whatsappun dhuniyeygai baavvaa emme bodu inthihaabah thayyaaru vanee
image
އިންޑިއާގެ އިންތިހާބެއްގައި ވޯޓުލުން ކުރިއަށް ދަނީ--ފޮޓޯ: ރިއުޓާސް
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ވަޓްސްއެޕުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބަށް ތައްޔާރުވަނީ

އިންޑިއާގެ ގާތްގަޑަކަށް 200 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ވަޓްސްއެޕުން ދަނީ އޭޕްރިލް ނުވަތަ މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ އިންތިހާބަށް ތައްޔާރުވަމުންނެވެ.
އިންޑީއާގައި ކެމްޕޭންކުރުމުގެ ގޮތުން އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ޓުވީޓާ، ފޭސްބުކް އަދި ވަޓްސްއެޕް ފަދަ މީސްމީޑިއާގެ ބޭނުން ވޭތުވެދިޔަ އިންތިހާބުތަކުގައި ފުޅާ ދާއިރާއެއްގައި ކޮށްފައިވެއެވެ. އެ ގޮތުން މިހާރު ވެރިކަން ކުރާ ބީޖޭޕީ އާއި ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަނީ 2014ވަނަ އަހަރު އޮތް އިންތިހާބުގައި ވެސް މި ވަސީލަތްތަކުގެ ބޭނުންކޮށްފައެވެ.

ނަމަވެސް މި ދިޔަ އަހަރު އިންޑިއާގައި ބޭއްވި ސްޓޭޓް އިލެކްޝަންތަކަށް ކޭމްޕޭންކުރުމުގެ ތެރެއިން ބަޔަކު ވަނީ ނަހަމަގޮތުގައި ވަޓްސްއެޕް މެދުވެރިކޮށް ދޮގު މަޢުލޫމާތު ފަތުރާފައެވެ. މި ގޮތަށް ފެތުރި ދޮގު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެތައް ބަޔަކު މަރާލި މައްސަލަ ހޫނުވެފައި ވެއެވެ.

މި އަހަރު ބާއްވާ އިންތިހާބުގައި މި ފަދަ ދޮގު މައުލޫމާތާއި މީހުންގެ ހިތުގައި ނަފުރަތު އުފެދޭ ފަދަ ހަބަރު ވަޓްސްއެޕް މެދުވެރިކޮށް އާންމުންނަށް ފޯރުވިޔަ ނުދިނުމުގެ ގޮތުން ވަޓްސްއެޕުން ވަނީ ތައްޔާރީތަކެއް ވެފައެވެ.

އެ ގޮތުން އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކޮށްގެން މައްސަލަ އުފެދޭ ޒާތުގެ މެސެޖްތައް ދެނެގަނެ އެ ފޮނުވާ ފަރާތްތަކުގެ އެކައުންޓުތައް "ބްލޮކް" ކުރުމުގެ މަސައްކަތް ކުރެވޭނެކަމަށް ވަޓްސްއެޕުން ބުނެއެވެ. އަދި މާގިނައިން އެއްވައްތަރެއްގެ އެކައުންޓު ރެޖިސްޓާކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބައިވަރު މެސެޖު ފޮނުވުންފަދަ ޝައްކު ކުރެވޭ ޒާތުގެ މުއާމަލާތްތައް ދެނެގަނެވޭނެ ނިޒާމު ވަޓްސްއެޕްގައި ގާއިމުކުރެވިފައިވެއެވެ.

މީގެ އިތުރުން ވެސް ކޭމްޕޭން ކުރުމަށް ނަހަމަ ގޮތުގައި ވަޓްސްއެޕް ބޭނުން ކުރާނަމަ އެކައުންޓުތައް ބްލޮކް ކުރާނެކަމުގެ އިންޒާރު ސިޔާސީ ޕާޓީތަކަށް ވަނީ ދީފައެވެ.

އިންޑިއާގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދު ގާތްގަޑަކަށް 875 މިލިޔަނަށް އަރާނެކަމަށް އިންޑިއާ ސަރުކާރާ ހަވާލާދީ ސީއެންއެންއިން ބުނެއެވެ.
ކުންފުނި އިންޑިއާ
ހިޔާލު