Indiaage Aanmu Inthihaab April 11 Vana Dhuvahu
image
އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑު ވަޒީރުކަމަށް ވާދަކުރައްވާ ރާހުލް ގާންދީއާއި ނަރެންދުރަ މޯޑީ: ފޮޓޯ އިންޑިއަ ޓުޑޭ
0 ކޮމެންޓް
 

އިންޑިއާގެ އާންމު އިންތިހާބު އޭޕްރީލް 11 ވަނަ ދުވަހު، ނަތީޖާ ފާޅުކުރުން މޭ 23 ވަނަ ދުވަހު

އިންޑިއަގެ އާންމު އިންތިހާބު އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުފަށައި އިންތިހާބުގެ ނަތީޖަ އިއުލާނުކުރުން މޭ 23 ގައި ބޭއްވުމަށް ނިންމައިފިއެވެ.
އިންޑިއާގެ ރިޔާސީ އިންތިހާބުގައި 900 މިލިއަން މީހުން ވޯޓުލާނެއެވެ. މިއީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޑިމޮކްރެޓިކް ހަރަކާތެވެ.

އިންޑިއާގެ ޗީފް އިލެކެޝަންސް ކޮމިޝަނަރ މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިންޑިއާގެ އާންމު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ބައިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބައި އޮންނާއީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އަދި އިތުރު ބައިތައް އޭޕްރީލް މަހުގެ 18، 23، 29 ވަނަ ދުވަހާއި މޭމަހުގެ 6، 12 އަދި 19 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި ވޯޓު އިއުލާނުކުރުން އޮންނާނީ މޭމަހުގެ 23 ވަނަ ދުވަހު ކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިންޑިއާގައި ވޯޓުލާ އިލެކްޓްރޯނިކް ވޯޓިން މެޝިނުތަކެއް ބޭނުންކުރަން ނިންމުމުން، އިދިކޮޅުން އަންނަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް އިންޑިއާގެ އީސީން ބުނެފައިވަނީ އިލެކްޓްރޯނިކް ސިސްޓަމަކުން ވޯޓުލީ ނަމަވެސް ވޯޓު ޔަގީން ކުރުމަށް އެކަށީގެންވާ ނިޒާމެއް އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ވޯޓުލުމުން އެމީހަކު ވޯޓުލީ ގޮތް އަންގައިދޭ ކަރުދާސް ކޮޅެއް ޕްރިންޓު ވާނެކަމަށެވެ. އަދި އެ ކަރުދާސް ކޮޅު ޕްރިންޓުވުމުން ވޯޓުލީ މީހާއަށް ކަރުދާސް ކޮޅު ފެންނާނެކަމަށާއި، ވޯޓުގައި ޝައްކު އުފެދޭ ހާލަތުތަކުގައި ކަރުދާސް ކޮޅުތައް ގުނައިގެން ވެސް ވޯޓުގެ ސައްހަކަން ކަށަވަރުކުރެވޭނެކަމަށް އިންޑިއާގެ އީސީން ބުނެއެވެ.

އިންޑިއާގައި އޮންނަނީ ބަރުލަމާނީ ނިޒާމެއްކަމުން އާންމު އިންތިހާބުގެ ވޯޓުގައި އޮންނާ އިންޑިއާގެ މަޖިލިސް ކުރާ ގެއަށް (ލޮކް ޝަބާ) އަށް މަޖިލިސް މެމްބަރުން ހޮވުމެވެ. އިންޑިއާގައި އޮންނަނީ 545 ދާއިރާއެވެ. އެހެން ނަމަވެސް މިފަހަރުގެ އިންތިހާބުގައި ހޮވާނީ 543 މެމްބަރުންނެވެ. އެއީ ތަފާތު ސަބަބުތަކާހެދި ދެ ދާއިރާގެ އިންތިހާބު އަވަހަށް ބާއްވާފައިވާތީއެވެ.

އިންޑިއާގެ މަޖިލިސް އިންތިހާބުގައި މޯޑީ ދެވަނަ ދައުރަކަށް ޕްރައިމް މިނިސްޓަރުކަމަށް ވާދަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މޯޑީއާއި ވާދަ ކުރައްވާނީ ރާހުލް ގާންދީއެވެ. މޯޑީ ތަމްސީލު ކުރައްވާ ބީޖޭޕީ އާއި ރާހުލް ގާންދީގެ ކޮންރެސް ޕާޓީއިން ވަނީ އެތައް ސަތޭކަ ކުދި ޕާޓީތަކާއެކު ކޯލިޝަން ހަދާފައެވެ. 2014 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ބީޖޭޕީން ވަނީ ކޮންގްރެސް ޕާޓީ ބަލިކޮށްފައެވެ.
އިންޑިއާ
ހިޔާލު