SOF in dollar gathumaai, nuhahgun flat libun: Aharemennah miee ajaibeh!
image
ހުޅުމާލެ: ކުރީގެ ރައީސް ޔާމީނުގެ އަރިސް އެތައް ބަޔަކަށް ވަނީ ފްލެޓް ލިބިފައި.-- ފޮޓޯ: އެޗްޑީސީ
3 ކޮމެންޓް
 

އެސްއޯއެފުން ޑޮލަރު ގަތުމާއި، ނުހައްގުން ފްލެޓް ލިބުން: އަހަރެމެންނަށް މިއީ އަޖައިބެއް!

އެމްއެމްޕީއާރުސީން ދިވެހި ރައްޔިތުންގެ 1.3 ބިލިޔަން ރުފިޔާ ވަގަށް ނަގައި، އެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް އެތައް ބަޔަކަށް ބެހި އެވެ. މީގެ ދެތިން އަހަރު ކުރިން ހިންގި އެ ބޮޑު ކޮރަޕްޝަނުގެ ފައިސާ އެތައް ބަޔަކަށް ލިބިގެން ދިޔަ އިރު، އޭސީސީން އާންމުކޮށްފައިވާ ރިޕޯޓުން އޭގެތެރެއިން ބައެއް މީހުންގެ ނަންތައް މިވަނީ ހާމަވެފަ އެވެ.
އެ ރިޕޯޓް ހާމަކުރުމާ އެކު، އޭގައި އެސްއޯއެފުން ފައިސާ ޖަމާވި ކަމަށް ބުނެފައިވާ ގިނަ މީހުން، އެއީ ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ މުއާމަލާތްތަކެއް ކަމަށް ބުނެ، އެކަމުން ސަލާމަތްވާން ވަނީ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން މަދު މީހަކު ނޫނީ، ގަތް ޑޮލަރަށްވާ ދިވެހި ފައިސާ ދިން ކަމުގެ އެއްވެސް ހެތްކެއް މިހާތަނަށް ފެންނާކަށް ނެތެވެ.

ދެން އޮތީ އަދި މާ ހެއްވާ ކަމެކެވެ. ރާއްޖެ އަށް ޑޮލަރު ވަންނަ މައި އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް ސެކްޓާގެ އެންމެ ވަރުގަދަ ކުންފުނިތަކުން ވެސް ޑޮލަރު ހޯދަން އެސްއޯއެފަށް ދާން ޖެހުނު ވާހަކަ އެވެ. އެގޮތުން އޭސީސީ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެސްއޯއެފުން ރާއްޖޭގެ އެންމެ ގިނަ ރިސޯޓް ހިންގާ ޔުނިވާސަލް، ޗަންޕާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް އެތައް ލައްކަ ޑޮލަރެއް - ބައެއް ކުންފުނިތަކަށް އެތައް މިލިޔަން ޑޮލަރެއް ވަދެފައިވާކަން ވަނީ ހާމަވެފަ އެވެ.

އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާ އެކު، އޭސީސީ ރިޕޯޓުގައި ބުނެފައިވާ ވިލާ ޓްރެވަލްސް އިން ވަނީ އެއީ އެ ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް ހިންގި ސައްހަ މުއާމަލާތްތަކެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ވިލާ ގުރޫޕުން ފަސް ރިސޯޓާއި، އާންމުކޮށް ބޭރު މީހުން އުފުލާ އެއާލައިނެއްގެ އިތުރުން ވެސް އެތައް ސަތޭކަ ވިޔަފާރިއެއް ކުރާއިރު، އެހެން ކުންފުންޏަކުން - ޚާއްސަކޮށް ގޮތްނޭނގޭ ކުޑަ ކުންފުންޏަކުން ޑޮލަރު ގަންނަން ޖެހުން އެއީ އަޖައިބެއް ނޫން ހެއްޔެވެ؟

ވިލާގެ އިތުރުން އެ ލިސްޓުގައި ހިމެނުނު ޔުނިވާސަލް އާއި ޗަންޕާ އިން މިހާތަނަށް އެ ރިޕޯޓާ ގުޅިގެން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނިކަން އެނގިފައެއް ނުވެ އެވެ.

ދެން މިއޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި އެތައް ބައެއްގެ ކުރިމަތީގައި، އިންސާފާއި ހަމައެއްނެތި ބަހާލި ފްލެޓްތަކުގެ ވާހަކަ އެވެ. އެއް ރަށެއްގެ 40 މީހުންނަށް ފްލެޓް ލިބުނު އިރު އޭގެ ތެރެއިން 37 މީހުންނަކީ ރައީސް ޔާމީނުގެ އަރިސް މަޖިލީސް މެމްބަރެއްގެ އާއިލާ ބޭފުޅުންނަށް ވުމަކީ ހަމަ އިއްތިފާގެއް ހެއްތެވެ؟

އެ މަނިކުފާނަށް ތާއީދު ކުރާ އެތައް ބަޔަކަށް ކިތަންމެ ދަށުން ޕޮއިންޓް ލިބުނަސް ފްލެޓް ލިބުނީ ވެސް ހަމަ އިންސާފުން ހެއްޔެވެ؟ އަރިސް ބޭފުޅުންގެ އާއިލާގެ އެތައް ބަޔަކަށް - އޭގެ ތެރޭގައި ދުވަހަކު މާލޭގައި ދިރިނޫޅޭ މީހުންނާއި އެތައް އަހަރެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުނު މީހުންނަށް ފްލެޓް ލިބުމަކީ އަހަރެމެން، އާންމުންނަށް އަޖައިބަކަށް ނުވަނެ ހެއްޔެވެ؟

އިއްތިފާގަކުން ފްލެޓް ލިބުނީ މުޅިންވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ތާއީދު ކުރާ މީހުންނަށް ވުމަކީ ވެސް ހަމަ އިއްތިފާގެއް ހެއްޔެވެ؟ ރާއްޖޭން ބޭރުގައި އަދި ޒަމާނުއްސުރެ ރަށްރަށުގައި ދިރިއުޅެމުން ދިޔަ މީހުންނަށް - ޕޮއިންޓް ކިތަންމެ ދަށުން ލިބުނު ކަމުގައި ވީނަމަވެސް ފްލެޓް ލިބުނު އިރު އެ މީހުންނަށް ރައީސް ޔުާމީނުގެ އަރިސް ބޭފުޅަކާ ގުޅިފައި އޮތުމަކީ ވެސް ހަމަ އިއްތިފާގެއް ހެއްޔެވެ؟

ދަފްތަރު ލިސްޓުގައި، ދަފްތަރުގައި ނެތް އެތައް ސަތޭކަ ބަޔަކު ހިމަނާ އެ މީހުންނަށް ފްލެޓް ލިބުނު އިރުގައި އޭގައި ވެސް ރައީސް ޔާމީނުގެ ސަޕޯޓަރުން ހިމެނުމަކީ ވެސް ހަމަ އިއްތިފާގެއް ހެއްޔެވެ؟ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ފްލެޓްތަކުގައި ވެސް އެފަދަ އެއްވެސް މީހެއް ނެތް، ޕީޕިއެމް އަށް ތާއީދު ކުރާ އައިލާތައް ހިމެނުމަކީ ހަމަ އިއްތިފާގެއް ހެއްޔެވެ؟

މިއީ އަޅެ އަޖައިބެއް ނޫން ހެއްޔެވެ؟ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ ފައިސާ އިން ނަފާ ލިބިގަނެ، ހައްގު އެތައް ބަޔަކު ބިކަ ހާލުގައި ތިއްބާ އެ މީހުންގެ ފްލެޓްތައް، ކުއްލި ގޮތަކަށް ލިބުނު މީހުންގެ ހިތަށް އެއްޗެއް ނާރަނީ ހެއްޔެވެ؟
ހިޔާލު

މާސްޓަރ

ތިއަށްވުރެ މާހައިރާން ވޭ ބެހި 77 މިލިއަން ޑޮލަރގެ ތެރެއިން ޔާމީންގެ އެކައުންޓަށް ވަން 1 މިލިއަން އެކަނި ނުހައްޤުފައިސާއަށްވީމަ. އަބުރާ އެފައިސާ ދައުލަތައް ދެއްކިކަން ސާބިތުވަނީވެސް އެފައިސާ އެކަ ނި. ދެން ހުރި 76 މިލިއަން ޑޮލަރަކީ ޑޮލަރުގަތް ސައްޚަ ފައިސާ

އައިސް

އަޖައބެއް ނުވޭ އެފް ޕީ އައިޑީ މައްސަލަ އަދި ވެރިކަމުން އެމްޑީޕީ ފޭބިއިރުގެ އޮޑިޓް ރިޕޯރޓް އަދި ބާރަށު ސިފާޒު ތިމާ މެންޕާޓީ މީހުނަށޭ ފުލެޓް ދޭނީ ބުނި ހަނދާން އެބަހުރި ކޮން އަޖާބެއް ލާދީން ފަތުރަން ފޫގަޅާ ފަތިބީމަ މާއަޖައިބު..

ފަތީ

ތިޔަބުނާ ރައީސަށް ސަޕޯޓްކުރި މީހެއް މަގޭ މަންމަ އެއީ 5 ދަރިން ތިބިއިރު ދިނީ އެންމެ 54 ޕޮއިންޓް. މާލޭގަ އުޅޭތާ 16 އަހަރު. ދަފްތަރުގަ ޖެހުންތާ 10 އަހަރަށްވުރެ ގިނަ. ކުޑަ އަލިފާން ފޮށްޓެއްގެ ތެރޭ އުޅެނީ. ނުދޭ ފެލެޓެއް. އެކަމް 1 ދަރިއެއް ހުރި ދެމަފިރިންނަަށް ވެސް އެބަހުރި ފުލެޓް ލިބިފަ. އެހެންވީމާ ސަޕޯޓަރުންނެއްނޫން. ކައިރީ އެބުރޭ އެއްޗެހި ތަކަށް ދީފަ ބާކީބައި ތަނެއް ދޮރެއް ނުބަލާ ބަހާލީ