Adhurey mulhi PPM Hijack kohfi: Zaahid
image
ޒާހިދު ރަމީޒު--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އަދުރޭ މުޅި ޕީޕީއެމް ހައިޖެކްކޮށްފި: ޒާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ގެންދިޔަ ދަނޑިވަޅު ބަލައި، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ޕީއެންސީގެ އިންތިގާލީ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އޭނާ ކޮންޓްރޯލްކުރާ މަދު ބަޔަކު ޕީޕީއެމްގެ ކޮންޓްރޯލު ނުހައްގުން ނަގައި މުޅި ޕާޓީ ހައިޖެކްކޮށްފައިވާ ކަމަށް އެ ޕާޓީގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒު (ޒާހިދު ކްރިއޭޓަ) ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން އެންމެ ފުރަތަމަ ނިންމެވި ޒާހިދު އެޕާޓީގެ ކައުންސިލު މެމްބަރު ކަމުންނާއި ޕާޓީން ވަކިވެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި އޭނާ ޕާޓީން ވަކިވީ، ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ހުސެއިން ސޯލިހަށް ތާއީދުކުރެއްވުމަށް ޕީޕީއެމްއިން ނިންމެވުމާއި ގުޅިގެންނެވެ. ޕާޓީން ވަކިވެ ޒާހިދު ވަނީ އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރައްވާނެ ކަންވެސް އިއުލާނު ކުރައްވާފައެވެ.

ޕީޕީއެމްގެ އެ ނިންމެވުމާއި ގުޅިގެން ރައީސް ޔާމީނަށް ޒާހިދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ނިންމެވީ އެމަނިކުފާނުގެ ފުރިހަމަ ތާއީދާއި އެންޑޯސްމަންޓާއެކު ކަމަށެވެ. އެކަމަކު، ރައީސް ޔާމީނު ޖަލަށް ލުމާއެކު ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އާއި އޭނާ ކޮންޓްރޯލްކުރާ މަދު ބަޔަކު ޕީޕީއެމް އާއި ޕީއެންސީ ގެ ކޮންޓްރޯލް ނުހައްގުން ނަގައި، ޔާމީނުގެ ނަމުގައި އެކި ގޮތްގޮތުން ޕާޓީ ގަޑުބަޑުކޮށް އަމިއްލަ މަސްލަހަތު އިސްކޮށް މުޅި ޕާޓީ ހައިޖެކްކޮށްފައިވާ ކަމަށެވެ.

ޒާހިދު ވިދާޅުވީ، އިންތިހާބަށް ކެމްޕެއިން ފަށާއި، އެތަކެއް ރައްޔިތުންނާއި ބައްދަލުކޮށް ތާއިދު ހޯދަމުންދަނިކޮށް މަހުޖަނެއްގެ ޕާޓީއަކަށް އެދާއިރާގެ ތާއީދު ވިއްކާލާ، އޭނާގެ ހައްގުތައް އެންމެ މަތީ އަގު ދިން ފަރާތްތަކަށް ނީލަށް ކިޔާފައިވާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުގެ ތެރެއިން އޭނާ ކުރަމުން އައި ބުރަ މަސައްކަތުގައި ކޮރަޕްޝަނުގެ ތުހުމަތު އަޅުވާފައިވާކަން ފާހަގަކުރައްވާ ޒާހިދު ވިދާޅުވީ ކޮރަޕްޝަނުގެ ހަގީގީ މޭސްތިރިން ނުހައްގުން މުއްސަނދިވެ ތިބެ މިއަދު އެޕާޓީވެސް ވިއްކާލާފައިވާކަން ޕާޓީގެ އާންމު މެމްބަރުންނާއި މުޅި ގައުމުވެސް ހެކިވާނެ ކަމަށެވެ.

"މިވަގުތު ޕާޓީ ހައިޖެކް ކޮށްގެން ތިބި ލުޓޭރުން، އެވެރިންނަށް މަންފާވާގޮތަށް ޓިކެޓުތައް ބަހައި، މަނިކުފާނުގެ ތާއީދު ސާފުކޮށް ދެއްވާފައިވާ އަޅުގަނޑު ފަދަ ކެނޑިޑޭޓުންގެ ހައްގުތައް ނަގާލާއި، ފައިސާގެ ދަހިވެތިކަމުގައި މަހުޖަނަކަށް ވިކި ހުސްވާ މަންޒަރު ދެކެން މަނިކުފާނު ނެތުމަކީ ފަހަރުގައި ހެޔޮ ރަހުމަތަކަށްވެސް ވެދާނެއެވެ. ޕާޓީއަށް އިޚްލާސްތެރި ޒަމާންވީ ޚިދުމަތްތެރިން މަގުމަތިކޮށް، މަދު ބައެއްގެ ޖީބުތަކަށް ބަރުވާނެހެން އަދި މަސްލަހަތު އިސްވާނެހެން މިއިންތިހާބުގެ ކަންކަން ރާވާއި ހަމަޖައްސަމުން ދަނީ ޕާޓީގެ ގަވާއިދުތަކާއި މަނިކުފާނު ވެވަޑައިގެންފައިވާ އަހުދުތައް ފުނޑުފުނޑު ކޮށްފައެވެ." ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގަތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކެބިނެޓާއި ކައުންސިލުގައި، އަދި ޕާޓީގެ އެތެރެއާއި ބޭރުގައި ތިބި ރައީސް ޔާމީނަށް ވަފާތެރިން އެކަހެރިކޮށް، ޕާޓީގެ މެމްބަރުންނާއި މުޅި ގައުމު ބަލައިނުގަންނަ މަދު ބަޔަކު ޕާޓީގެ މުޅި ނިޒާމަށް އަތްގަދަ ކުރުން ކަމަށެވެ. އަދި އެގޮތަށް އަމަލުކުރާނަމަ ކުރިއަށް އޮތް މަޖިލިސް އިންތިހާބުން ބަލިވުމަކީ ވެސް ވަރަށް ގާތް ކަމެއްކަމަށް ޒާހިދު ވިދާޅުވިއެވެ.

ޕާޓީގެ ކައުންސިލުން އިސްތިއުފާދީ ޕާޓީގެ މެމްބަރުކަމުން ވަކިވާން ނިންމެވީ އަމިއްލަ އެދުމާއި ޒާތީ ތައައްސުބުން ފުރިގެންތިބެ ފައިސާއާއި މުދާވެރިކަމަށް އަޅުކަންކުރާ ބަޔަކު ކުރިމަތީ ކުޑަކަކޫ ޖަހަން ބޭނުން ނުވާތީ ކަމަށާއި ރައީސް ޔާމީނު ގެންގުޅުއްވި ޒުވާނުނަށް އިސްކަންދިނުމުގެ ސިޔާސަތު ވެސް މިހާރު އުވާލާފައިވާތީ އާއި އެމަނިކުފާނުގެ ބަހުގެ އަގު ވައްޓާލައި ޕާޓީގެ ނަން ކިލަންބުކުރަމުންދާތީ ކަމަށް ޒާހިދު ވިދާޅުވިއެވެ.

އެޕާޓީން ޒާހިދު ވަކިވިއިރު ރައީސް ޔާމީނުގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޒްލީން އަހުމަދު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމިޓީން ވަނީ ނިންމާފައެވެ. އޭނާ ޕާޓީން ވަކިކުރަން ނިންމާފައި އަޒްލީން ވެސް އަބްދުއްރަހީމްގެ ދަރިއެއް ކަމަށްވާ މުހައްމަދު ފައިސަލް ވާދަކުރައްވާ ހުޅުމާލޭ ދާއިރާއަށް ވާދަކުރައްވަން ނިންމެވިކަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ހިޔާލު