Dhin ufaa loabin, Episode 6
image
ދިން އުފާ ލޯބިން--
ފުނަމާ
2 ކޮމެންޓް
 

ދިން އުފާ ލޯބިން..

6 ވަނަބައި
ޔަނާލްގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ. މުސްކާންގެ އަޑުން ކަންފަތުގެ ހިނދުރީގައި ބާރުގަދަ ބެރެއް ޖަހައިލިހެން ހީވިއެވެ. ތަގުޅިކޮށްލެވުނު ދެލޮލުގެ އެސްފިޔަތަކުގެ ތެރެއިން ފެނިގެންދިޔަ، ވިދުވަރަކީ ދާދިމިދާކަށްދުވަހު މާލެއަށް ކުރި ބޮޑު ވިއްސާރައިގެ ވިދުވަރުގެ އަލިކަމެއް ނޫނެވެ. ނުވަތަ އެރޭގެ ބާރުގަދަ ގުގުރީގެ އަޑެއްވެސް ނޫނެވެ. އެދުވަހު ކަރަންޓުގެ އަލިކަމެއްނެތި އުޅެންޖެހުނު އެތައް ގަޑީރެއްގެ ވާހަކައެއް ނޫނެވެ. ދެލޮލުން އޮހޮރުގެ ކަރުނައަކީ އެރޭގެ ފިނިފިނި ވިއްސާރައިގެ ސާފު ފެންތިކިތަކެއް ނޫނެވެ.

ހިތް ރޮއްވާލީ، މާދުރު ހަނދާންތަކެކެވެ. އެއީ މާޒީއެވެ. އެއާއިނުލައި ޔަނާލްގެ ދިރިއުޅުން ހަނަފަސް ސަހަރާއެކޭ އެއްފަދައެވެ. އެއީ ހިތުގެ ރިހުމެވެ. އަދި އުފަލެވެ. ވޭނާއި ހިތްދަތިކަމާއި ހާސްކަމާއި ނާންމާންކަމާއި ބޮޑެތި ޢިލްޒާމްތަކާއި ލަދުވެތިކަމެވެ. ވަށާއިގެން ދުނިޔެ ކުޑަވެ، ހާސްކަން އިންތިހާއަށް ބޮލުގައި ވިޔަސް، ނިމާ ނޫން އެހެން އަންހެނަކަށްޓަކައި އަދި އަދަށްވެސް ޔަނާލްގެ ހިތުގައި ވިންދެއް ނުޖަހައެވެ. އެހެންވިއްޔާ މިއީ ބޭވަފާތެރިކަމާއި އޮޅުވައިލުމޭ ބުނެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. މިއީ ލޯތްބެވެ. ހިނދުކޮޅެއްގެ ހިންތިހާއި ލޯތްބާއި ދުނިޔެވީ އަރާމުގެ އިޙްސާސްތަކެވެ. ހަޤީޤީ ވަފާތެރރިކަމެވެ. ބުނެވުނު އެންމެ ލަފުޒަކަށްޓަކައި މުޅި އުމުރު އޭނާގެ ލޯތްބަށް ޤުރުބާންކުރުމަކީ މިއީއެވެ. ތަގުދީރުގައި ލިޔެވިފައިވާ އެއްޗެއް ޔުއާންއަށް އަންދާޒާވެސް ނުކުރެވެއެވެ. ގޮތް ނޭގޭ ބާރަކުން، ލޯތްބަށްޓަކައި އިންތިޒާރުކުރުމަށް މަޖުބޫރުކުރަނީއެވެ. މުޅި އުމުރު އެ ލޯތްބަށްޓަކައި އާދޭސްކުރަނީއެވެ. ދެވުނު ނިކަމެތިކަމާއި ފަޟީހަތައްޓަކައި މަޢާފުލިބުން އެދި ރެއާއި ދުވާލު އާދޭސްކުރެވެނީއެވެ. އެހެންމީހަކަށް އެވާހަކަތައް ގަބޫލެއް ނުކުރެވޭނެއެވެ. ހިތުގެ ރިހުމެއް ވަޒަން ނުކުރެވޭނެއެވެ.

ރިހުންލިބިގެންވީ ހާދިސާއެކެވެ. އެއީ ގަސްތުގައި ކުރިކަމެއްނޫނެވެ. ކުރެވުނު ބޮޑު ކުށެކެވެ. ބޮޑު ފާފައެކެވެ. ތައުބާވެއްޖެއެވެ. ނަމަވެސް މަޢާފެއް ނުލިބެއެވެ. ޔަނާލްގެ ސިކުނޑީގައި ހަރުލާފައިވާ ސުވާލުތައް ގިނައެވެ. ޖަވާބެއް ނެތެވެ. މި ރިހުމަށް ލުއިވާނެ ހެއްޔެވެ؟ ދަރިފުޅާއެވެ. ބައްޕައަށް މަޢާފުކުރާށެވެ! ޔުއާން އަނގަހުޅުވާލީ އެއްޗެކޭ ބުނުމަށެވެ. ނަމަވެސް އިވުނީ މުސްކާންގެ އަޑެވެ.

"ބައްޕާ! މި ސުވާލުގެ ޖަވާބު ދުވަހަކުވެސް ނުލިބޭނެތަ؟ ކޮންމެ އެއްޗެއް ބައްޕަ ބުންޏަސް، އަޑުއެހުމުގެ ގާބިލުކަން ބައްޕަގެ މިދަރިފުޅުގެ ކިބައިގައި އެބަހުރި!" ހިތްވަރުކޮށްފައި މުސްކާން ބުނެލިއެވެ.
ބައްޕަގެ ފަރާތުން ޖަވާބުލިބޭނެކަން ޔަގީންވާތީއެވެ.

ޔަނާލްއަށް ވަމުންދިޔަ އުނދަގޫތައް ދަރިފުޅާއި ހިއްސާކުރެވޭނެ އެއްގޮތެއްވެސް ނެތެވެ. އާއެކޭ! ނުވަތަ ނޫނެކޭ! ބުނެ، ޖަވާބު ދެވިދާނެއެވެ. އޭގެ ފަހުގައި ދެންވާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބު ދޭންޖެހޭނީ ކިތައް ސުވާލަށް ހެއްޔެވެ؟

"ދަރިފުޅާ! ދަރިފުޅުގެ މަންމައަކީ ވަރަށް ރީތި، ވަރަށް ހިތްހެޔޮ، ވަރަށް ސާދާ މިޒާޖެއްގެ އަންހެނެއް" ޔަނާލްގެ އެންމެ އާންމު ތަޢުރީފުން، ކުޑަމިންވަރެއް މުސްކާންއަށް ބުނެދިނެވެ. ޔަނާލްގެ ޖަވާބު މުސްކާންއަށް ނުފުދޭނެކަން އެނގިހުރެއެވެ. ދަރިފުޅުގެ ސުވާލު އަނެއްކާވެސް ތަކުރާރުކުރީ، ބޭނުންވި ޖަވާބު ނުލިބުމުންނެވެ. ޔަނާލްބޭނުންވީ، މިހާތަނަށް މުސްކާންއަށް އެނގިފައި އޮތް ހަގީގަތެއްގެމަތީގައި ދިރިއުޅުން އާރާސްތުކުރުވާށެވެ. ނަމަވެސް އަމާޒު ބަދަލުކުރާންޖެހިއްޖެއެވެ. ދަރިފުޅުގެ ސުވާލަށް މިއަދު ޖަވާބު ލިބެންޖެހެއެވެ.

ހިތްވަރުލިބުނީ ދަރިފުޅުގެ ހަށިގަނޑުގައި ދެއަތުން ހިފަހައްޓައިލުމުގެ ނަސީބު އެވަގުތު ލިބިފައިވީތީއެވެ. މުސްކާންގެ ސުވާލު އަޑުއަހަން ބޭނުން ނުވިއަސް އެއަޑު އިވިއްޖެއެވެ. ދަރިފުޅުގެ އަޑުގައި ހުރި ރިހުން، އެހެންމީހަކު ޔަނާލްއަށް ފަހުމްކޮށްދޭކަށް ނުޖެހޭނެއެވެ.

***
"އަހަރެން ހިއެއް ނުކުރަން މިދަންވަރުގައި އަހަރެންގެ އެނދު ހޫނުކޮށްދޭން ޝަރީ އޮވެދޭނެކަމަކަށް.. ނުލާހިކު ރީތި މީހަކާ އިނދެގެން އުޅެނީ. އަހަރެން ކަހަލަ މީހެއްގެ ކައިރިއަށް މެންދަމު އަންނަންޏާއި ޝަރީގެ ރައްޓެހިންވެސް ފާޑުފާޑު އެއްޗެހި ކިޔާނެ" ޝެނީންގެ ހިތުގައި އަލިކުރަމުންދިޔަ މަގުން ދަތުރުކުރުމަށް މަގުތައް ކޮށައި އަމާންކުރަމުން އޭނާ ދިޔައީ ވިސްނުންތެރިކަމާއެކުއެވެ.
"ޔޫ އާރ މޯ ބިއުޓިފުލް ދޭން ހަރ.. އެތައް ގުނައެއް ރީތި! އިންސައިޑް އެންޑް އައުޓްސައިޑް" ލޯބިކޮށްލަމުން ޝަރީފު ބުންޏެވެ.

"ހިތައް އަރަނީ މިހާރުވެސް ނިޝާނާގެ ނުރަނގަޅު ކަންކަން އޭނާ ރަގަޅުކޮށްފިއްޔާ، އަހަރެންގެ އަތުން ޝަރީ ބީވެގެންދާނެޔޭ.. އަހަރެން މިއީ ޝަރީއަށް އެއްވެސް މީހަކަށް ނުވާނެ އެދުވަހަކުން" ދެރަވެލާފައި ޝެނީން ބުންޏެވެ.

"ޝެނީންދެކެ އަހަރެން މިހާރު ވަރަށް ލޯބިވޭ.. ރައްޓެހިންނާއި އޮފީސްމީހުންނަށްވެސް ފޮރުވައިގެން ވަރަށް ދުވަސްވަންދެން އަހަރެން ޝެނީން ގެންގުޅެފިން.. ހަގީގަތުގައި ޝެނީންގެ އިހުސާސްތަކަށް އިޙްތިރާމްކުރެވިފައެއްނެތް.. ވަރަށް ދެރަވޭ އެކަމާ! ދެން އެހެންވިޔަކަނުދޭނަން.. ސިއްރަކުން ނުގެންގުޅޭނަން.. ދެރައެއްވެސް ނުކުރާނަން.. އައި ވިލް ޑޫ އެނީތިންގ ފޯރ ޔޫ މައިލަވް" ޝަރީފުގެ ލޯބި ޝެނީންއަށް އިހްސާސްކޮށްދިނުމަށް ނިއްކުރީގައި ބޮސްދިނެވެ.
"ކިހައި ދުވަހެއް ވަންދެން އަހަރެން މިހެން އުޅެންޖެހޭނެބާ؟" ބޭނުންނުވިޔަސް އެސުވާލުކުރެވުނީ ޝެނީންގެ އިޚްތިޔާރުން ބޭރުންނެވެ.

"ސޮރީ ލަވް! ތިކަމާއި ބުނެވޭނެ މާބޮޑު އެއްޗެއް އަދި ނެތް! އަހަރެންގެ ކުދީންނަކީ އަހަރެންގެ ދުނިޔެ! ނިޝާނާގެ ސަބަބުން އެކުދިންގެ ދުނިޔެ އެދަނީ ބަނަވަމުން.. އެއްވެސް ކުއްޖަކަށް ކިޔަވައިދޭންވެސް އޭނާ މަސައްކަތެއްނުކުރޭ.. ގޭތެރެ ހީވާނީ ގޮނޑެއްހެން.. އެއްވެސް މަސައްކަތެއް ކުރަނީއެއްނޫން.. އަހަރުމެން ދެމީހުން ދޭތެރޭގައި މައްސަލަތަކެއް ދިމާވެގެން އަހަރެން އެއްޗެހިކިޔާ ދުވަސްކޮޅެއްގައި ނޫނީ، ކުއްޖެއްގެ ކިޔެވުމާއިވެސް އަޅާނުލާނެ.. ކިހިނެއް މިހެން އުޅޭނީ؟ މާލޭގެ ގަދަރުވެރި އާއިލާއަކުން އަންހެންކުއްޖަކާއި ކައިވެނި ކުރެވުނީމައި އަހަރެންވެސް ހީކުރިން، ދިރރިއުޅުން ވަރަށް އުފާވެރިވާނެކަމަށް.. އެކަމަކު އެއީ ހަމައެކަނި ކުރެވުނު ހީއެއް.. ދެކުދިންގެ ކިބައިގައި ރީތި އަޚްލާގެއްގެ ސިފަވެސް ހަގީގަތުގައި މިހާރަކު ނުހުރޭ.. މީހުންގިނަ ތަންތަނަށް ގެންދަންވެސް ކުޑަކޮށް ލަދުގަންނަ ގޮތްވޭ! އާލާ ވެސް އެއްގޮތަކަށްވެސް މައިތިރިނުވޭ! އަހަރެންގެ ސިކުނޑިފަޅައިގެން ދާވަރުވޭ" ނިއްކުރި މައްޗަށް އަތް އެއްލަމުން ޝަރީފު ވާހަކަދެއްކިއެވެ. މޭމަތީގައި ބޯއަޅައިލައިގެން އޮތް ޝެނީންގެ ލޮލުން ތަފާތު އިޙްސާސެއް މިރޭ ފެނިއްޖެއެވެ.

***
ދެބަފައިންގެ ރުއިމުގެ އަސަރުގަދަ ވަގުތުކޮޅަކަށްފަހު މިވަގުތު ކޮޓަރިތެރެ ހަމަހިމޭންވެއއްޖެއެވެ. ސޯފާގެ އެއްކޮޅުގައި ޔަނާލް އިށީންދެގެން އިންއިރު، މުސްކާންއޮތީ ބައްޕަގެ ގާތުގައި ކުށަންއެއް ބާއްވައިގެން، އޭގައި ބޯއަޅާއިގެންނެވެ.

"ބައްޕަގެ ސިއްރުތައް ދަރިފުޅު ނޫން އެހެންމީހަކަށް އިނގޭކަށް ބައްޕަ ބޭނުމެއްނޫން.. އެކަމމަކު ބައްޕަގެ ހަޔާތުގައި އުފުލަމުން މިދާ ވޭނާއި ކެކުޅުން، ދަރިފުޅަށް ބުނެދޭކަށްވެސް ފަސޭހައެއް ނޫން.. ދަރިފުޅުގެ ކިޔެވުމަށް ބުރުލެއް އަރާފާނެ އެއްވެސް ކަމެއް ދަރިފުޅުގެ ހަޔާތަށް ބޯމަތިކުރުމަކީ ބައްޕަ، ދުވަހަކުވެސް ބޭނުންވާނެ ގޮތެއްނޫން.. ބައްޕަގެ ދުނިޔެއަކީ ދަރިފުޅާއި ދަރިފުޅުގެ މަންމަ.. އެކަމަކު އެއްވެސް ހާލެއްގައި ނުބުނަން މާމައާއި ކާފައަށް ދެރަގޮތެއް ހަދާނަމެކޭ.. ވަރަށް ލޯބިން މައިންބަފައިން ބަލާނަން އިންޝާﷲ.. ބައްޕަ ނެތް ދުވަހަކުން، ދަރިފުޅުވެސްވާނެ މާމައާއި ކާފަ ބަލަން.. ވަރަށް ލޯބިން ބަލަންވާނެ.. ބައްޕަ އުއްމީދުކުރަން، ވިސްނުންތެރިކަމާއެކު ދަރިފުޅުގެ ކިޔެވުންވެސް ކުރިއަށް ގެންދާނެކަމަށް" ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ޔަނާލް ބުންޏެވެ.

މުސްކާންގެ ސުވާލުން ބޭރުން ގިނަ ވާހަކަތަކެއް ޔަނާލް ދެއްކިއެވެ. އެކަމާއިމެދު ޝަކުވާއެއްވެސް ނުކުރެއެވެ. ނިމާގެ އާއިލާއާއި ގުޅުމަށް ޔަނާލްކުރި މަސައްކަތް މުސްކާންއާއި ކޮންމެވެސް ވަރަކަށް ހިއްސާކުރިއެވެ.
"އޭރަކު ރައްރަށުގައި މޯބައިލްފޯނެއް ނުގެންގުޅޭ.. ބޫތަށް ގުޅަންޖެހޭނީ.. ކޮންމެ ދުވަހަކު ގުޅަން! އެކަމަކު އެންމެ ދުވަހަކުވެސް މަންމައާއި ދިމާނުވި! ބައްޕަ މާލެ އައިފަހުން، ހަމަ އެންމެ ފަހަރރަކުވެސް ދަރިފުޅުގެ މަންމައާއި ދިމާނުވި.." ދެރަވެލާފައި ޔަނާލް ބުންޏެވެ.

މުސްކާން އިންތިޒާރުކުރަމުންދިޔައީ ބައްޕައަށް ހުށަހެޅި ސުވާލުގެ ޖަވާބު، ލިބޭނެ ވަގުތަކަށެވެ. އިތުރަށް އެއްޗެއް ނުބުނެ ހިމޭނުން އިނދެވުނު ސަބަބަކީވެސް އެއީއެވެ.

"ދަރިފުޅާ! ހަގީގަތުގައިވެސް، ބައްޕައަކަށް ނޭގެ ދަރިފުޅުގެ މަންމ.." ވަރަށް ހިތްވަރުކޮށްފައި ބުނެލަން އުޅުނުހެން ހީވިއެވެ. ނަމަވެސް އަޑު ކުރެހިއްޖެއެވެ. އޮށޯވެގެން އޮވެފައި މުސްކާން ބޯ ހިއްލާލިއެވެ. ބައްޕައާއި ހަތަރުކަޅި ހަމަކޮށްލުމަށެވެ.

"ބައްޕައަކަށް ނޭގެ.. ސޮރީ ބައްޕަ ދޫނީ.. ވަރަށް މަސައްކަތްކުރީން، މަންމަގެ ޚަބަރެއް ވޭތޯ" ޔަނާލްއަށް ރޮނުވީއެވެ. ބުނަން އުޅުނު އެއްޗެއް ނޭގިފައި އިންނަފަދަ ގޮތަކަށް މުސްކާން އިނީ، ހަރަކާތެއް ނެތިފައެވެ.

"ހަމަގައިމުވެސް މިރާއްޖެއަކު ނެތް!" އެސްފިޔަތަކުގެ ތެރެއިން، ރަތްވެފައިވާ ދެ ލޯ ފޮރުވަން ޔަނާލް މަސައްކަތްކުރިއެވެ. ރޮވިފައިވަނިކޮށް ބައްޕަގެ ދެލޯ މުސްކާންއަށް އެތައް ފަހަރަކު ފެނިއްޖެއެވެ. ނަމަވެސް މިވަގުތު އެހުރިފަދަ ހިތްދަތިކަމެއް ދުވަހަކުވެސް އެދަރިފުޅަށް ފެނިފައެއްނުވެއެވެ.

"އެހެންވީމައި، މިދުނިޔޭގައި މަންމަ އެބަހުރި ދޯ.. މުސްކާންގެ މަންމަ އެބަހުރި ދޯ" ދެއަތުގައި ހުރި ބަރެއްލާފައި ބައްޕަގެ ކަނދުރާގައި މުސްކާންގެ ދެއަތް އޮޅާލިއެވެ.

"ބައްޕަގެ ދުޢާއަކީވެސް ތިއީ! ކޮންމެވެސް ދުވަހަކުން، ދަރިފުޅުގެ މަންމައާއި ދަރިފުޅު ބައއްދަލުވުން" ރޮއެލާފައި ޔަނާލް ބުންޏެވެ. ރޭގަނޑުން ބޮޑުބައެއް ދެބަފައިން ހޭދަކުރީ ރުއިމުގައެވެ. ބައްޕަގެ ހަޔާތުން ޞަފްހާތައް ހުޅުވާލުމަށް މުސްކާންގެ ޝައުގުވެރިކަން ބޮޑުވިއެވެ. ބައްޕަގެ ކުށެއް އޮންނާނެކަމަށް މުސްކާންއަށް ގަބޫލުނުކުރެވޭތީއެވެ.

ކޮންމެ ފެށުމަކީ ނިމުމެކެވެ. ކޮންމެ ނިމުމަކީ އެތައް ޢިބްރަތަކާއި އާފިލާވަލުތަކެކެވެ. އިރުގެ ރަން ދޯދިތަކުގެ ކުލަރީތި، ގޮނޑުދޮއްތަކުގައި ދޫނިސޫފާސޫފި އެސޮރުމެންގެ މަންޒިލްތަކަށް ދަތުރުފަށައިފިއެވެ. ދުވަހުގެ މަސައްކަތްތައް އެސޮރުމެންގެ ހީވާގިކަމުގެ މައްޗަށް ބަހާލައިފިއެވވެ. ޖެހިލާ ވައިރޯޅިއާއެކު ރުކުގެ ފަންތަކާއި ގަސްތަކުގެ ފަތްތައް ހެލިލާގޮތް އިންސާނުންގެ ހިތްތަކާއި ކުޅެލައެވެ.

"މަށަށް ބުނެދީބަލަ ތި ގެންގުޅޭ މަންޖެގެ ހަގީގަތް" ރަޙްމަތްތެރިކަމުގެ ބުނެލުމަކުން ޔަނާލް ބުނެލިއެވެ. ކޮފީތަށީގައި ތުން ޖަހާލިއިރުވެސް ޔަނަލްގެ ހިނިތުންވުން ފަނޑުނުވެއެވެ.

***
މުސްކާންގެ އުފާވެރި މިޒާޖު މުރުޝިދާއަށް މިއަދު ވަރަށް ކަމުގޮއްސިއެވެ. މާމަ ދަރިފުޅާ ސަމާސާކުރުމަށް އެތައް އުކުޅެއް މުރުޝިދާ ބޭނުންކުރެއެވެ.
"ހާދަހައި އުފާވެފައި ހުރި ދުވަހެކޭ.." ވަރަށް ދިމާކޮށްލާފަދަ ރާގެއްގައި މުރިޝިދާ ބުނެލިއެވެ.
"ހޫމް ހޫމް.. އުފާވެރި ޚަބަރު ލިބުނީމައި އުފާވާނެ" ވަރަށް ލޯބިން މުސްކާން ބުނެލީ މާމައާއި ގާތަށް ޖެހިލާފައެވެ.
ހަވީރުގެ ސައިގަޑިއަކީ މާމައާއި ކާފައާއިއެކު މުސްކާންގެ އެންމެ އުފާވެރި ވަގުތެވެ.

***
"އެއީ އަހަރެންގެ ލޯބި! މަށަކަށްވެސް އަބަދަކު، ކުނިގޮނޑަށް ވަދެ ނޯވެވޭނެ.. އެނޫން ގޮތެއްވެސް ހޯދަންޖެހޭނެނުން" ދެކޮނޑު އަރުވާލާފައި ޝަރީފު ބުންޏެވެ.
"މި އަހަނީ އެއީ ކިހައި ހިސާބަކުން ހޯދި ޖަވާހިރެއްތޯ؟" ކެތްތެރިކަން ކުޑަވެފައިވަނީ ޝަރީފުގެ ޖަވާބަށެވެ. ޔަނާލްގެ ސުވާލަށް ޝަރީފު ގަޔާވިކަން އެނގުނީ މޫނުމަތީގެ އުފާވެރިކަން އިތުރުވީތީއެވެ.
"އެއީ ލާމު އަތޮޅު، ޖަވާހިރެއް.. ގަން އެއީ ރަގަޅު ހިސާބެއްނުން؟" ޝަރީފު ބުންޏެވެ. ތުންޖަހަން އުފުލާލި ކޮފީތަށި ޔަނާލްއަށް ބެހެއްޓުނީ ޝަރީފުގެ މޫނަށް ބަލަން އިނދެއެވެ.
"ކީކޭ؟ ކޮން ރަށެކޭ؟ ގަން؟" ޔަނާލްގެ ދެލޯ ބޮޑުވިއެވެ. މޭގަނޑު ނިކުމެދާނެހެން ހީވިއެވެ. ހަތަރެސްފައި ފިނިވިއެވެ.




--ނުނިމޭ--
ހިޔާލު

ފުނަމާ

ދިޔެ ހިއްވަރު ކޮއްލާ...ދެން ނުވާނެ މާާ ގިނަ ދުވަހެއް....

ދިޔެ

ހާދަ ދުވަހެއްވެއްޖޭ އިންތިޒާރު ކުރާތާ ފުނަމާ!!!