Coalition Dhemionaane: Leadarun
image
ހަތަރު ލީޑަރުންގެ ބައްދަލުވުމަކަށްފަހު ޤާސިމް އިބްރާހިމް މީޑިއާއާއި މައުލޫމާތު ހިއްސާ ކުރައްވަނީ. މިފަދަ ބައްދަލުވުންތައް މަދުވުމަކީ ގާސިމްގެ ކަންބޮޑުވުމެއް: ފައިލް ފޮޓޯ ވަން
2 ކޮމެންޓް
 

ކޯލިޝަން ދެމި އޮންނާނެ: ލީޑަރުން

ސަރުކާރާއެކު ޖުމްހޫރީޕާޓީން ވެފައިވާ ކޯލިޝަން އުވާލަން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހަޅާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕްރޮގްރެސިވް ކޯލިޝަނާއެކު މަޖިލިސް އިންތިހާބުގައި ވަޑައިގެންނެވީ ކޯލިޝަން އުވާލާފައިކަމަށް ޕީއެންސީގެ އިންތިގާލީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމާގުޅިގެން ސީއެންއެމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޫދު ވިދާޅުވީ "ކޯލިޝަން ދެމިއޮންނާނެކަމަށް" ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާކަމަށެވެ.

"ރައީސް އިއްޔެވެސް ވިދާޅުވި ކޯލިޝަން ދެމިއޮންނާނެކަމަށް. އަދި ވެރިކަން ގެނައުމަށް ޕާޓީތަކުންވީ ގުރުބާނީ ހަނދާން ނުނެތޭނެކަމަށް ރައީސް ވިދާޅުވި،" ފޯނުން ސީއެންއެމްއާއި ވާހަކަ ދައްކަވަމުން ހޫދު ވިދާޅުވިއެވެ.

މި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހަށް ގުޅުމުން ވިދާޅުވީ ކޯލިޝަނާއި ގުޅޭގޮތުން ރޭގެ ޕްރެސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ސްޓޭންޑަކީ އެއީ ކަމަށެވެ.

ރޭގެ ޕްރެސްކޮންފަރެންސްގައި ގާސިމް ވިދާޅުވެފައިވަނީ ޕީޕީއެމްއާއެކު ކޯލިޝަން ނުހަދާ ކަމަށެވެ. އެހެން ނަމަވެސް މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނުގެ 32 ގޮނޑިއަކަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާކަމަށެވެ.

"ޕީޕީއެމްއާ ކޯލިޝަނެއް ހަދައިގެނެއް ނޫން އަޅުގަނޑުމެން މިއުޅެނީއަކީ. އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީތަކަކަށްވީ ހިނދު އެ ގޮނޑުތައް (މަޖިލީހުގެ ގޮނޑިތައް) ލިބިގަތުމަށްޓަކައި، މެމްބަރުން މެމްބަރުންގެ މެދުގަ ދެކެވުނު ނަތީޖާއެއްގެ ގޮތުން ޕާޓީތަކުގެ ވެރިންނާހަމައަށް އާދެވުނީ. އާދެވުނީމާ އެގޮތުގެ މަތިން ވާހަކަ ދައްކައިގެން އެއްބަސްވި އެއްބަސްވާއެއްގޮތަށް ކުރިއަށް ދާން ނިންމީ. ރައީސް ޔާމިން ޖަލަށްވަޑައިގަތުމުގެ ކުރިން މިކަން އޮތީ އެއްބަސްވެ ނިމިފަ. އެހެންވީމަ މިކަން އެބޭފުޅުން އިސްވެ އިއުލާނުކޮށް އަޅުގަނޑުމެންނަށް ތާއީދުކުރެއްވީމަ. އަޅުގަނޑުމެންވެސް ޖެހޭ އެބޭފުޅުންނާ އެއްބަސްވި އެއްބަސްވުމާ އެއްގޮަތަށް ކުރިއަށް ގެންދަން. ލިޔެ ސޮއިކޮށްފައިވާ އެއްބަސްވުމެއް ނެތް. އަޅުގަނޑުމެންނެއް ނޫން ގޯސް ހަދައިގެން މިއުޅެނީ،" ގާސިމް ވިދާޅުވިއެވެ.

ކޮންމެ މަހަކު އެއްފަހަރު ހަތަރު ލީޑަރުންގެ މެދުގަ ބައްދަލުވުމެއް އޮންނާނެކަމަށް ވިދާޅުވި ނަމަވެސް އެކަންވެސް އެގޮތަށް ކުރިއަށްނުދާކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ތެރެއިން ނިންމަންޖެހޭ ކަންކަން ނުނިމެނީ އެއްބަސް ވުމާ އެއްގޮތަށް މަޝްވަރާނުކުރާތީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫނުވެސް ވިދާޅުވެފައިވަނީ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އަދާލަތު ޕާޓީންވެސް އަދި މިހާތަނަށް ވަނީ ކޯލިޝަނަށް ފެހި ސިގުނަލް ދީފައެވެ. މިހެންކަމުން ޖުމްހޫރީ ޕާޓީން ކޯލިޝަން އުވާލިކަމަށް ޕީއެންސީގެ އިންތިގާލީ ރައީސް ވިދާޅުވާ ވިދާޅުވުމަކީ މާބޮޑު ހަގީގަތެއް ނެތް ސިޔާސީ ވިދާޅުވުމެއްކަމަށް ވަރަށްބޮޑަށް ބެލެވެއެވެ.
ހިޔާލު

ކަންއޮތްގޮތް

އެއްއަނގައިން ކޯލިޝަނެއް އަނެއްްއަނގައަކުން ކޯލިޝަނެއްނޫން.
ދެފުއްކެހެރިކަމާއި އޮޅުވައިލުމާއި، ދޮގުހެދުމަށްވެސް ހައްދެއްއޮންނާނެއެވެ.
މީންއެއްކަމެއްގައިވެސް މީންމީހެއްްގެެ ހައްދެއްނެތެވެ. އަމިއްލަ އެދުމާއިހެދި، ލިއުއްވާމަލާއިކަތުން ލިއުއްވަވާނެކަންވެސް މިތިބެނީ ހަނދާންނައްތާލައިގެނެވެ.

އަލީރާޖާ

ގާސިމް ކޯލިޝަން ވަރިނުކޮށް ދެ އަންބަށް ޕީޕީއެމްއާ އިނީ ދެއްތޯ؟ ކަށީގަ ހިފާފަ ހުރި ކަމެއްވީމާ ކުރާނެތާ!