green takuhun libey aamdhanee mi sarukaarun heydhakuraanee kihineh?
image
ޓުއަރިސްޓުންތަކެއް ރާއްޖޭގެ ރަށެއްގައި.-- ފޮޓޯ: މޯލްޑިވް އައިލްސް
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ގްރީން ޓެކުހުން ލިބޭ އާމްދަނީ މިސަރުކާރުން ހޭދަ ކުރާނީ ކިހިނެއް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ގްރީން ޓެކްސް ނެގޭނެ ގޮތާ އެފައިސާ ހަރަދު ކުރެވޭނެ ގޮތް ތަފްސީލުކޮށް، ދެފުށްފެންނަ ގޮތަކަށް ހާމަކުރުން ހިމެނެއެވެ.
އެ ގޮތުން ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުން މިހާރު ގްރީން ފަންޑުގެ ޓްރަސްޓް ފަންޑެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ފުރަތަމަ ފަހަރަށް ގްރީން ޓެކްސް ލިބޭ މިންވަރާއި ހޭދަކުރެވުނު މިންވަރު ބަޔާންކޮށް ޖެނުއަރީ މަހުގެ ގްރީން ޓެކްސް ރިޕޯޓް ވަނީ ހާމަކޮށްފައެވެ. އެ ރިޕޯޓުން ބުނާ ގޮތުން ގްރީން ޓެކްސްގެ ގޮތުގައި ޖެނުއަރީ މަހު 78.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާ އިރު އެ އާމްދަނީން އެއްވެސް ހަރަދެެއް ކޮށްފައެއް ނުވެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި ގްރީން ޓެކްސްގެ ގޮތުގައި 2016 އަހަރު ލިބިފައިވާ އާމްދަނީއަކީ 633.5 މިލިއަން ރުފިޔާއެެވެ. މި އަދަދު 2017 ވަނަ އަހަރު ވަނީ 693.8 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި މި ދިޔަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއަކީ 810.3 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ރާއްޖޭގައި ގްރީން ޓެކްސް އެންމެ ފުރަތަމަ ނަގަން ފެށީ 2016 ވަނަ އަހަރެވެ. އޭރު ސަރުކާރުގައި ތިއްބެވި އިސްވެރިން ވިދާޅުވަމުން ގެންދެވީ ގްރީން ޓެކުހުން ލިބޭ އާމްދަނީ ބޭނުންކުރާނީ ރާއްޖޭގެ ރަށްތަކުގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށް ރަށާއި ރިސޯޓުތަކުން އުފައްދާ ކުނި ނައްތާލުންފަދަ ކަންކަމަށެވެ. ނަމަވެސް އެއާ ހިލާފަށް، ފާއިތުވި ތިން އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބޭ ފައިސާ ހޭދަކޮށްފައިވަނީ ސަރުކާރުގެ އެކި އެކި މަޝްރޫޢުތަކަށެވެ.

ލޯކަލް ޓުއަރިޒަމްއާ އެކު ތިން ރަށެއްގެ ތަރައްގީ އާއި ވެއްޓަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ދިރާސާއެއް ކުރަމުންދާ ޑރ. މިޒްނާ މުހައްމަދު ފާހަގަކުރެއްވިގޮތުގައި ރާއްޖޭގައި މިހާރު ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ އިރު ތިމާވެށީގެ ގޮތުން އެންމެ ބޮޑު މަސައްކަތެެއް ކުރަންޖެހިފައިވަނީ ކުނި ނައްތާލުމަށެވެ. އަދި ހާއްސަކޮށް ރަށުގެ އަތިރިމަތި ސާފުކޮށް ބެލެހެއްޓުމާއި ބައެއް ރަށުގެ ގޮނޑުދޮށަށް ލައްގާ ކުނި ސާފުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވެއެވެ.

"މި ކަމަށް ގެސްޓުހައުސްތަކާއި ކައުންސިލްތައް އަދި ކޮމިއުނިޓީ އެއްކޮށް ގިނަ މަސަައްކަތްތަކެއް ކުރާއިރު މާލީ ދަތިކަން ފާހަގަކުރޭ. ގެސްޓުހައުސްތަކުން ނަގާ ގްރީން ޓެކްސް އެ ރަށެއްގެ ވެއްޓަށް ކުރާ މަސައްކަތްތަަކަށް ލިބޭގޮތްވުމަކީ މިކަމަށް އޮތް ވަރަށް ރަނގަޅު ހައްލެއް. މިއީ ރަށްރަށުން ވެސް ވަރަށް އެދޭ ކަމެއް،" ޑރ. މިޒްނާ ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި ވެސް ރަށްރަށުގެ ނަރުދަމާ އެޅުން ފަދަ ތަރައްގީގެ މަސައްކަތް ހިމަނާފައިވާ އިރު ގްރީން ޓެކުހުން ލިބޭ އާމްދަނީގެ ބައެއް މިކަންތައްތަކަށް ހަރަދު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދެމެހެއްޓެނެވި ގޮތެއްގައި ފަތުރުވެރިކަން ތަަރައްގީ ކުރުމަށް ގްރީން ޓެކުހުން ލިބޭ އާމްދަނީއަކީ ސީދާ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކާ ގުޅުން ހުރި މަސައްކަތްތަކަށް ހޭދަ ކުރެވޭ ފައިސާއަށްވުމަކީ މުހިންމު ކަމެކެވެ.

އަދި މީގެ އިތުރުން ފަތުރުވެރިންގެ އަތުން ނަގާ އެ ޓެކުހުން ރަށް ރަށުގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް ހޭދަކޮށް، އޭގެ މައުލޫމާތު ފަތުރުވެރިންނަށް ހިއްސާ ކުރެވޭނަމަ، ހިތްހަމަޖެހުމާ އެކު ގްރީން ޓެކްސް ދައްކާނެކަމަށް ބެލެވެ އެވެ. ނަމަވެސް ސުވާލަކީ ރައީސް ޔާމީނުގެ ސަރުކާރުން އެންމެފަހުން އަމަލުކުރި ގޮތަށް ރައީސް ސޯލިހުގެ ސަރުކާރުން ވެސް ގްރީން ޓެކުހުން ލިބޭ ފައިސާ ވެސް ޓެކްސް ނެގުމުގެ މަގުސަދު ހާސިލްނުވާނެގޮތަކަށް ހޭދަކޮށްފާނެތޯ އެވެ.
ހިޔާލު