2 Kidney Failvefaivaa Umurun enme 11 aharuge Aaya edhenee ehee akah
image
އައިޝަތު އާޔާ އިބްރާހީމް--
1 ކޮމެންޓް
 

ދެ ކިޑްނީ ފެއިލްވެފައިވާ އުމުރުން އެންމެ 11 އަހަރުގެ އާޔާގެ އާދޭސް

ދަރިންނަކީ މާތްﷲ ދެއްވާ އެންމެ ބޮޑު އެއް ނިއުމަތެވެ. ދަރިއަކު ލިބެން އުޅޭކަމުގެ ހަބަރާއެކު އެކުއްޖާއަށްޓަކައި އެތައް ހުވަފެންތަކެއް މައިންބަފައިން ދެކެއެވެ. ނަމަވެސް ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން އެ ހުވަފެންތަކުގައި ކުލަ ޖެހިދާނެ ކަމުގެ އުއްމީދު ގިނަ ފަހަރަށް ގެއްލެނީ ދިމާވާ ކޮންމެވެސް ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ. އެކަމަކު، އެފަދަ ބަލިތަކުގެ ޝިކާރައިން ދަރިފުޅު ސަލާމަތްކުރަން ކޮންމެ ފަދަ ގުރުބާނީއަކާއި ވެސް ކުރިމަތިލާން މައިންބަފައިން ތިބޭނީ ތައްޔާރަށެވެ. ހދ. ހަނިމާދޫއަށް އުފަން އެރަށު އާހިސްތާ، އިބްރާހީމް ހަސަން ވެސް ހުރީ އޭނާގެ ހުރި 11 އަހަރު އަންހެން ދަރިފުޅު، އައިޝަތު އާޔާއަށްޓަކައި ކޮންމެ ފަދަ ގުރުބާނީއަކާއި ވެސް ކުރިމަތިލާން ތައްޔާރަށެވެ. އެއީ ކިޑްނީ ހަދިޔާކުރުން ކަމުގައި ވިޔަސް މެއެވެ. muni
އުމުރުން ދެ އަހަރު ބައިން ފެށިގެން އާޔާއަކީ ސިއްހީ އެކި މައްސަލަތަކުގައި ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ. މިހާރު ގްރޭޑް ހައެއްގައި ކިޔަވަމުން އަންނަ އާޔާއާގެ ބަލި ހާލަތާއި ގުޅިގެން އޭނާގެ ބައްޕަ، "ސީއެންއެމް"އާ ވާހަކަ ދައްކަމުން ބުނީ، އުމުރުން ދެ އަހަރު ބައިގާ ހުން އައިސް ގިނަ ދުވަސްތަކެއްވާތީ އޭރު ޑޮކްޓަރަށް ދެއްކީ ރަށު ހޮސްޕިޓަލަށް ކަމަށެވެ.

"ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އައިވީ ގުޅާފަ އޮތް. ދޫކޮށްލިއިރު ލޮލާއި ބަނޑާއި ތަންތަން ހުރީ ފުއްސިވެފައި. ދެން އޭރު އަޅުގަނޑުމެން ހީކުރީ އެހާ ދުވަހު އައިވީ ގުޅާފަ އޮތީމަކަށް. ފަހުން ވެސް ރަނގަޅު ނުވީމަ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކީ." އިބްރާހީމް ބުންޏެވެ.

އިބްރާހީމް ބުނީ، ކުޅުދުއްފުށީ ހޮސްޕިޓަލަށް އާޔާ ޑޮކްޓަރަށް ދައްކަން ގެންދިޔަ ނަމަވެސް ކުޑަކަމު ނުދެވޭތީ މާލެއަށް ދިއުމަށް ޑޮކްޓަރުން ލަފާދިނުމުން ޖެހިގެން އައި ދުވަހު ހަނިމާދޫ މަގުން ދަރިފުޅު ގޮވައިގެން އައީ މާލެ ކަމަށެވެ. އަދި އައިޖީއެމްއެޗުން ޓެސްޓުތަކެއް ހެދުމަށް ފަހު، ނެފްރޯޓިކް ސިންޑްރޮމް ބަލި ދަރިފުޅަށް ޖެހިފައިވާކަމަށް ބުނި ކަމަށެވެ.

ނެފްރޯޓިކް ސިންޑްރޮމަކީ ކުޑަ ކަމުދާ އެއްޗެހީގައި ހުންނަވާ މިންވަރަށް ވުރެ އިތުރަށް ޕްރޮޓިން ހުރުމުގެ ސަބަބުން ގައި ދުޅަވެ ޖެހޭ ބައްޔެކެވެ.

އޭރުއްސުރެ އާޔާއަށް ފަރުވާ ހޯދުމަށް އޭނާގެ ބައްޕަ ނުކުރާކަމަށް މަސައްކަތެއް ނެތެވެ. އިންޑިއާ އާއި ރާއްޖެއިން ގަވައިދުން ޑޮކްޓަރަށް ދައްކަމުން އަންނަނިކޮށް އެ ކުޑަކުޑަ އާއިލާއަށް އަނެއްކާވެސް ކުރިމަތިވީ އިތުރު ހިތާމައެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާޔާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން އެކުއްޖާގެ ކިޑްނީ މަސައްކަތް ކުރަނީ ވަރަށް ކުޑަކޮށް ކަމަށް ޑޮކްޓަރުން އެންގިއެވެ. އެއާއެކު އާއިލާއިން ފުރައިގެން އިންޑިއާއަށް ދިޔައީ މިއަހަރުގެ ޖެނުއަރީގައެވެ. ދަރިފުޅުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން ޔަގީންވީ އެހިސާބުންނެވެ.

-އާޔާ

ޑައިލަސިސް ހެދުމަށް އާޔާ މިހާރު އޮތީ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ. އެމަޖެންސީކޮށް ޑައިލަސިސް ހެދުމަށް އާޔާގެ ކަރަށް ހޮޅިއެއް ލައްވާފައިވާއިރު ދާއިމީކޮށް ޑައިލަސިސް ހެދޭނީ ފިސްތޫލާ ލައްވައިގެންނެވެ. އެކަމަކު މިވަގުތު ޑައިލަސިސް ހެދުމަށް އާޔާގެ ކަރަށް ހޮޅި ލައްވާފައިވާ ތަނުގައި މާގިނަ ދުވަސްތައް ވެއްޖެނަމަ އިންފެކްޝަން އުފެދިދާނެ ކަމުގެ ބިރުއޮތް ކަމަށް ޑޮކްޓަރުން ބުނަމުން އަންނައިރު އަތަށް ފިސްތޫލާ ލައްވައިގެން ޑައިލަސިސް ހެދުމުގެ ބަދަލުގައި އާއިލާއިން ބޭނުންވަނީ އެ ވޭނީ ބަލިން މުޅި އުމުރަށް އާޔާ ސަލާމަތްކުރުމެވެ.

"މިހާ ޅަ އުމުރެއްގަ އަތަށް ޑައިލަސިސް ހަދަން ފިސްތޫލާ ލައްވައިފިނަމަ އެ އަތުގެ ބޭނުން އަނެއްހެން ދެން އެދިޔައީ. އަތުން ކަމެއް ނުކުރެވޭނެ. އެހެންވެ ވީހާވެސް އަވަހަށް ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ދެވޭތޯ އަޅުގަނޑުމެން މިއުޅެނީ." އިބްރާހީމް ކިޔައިދިނެވެ.

އިބްރާހީމް ބުނީ، ދަރިފުޅުގެ ސިއްހީ ހާލަތު ދަށްވެފައިވާތީ ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނީ އެކަން ކުރެވޭ ވަރަށް ދަރިފުޅުގެ ގައިގާ ވަރު ޖެހުމުން ކަމަށެވެ. އަދި ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭ ވަރަށް ގައިގާ ވަރުޖެހުމާއެކު ތާއަބަދަށް ދަރިފުޅު އެކަމުން ސަލާމަތްކުރުމަށް އޭނާގެ ކިޑްނީ ހަދިޔާކުރަން ނިންމާފައިވާ ކަމަށް އިބްރާހީމް ބުނެއެވެ.

"އަޅުގަނޑުގެ ކިޑްނީ ދެނީ. އިންޑިއާއަށް ގޮސް ކިޑްނީ މެޗު ވެއްޖެއްޔާ އެކޮޅުގަ އެކަން ކޮށްގެން އަންނާނީ." ކިޑްނީ ޑޯނަރެއް ލިބިއްޖެތޯ ސުވާލުކުރުމުން އިބްރާހީމް ބުންޏެވެ.

އާޔާއަކީ އިބްރާހީމްގެ އެންމެ ދޮށީ ދަރިފުޅެވެ. އޭނާގެ ހަގަށް ހަ އަހަރުގެ ފިރިހެން ކުއްޖެއްވެސް އިބްރާހީމްގެ ހުންނައިރު އެކުދިން ބަލަމުން އަންނަނީ އިބްރާހީމްގެ މިހާރުގެ އަނބިމީހާއެވެ. އިބްރާހީމް ބުނީ، އޭނާގެ ފިރިހެން ދަރިފުޅު، އާޔަންއަށް ވެސް ކިޑްނީގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކުއްޖާއަށް ވެސް އިންޑިއާއިން ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އެކަމަކު ދެ އަަހަރު ވަންދެން ބޭސްކޮށްގެން އެކުއްޖާ ރަނގަޅު ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް އިބްރާހީމް ބުންޏެވެ.

އާޔާގެ ހަޔާތަށް އުފާވެރިކަން އަނބުރާ ހޯދައިދިނުމަށް އޭނާގެ ބައްޕަ އެތައް ބުރައެއް އުފުލަމުން އަންނައިރު ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި ފަރުވާއަށް މަޑުކުރަން ޖެހިއްޖެނަމަ ގިނަ ހަރަދުތަކެއް ހިނގާނެއެވެ. އެހެންކަމުން، މިވަގުތު ތިޔަ ބޭފުޅުންގެ ފަރާތުން ދިއްކޮށްލާ ކުޑަ މިންވަރެއްގެ އެހީތެރިކަމަކީ ވެސް އެ އާއިލާއަށް މާލީގޮތުން ވެދެވޭ ބޮޑު އެހީއަކަށް ވާނެއެވެ.

އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އެކައުންޓް ނަންބަރު: 7730000067825
ފޯނު: 9775422 - އާޔާގެ ބައްޕަ، އިބްރާޙީމް ހަސަން

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ާއަސްރާ

ޢެކައުންްޓް ނަމްބަރު ނަމާއެކު ޕޮނުވުން އެދެން