުރުމަށް ގޮސް އުޅުމުގެ ތެރޭގައި އެ އަންހެން ކުއްޖާއާ ވާހަކަދެއްކުމަކީ ތިޔަ ބުނާ ކަހަލަ ގުޅުމެއް އުފެދުން ކަމަށް ވަންޏާ ތިޔަ އޮތީ ވަރަށް ބޮޑު ކުށްހީއެއް ކުރެވިފަ. ސިޔާނާ މާލޭގައި އުޅުނު މުއްދަތުގައި އަހަރެން ގިނައިން އުޅުނީ ރަށުން ބޭރުގައި މަސައްކަތު. އަހަރެން ރަށުގެ މަސައްކަތަށް ބަދަލުވީ ސިޔާނާއަށް ޔަލްވީ ނުބެލިގެން އޭނާ ރަށަށް ބަދަލުކޮށްގެން" އަހަރެން ސިޔާނާއަށް ގުޅަން މަޖުބޫރުވުމުން ގުޅައިގެން ވާހަކަ ދައްކަން ފެށީމެވެ.

"މާ މާތް ވާނެކަމެއް ނެތް! ކަލޭ ގަތް ގަނޑު އަހަންނަށް އެނގެއޭ" ސިޔާނާ ވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
"އަހަރެން ނޫޅެން މާތްވެގެން މަތި އޮއްބާކަށް. އާނ އެހެންތާ ވާނީ ވަގުންގެ ފޮށި ބާރަށް ބަންނާނެތާ ދޯ. ތިމާއަށް ހީވާނީ ތިމާ އުޅޭ ގޮތަށް އެހެން މީހުން ވެސް އުޅޭނެޔޭ. އަހަންނަށް އެނގެޔޭ ޔަލް އަހަރެން އަތުން އަތުލައިގެން ތިޔަ އުޅެނީ ކޮން މަގުސަދެއްގައިކަން. ބަލަ އެބައޮތޭ ހެކި ފެންނަން. އެ އަންވަރާއި ސިޔާނާއާ ދެމީހުން ދައްކާފައި ހުރި ވާހަކަތަކުގެ ރެކޯޑިންއާއި ފޮޓޯތަކާއި ދެމީހުން ބަދަލުކުރި ހަދިޔާތަކުގައި ލިޔެފައި ހުރި އެއްޗެހީގެ ފޮޓޯތައް އެބަހުއްޓޭ" އަހަންނަށް ކަންކަން އެނގޭކަން ސިޔާނާއަށް އަންގައިލީމެވެ.
"ހުސް ހީ. ކުން ހީ. އަހަރެން މީހަކާ ގުޅުމެއް އޮންނާނީ ވެސް ގުޅުމެއް ބާއްވައިގެންތާ!" ސިޔާނާގެ އަޑު މޮޅިވާން ފެށިއެވެ.

"އާނ ގުޅުމެއް ނޯންނާނެ. 'ސިޔާވަރު' މި ކޮންކަމެއް ކަން ކުޑަކުއްޖަކަށް ވެސް އެނގޭނެ. މޮޅު ވާހަކަ ނުދައްކާތި. ކޯޓަށް ކިތައްމެ ގަދަޔަސް ކޯޓުގެ ހުކުމަށް ވުރެ މަތިވެރި ހުކުމްތަކެއް އަންނާނެ ދުވަހެއް އޮތްކަން ހަނދާންކުރާތި! ބައްޕައެއްގެ ލޯބިން ދަރިއަކު ގަދަބާރުން މަހުރޫމު ކޮށްގެން ފަހުން ލިބޭ ހިތި ނަތީޖާއަށް މަޢާފަށް އެދެން މަ ފަހަތުން ނުދުވާތި!" އަހަރެން ފޯނު ބޭއްވުމަށް ފަހު ފޯނު ނިއްވާލީމެވެ.

"އަހަންނަށް ފެންނަނީ ސިޔާނާއަށް ވެސް ގޮތް ދައްކާލަން. އޭނާއަކީ ކޯޓުގެ މުވައްޒަފެއް ވީމަ ކަންކަމުގެ ވާނުވާ ވަރަށް ރަނގަޅަށް އެނގޭނެ. އަމުދުން މިހާރު އެ ދާއިރާއިން ކިޔަވައިގެން ހުރީމަ ވަރަށް ބޮޑަށް އެކަން އެނގޭނެ. އޭނާއަށް ވެސް އެނގޭނެ ދަރިއަކު މަންމަ ބަލަން ހުއްޓާ ބައްޕަ ކިތައްމެ ބޭނުން ވިޔަސް ބައްޕައަކަށް ކޯޓު މެދުވެރިކޮށް ނުދޭނެކަން. އަނެއްކާ ޔަލް އަކީ އަންހެން ކުއްޖަކަށް ވެފައި، ސިޔާނާއަށް ދޮގު ހަދައިގެން ތަފާތު ވާހަކަދެއްކުމުގެ ފުރުޞަތު އޮންނާނެ. އެ ކޮންމެ ހާލެއްގައި ވެސް ގަދަ ވާނީ ސިޔާނާގެ ކޮޅު. ސިޔާނާއަކީ އާދައިގެ މީހަކަށް ވުރެ ވިސްނުން ރަނގަޅު މީހެއް" އިހުސާނު ކޮފީތަށި ތުނބުގައި ޖައްސައިލިއެވެ.

"އަހަރެން ބޭނުމެއްނޫން، ނޫޅެން އުޅޭ މީހަކާ އެކު އުޅޭކަށް. ކަންބޮޑުވަނީ ޔަލްއާ މެދު ޔަލްއަށް ބައްޕަގެ ލޯބި ބޭނުންވާނެ. އެކަން ސިޔާނާއަކަށް ކޮށެއް ނުދެވޭނެ. ކޮންމެ ގޮތެއް ވިޔަސް ދެން އަންނާނީ ދޮންބައްޕައެއް. އަހަރެން ބިރުގަންނަނީ ދޮންބައްޕައިންގެ ފަރާތުން ކުދިންނަށް ކުރިމަތިވާ ކަންތައް ޔަލް އަށް ކުރިމަތި ވެދާނެތީ" ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. "ސިޔާނާ އަނެއްކާ އަހަންނޭ ކިޔައިގެން އެ ދައްކާ ދޮގު ވާހަކަތައް ޔަލްއަށް ވެސް އޮންނާނީ އަޑު އިވިފަ. ޔަގީން އޭނާ އެ ވާހަކަތައް ދައްކައިގެން ޔަލް އަހަންނަށް ކުރާ ގަދަރު ކަނޑުވާލާނެ. ދެން އެތިބީ ސިޔާނާގެ މަންމައާ ބައްޕަ ވެސް. ފެށުނީއްސުރެ ސިޔާނާގެ ބައްޕަ ހުންނަނީ އަހަންނާ ނަފުރަތުވެފަ. އޭނާގެ ދުލުގައި އޮންނާނީ ކިޔަވައިގެން މޮޅެތި ވަޒީފާތަކުގައި ބޮޑެތި މަގާމުތަކުގައި ތިބި މީހުން ސިޔާނާއަށް އިންނަން ތިއްބާ އަހަރެން ސިޔާނާގެ ބޮލަށް އެރިގެން ގަނަތަޅުވާ ވާހަކަ"

"ސިރާ އެބަޖެހޭ ތިޔަ ކަމުން ނުކުންނަން. ގޯހުން ގޯހަށް ތިކަން ބަދަލުވުމުގެ އަސްލަކީ ސިޔާނާގެ ބައްޕަ. ކޮންމެ ގޮތެއް ވިޔަސް ތާއަބަދު ބައްޕައަކު ދަރިއަކަށް ވިސްނައިދޭ ވިސްނައިދިނުމެއްގެ އަޑު ނާހަން ހުއްޓަސް އިވޭނެ. ސިޔާނާއަކީ ވެސް ކުރިން އެގޮތަށް އުޅުނު މީހެއް ނޫން. އޭނާއަކީ މީހުންނަށް އޯގާތެރި ވެސް މީހެއް" އިހުސާނު ހަމަ ޖެހިލިއެވެ.

"އަހަރެން ވެސް ތިކަމާ ދެބަހެއް ނުވަން. ނުވިސްނިގެން މިއުޅެނީ ސިޔާނާއަށް އާ ކުއްލި ބަދަލު. އަހަރެން ދެކެ އޭނާވީ ލޯބި އުނިވި ސަބަބު. ހޯދަން މި އުޅެނީ އެ ވަތް ތަނެއް. އެހެން ނޫންނަމަ މިކަމުން އަތްދޫކޮށްލިތާ އެތައް ދުވަހެއް" އިހުސާނުގެ މޫނަށް ބަލައިލަމުން އިސްޖަހައިލީމެވެ.

"މައިންބަފައިން ދަރިންނަށް ކުރާ ދުޢާ ވަރަށް ފަސޭހައިން އިޖާބަ ކުރައްވާނެ ކަމަށްވަނީ. އެއީ ބަދު ދުޢާއަކަށް އަދި ހެޔޮ ދުޢާ ވިޔަސް. އަހަރެން ހަނދާން އެބަހުރި ކައިވެނީގެ ފޯމުގައި ސޮއިކުރަން ދިޔަ ދުވަހު ސިޔާނާގެ ބައްޕަ ސިރާއޭ ކިޔައިގެން ބުނި ވާހަކަ. އެހެންވީމަ، އެ ހިސާބުން ފެށިގެން ސިޔާނާގެ ބައްޕަގެ ނިޔަތް އޮތީ ގޯސްވެފަ" އިހުސާނު ސީދާ އަހަރެންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. "އެ އަސްލު މައްސަލައަކީ! ބިންގާ އޮތީ ނަފުރަތުން ފުރިފަ. ދެމީހުން ކިތައްމެ ހިތްވަރެއް ކުރިޔަސް ނަފުރަތުގެ ބިންގަލެއް މަތިން ދޮންވެ ފައްކާވާ ގުޅުމެއްގައި ނަފުރަތުގެ ކުލަ ނުޖެހި ނުދާނެ"
"އަސްލު ތިއީ ހަގީގަތަކީ؟" އަހަންނަށް ކުރިން ނުވިސްނިވާ އެތައްކަމެއް ވިސްނެމުން ދިޔައެވެ. އޮޅުންބޮޅުން ވެފައިވާ މަންޒަރުގެ ތެރެއިން ސާފު ތަސްވީރުތައް ފެންނަމުން ދިޔައެވެ.

"އެކަމަކު އެއީ ވެސް ބައްޕައެކޭ. އޭނާއަށް ވެސް އަހަރެން މިކުރާ އިހުސާސް ކުރެވެން ވާނެއްނު. ބައްޕައެއްގެ އިހުސާސްތައް ބައްޕައަކަށް ނޭގިއްޖެ ނަމަ ދެން ކާކަށް އިހުސާސްވާނީ" ސުވާލުގެ ނަޒަރުން އިހުސާނަށް ބަލައިލަމުން ކޮފީތަށީގައި ތުން ޖަހައިލީމެވެ.

"ބައްޕައެއް ވީމައޭ އެހެން އެވަނީ. ސިޔާނާގެ ހަޔާތުގެ މަންޒަރުތައް ކުރެހި އިރު، ސިރާއެއް އެ މަންޒަރުގެ ތެރެއަކު ސިޔާނާގެ ބައްޕައެއް ނުބަހައްޓާ. އޭނާ ވަރަށް ސާދާކޮށް ރީތިކޮށް ކުރެހި، ކުލަ މަންޒަރެއް ފުނޑުފުނޑުކޮށްލާ އެ ބައްޕަގެ ނުރުހުމުގައި ސިޔާނާ ހޯދީ ސިރާ. އެދުވަހު ވެސް ސިޔާނާ ބައްޕަ އަހަރެން ގާތު މިހެން ބުންޏޭ. ސިޔާނާގެ އުފަލަށް ޓަކައޭ ވަލީ ދެނީ ވެސް. ހިތުން ރުހުމަކުން ނޫނޭ. އަދި ދުވަހަކު ވެސް ސިރާއަށް އޭނާ ހިތެއް ހެވެއް ނުވާނޭ. އަބަދުވެސް ނަފުރަތު ކުރާނަމޭ" އިހުސާން އިސްޖަހައިލިއެވެ.
"ތި އަހަރެން ނުދަންނަ ކަމެއް. ތިކަން އެނގުނު ނަމަ ކައިވެނި ނުކުރީމުސް" އަހަރެން ހައިރާން ކަމާއެކު އިހުސާނަށް ބަލައިލީމެވެ.

"އަހަރެން މިކަން ސިއްރުކުރީ ސިޔާނާ ބުނެ އާދޭސްކޮށްގެން. އޭރު ސިޔާނާ ސިރާ ދެކެ ވަރަށް ލޯބިވި. ސިޔާނާ ގާތުގައި ބަހައްޓައިގެން އޭނާ ބައްޕަ މި ހުރިހާ ވާހަކައެއް ދެއްކީ" އިހުސާނު ސިނގިރެޓު ފޮށިން ސިނގިރޭޓެއް ނެގިއެވެ. "އަހަންނަށް ފެންނަނީ ސިޔާނާ ބޭނުންވާ ގޮތް ހަދަން ދޫކޮށްލަން. މައްސަލައަކީ ޔަލް. ޔަލްއެއް ސިރާއަކަށް ނުލިބޭނެ. އެކަމަކު އަހަރުމެނަށް ގޮތެއް ވޭތޯ ބެލިދާނެ ސިރާ ބޭނުން ވަނީ ކޮންކަމެއް؟"
"އަހަރެން ބޭނުންވަނީ ޔަލް. ޔަލްއާ ވާހަކަދައްކާ އޭނާއާ ބައްދަލުވެވޭނެ ފަހި ގޮތެއް. ކޮންމެހެން ސިޔާނާއަށް ވިސްނައިދޭކަށް ބޭނުމެއް ނޫން. އެކަމަށް ލައްކަ މަސައްކަތް ކުރެވިއްޖެ. އަހަރެން ބޭނުންވަނީ ސިޔާނާ ދައްކާ ދޮގު ވާހަކަތައް ޔަލްއާ ހަމައަށް ގޮސް އޮތްތޯ ބަލަން"
"ސިޔާނާ އެ ދައްކާ ވާހަކައިގެ އަސްލެއް އޮތީތަ؟" އިހުސާނު ހައިރާންކަމާއެކު އަހަރެންގެ މޫނަށް ބަލައިލިއެވެ. "ކޮބައިތަ އެ ވާހަކައަކީ؟ ސިރާ އެހައި ހާސްވަނީ ކޮން ވާހަކައެއްގެ ސަބަބުންތަ؟"

"ތިޔައީ ފާޑެއްގެ ވާހަކައެއް. އޭރު އިހުސާނުމެން ސުކޫލުގައި އުޅުނު އިރު އަހަރެން ދިޔައީމެއްނު ސެޝަންތަކެއް ނަގައިދޭން. ދެން އޭރު އެކަމާ ހަވާލުވެ އުޅުނީ ސުނާމީގައި ހާލުގައި ޖެހިގެން މިރަށަށް ބަދަލުވި އެއްކަލަ ސުހާނާ. ސުހާނާއާ އެގޮތަށް ބައްދަލުވެ ވާހަކަ ދައްކަން ފެށުނު. އަހަރުމެން މުޅީން ވެސް ދެއްކީ ރަސްމީ ވާހަކަތައް. އެއް ދުވަހަކު ސުހާނާ ވަރަށް ދެރަވެފަ ހުއްޓާ ވާހަކަދެއްކީމަ އޭނާގެ ވާހަކަތައް ކިޔައިދިން. ދެން ބުނި ދުވަހަކު ވެސް އެ ވާހަކަތައް އަޑުއަހާނެ މީހަކު ނުވެޔޭ. މީހަކަށް ކިޔައި ވެސް ނުދެމޭ. އަހަރެން އެކަމާ މާ ބޮޑަށް ނުވިސްނަން. އެހެން އުޅެނިކޮށް ސުހާނާ ބުންޏޭ ކިޔައިފަ ޓީޗަރެއް މި ބުނަނީ ސުހާނާއަށް އަހަރެން ދެކެ ލޯބި ވެވިއްޖޭ" އަހަރެން ހަމަޖެހިލަމުން ކޮފީތަށީގައި ތުން ޖައްސައިލީމެވެ. "އެކަމަކު އޭނަ ދުވަހަކު ވެސް އެކަހަލަ ވާހަކައެއް އަހަރެން ގާތަކު ނުބުނޭ. މި ވާހަކަ ސިޔާނާގެ ކަންފަތަށް ވެއްޓުނު ފަހުން މި ކުންޏެއް ޖެހުނީ"

"ހޫމް. ތި ކަމުގައި ދެން ކިހިނެއް ކަންވީ؟" ދުމުގެ ދަނޑިއެއް އިހުސާނު އަނގައިން މައްޗަށް ދޫކޮށްލިއެވެ.
"ސިޔާނާއަށް ކަންވީ ގޮތް ސާފުކޮށް ކިޔައިދިނިން. މީހަކު އަހަރެން ދެކެ ލޯބިވެޔޭ ބުނުމަކީ އަހަރެން ކުށްވެރިވާން ޖެހޭ ކަމެއްހޭ ވެސް އެހިން. އެއާ ވިއްދައިފަ ސްކޫލަށް ސެޝަން ނަގައިދޭން ދިޔުން އޭނާ މަނާކުރީ. އަހަރެން ބުނިން އެ އަހަރެން ވަރަށް ކުރާ ހިތުން ސްކޫލަށް ކޮށްދޭ ކަމެކޭ. އެކަމެއް ނުހުއްޓާނަމޭ. މި އަސްލު މައްސަލަ އިތުރަށް ގޯސްވާން ޖެހުނު ހިސާބަކީ؟"
"އިތުރު ކަމެއް ނުހިނގާތަ؟" އިހުސާނު އަނެއްކާ ވެސް ސުވާލުކުރިއެވެ.

"ދެން ސިޔާނާ ވަރަށް މަސައްކަތް ކުރި އަހަރެން ރުޅި އަރުވައިގެން އޭނާގެ ގައިގަ ޖަހާނެ ގޮތް ހަދަން. އެއްރޭ ސްކޫލުގަ އޮތް ސެޝަނަކަށް ދާން ނުކުންނަނިކޮށް އަހަރެން ގަމީހުގައި ހިފެހެއްޓި. އަހަރެން ބުނިން ވަރަށް ލަސްވެޔޭ ކުދިންނަށް ގަޑި ކިޔައިގެންނޭ މިދަނީ. ދެން ގަމީހަށް ދަމާގަނެ ގޮށްތައް ދުއްވާލާ އަހަރެން ގައިގަ ތަޅައި އަނިޔާ ވެސް ކުރި. އެރޭ ކޮންޓްރޯލު ނައްޓައިގެން އަހަންނަށް ސިޔާނާގެ ކަންކަށިމަތީ ޖެހުނު. އެކަމާ ފަހުން ދެރަ ވެސްވި. އެރޭ އަޒުމު ކަނޑައެޅިން ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އަންހެނަކަށް އަނިޔާ ނުކުރަން. ސިޔާނާ އެކި ފަހަރު މަތިން ވަރަށް މަސައްކަތްކޮށްފި އޭނާއަށް ޖިސްމާނީ އަނިޔާއެއް އަހަރެން ލައްވާ ދެވޭތޯ. އަހަރެން ހަމަ ކެތްކޮށްލައިގެން ރުޅި ކޮންޓްރޯލް ކޮށްގެން މި ހުންނަނީ"
"ސިޔާނާ އެހެން މީހަކާ ގުޅުމެއް އޮންނަނީތަ؟"

"އާނ. ޗުއްޓީގައި އޭނާ ރަށަށް އައިސް ހުއްޓާ އެއް ދުވަހަކު ވައިބަރ އިން އޮންލައިން ވެފައި ލެޕްޓޮޕް އެނދުމަތީ ބަހައްޓައިފަ ހުއްޓާ އަހަންނަށް ވަދެވުނު. އޭރު ސިޔާނާއެއް ނެތް. މާ ވަރަކަށް ވައިބަރ މެސެޖު އަންނާތީ އަހަރެން ބަލައިލިން ކާކުތޯ ބަލައިލި އިރު ކަމަކު ދާކަށް ނެތް. އަންވަރު ކިޔާ މީހަކާ ދެމީހުން ލައްކަ ވާހަކަދައްކާ، ލައްކަ ކަންކަން ކޮށްފަ ހުރިކަން އެނގުނު. އަހަރެން ސިޔާނާއަށް ނޭނގި ޗެޓު ލޮގުތަކުގެ ސްކްރީން ޝޮޓުތައް ނެގިން. އެ ހުންނާނެ ރައްކާކޮށްފަ"

"އެ ކީއްކުރަން؟" އިހުސާނު ސުވާލު އުފެއްދިއެވެ.
"އެ އޭނާ ވަރަށް ގިނައިން ބުނާނެ އަހަރެންގެ ފޮޓޯތަކެއް ލީކުކޮށްލާނަމޭ. އެހެންވެ އަހަންނަށް ދެއްކޭނެ އެއްޗެހި ވެސް ބަހައްޓަންވާނެއްނު" އަހަރެން ހިނިތުން ވެލީމެވެ.

"އެކަމަކު ތިޔައީ ކުށްވެރި ވެދާނެ ކަމެއް؟ އަހަރެންގެ ޚިޔާލަކީ ތިކަހަލަ ދަށު ދަރަޖައިގެ ކަންކަން ނުކުރަން. މިހާރު ހާލަތު ގޮސް އޮތް ހިސާބުން އަހަންނަށް ފެންނަނީ ސިޔާނާ ދޫކޮށްލަން. އޭނާ ދޫކޮށްލައިފަ ދަރިފުޅާ ބައްދަލުވާނެ ގޮތެއް ކޯޓު މެދުވެރިކޮށް ހޯދުން. ތި ގުޅުން އިތުރަށް ކުރިއަށް ގެންދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. މިހާރު ތި ހެދެނީ އަތުން ފައިން ގޯސް" އިހުސާން އޯގާތެރިކަމާއެކު ލަފާދެމުން ދިޔައެވެ.

އިހުސާނު އަހަންނަށް ވިސްނައިދިނެވެ. ކުރެވިފައިވާ ކަންކަމާ މެދު އަހަންނަށް ވެސް ވިސްނައިލެވުނެވެ. ބައެއް ކަންކަމަކީ ޖަޒުބާތުގައި ޖެހިގެން ކުރެވިފައިވާ ކަންކަމެވެ. ސީދާ މީހަކަށް ދެރައެއް ދިނުމަށް ގެއްލުމެއް ދިނުމަކަށް ނޫނެވެ. ދަރިފުޅު އުރައިލަން ބޭނުންވާތީ ކުރެވުނު ބައެއް ކަންކަމެވެ. ދަރިފުޅުގެ ހިނިތުންވުން ހޯދައިދިނުމަށް ބޭނުންވެގެން ކުރެވުނު ކަންކަމެވެ. ދަރިފުޅުގެ މާޔޫސްކަން ކަނޑުވައިލަން އެޅުނު ބައެއް ފިޔަވަޅުތަކެވެ. އަހަރެން ބޭނުންވަނީ ސިޔާނާ ދައްކާ އެއްވެސް ވާހަކައަކީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަން ދަރިފުޅަށް ވިސްނައިދޭށެވެ. މުޅި ދުނިޔެއަށް ވެސް އެކަން ހާމަކޮށްދޭށެވެ. ދަރިފުޅަށް ބައްޕަގެ ލޯބި ނުދެވުނީ ބައްޕައަށް އެ ފުރުސަތު ނުލިބުމުންކަން ވިސްނައިދޭށެވެ.

ދަރިފުޅަށް ދޭން ޖެހޭ ލޯތްބާއި ކުރަން ޖެހޭ ހަރަދުކުރުމަކީ އަހަންނަށް ބުރައެއް ނޫން ކަން ދަރިފުޅަށް ވެސް ވިސްނައިދޭށެވެ. ކޯޓު މެދުވެރިކޮށް ދަރިފުޅުގެ ހަރަދުތައް އަހަރެން ބަރާބަރަށް ކޮށްދޭކަން ވިސްނައިދޭށެވެ. އަހަންރެން، އިހުސާނުގެ ބަސް ގަބޫލުކުރީމެވެ. އިހުސާނުގެ ފިޔަވަޅު މަތިން ހިނގަން ފެށީމެވެ. ފުރަތަމަ ފިޔަވަޅު އެޅީ ކޯޓުތަކުގައެވެ. ކޯޓުން ކާމިޔާބު ވޭތޯއެވެ. ކޯޓުން ކާމިޔާބު ނުވާނެ ކަން އެނގޭއިރު ވެސް އެކަން އަހަރެން ކުރީ މަގުސަދެއްގައެވެ. އަހަރެން ކުރި މަސައްކަތް ކޯޓުގައި އަރުޝީފުކުރުމުގެ ބޭނުމުގައެވެ.

އަހަރެން ކޯޓުން މި ނުކުންނަނީ ހިތް ހަމަ ޖެހުމުގެ ނޭވާއެއް ލަމުންނެވެ. ސިޔާނާ އަހަންނާ މެދު ކުރި ދޮގު ތުހުމަތާއި ކުށްހީތައް އެހީ ހަމަ ހީތަކެއްކަން ކޯޓުގައި ސާބިތުކޮށްފައެވެ. ސުހާނާއާ އެއްވެސް ގުޅުމެއް ނެތްކަމަށް، ކޯޓުގައި ސިޔާނާގެ ހާޒިރުގައި ސުހާނާ ލައްވާ ހުވައި ކުރުވާފައެވެ. ދެން އޮތީ ދަރިފުޅަށް ހަރަދު ކުރުމާ ބައްދަލު ވުމުގެ ކަންކަމެވެ. ކޯޓުން ދީފައިވާ ދުވަސްތަކުގައި ދަރިފުޅާ ބައްދަލު ވުމަށް އަހަންނަށް ދީފައިވާ ފުރުސަތައް އިހުތިރާމު ކުޑަކުރި ކަމަށް ސިޔާނާ ލައްވާ އެއްބަސް ވެސް ކުރުވާފައެވެ. ދަރިފުޅު ނުލިބުނު ދެރައަށް ވުރެ މިކަންކަން މިގޮތަށް ކުރެވުނީތީ ހިތްހަމަ ޖެހުނުލެއް ބޮޑުވިއެވެ. ބޮލުގައި އެޅިފައިވާ އިލްޒާމަކުން މިންޖުވާން ފުރުސަތު ލިބުނީމައެވެ.
މިއީ މިކަމުގައި އަހަރެން ކުރާ ފަހު މަސައްކަތެވެ. އަހަރެން ދުނިޔޭގައި ނެތަސް ކަންވީ ގޮތް ކޮންމެވެސް ދުވަހަކުން ދަރިފުޅަށް އެނގެން އަހަރެން ބޭނުންވީއެވެ. ބައްޕަ ލޯބި ނުދީގެން އެ ދަރިފުޅު ކުރާނެ ޝަކުވާތަކަށް ޖަވާބު ހޯދުމަށް އެ ދަރިފުޅަށް މަގު ކޮށައިދީގެންނެވެ. ބައްޕައެއްގެ ހައިސިއްޔަތުން އުފުލަން ޖެހުނު ކޮންމެ ބުރައެއް މި ބައްޕަ އުފުލިކަން ދަރިފުޅަށް ވިސްނައިދިނުމަކީ މިއަދު އަހަރެންގެ އަޒުމެވެ. އަހަރެން ލިޔަން ފެށީމެވެ. ހިތުގެ ރިހުންތަކެވެ.

"ލޯބިވާ ދަރިފުޅާއެވެ. ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވަމެވެ. މަންމައާއެކު ދިރިއުޅުމަށް ބައްޕަ ވަރަށް މަސައްކަތް ކޮށްފީމެވެ. ތިން އަހަރު ވަންދެން ބައްޕަ ގަނަތެޅެފީމެވެ. ދަރިފުޅާ ބައްދަލުވާނޭ ފަހި މަގެއް ހޯދަން މަންމަ ގާތުން އާދޭސްކޮށް ސަލާން ޖަހައިފީމެވެ. އެކަން ކޯޓުތަކުގައި އެވާ ލިޔެކިޔުންތަކުން ސާބިތުވާނެއެވެ. ދަރިފުޅާއެވެ. ތިޔައީ މި ބައްޕައަށް މުހިއްމު ކުއްޖެކެވެ. މި ބައްޕަގެ ހިތުގެ ވިންދަކީ ތިޔަ ދަރިފުޅެވެ. މި ބައްޕަގެ ލޮލުގެ ފިނިކަމަކީ ތިޔަ ދަރިފުޅެވެ. ދަރިފުޅު އުފަލުގައި ބަހައްޓަން ބައްޕަ ނުކުރާނެ ކަމެއް ނޯންނާނެއެވެ. ދަރިފުޅުގެ ކުރިމަގަށް ޓަކައި މި ބައްޕަ ފޮނި އުއްމީދުތަކެއް ކުރީމެވެ. ރޭވުންތަކެއް ރޭވީމެވެ. ނަމަވެސް އެ ހުރިހާ ކަމެއް މިއަދު އާތްވަށް ވެގެން އަރައިފިއެވެ. އަދިވެސް މި ބައްޕަ މި ހުރީ ސާބިތުކަން މަތީގައެވެ. އަމިއްލަ ސިކުނޑިން ދަރިފުޅަށް ވިސްނުމުގެ އިހުތިޔާރު ލިބޭ ދުވަހަކުން ވިސްނާ ފިކުރުކޮށްލާށެވެ. ބައްޕަ މި ކިޔައިދިން ވާހަކަތަކާ މެދު ފުން ކޮށް ވިސްނާށެވެ. އިންސާފުގެ ތިލަފަތުން މިނުމަށްފަހު ދަރިފުޅު ގޮތެއް ނިންމާށެވެ. ބައްޕަގެ އެދުމަކީ ދަރިފުޅަށް ހެޔޮ ގޮތް މިންވަރު ކުރެއްވުމެވެ. މި ބައްޕަ ހަށީގައި ނޭވާ ހުރިހާ ހިނދަކު ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމުގައި ދެމި ހުންނާނަމެވެ. މި ބައްޕަގެ އަތްފައި ހެލޭހާ ދުވަހަކު ދަރިފުޅަށް ބޭނުންވާ ކަންކަން ފަހިކުރަން މަސައްކަތް ކުރާނަމެވެ. މިބައްޕަގެ ދެ ނޫރު ގަދަވެ ހެޔޮހާލުގައި ވާހާ ދުވަހަކު ދަރިފުޅުގެ ހިނިތުންވުން ދެކެން ބޭނުންވާނެއެވެ. މި ބައްޕަގެ ފަހު ނޭވާ ވެސް ދޫކޮށްލާނީ ދަރިފުޅުގެ ހައްގުގައެވެ. ދަރިފުޅާއެވެ. މިވެސް ހިތެއް އޮތް ނިކަމެތި ބައްޕައެކެވެ. ބައްޕައަކީ ކުށްވެރި ނުވެ ކުށްވެރިވެފައިވާ މީހަކީމެވެ."

އަހަންނަށް ރޮވެން ފެށުމުން ހުއްޓައިލީމެވެ. ވާހަކައެއްގެ ސިފައިގައި އަހަރެންގެ ދިރިއުޅުމުގެ ހިތި ހަގީގަތް ކިޔުންތެރިންނަށް މި ފޯރުކޮށްދިނީ އަހަރެން ނެތް ދުވަހަކުން ވެސް، ދަރިފުޅަށް ހަގީގަތް ހާމަކޮށްދިނުމުގެ ބޭނުމުގައެވެ. މި ބައްޕަގެ ހިތުގެ ރިހުންތައް ދަރިފުޅު ބޮޑުވެ ތަސައްރަފު ފުދޭ ދުވަހު ކޮންމެ ވެސް ކިޔުންތެރިއަކު ހިއްސާކޮށްދޭނެ ކަމަށް އުއްމީދުކޮށްގެންނެވެ. މި ބައްޕަގެ އިހުސާސްތައް ދަރިފުޅަށް މި ގޮތަށް ވެސް ހިއްސާކުރުމުގެ ބޭނުމުގައެވެ.

(ނިމުނީ)
ހިޔާލު

ދޮންއާދަނު

ވަރަށް ރީތި....

ޔަލްވީ

ރޮވިއްޖެ... އަސްލަކާ ވައްތަރު