raajjeeyge igthisaadhaa dheythereygai imfge kanboduvunthan baivaru
image
އައިއެމްއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ: ޕީއެސްއެމް
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ދަރަނި އަދާނުކުރެވުމުގެ ބިރު ރާއްޖެއަށް އެބަ އޮތް: އައިއެމްއެފް

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އާޓިކަލް 4 ގެ ދަށުން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ވަފުދުން ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި ސަރުކާރުގެ ސިޔާސަތުތަކަށް މަރުހަބާކިޔުމާ އެކު ރާއްޖޭގެ އިގްތިސާދުގައި ހުރި އަައިއެމްއެފްގެ ކަންބޮޑުވުންތަކަށް ވެސް އަލިއަޅުވާލައިފައެވެ.
އެއް ކަމަކަށް، ކުރު މުއްދަތުގައި ރާއްޖޭގެ އިގްތިސާދަށް ކުރިމަތި ވެދާނެ ހިރާސްތަކެއް އެބަހުރި ކަމަށް އައިއެމްއެފްއިން ވަނީ ފާހަގަ ކޮށްފައެވެ. އެ ގޮތުން ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދާއި ޗައިނާގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އައިސްދާނެ ސަބަބަކަށް ވެދާނެ ކަމަށް އައިއެފްއިން ބުނެއެވެ.

ދުނިޔޭގެ މާލީ ސިޔާސަތުތައް ހަނިކުރުމުގެ ސަބަބުން ލޯނުގެ އަގުތައް މަތިވުން އެކަށީގެންވާ ކަމަށް އައިއެމްއެފްއިން ބުނާ އިރު ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވެފައިވާކަމީ ވެސް އައިއެމްއެފްއިން ކަންބޮޑުވާ ކަމެކެވެ. އައިއެމްއެފުން ބުނާ ގޮތުގައި ދަރަނި އަދާ ނުކުރެވިދާނެ ކަމުގެ ބިރު ރާއްޖެއަށް އެބައޮތެވެ.

ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީދީފައިވާ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ދެމެހެއްޓެނިވި ފިސްކަލް ސިޔާސަތުތައް ބައްޓަން ކުރަން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ވެސް އައިއެމްއެފްއިން ބުނެއެވެ.
އައިއެފްއިން ފާހަގަކުރިގޮތުގައި ދައުލަތުން އިޝޫކުރެވޭ ސެކިއުރިޓީސްގެ ބޮޑު ބައެއް ކުރުމުއްދަތުގެ ސެކިއުރިޓީސްއަށް ބަރޯސާވެފައިވުމުން އެތެރޭގެ ދަރަނިން ފައިނޭންސްކުރުމަށް ހުރަސްތަކެއް ހުރެދާނެއެވެ.

އާ ސަރުކާރުން ހުށަހަޅާފައިވާ ކަންތައްތައް ތަންފީޒުކުރުމަށާއި ދުރު ރާސްތާގައި ދިމާވާނެ ގޮންޖެހުންތައް ހައްލުކުރުމަށް ބަޖެޓުގައި ހުރި ދަތިތައް ވެސް އައިއެމްއެފެއިން ފާހަގަ ކުރިއެވެ.

ގައުމީ އުފެއްދުންތެރިކަން 2019 އަދި 2020 ވަނަ އަހަރު ކުރިއަރާނެކަމަށް ލަފާކުރެވޭ މިންވަރު 2018 ވަނަ އަހަރަށް ވުރެ ކުޑަ މިންވަރަކަށް ދަށްވެދާނެކަމަށް ވެސް އައިއެމްއެފްއިން ލަފާކުރެެއެވެ. އެގޮތުން ގައުމީ އުފެއްދުންތެރިކަން 2019 ވަނަ އަހަރު 6.5 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާ ކުރެވޭއިރު، 2020 ވަނަ އަހަރު ހުންނާނެކަމަށް ލަފާ ކުރެވެނީ 6.0 އިންސައްތަައިގައި ކަމަށް އައިއެމްއެފްއިން ބުނެއެވެ.

ސަރުކާރުން ސަވަރިންގް ގަރެންޓީ ދީފައިވާ ދިނުމާ ބެހޭ ގޮތުން ސީއެންއެމުން ކުރި ސުވާލުގެ ޖަވާބުގައި އައިއެމްއެފުގެ ވަފުދުގެ އިސްވެރިޔާ ފިލިޕް ކަރަމް ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ސަވަރިންގެ ގެރެންޓީ ދިނުމަކީ އެކަމުގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވެދާނެކަމެއް ކަމަށެވެ.

ރާްއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ހިރާސްތަކުގެ ސަބަބުން ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ބައްޓަންކުރާނެ ގޮތުގެ ލަފާ ވެސް ވަނީ އައިއެމްއެފްއިން ދެއްވާފައެވެ. އެ ގޮތުން މަނިޓަރީ ސިޔާސަތު އިތުރަށް ހަރުދަނާކޮށް ހަނިކުރުމާއި ކުުރު ރާސްތާގައި ފިސްކަލް ޑެފިސިޓް ކުޑަކުރުމަށް ލަފާ ދެއްވައިފައިވެއެވެ.
ހިޔާލު