JP ge isverin sarukaaru dhifaau kurumugai, Leader idhikolhaaeku!
image
ކުރީގެ ރައީސް ޔާމީނާއި ޖޭޕީގެ ލީޑަރު ގާސިމް--
2 ކޮމެންޓް
 

ސަރުކާރުގައި ތިއްބެވި ޖޭޕީގެ އިސްވެރިން ސަރުކާރު ދިފާއު ކުރުމުގައި، ލީޑަރު އިދިކޮޅާއެކު!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދިފާއު ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓްތަކުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އަދި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އިސް ބޭފުޅުންނާއި އެޕާޓީގެ އާންމު ގިނަ މެމްބަރުންގެ ހިޔާލާ ދެކޮޅަށް ޕާޓީގެ ލީޑަރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނާއެކުގަ އެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައާއި ޖޭޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ ދިފާއުގައި ވަހަކަ ދައްކަވަން ފެއްޓެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ސަރުކާރަށާއި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އަދި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނާއެކު އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނިކުންނެވުމަށް ނިންމަވައި، އެކަން އިއުލާން ކުރެއްވުމާއި ގުޅިގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީން ބުނަމުންދަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެއްބާރުލުން ދެމުން ނުދާ ކަމަށާއި އަދި ބައެއް ކަންކަމުގައި މަޖިލީހުގެ ގަވާއިދާ ހިލާފަށް ވެސް މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ޖޭޕީ ލީޑަރު ގާސިމް އަމަލު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވައުދުވީ ގޮތަށް ރައްޔިތުން އެދޭ ބަދަލު ގެނައުމަށާއި ސަރުކާރަށް އެއްބާރުލުން ދިނުމުގައި މަޖިލީހުގެ ތެރެއިން ގުޅިގެން މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ.

ރައީސް ސޯލިހުގެ އެވާހަކަތަކަށް ރައްދުދެއްވައި ގާސިމް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް މަޖިލިސް ނުހިންގޭނެ ކަމަށާއި މަޖިލީހުގައި އެހާ ގިނަ ދުވަހު ރައީސް ސޯލިހު އުޅުއްވިއިރު އެފަދަ ވާހަކަފުޅެއް ވިދާޅުވުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

ޖޭޕީގެ ލީޑަރުގެ އެވާހަކަތާއި އަދި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނާ ގުޅިގެން އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނިކުންނެވުމަށް ނިންމާފައިވާކަން އިއުލާން ކުރެއްވުމާއެކު ޖޭޕީގެ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން އަންނަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ނެވެ.

އެގޮތުން، އެންވަޔަރަމަންޓް މިނިސްޓަރ އަދި ޖޭޕީގެ ލީޑަރު ގާސިމް ޖަލުގައި ހުންނެވިއިރު، ޖޭޕީގެ ލީޑަރުގެ ޒިންމާ އަދާކުރެއްވި އެޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ކޯލިޝަނަކީ އުވިގެންދާނެ ކޯލިޝަނެއް ނޫން ކަމަށާއި ވީހާލެއްގައި ވެގެންވެސް ރައީސް ސޯލިހުގެ ސަރުކާރު ދިފާއު ކުރަން ކޯލިޝަންގެ ބައިވެރިން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ޖޭޕީގެ އަސްލު މެންބަރުން ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ.


ޓޫރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ރައީސް އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބެވީ ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމާއި ރައީސް ސޯލިހުއަށް އިހުލާސްތެރިކަމާއި އެކު ވަފާތެރިވުމަށް ކަމަށެވެ. އަދި އެމްޑީޕީއާ އިސްލާހީ މަސައްކަތުގައި ގުރުބާންވި ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ އަދި އެމްއާރްއެމްގެ މެންބަރުންތައް ދޫކޮށް ޕީޕީއެމް، ޕީއެންސީގެ ފިކުރާ ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ސަރުކާރު ދިފާއު ކުރައްވާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.


ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއާއި ޖޭޕީއާ ދެމެދު ހިޔާލު ތަފާތުވެ، ދެބަސްވުންތައް އެފެދިފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަހަކު އެއްފަހަރު ބާއްވަން އެއްބަސްވެވަޑައިގެންނެވި ލީޑަރުންގެ ބައްދަލުވުން ނުބޭއްވޭތާ ދެ މަސް ދުވަސް ވަނީ ވެފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނެނީ އެމްޑީޕީއާއި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީއާއި މައުމޫން ރިފޯމް މޫވްމަންޓް އެވެ.
ހިޔާލު

ކައްޒާބު

ގާސިމަކީ ވަރަށް ނިކަމެތި މީހެއް.
އޭނާ އަށް ވަރަށް ބޮޑު އެއްޗެއް ގެއްލި ދާނެ.

ޢަހުމަދު

މަގާމަށް ދެވުނީމާ ހީވާނީ ތިމަންނަވަރުގެ މީހެއްނެނަހެން ބަލަ މަގާމު ދިފާޢު ކުރާނެކަން އަހަރެމެންނަށް އެގޭ! ތިޔައީ މެންބަރުންގެ ބަހެއްނޫން