ލީގަލް ޕްރޮފެޝަން ބިލްގައި ގާނޫނުއަސާސީއާ ތައާރަޒުވާ މާއްދާ އެއް އޮތްނަމަ، އެކަން މަޖިލީހުގެ ކޮމެޓީން ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެބިލް ވީހާވެސް އަވަހަކަށް މަޖިލީހުން ފާސްކުރަންޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލީގަލް ޕްރޮފެޝަން ބިލާ މެދު މަޖިލީހުން މިހާރު އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ކުރީގެ ޕީޖީ މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލީގަލް ޕްރޮފެޝަން ބިލްގައި ގާނޫނުއަސާސީއާ ތައާރަޒުވާ މާއްދާއެއް އޮތްނަމަ، ކޮމެޓީ މަރުހަލާގައި އެކަން ހައްލު ކުރެވޭނެ ކަމަށް ދެކިލައްވާ ކަމަށެވެ. އެކަން ހައްލުކޮށް، ވީހާ އަވަހަށް އެބިލް މަޖިލީހުގެ ތަޅުމަށް ފޮނުވަންޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އެގޮތަށް ވިދާޅުވެ، ކުރެއްވި ޓްވީޓްގައި އެކަން ސަމާލުކަމަށް ގެންނެވުމަށް ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި މަޖިލީހުގައި އެބިލް ދިރާސާކުރާ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ މުގައްރިރު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އަދި ދައުލަތުގެ އެޓާނީ ޖެނަރަލް އިބްރާހީމް ރިފްއަތުގެ އިތުރުން މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ އެޓާނީ ޖެނަރަލް ހުސްނުއްސުއޫދު އަށް ޓެގް ކުރައްވާފައި ވެއެވެ.
މުއިއްޒު އެގޮތަށް ވިދާޅުވެ ޓްވީޓް ކުރެއްވިއިރު، ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންނާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ގެންދަނީ އެބިލާމެދު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގާސިމް އަމަލު ކުރައްވާގޮތާމެދު ހިތްތަހަމަ ނުޖެހުން ފާޅުކުރައްވާފަ އެވެ.
ބައެއް ބިލުތަކާއި ގުޅިގެން ގާސިމް މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާކަމަށް ވެސް އެމްޑީޕީންނާއި މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުން ނެވެ.
ގާސިމް ވަނީ ވޯޓަށް އެހުމަށް ތާވަލް ކުރި، ލީގަލް ޕްރޮފެޝަން ބިލާއި ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ވޯޓަށް އެހުމެއްނެތި، އަނބުރާ ކޮމެޓީއަށް ފޮނުވާލާފަ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާފައިވާ މެމްބަރު ލަތީފާ ގާސިމްގެ މަސްލަހަތު ހިމާޔަތްކުރުމަށް، މަޖިލީހުގެ ރައީސް ގާސިމް، މަޖިލީސް ގަޑުބަޑު ކުރަމުން އަންނަ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ބާ ކޮމިޝަން އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލީގަލް ޕްރޮފެޝަން ބިލް (ގާނޫނީ ހިދުމަތުގެ ބިލު) މިހާރު އޮތީ ޖޭއެސްސީ މެމްބަރު ލަތީފާ ގާސިމްގެ މަގާމު ގެއްލޭ ގޮތަށް ކަމަށާއި އެހެންކަމުން އެބިލް އިތުރަށް ދިރާސާ ކުރަން ޖެހޭކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
ގާނޫނީ ވަކީލުންގެ މެދުގައި ނެގި ވޯޓަކުން އެ ކޮމިޝަންގެ މެމްބަރު ކަމަށް ލަތީފާ އައްޔަން ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭނާގެ މަގާމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ.
އެބިލް މިހާރު އޮތް ގޮތުން ލަތީފާ ގާސިމްގެ މަގާމު ގެއްލޭ ގޮތަށް އޮތްކަމަށްބުނެ، އެމައްސަަލަ މަޖިލީހަށް ހުށަހެޅުއްވީ ވެސް ލަތީފާ ގާސިމް އެވެ. ލަތީފާ ގާސިމަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ އަނބިކަނބަލުންނެވެ. އިކްރާމަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ ގާތްގުޅުމެއް އޮތް ބޭފުޅެކެވެ.