Kuru Vaahaka: Bunanhey Kalaa
image
ކުރު ވާހަކަ: ބުނަންހޭ ކަލާ
ފަތުހުﷲ އަހުމަދު
4 ކޮމެންޓް
 

ކުރު ވާހަކަ: ބުނަންހޭ ކަލާ

ފުރަތަމަ ބައި
ރޭޑިޔޯއިން އިވެމުން ދިޔައީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގުރާމެއްގެ އަޑެވެ. އެހުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ދިވެހި ލަވައިގެ މޫސީގީ އަޑުތަކެކެވެ. ހިތްގައިމު ދިވެހި ލަވަތަކުން ހިތްތަކަށް އެތައް ތަސައްލީތަކެއް ވެރިކުރުވަމުން ދިޔަ އަޑުތަކެވެ. އެ މިޔުޒިކެއް ކަންފަތުގައި ބީހިލުމުން އެތަކެއް ހަނދާންތައް އާވަމުންދާ ފަދަ ޖާޒުބީ ލަވަތަކުން މުއްސަނދި ކުރުވިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮގުރާމެކެވެ. ޒަމާން ގެނުވި ކުރިއެރުން ރޭޑިޔޯގެ ޕްރޮގުރާމުތަކަށް ހޭނިފައިވާކަން ވަޒަން ވެގެންދަނީ ޕްރޮގުރާމަށް އެހުންތެރިންގެ ފަރާތުން އޮހެމުން ދިޔަ މެސެޖު ތަކުންނެވެ. ލަވަޔަށް އެދި ހުށަހެޅެމުން ދިޔަ ހުށަހެޅުންތަކުންނެވެ. ލޯބީގެ ޖޯޑުތަކާއި ބިޖޯޑުތަކުގެ އިތުރުން ރަޙްމަތްތެރިންނަށް ފޮނުވެމުން ދިޔަ ހަދިޔާގެ މެސެޖު ތަކުންނެވެ. ފަށުވި ޢިބާރާތްތަކުންނެވެ. ބައެއް ފަހަރަށް ލަވަޔަކުންނެވެ. އަނެއްބައި ފަހަރަށް ކޮންމެ ވެސް އަސަރު ގަދަ ބުނުން ތަކަކުންނެވެ.

ޕްރޮގުރާމު ހުށަހަޅަމުން ދިޔަ ޖިންސުއްލަތީފުގެ ހިތްހެޔޮ ބަސްމަގުން އެހުންތެރިންގެ ހިތް ލެނބެމުން، ހިތްތައް ތޮރުފަމުން ދިޔައެވެ. އެހުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ހުށަހަޅާ މިފަދަ ޕްރޮގުރާމުތަކަށް މެސެޖު ކުރަން ފޫހިވެ، އެއީ ބޭކާރު ކަމެއް ކަމަށް ހީކޮށް، ބާލީސްދަށަށް މޯބައިލް ފޯނު ލައި، ކަންފަތަށް ނަރު ގުޅައިގެން ސިއްރުން، އެ ޕްރޮގުރާމު އަހަން ޝައުގުވެރިކަން ދޫކޮށްލައިގެން އޮށޯވެ ތިބި އެތަކެއް ޖިންސުންލަތީފުންގެ އެ އަޒުމަށް ގުޑުންގެނުވީ އެ ހުނަރުވެރި ހުށަހެޅުންތެރިޔާއެވެ.

ރިޒުލާ ފަކީރުގެ ހަލަކީ ވެސް މިއީއެވެ. ރިޒުލާގެ އަޒުމަށް ހީނަރުކަން ގެނުވާ އޭނާގެ އަޒުމުގެ މައިދޮރުގައި އެ ހުށަހެޅުންތެރިޔާ ޓަކި ޖަހައިލީ އަސަރު ގަދަ ރާގަކުން ހުށަހަޅައިލި މެސެޖަކުންނެވެ. ރިޒުލާ އެކަމަށް ސަމާލު ނުވެ އެނދުގައި ދެ އަތަށް ފުރޮޅިލަ ފުރޮޅިލާ އޮއްވައެވެ. ސީދާ ރިޒުލާއަށް އަމާޒުވާނެހެން އިބާރާތްތައް ގަތައިލެވި އަމުނާލެވިގެން އިއްވާލި އަސަރުގަދަ ބުނުން ތަކަކުންނެވެ. މާޒީގެ އެތަކެއް ސަފުހާ ތަކެއްގެ ހިރަފުސް ފޮޅައިލި ހަނދާންތަކެއްގެ ސިކުނޑިއަށް ވެރިކުރުވަމުންނެވެ.

"ބުނަންހޭ ކަލާ! ވަރަށް ހިތް އެދޭ އެހައި ޗާލޭ... އެކަމަކު ބުނަން ހެއްޔެވެ؟ ކަލާ... ކަލާގެ ތިޔަ ރީތިކަމުގެ ފަހަތުގައި ފޮރުވިފައިވީ ކޮންކަހަލަ ބޭވަފާތެރި ކަމެއްކަން ނޭނގެއެވެ. ކަލާ ތިޔައީ އެހެން މީހެއްގެ މިލްކެއްކަން ޚުދު އަހަންނަށް އެނގޭ އިރު ވެސް، ކަލާއަށް މިހިތް އިންތިޒާރު ކުރެވެނީ ތިޔައީ އަހަރެންގެ ޙައްޤެއްކަމަށް ހިތް ބުނާތީއެވެ. ކޮންމެ ރެޔަކު ކަލާއަށް ޓަކައި ރޭޑިޔޯގެ މި ވާދީގެ ތެރެއިން އަތްފުނާއަޅައި މި އާދޭހުގެ ބަސްތައް މި އިއްވަނީ ހިތަށް ހިތްހަމަ ޖެހުމެއް ގެނެސް، ކަލާއަށް މި ހިތް އެދި ގޮވާގޮވުންތައް އިއްވާލުމަށެވެ. ނިކަމެތި މި ސޮރު ވެސް މިވަނީ ކަލާގެ ލޯބީގެ ޝިކާރައަކަށްވެ ނިމިފައެވެ. ދެއަތް މިވަނީ ބަންދުވެފައެވެ. ދުރުން މާދުރުދުރުން އުދުހި އައި ކާޅެއް ކަލާ ޖަހައިގަނެގެން ގެންދިޔައީ މި ހިތަށް އެތަކެއް ސުނާމީތަކެއް ގެނުވުމަށްފަހު އެތަކެއް ތުރާތަކެއް ދީފައެވެ. އެ ދުވަހުން ފެށިގެން މި އަޅާގެ މި ހިތަށް އެތަކެއް ވޭންވަރެއް ވެރިވެ މިހިތް ސިހިސިހި މި އޮންނަނީ ކަލާގެ އިންތިޒާރުގައެވެ." މެސެޖު ކިޔަމުން ދިޔަ ހުށަހެޅުންތެރިޔާ ނޭވާއެއް ދޫކޮށްލިއެވެ. ހަމަޖެހިލަމުން އަނެއްކާ ވެސް މެސެޖު ކިޔަން ފެށިއެވެ.

"ލޯބިވި އަދި ލޯބިވާ ރޯޒުއެވެ. ކަލާއަށް ގުޅޭނެ ގޮތެއް ނެތި ގުޅާނެ ނަންބަރެއް ނޭނގޭތީ، 'އުދުއްސާލެވޭ ސިޓީބިޓީ'ތަކުގެ ޒަރިއްޔާއިން ކަލާއަށް ހެޔޮ އެދޭ ބަސްތައް ތަކުރާރުކޮށް މި ފޮނުވަނީ ދުވަހަކު ކޮޅުން ވެސް އެހީއަކަށް ބޭނުންވާ ހިނދު އެހީވާނެ ޔާރެއް ހުރިކަން ހަނދުމަ ކޮށްދޭށެވެ. ތިޔަ ލޯބީގެ ކަންވާރުގައި ފޫކޭތެމުން އެކަންވާރުގެ ޝިކާރައަކަށް އަޅާ ވެނިމިފައިވާތީއެވެ. ލޯބިވާ ރޯޒްއެވެ. ނިކަން ކަލާގެ ހާލެއް މި ވާދީތެރެއިން އަހަންނަށް އިއްވާލަ ދީބަލާށެވެ. ނަންބަރު ބުނެދޭން ބޭނުން ނޫން ނަމަ ކަލާގެ ހާލު ނަމަވެސް މި ވާދީގެ ތެރެއަށް ހިއްސާކޮށްލަދޭށެވެ. މި ނިކަމެތި އަޅުގެ ފުރަތަމަ ލޯބީގެ ހަނދާނުގައި ލޯބިވާ ރޯޒަށް ޖަހައިދީ ބަލަ އަލީ ރަމީޒުގެ ބުނަންހޭ ކަލާ" ޕްރޮގުރާމު ހުށަހަޅަމުން ދިޔަ ޒުވާނާ އަސަރާއެކު ޖަޒުބާތުން ފުރިގެންވީ ރާގެއްގައި އެހުންތެރިއެއް ފޮނުވާފައިވާ މެއިލެއް ކިޔައި ނިންމާލިއެވެ. ލަސް ލަހުންނެވެ. މެސެޖުތައް ރައްދުވާ ފަރާތަށް މެސެޖު ރައްދުވި ކަމަށް ބުނެލަމުން އެދިފައިވާ ލަވަ ޖަހައިލިއެވެ.

ރިޒުލާއަށް އިވެމުން ދިޔަ މެސެޖުތަކުން ފުން އަސަރުތަކެއް ވެރިވަމުން ދިޔައެވެ. އޭނާގެ މޫނުމަތިން ހާސްވެ ކަންބޮޑުވުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. މީހާގެ ހިތް އަވަސްވަމުން ވިންދު ޖެހުމުގެ ނިސްބަތް ހަލުއިވަމުން ދިޔައެވެ. މެސެޖާ ވިދިގެން އިވެމުން ދިޔަ ލަވައިގެ ސަބަބުން އޭނާގެ ސިކުނޑީގެ ތެރޭ ފޮރުވާ ރައްކާ ކުރެވިފައިވާ މަންޒަރުތަކެއް ކުލަވާން ފެށިއެވެ. އެ މަންޒަރު ތަކުން އެ ހިތުގެ ރިހުން އިތުރަށް ގަދަވަމުން ދިޔައެވެ. މާޒީގެ ހަނދާންތަކާއި އެ އުފާވެރި ދުވަސްތައް މަތިން ހަނދާން އާ ވަމުން ދިޔައީ ފިލްމެއްގެ މަންޒަރުތަކެއް ފަދައިންނެވެ. ހިނދުކޮޅަކަށް ރިޒުލާއަށް ހަނދާނުގެ ފަރުދާގެ ފަހަތަށް ގެނބިގަނެވުނެވެ. ކުޑައިރުގެ ހަނދާންތަކަށެވެ.
****

"ދުވަހަކު ވެސް އަހަރެން ރޯޒް ދޫކޮށެއް ނުލާނަން. އެކަމަކު ވާނެ އަބަދުވެސް އަހަރެން މަތިން ރޯޒް ވެސް ހަނދާންކުރަން! އަހަރެން އަބަދު ވެސް ރޯޒް ދެކެ ވަރަށް ލޯބިވޭ. އަހަރެން ވެސް ވަރަށް އުފާވާނެ ރޯޒް ކިޔަވައިގެން މޮޅު މީހަކަށްވީމަ" ރަށުގެ ފުއްޓަރު ފަރާތު ގޮޑުދޮށަށް ބޯދިއްކޮށް ފަންތައް ރާޅާ ސަމާސާކުރަމުންދިޔަ ރުކުގެ ބުޑުމަތީ މައުމޫރު، ރިޒުލާގެ މޫނަށް ބަލަހައްޓައިގެން މަޑުމަޑުން ވާހަކަ ކުރިއަށް ގެންދިޔައެވެ. އެ ރީތި މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ. އެ ފުން ދެ ލޮލުން ހިލެމުން ދިޔަ ކަރުނަތަކުން އޭނާއަށް އެތަކެއް ކަންތައްތަކެއް އިހުސާސްކުރެވެމުން ދިޔައެވެ. އެތަކެއް މެސެޖުތަކެއް ލިބެމުން ދިޔައެވެ.
"އެކަމު... މައު. އަހަރެން އެރަށަށްދާން؟" ރިޒުލާ ބުނަން ބޭނުންވާ ވާހަކަ ނުބުނެވެނީސް މައުމޫރު އޭނާގެ އަނގަމަތީ ޝަހާދަތް އިނގިލި ޖައްސައިލިއެވެ.

"ރޯޒް ވާނީދާން. މި ރަށުގަ އަދި ނެތް އެހާ މައްޗަށް ކިޔެވޭކަށް. އެ ރަށްރަށަކީ މަތީފެންވަރަށް ކިޔެވޭނެ ރަށްރަށް. މާލެއެކޭ އެއްގޮތްވާނެ. އަނެއްކާ ރޯޒް ތިޔަދަނީ މަންމަގެ ނުލާހިކު ރައްޓެހި މީހެއްގެ ގެއަކަށްނު. އެމީހާ ގޯހެއް ނުވާނެއްނު! ދެން ކިޔަވަން ދާން ޖެހޭތީ އެކަމާ ކަންބޮޑު ނުވޭ." މައުމޫރު ބޭނުންވީ ރިޒުލާ ހިތްހަމަ ޖައްސައިދޭށެވެ. ހީވަނީ އަށާރަ، ނަވާރަ އަހަރުގެ ބޭބެއަކު އޭނާގެ ކޮއްކޮއަކަށް ނަސޭހަތް ދޭހެންނެވެ. ރަށުން ބޭރަށް ކިޔަވަން ފުރަން ޖެހުމުން ރިޒުލާ އެކަމާ ދެކޮޅު ހަދައިތީއެވެ. މައުމޫރު ދޫކޮށް ދާންޖެހޭ ކަމަށް ބުނަމުންނެވެ.
"މައްސަލައަކީ އަހަރެން އެހައި ކުޑައިރު، އަދި މިއުޅެނީ ހައެއްގަ؟ އެހެން ރަށަކަށް. އަނެއްކާ މައު؟" ރިޒުލާ ދެތިން ހަތަރުވާހަކަ އެއްކޮށްލިއެވެ.

"ކޮބައި މައްސަލައަކީ ރޯޒް ތީ ކުޑަކުއްޖެއް ނޫނޭ. ކުޑަ ކުދިން ނޫޅޭނެ މިހެންނެއް." މައުމޫރު ބޭނުންވީ ރިޒުލާއަށް ޖެއްސުން ކޮށްލައިގެން ނަމަވެސް އޭނާގެ މޫޑު ބަދަލުކޮށްލާށެވެ.

"އައްދޭ. މަށެއް ނޫނެއްނު ނެގީއެއް. މަ ރައްޓެހި ނުވަން އުޅުނީމަ މައު އާދޭސް ކުރީނު؟ ދެން އަބަދު ތިހެން ނުކިޔަބަލަ އެހެން ނޫނީ ރުޅިވެދާ ނަން" ރިޒުލާގެ ހުރީ ތުއްތުކުދިންގެ ބަސްމަގެވެ. މިއީ އޭނާގެ މިޒާޖުން ފެންނަ އާދަޔާ ޚިލާފު އަސަރެކެވެ. ރިޒުލާގެ އުޅުމާއި މިޒާޖާއި ވާހަކަތަކުން ބޮޑު މީހެއްހެން ހީވި ކަމުގައި ވީނަމަވެސް އޭނާއަށް އަދިވީ އެންމެ ސާދަ އަހަރެވެ. އެކުގައި އުޅޭ ރަޙުމަތްތެރި ކުދިންނަކީ ޢުމުރުން ދުވަސްވީ ކުދިންތަކަކަށް ވާތީ އޭނާ ވެސް ހުންނަނީ އެ ކުދިންގެ އުޅުމެވެ. އެކުދިންގެ ބަސްމަގެވެ. ވިސްނުން ވެސް ހުންނަނީ ޢުމުރަށްވުރެ ދޮށީމިހުންގެ ހުންނަ ވަރުގެ ވިސްނުމެވެ. ކަންކަމާމެދު ދެކެނީ ވެސް އެހެންނެވެ.
"މައު އަންނާތި އަހަރެން ފުރުވަން"
"ނުދާނަން. ހިނގައްޖެ ނަމަ ރޯޒަށް ރޮވޭނެ. އޭރުން މައު އަކަށް ކެތެއް ނުވާނެ." މައުމޫރު ރިޒުލާގެ ކޮނޑުގައި އަތްބާއްވާލަމުން ގަޔާ ގާތްކޮށްލަމުން ގަޔާލާ ބޮނޑިކޮށްލިއެވެ.
"ދެން ޕްލީޒް؟ މައު ހުރޭ ދުރުގަ. ބަނދަރުގަ ދެކުނު ފަޅީ ގަސްތަކު ތެރޭ. އަހަރެން ގާތަށް ނަޔަސް އެތަނުން އަހަންނަށް އެންމެ ފަހު ފަހަރަށް ނަމަވެސް ފެނިލަންވާނެ"
"އޯކޭ! އެކަމަކު..." މައުމޫރު ހަމަޖެހިލިއެވެ. މަޑުމަޑުން ކޮޅަށް ތެދުވަމުން ރިޒުލާގެ ކޮނޑުގައި ހިފައި ހިއްލައިލިއެވެ.
"އަހަރެން ރޯޒް ދެކެ އިންތިހާއަށް ލޯބިވަން. އަބަދުވެސް ހަނދާން ބަހައްޓާތި އަހަރެން އަބަދުމެ ލޯބިވަނީ ރޯޒް ދެކެކަން، ހާލަތާއި ވަގުތު ބަދަލުވެގެން އޭގެ ޝިކާރައަކަށް ރޯޒްވީ ނަމަވެސް ނޫނީ އަހަރެން ވީ ނަމަވެސް، އަހަންނަކީ ރޯޒްގެ މިލްކެއް ކަމުގައި އަބަދުމެ ހަނދާން ބަހައްޓާތި. އަހަރެން ކޮންމެ ތާކު ކޮންމެ ހާލެއްގައިވީ ނަމަވެސް އަބަދުވެސް ބުނާނީ އެއްވާހަކަ އެއް. އެއީ ބުނަންހޭ ކަލާ! ވަރަށް ހިތްއެދޭ! އެހައި ޗާލޭ ލޯބިވެޔޭ!" މައުމޫރުގެ މޫނުމަތިން އަބުއި ކަމުގެ އަސަރުތައް ހާމަވަމުން ދިޔައެވެ.

އުފާވެރިކަން ފޮހެވި މީހާގެ އެތެރެ ހަށިން ނުތަނަވަސް ކަމުގެ ރާޅުބާނީތަކެއް ދައުރުވަމުން ދިޔަކަން ޚުދު އޭނާ ވެސް އިޙްސާސް ކުރަމުން ދިޔައެވެ. ވަދާޢުގެ ސަލާމުން އޭނާ ރިޒުލާއަށް ވަދާޢު ކުރަމުންދިޔައީ އަސަރުން ފުރިގެންވީ އުސްލޫބަކުންނެވެ. ރިޒުލާއަށް ބޭއިޚްތިޔާރުގައި ގިސްލެވެން ފެށުނެވެ. މަޑުމަޑުން އޭނާ އިސްއުފުލައި މައުމޫރުގެ ލޮލަށް ބަލައިލިއެވެ. ފުން ދެލޮލުން ބުނެދެމުން ދިޔަ ވާހަކަތަކުން ރިޒުލާގެ ކެތްތެރިކަން ކޮޅުންލީއެވެ. އަނގައިން ނުބުނެވި ބަޑިފަޅައިގެން ދިޔައީއެވެ. ގިސްލެވެމުން ދިޔައީ ބޭއިޚްތިޔާރުގައެވެ.
****

"މި ބުނީނު ދޮރު ހުޅުވާށޭ. އަޑު ނީވޭ ކަމަށް ހެދިގެން އެބަ އޮތެއްނު. ހުޅުވާ..ށޭ! މިހާރު ހުޅުވާށޭ" ރިޒުލާއަށް ސިހުން ލިބުނީ ކޮޓަރީގެ ދޮރުގައި ޓަކި ދެމުން ބާރުބާރަށް ދޮރުފަތުގައި ތަޅަމުން ރުޅިވެރިކަމުން ފުރިގެންވި ބަސްތައް ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔުމުންނެވެ. އިޚްތިޔާރަކާ ނުލައި އެރީތި ފުން ދެ ލޮލުން އޮހުރުނު ކަރުނަތައް ކޯތާފަތްމަތީ ހަރުލައި ކޯތާފަތް ތެރެއަށް އޮބެމުން ދިޔައެވެ. ބައެއް ކަރުނަތަކުން ބާލީހުގެ ވިހޭފަށް ތެމިފައި ހުއްޓެވެ. ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ތެދުވެ އެނދުގައި އިށީނދެލިއެވެ. އިވެމުން ދިޔަ އަޑުން ހަރުކަށި ގޮތް އިތުރުވަމުން ދިޔައެވެ. އެއީ އަންހެން އަޑެވެ. އޭނާއަށް އާ އަޑެއް ނޫނެވެ. ކުރިން ވެސް އަޑުއަހާ އަބަދުމެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުންނަ އަޑެކެވެ. ޖެއްސުންކުރުމާއި މަލާމާތުން ފުރިފައިވާ ސުންޕާ އަޑެކެވެ. ރިޒުލާ ކަންފަތުގައި އޮތް ހެޑްސެޓް ނައްޓައިލިއެވެ. އިވެމުން ދިޔަ އަޑުގެ ރުޅިވެރިކަން ހާމަވުމުން މީހާ އަވަސް ވިއެވެ. ހެޑުސެޓް އެނދުމަތީ ބާއްވާލަމުން އެނދުން ތެދުވެ، ބޮކި ނިވައިލާ ހޮޅި ބުރި ދިއްލައިލަމުން ހެނދުން ރަނގަޅު ކޮށްލިއެވެ. އަވަސްއަވަހަށް ބުރުގާ ނަގައި ދޮޅިއަށް މަހައިލަމުން ދޮރުފަތް ހުޅުވާލިއެވެ.

ދޮރުފަތް ހުޅުވާލެވުނު ހެން ހިއެއް ނުވެއެވެ. ލިބުނު ކުއްލި ސިހުމާއެކު ދެލޯ މަރައިލެވުނެވެ. މޫނަށް އަމާޒުވީ ވަރުގަދަ ހަމަލާ އެކެވެ. އުއްމީދުނުކޮށް ހުއްޓާ ކުރިމަތިވި ހަމަލާ އެކެވެ. ދެ ލޯ ހުޅުވާލަން ނުކުރެނީ މޫނަށް އަމާޒުވި ރިހަ ބޯތަށީގެ ރިހަ ދެ ބުމައިން ތިކި ޖަހަމުން ދިޔުމުގެ ސަބަބުންނެވެ. ތިކި ޖަހަމުން ދިޔަ ރިހަތައް ކޯތާފަތް މައްޗަށް އޮހެމުން ދިޔައެވެ. ކޯތާފަތަށް އަމާޒުވި ރިހަތައް ދަތްދޮޅިން ތިރިއަށް ފައިބަމުން ތިކިޖަހަމުން ދިޔައެވެ. ރިޒުލާ ކޮށި އެރިއެވެ. ނޭވައި ދަމާލުމުން ނޭފަތުގެ ތެރެއަށް ރިހައިގެ އަސަރުކުރުމުންނެވެ. ނޭވާލާ ހޮޅީގެ ތެރެއިން ރިހައިގެ އަސަރުތައް އެތެރެވުމުންނެވެ. އެހެނަސް ކެތްކޮށްލީއެވެ. މުޅި މީހާގެ މޫނުމަތި ވަނީ ރިހައިން ތަތްތެޅިފައެވެ. މޫނުން ފައިބަމުން ދިޔަ ރިހަތަކުން ބުރުގާ ވެސް ފޯވަމުން ދިޔައެވެ. ބުރުގާގެ ތިރިން ތިކި ޖަހަމުން ދިޔަ ތިކިތައް މުށިގަނޑު މައްޗަށް އޮހެމުން ދިޔައެވެ. ބައެއް ތިކިތައް ފައިގެ ބޮޑުވާ އިނގިއްޔަށް އަމާޒުވަމުން މުށިގަނޑު ފޯވަމުން ދިޔައެވެ. ކިރިޔާ މަންޒަރު ފެންނަވަރަށް ދެ ލޯ ހުޅުވައިލިއެވެ. ކުރިމަތީހުރީ ވަދީފާއެވެ. ރިޒުލާއަށް ބަލައިލެވުނީ ވަދީފާގެ މޫނަށެވެ. ލާނެތް ފާޑަކަށް ހެވިފައި ހުރި އިރު، އެ މޫނުމަތިން ކާމިޔާބީގެ އަސަރުތައް ހާމަވަމުން ދިޔައެވެ. ހިތްހަމަ ޖެހޭފަދަ ކަމެއް ކޮށްލެވުމުން އަރުތައިގެ މަންޒިލު ހާސިލުވިކަން މޫނުމަތިން ފާއްދާލަމުން ތުން އަނބުރާލަމުން ދެ ލޯ އަޅައިލިއެވެ.
"މާ މާތް މީހަކަށްވެގެން އެބަހުއްޓެއްނު ބަލަން. ކަލޭ ހީކުރީތަ ކަލޭ ބޭނުންހާ ކަމެއް ކަލޭއަށް ކުރެވޭނޭ؟ ކަލޭ ގަންނަހާ ގަނޑެއް ބަލަން މަ ހުންނާނޭ. އާ އެހެންޏަ މި ކަމަނާއަށް ކެވުނީމަ މިކަމަނާއަށް އެ ފުދުނީ. އެހެން މީހަކު ކެއިތޯ ބަލައިނެ ކަމެއްނެތް. މަ އެވަރުން މަންމަ ގެއިން ހޯދައިގެން ގެނައި ރޯމަސްކޮޅު ކައިލާފަ ދިޔަ ފޮދު އެކަނި. ކީއްކުރަން ބެހެއްޓި އެތި ފޮދެއް؟ ތިހިރީ ރަނގަޅަށް ރިހަ ބޮވިފަ. ދެން އަވަހަށް ލޯބިވާ ފިރިމީހާއަށް ގުޅާފަ ކުޓުވާލަ. އޭރުން މަ މިގެއިން ނެރެން އަންނާނެ އުދުހިފަ." ވަދީފާގެ ޝިކާރައަކަށް ރިޒުލާ ހަދައިލިއެވެ. އޭނާގެ ރަސްމީ ރާގުގައި ތަންތަންކޮޅަށް ބާރުލަމުން އަނގަޔަށް ވައްތަރު ޖައްސަމުން ޖެއްސުމުގެ ރާގުގައި ހަމާލާތައް އަމާޒުކޮށްލިއެވެ. ރިޒުލާ ހިތަށް އެތަކެއް ޝުޢޫރެއް އަރައިފައިބަމުން ދިޔައެވެ. އެއްޗެކޭ ބުނަން ހިތަށް އެރިނަމަވެސް ހަނުހުރުން އިޙްތިޔާރުކުރީއެވެ. އެއްޗެއް ބުންޏަސް ކުރިއެއް ނުލިބޭނެ ކަން އެނގޭތީއެވެ. ޒުވާބު ކުރުމަކީ އޭނާގެ ޠަބީއަތާ ޚިލާފުކަމަކަށް ވާތީއެވެ.

"ހުންނަ ގޮތެއްނެތްކަން ދެކިބަލަ. އަމިއްލަ ރަށުގަ މައިންބަފައިންގެ ގޭގައި ނޫޅެވިގެން އައި މީހަކަށް އަދި އެހެން ބަޔެއް ގާތުގައި މާ އަރާމުގަ އުޅޭވޭނެތަ؟" ރިޒުލާގެ ކުރިމަތީ ހުއްޓި ހުރި ވަދީފާގެ ބަހުގެ ހަމާލާތައް އަމާޒުވަމުން ދިޔައެވެ. އަޑުގެ ނެތްތަނަށް ބާރުބާރަށެވެ. އަނގަހުޅުވަމުން އަނގައަށް ޒާތްޒާތުގެ ވައްތަރު ޖައްސަމުންނެވެ. ވަދީފާ ބޭނުންވީ ރިޒުލާ ލަދުގަންނުވާށެވެ. ތަންގަނޑު އެންމެނަށް ރިޒުލާއަކީ ގޮތެއް ނެތް މީހެއްކަން ހާމަކޮށްދޭށެވެ. އެހެނަސް މިފަހަރު އެ އަޑު އަހަން އަންނާނެ މީހަކު ނުވިއެވެ. ވަދީފާގެ އެ ޢަމަލުތައް ތަންގަނޑު މީހުންނަށް އާދަވެ އެކަން އާއްމުކަމަކަށްވީ ކަންނޭނގެއެވެ. ވަދީފާގެ ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ.

"ކަލޭ ހީކުރީ ކަލޭ ބޭނުންހާ ނާޗަރަންގީއެއް ކުޅެންދެން މަ ހުންނާނެ ކަމަށްތަ؟ ކަލޭ... ކަލޭ އުޅެން ޖެހޭނީ މިގޭ ގެންގުޅޭ އަޅެއްހެން. އެނގޭތެ އެ ކީއްވެކަން؟ ކަލޭ ތީ ނާޝިދު ކުޅެން ގެނެސް ހުރި ބުދެއް. ކަލޭ ހީކުރީތަ ނާޝިދު ކަލެއާ އިނީ މާ ލޯބިންކަމަށް. މީހަކު ލޯބި! ލޯބިން ބަލައިލާނެ ވައްތަރަކަށް ހުރިނަމައެއްނު ލޯބިވާނީ ވެސް. ކަލޭއަށް ނޭގުނަސް މަށަށް އެނގޭ ނާޝިދު ބޭނުންވަނީ ކަލޭ ފަރާތުން ކޮން ކަމެއްކަން. ޗީޗީ ނާޝިދު ކަހަލަ ރީތި މީހަކަށް ކަލޭ ނުވެސް ގުޅޭ. ކިހިނެއް މުންނާރަކާ ބަކަށްޓަކާ ގުޅުވާނީ؟ އަދި އެވެސް ކަޅު ބަކައްޓެއް ހުދު މުންނާރެއް! ކަލޭ ރަނގަޅުވާނީ ހަމަ ތިގޮތަށް މޫނަށް ރިހަ އަޅައިގެން ބަދިގޭގަ ކަންކަން އުޅުނިއްޔާ."

ވަދީފާގެ ބަސްތަކުން ރިޒުލާގެ ހިތް ކުދިކުދިވަމުން ދިޔައެވެ. އޭނާގެ ޖެއްސުމުގެ ބަސްތައް މިފަހަރު މިއައީ އެހެން މިސްރާބަކުން ކަމަށްވާތީއެވެ. ކުރިން ހޭރިޔާ ނުވާ ގޮތަކަށް އެހެން ކަނޑުއޮޅިއެއް ހުރަސްކޮށެވެ. ކުރިން ދުވަހަކު ވެސް ރިޒުލާގެ ސިފައަކަށް ވަދީފާ މަލާމަތެއް ނުކުރެއެވެ.

"އަދި ނާޝިދަށް ގުޅައިފަ ބުނެއެއްނު، އަހަރެން ކޮޓަރިއަށް ފިރިހެނުން ވައްދާ ވާހަކަ. ބަލައިބަ ހުންނަ ޖާހިލުކަން. ހީކުރީ ނާޝިދު ގާތު ބުނެގެން ވަރުތަކެއް ވާނެކަމަށްދޯ" ވަދީފާގެ މޫނު ރިޒުލާގެ މޫނާ ގާތްކޮށްލިއެވެ. ރަތްވެފައިވާ ދެ ލޮލެވެ. ރުޅިވެރި ކަމުންނެވެ. ވަދީފާގެ މޫނުމަތި ރިޒުލާއަށް ސިފަވަމުންދިޔައީ ސިންގާއެއް ފަދައިންނެވެ.

"ކަލޭ އަށް އަސަރު ކުރަނީދޯ. ކަލޭ ވެސް ބޭނުމިއްޔާ ވައްދާ. މި ޒަމާނުގަ އެކަތިން ފުއްދާލައިގެން އުޅެން ހަދައިގެން ކާށިކޮޅު ހުސްވާނީ. އެންމެފަހުން ކާށިކޮޅެއް ވެސް ނުލިބި ނާށިގަނޑާ ޖެހޭނީ. ނާޝިދަކީ ވެސް ދެ ތަނުން ކައްކާ އުނދުނެއް. އޭނާ ރަހަ ނުބަލައި ކޮފީ އެއް މަދުވާނެ. އަހަންނަށް ހީވަނީ ކަލޭ ވެސް ތީ ހެއްދެވިހާ ކާއެއްޗެއްގަ ރަހަ ބަލައިފަ ހުރި މީހެއްހެން. ބަލައިބެލުމަށް ވަރަށް ތަޖުރިބާ ހުންނަ ހެން ވެސް ހީވޭ؟ އުޅެންވީނު މި ގެއަށް އެ އަންނަ ސަމަދުބޭއަށް ޓްރައި ކޮށްލަން. ނިކަން ފައްކާވާނެ. ލާރި ބޯކޮށް އޮންނާނެ؟ އަޅެ މަ އެކަމާ އުޅެދެންތަ؟" ވަދީފާގެ ހަރުކަށިކަން މަޑުމޮޅި ރާގަކަށް ބަދަލުވެ އަޑު މަޑުވަމުން ގޮސް ވައި އަޑުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ގާތްގޮތެއް ވާހަކަދެއްކުމުގެ ރާގަށް އިތުރުވަމުން ދިޔައެވެ. ރަންބުއްދިއެއް އޭނާގެ ބޮލަށް ސަވާރުވުމުންނެވެ. މިޒާޖާއި މޫޑު ކުއްލިއަކަށް ބަދަލުވީ އެހެންވީމަކަމަށް ރިޒުލާ ޤަބޫލުކުރިއެވެ. މަޑުމަޑުން ރިޒުލާގެ ގާތަށް ޖެހިލިއެވެ.

ރިޒުލާގެ ހިތުގައި ޖަހަމުންދިޔަ ވިންދު އަވަސްވަމުން، ހަށީތެރޭ ދައުރުވަމުން ދިޔަ ލެޔަށް އިތުރު ބާރުވެރިކަމެއް އަންނަމުން ދިޔައީ އިވެމުން ދިޔަ އަޑުތަކުންނެވެ. ތަމްސީލްވަމުން ދިޔަ މަންޒަރުތަކުންނެވެ. އޭނާގެ މިޒާޖުގައި ނެތްކަމަކަށް ދެމުން ދިޔަ ދަޢުވަތު ތަކެއްގެ ސަބަބުންނެވެ. ވަދީފާގެ ގޯނާތަކާއި ތުރާތަކުގެ ސަބަބުންނެވެ.
"ބުނޭ އާއެކޭ. ކަލޭއަށް ސަމަދު ލާރި ވެސް ދޭނެ. ކިހާވަރެއް ބޭނުމީ؟ ފަހެއްގެ ދެ ގަނޑުން ވާނެ ދޯ. ބުނޭ އާއެކޭ. މަ ގާތު ސަމަދު ބުނެފައޭ އޮތީ ކަލޭތީ ދޮލަނގު ހަދައިދޭ، ފައްކާ ނެރުމަތީ ބޮރޮޅިއެކޭ. އެހެންވެ އޭނާ ވެސް ކަލޭ ހަދައިދޭ ދޮލަނގުން ރަހަބަލަން ބޭނުމޭ. ދެން އަވަހަށް މިކަމާ އުޅެން ހިނގާ. އެހެންނޫނީ އަހަރެންގެ ނުލަފާކަން ދައްކާލާނަން" ދެ ލޯ ބޮޑުކުރަމުން ޝަހާދަތް އިނގިލި އިސްކުރަމުން މަޑުމައިތިރިވެ ހަމަ އަޑަށްވުރެ ވައިއަޑު އިސްކުރަމުން ވަދީފާ ރިޒުލާއާ ގާތްވެލިއެވެ. "ނިކަން މީހަކަށްވެބަލަ؟ ދޭތިން ފަހެތި ހަދަން އުޅެންވީ ފަހަރަކީ މިއޭ. ނިކަން މަށާ ގުޅިބަލަ. އޭރުން ތިހެން ރޯލަރޯލާ ހަތަރެސްކަން ހަމަވެފަ ވަށްބުރެއް ވަށައިގެން ތިނެސްކަން ކުރަހަން ހުންނާކަށް ނުޖެހޭނެ. މީހަކަށް ދޮނެއް ކަޅެއް ވެސް އަންގައި ނުލާނަން" ރިޒުލާގެ ދަތްދޮޅީގައި ހިފާ ހިއްލާލަން ވަދީފާ މަސައްކަތްކުރިއެވެ. އެހެނަސް ރިޒުލާ އެއަށް ވުރެ މާހުޝިޔާރެވެ.

"ބަލައިބަލަ ހުންނަ ގޮތެއް ނެތްކަން. ތިމާ ޒާތްޒާތަށް އުޅެ އުޅެފަ އެހެން މީހުން އެކަމަށް ވައްދަން ޖެހޭތަ؟ އަހަންނަށް ހެވޭ ކޮޓަރީ ތެރޭ ފިރިހެނުން ގަޓަރި ޖަހައި އަތުރާލިޔަސް. މަށެއް ނޫނޭ އުޅެނީ ނާރާ ހަނދުގައި ކޭތަ ހިފައިގެން، ރަތް ހަނދުން ރާބާލާކަށް. ވަދީފާގެ ރަސްމީ ވަޒީފާ އަމިއްލައަށް އަދާކޮށްލަ ކޮށްލާ ހުރޭ. މަށަށްހެޔޮ އެކަތިން ބާރަ ނެރުނަސް. އެއްބުރެއް ނޫން ދެބުރެއް ނޫން ހަފަސްދޮޅަސް ބުރު ހަމަކުރިޔަސް. މަ ހިމަނައިގެން ތިޔަ ޒާތުގެ ނާޗަރަންގީ" ރިޒުލާއަށް ކެތް ނުވެގެން، އެންމެ ފަހުން ފަޅައިގެން ދިޔައީއެވެ. ހުރިހާ ދުވަހުން ދޮންކުރި ކެޔޮގަނޑުގެ ވައްތައް ބުރުވާލެވުނީ އެހެންވީމައެވެ. ވަދީފާގެ ކަންކަށިމައްޗަށް ހޫނު ހަމަލާއެއް އަމާޒުކޮށްލަމުންނެވެ. އޭނާގެ ގަޔަށް ވަދީފާ އަތްފޯރުވަން އުޅުމުންނެވެ. ރިޒުލާއަކީ އަބަދުވެސް އަމިއްލަ ނަފުސުގެ ހިމާޔަތަށް ނުހަނު އިސްކަންދޭ ޒުވާނެއްކަން މި ފަހަރު ވެސް އޭނާ ސާބިތުކޮށްދިނީއެވެ.

"ލައްކަ ދުވަހު ކެތް ކޮށްފިން. އަހަރެން ކުރިން އަހަނީ އަންހެނުންގެ ޝިކާރަ ކުރަނީ ފިރިހެނުންނޭ. އެކަމަކު، މިއަދު.. މިއަދު އެނގިއްޖެ އަންހެނުންނަކީ ވެސް ވަކި ސަހަލު ބައެއް ނޫންކަން. ފިރިހެނުން މަގު ފުރައްދާ ވައިވައްދަނީ ހަމަ އަންހެނުންކަން. ކަލޭ އަށް އެނގޭތަ ކަލޭގެ ދިރިއުޅުން ވިއްސި ވިހާލިވީ ކަލޭގެ ތިޔަ ނުލަފާ ސުންޕާ ޚިޔާލުތަކުން. އާނ! ކޮން ފިރިއަކު އޭނާގެ ހަލާލު އަނބިމީހާ އެހެން މީހުންގެ ތުންފުއްސަކަށް ހަދަން ރުހޭނީ. ފިރިމީހާ ބުރަ މަސައްކަތުން ހޯދާ ލާރިކޮޅަށް ޒުވާން ކުދިންނަށް ދޮލަނގު ހަދައިދިނުމުގަ. ކަލޭ ހީކުރީ ކަލޭ އުޅޭ ގޮތަށް އެހެން އެންމެން އުޅޭ ކަމަށްތަ؟ އާނ! ވާނީ ވެސް އެހެން ހަސަނަށް ހީވާނެ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނޭ" ރިޒުލާގެ ކޮޅުންލީ ރުޅިގަނޑު މަޑުމަޑުން ހިނދެމުން މަލާމާތްކުރުމުގެ ރާގަށް ބައްޓަންވަމުން ދިޔައެވެ. މަޑުމަޑުން ބުރުގާގެ ކަނުން މޫނު ސާފުކުރަމުންނެވެ.

"އޭ ކަލޭ މިހާރު ފުއްޕަން ވެސް ފެށީތަ؟ ކަލޭ... ކަލޭ އަހަރެންގެ ގޭގަ އަހަރެންގެ ތައްޕާހުގަ އުޅެމުން ލަދެއް ނުގަނޭތަ އަހަންނާ ދިމާއަށް ހަޅޭ ލަވާކަށް؟ ކަލޭއަށް އެނގެންވާނެ މަ މީ ކަލޭގެ މައިމީހާއާ އެއްވަރުގެ މީހެއްކަން. ކަލޭއަށް އެނގޭތަ ކަލޭއަށް ތިޔަ ހަޅޭއްލެވެނީ ކާކަށްކަން؟" ވަދީފާ މޫނުމަތި ރަތްވަމުން ދެ ލޯ ބޮޑުކޮށްލަމުން ދަތްކުނޑިވިކައިލެވުނެވެ.

"ވަރަށް ރަނގަޅަށް އެނގޭ. ކަލޭ ތީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭ. އަހަންނަށް ހީވަނީ މި ފާދިއްޕޮޅުގަ ނުހުންނާނެހެން ކެޔޮޅު އާދަނު ފަތަރާސީ ވަދީފާ ނުދަންނަ، ތިޔަ ފަތަރާސީ ކަމަނާގެ ގޮތް ނޭނގޭ މީހަކު. އާނ އެހެންނުވާނީ، ހަވަރު ތުންފުށްސަށް އަރާނީ އަބަދު ވެސް ހަނދުވަރު ކުރެފިވިއްޔާ. އެކަމަކު ބުނަން މަ މީ ކަލޭ ހީކުރާކަހަލަ ތިހާ އަގެއްނެތް މީހެއްނޫން. މަ މީ ހަނގުރާމައަކަށް ނުކުމެއްޖެ ނަމަ އަގުޅިނެތް ކަންނޭލަކަށްވާނެ މީހެއްނޫން. މަ ނިންމާނީ ހަނގުރާމަ ކާމިޔާބުކޮށް ޣަނީމާކޮޅު ވެސް ބޭންކުކޮށްފަ" ރިޒުލާ ޢަޒުމުން ފުރިގެންވީ ރާގެއްގައި އެއް ފަހަރުން އަމުނައިލިއެވެ. ރުޅިވެރި މޫނަކާއެކުގައެވެ. ޝަހާދަތް އިނގިލި ވަދީފާއަށް އަމާޒުކޮށް ހަރުކަށި ރާގެއްގައެވެ. އެހެނަސް މަޑުމަޑުން ލަސްލަހުންނެވެ. ރިޒުލާހުރީ ހަމަޖެހިލަމުން ރައްދު ދެވޭތީ ހިތްހަމަ ޖެހިފައެވެ. ވަދީފާއަށް ފުރަގަސް ދެމުން ކޮޓަރި ތެރެއަށް އެނބުރިލިއެވެ. ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ވަދީފާއަށް ހާމަ ނުވާނެހެން ހެދުމަށެވެ.

"އަހަރެން މިރަށަށް އައީ މި ރަށުން، ކީއްކުރަން މިގެއިން އެއްވެސް އެއްޗެއް ބޭނުންވެގެންނެއް ނޫން. ކޮންމެ އަންހެނަކު ވެސް އެމީހަކު އެންމެ އިޚްތިރާމު ކުރަން ޖެހޭ ފަރާތަކީ އެމީހެއްގެ ހަލާލު ފިރިމީހާ. ވަދީފާ އަޑެއް ނާހަމުތަ ކައިވެނި ކޮށްދެމުން ގާޒީ ކިޔައިދިން އަޑެއް. ފިރިންނަށް އިޚްތިރާމު ކުރުމުގެ މުހިއްމުކަމެއް. އަހަންނަކީ އެއްޗެއްސަށް އުޅޭ މީހެއް ނޫން. އަހަރެންގެ ވަޒީފާދޫކޮށް މި ރަށަށް މިއައީ ބައިވަރެއް ބޭނުން ވެގެންނެއްނޫން. ފުރިހަމަ އާއިލާއެއްގެ ލޯބި ލިބެން އޮވެމެ، އެ ލޯބި ދޫކޮށްލާފަ. ފުރިހަމައަށް މިނިވަންކަންމަތީ ބޭނުން އިރަކު ބޭނުން ކަމެއް ކުރުމުގެ ބާރުވެރިކަން ލިބި އޮވެމެ އެވެސް ދޫކޮށްލައިފަ. މިއަށްވުރެ މާތަނަވަސް މާ ހިތްފަސޭހަ ކަންމަތީ ޙަޔާތް ވޭތުކުރެވެން އޮއްވަ އެވެސް ޤުރުބާންކޮށްފަ. އަހަރެން މިވަރު ވެފައި މިހުރީ މީހުންނަށް ހަޅޭއްލަވައި އަޑުގަދަކުރި މާހައުލެއްގައެއް ނޫން. އެކަމަކު މިއަދު އަހަންނަށް... އަހަންނަށް މި ކަން މި ގޮތަށް ކުރަން ވަދީފާ ތިޔަ މަޖުބޫރު ކުރުވީ. އަހަރެން ހުރިހާ ދުވަހު ކެތްކޮށްގެން މިއުޅެނީ ކީއްވެ ކަން އެނގޭތަ؟ މި ގެއިން ރުހުމުގެ ނަޒަރުން މީހަކު ބަލައިނުލާ އިރު، އަހަންނަށް ލިބޭ ފައިސާ މިގޭ ކަންކަމަށް ޚަރަދުކޮށް މިހަދަނީ ކީއްވެކަން އެނގޭތަ؟ ބަދަލުގައި އަހަރެން އެއްވެސް އެއްޗެއް ބޭނުންވެގެންނެއް ނޫން. އެއީ އަހަރެން އުޅޭ ތަންވީމަ އަހަރެން ކުރަންޖެހޭ ކަމެއްކަމަށް ދެކިގެން ހިތުން ރުހުމުން ކުރާކަންތައްތަކެއް. އަހަރެންގެ މައިންބަފައިން އަހަރެން ތަރުބިއްޔަތުކުރީ ވަދީފާގެ މަންމަގޮތަކަށް ނޫން. ދަރިންނަށް ލޯތްބާއި އޯގާތެރިވެގެން" ރިޒުލާ ގިސްލެވެން ފެށުނެވެ. ހުއްޓަމުން ހުއްޓަމުން އޭނާއަށް ބުނެވުނީ އެހައި ހިސާބަށެވެ. ބަޑިފަޅައިގެން ދިޔުމުގެ ކުރިން ވަދީފާއަށް ފުރަގަސްދިނެވެ. ވާހަކަ ކުރުކޮށްލަމުން ކޮޓަރިތެރެއަށް ދެމިގަތެވެ. އަވަސްއަވަހަށް ފައިން ދޮރު ލައްޕާލިއެވެ. މަޑުމަޑުން ދޮރުފަތުގައި ލެނގިލަމުން ތިރިވެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު ގިސްލެވެން ފެށުނެވެ. ކަކުލާ ހަށިގަނޑާލައި ބޮނޑިކޮށްލަމުން ކަކުލުގައި ބޯ އަޅައިލެވުނެވެ. ހަމަ ރަނގަޅަށް ވެސް އޭނާއަށް ރޮވުނެވެ. ހިތުގެ އެންމެ އަޑިން އުދަވި ރާޅުބާނިތަކުގެ ތެރެއިން މުގުރަމުންދިޔަ ރާޅުތަކުން ދެ ލޯ ތެންމަމުންނެވެ. މަޑުމަޑުން ނަޒަރު ހިންގައިލެވުނީ ކޮޓަރި އަށެވެ.

ފެންކަޅިވެފައިވާ ދެ ލޮލުގެ ތެރެއިން އޭނާއަށް ފެންނަމުން ދިޔައީ ހަތްފޫޓު ފަސްފޫޓުގެ ކުޑަކުޑަ ކޮޓަރި އެކެވެ. ހަފޫޓު ތިންފޫޓުގެ އެނދެއް ލުމަށް ފަހު ބާކީ އޮތް ތަންކޮޅު ފުރިފައިވަނީ ކުޑަވަރެއްގެ އަލަމާރި އަކުންނެވެ. އަލިމާރި ވެސް ކޮޓަރިއަށް ފައްތާފައިވަނީ ގަދަކަމުންނެވެ. ފިލައިން ހަދާ ބިތްގަނޑު ޖަހައިފައިވާ ކޮޓަރިއެއް ކަމުން ކޮޓަރީގައި އެއްވަސް ވެފައި ހުންނަނީ ލަކުޑީގެ ވަހެވެ. މަތިން އޮފުއަރާ ވަރަށް ރީތިކޮށް ކުލަލައި އޮމާން ކޮށްފައި ހުއްޓަސް އެއީ ބާވެފައިވާ ގެއެއްގައި ހަދާފައި ހުރި ކުޑަ ކޮޓަރި އެއްކަން ބަލާ ކޮންމެ މީހަކަށް ވަޒަން ކުރެވޭނެއެވެ. ކޮޓަރި އާ އިންވެގެން އޮންނަނީ ރަށުގެ މައި މަގެވެ. މަގަށް ހުޅުވާލެވޭ ގޮތަށް ހުރި ބޮޑު ދޮރުފަތް ހުރީ ތަންޑު އަޅުވާ ވަރުގަދައަށް ހައްޔަރުކޮށްފައެވެ. ބޭރަށް ވެސް އެތެރެއަށް ވެސް ނުހުޅުވޭ ގޮތަކަށެވެ. ބޭނުމެއް ޖެހިއްޖެ ނަމަ ކުޑަ މަސައްކަތަކުން އެތެރެއިން ބޭރަށް ހުޅުވޭނެ ފަދަ ގޮތަކަށެވެ.


(ނުނިމޭ)
ހިޔާލު

އަސްލު

12 އަހަރުގަ ކުއްޖަކާ ހިތާވުން އެ އާއްމުކަމެއް... ފޭސް ޓު ރިއަލިޓީ...

ތުނިޔަ

6 އެއްގަ އުޅޭނީ 12 އަހަރުގަ! އެހާ ކުޑައިރު މީހުނާ ހިތާވަނީ؟

ސިފަ

ތިކި ޖަހަމުން ދިޔަ ރިހަތައް ކޯތާފަތް މައްޗަށް އޮހެމުން ދިޔައެވެ. ކޯތާފަތަށް އަމާޒުވި ރިހަތައް ދަތްދޮޅިން ތިރިއަށް ފައިބަމުން ތިކިޖަހަމުން ދިޔައެވެ. ރިޒުލާ ކޮށި އެރިއެވެ. ނޭވައި ދަމާލުމުން ނޭފަތުގެ ތެރެއަށް ރިހައިގެ އަސަރުކުރުމުންނެވެ. ނޭވާލާ ހޮޅީގެ ތެރެއިން ރިހައިގެ އަސަރުތައް އެތެރެވުމުންނެވެ. އެހެނަސް ކެތްކޮށްލީއެވެ. މުޅި މީހާގެ މޫނުމަތި ވަނީ ރިހައިން ތަތްތެޅިފައެވެ. މޫނުން ފައިބަމުން ދިޔަ ރިހަތަކުން ބުރުގާ ވެސް ފޯވަމުން ދިޔައެވެ. ބުރުގާގެ ތިރިން ތިކި ޖަހަމުން ދިޔަ ތިކިތައް މުށިގަނޑު މައްޗަށް އޮހެމުން ދިޔައެވެ. ބައެއް ތިކިތައް ފައިގެ ބޮޑުވާ އިނގިއްޔަށް އަމާޒުވަމުން މުށިގަނޑު ފޯވަމުން ދިޔައެވެ. ކިރިޔާ މަންޒަރު ފެންނަވަރަށް ދެ ލޯ ހުޅުވައިލިއެވެ.
މިތަން ސިފަ ވެއްޖެ

ރާޒީ

ސަޅި ވ އޮބި