KHaasa Thahugeegu Teamakun PSM ge Corruption Masalathah Balanfashaifi
image
ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް: ފައިލް ފޮޓޯ ވަގުތު
2 ކޮމެންޓް
 

ހާއްސަ ތަހުގީގު ޓީމަކުން ޕީއެސްއެމްގެ ކޮރަޕްޝަން މައްސަލަތައް ބަލަންފަށައިފި

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ކޮރަޕްޝަން މައްސަލަތަކެއް ބެލުމަށް ހާއްސަ ތަހުގީގު ޓީމެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އެސީސީ އިން އެކުލަވާލައިފިއެވެ.
އޭސީސީގެ ނައިބުރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ޕީއެސްއެމްގެ މައްސަލަތައް ބެލުމުގެ ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަހަށް ނިންމަންޖެހޭ މައްސަލަތަކެއްގެ ގޮތުގައި އެ މައްސަލަތައް ބަލަމުން އަންނަކަމަށެވެ. އެ ކޮމިޝަނުން މިވަގުތު ބަލަމުން އަންނަނީ ޕީއެސްއެމްގެ 23 މައްސަލައެކެވެ. ނަަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް އޭސީސީގެ ނައިބުރައީސް ނުދެއްވައެވެ.

އޭސީސީން ތަފްސީލު ނުދިން ނަމަވެސް ޕީއެސްއެމްއަށާއި އެތަނުގެ ކުރީގެ އިސްވެރިންނަށް ތުހުމަތުކުރެވޭ ކަރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް މީގެ ކުރިން މީޑިއަގައި ވަނީ ފެންމަތިވެފައެވެ.

ޕީއެސްއެމްގެ މައްޗަށް ތުހުމަތު ކުރެވުނު ބައެއް މައްސަަލަތައް:

ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ މައްޗަށް ތުހުމަތު ކުރެވޭ 41 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައެވެ. އޭސީސީއަށް ހުށަހެޅި މައްސަލާގައި ވަނީ ޖަޕާނުގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ގާއިމްކުރަން ހަމަޖެހިފައިވާ އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން ޕްރޮޖެކްޓާ ގުޅިގެން 41 މިލިއަން ރުފިޔާ އިކްރާމްގެ ޖީބަށްލި ކަމަށް ތުހުމަތުކޮށްފައެވެ.

ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް އާއި ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް ރަހުމަތްތެރިއަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމަށް ބުނެ ވެސް އޭސީސީ އަށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މައްސަލައެއް ހުށަހަޅާފައިވެއެވެ. އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައިވާ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ބޭފުޅުން ނާޖާއިޒު ފައިދާ ހޯދައިދިނީ ގާތް އެކުވެރިއެއް ކަމަށްވާ ށ. ފޭދޫ، ދުނގެތިމާގެ، ފަޔާޒު ޔޫސުފަށެވެ. ފަޔާޒު އޭރު ހުރީ ޕީއެސްއެމްގެ ނިއުސް ޑިރެކްޓަރުގެ މަގާމުގައެވެ.

މަގާމުގެ ނުފޫޒް ބޭނުން ކޮށްގެން ވަކި ފަރާތަކަށް މަންފާ ހޯދުމަށް މަސައްކަތް ކޮށްފައިވާތީޕީއެސްއެމްގެ އިސް ވެރިއެއްގެ މައްޗަށް އޭސީސީ އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް 2017 ވަނަ އަހަރު މައްސަލައެއް ފޮނިވިއެވެ. މި މައްސަލައާއި ގުޅިގެން ދައުވާ ކުރަން ފޮނުވީ ޕީއެސްއެމްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ މައްޗަށެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ގިނަ މައްސަލައެއް އޭސީސީން އަންނަނީ ބަލަމުން:

އޭސީސީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ސަރުކާރު ކުންފުނިތަކަށް ނިސްބަތްވާ 238 މައްސަލައެއް އޭސީސީން މިހާރުވެސް އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ 52 މައްސަލައާއި، އެސްޓީއޯގެ 30 މައްސަލައަކާ، ޕީއެސްއެމްގެ 23 މައްސަލައަކާއި، މޯލްޑިވިސް ޕޯޓްސް ލިމިޓެޑުގެ 19 މައްސަލައަކާ، ގްރެޑާ މާލެ އިންޑަސްޓްރިއަލް ޒޯނުގެ 13 މައްސަލައަކާ، އެމްޓީސީސީގެ 10 މައްސަލައަކާ، އެޗްޑީސީގެ ނުވަ މައްސަލައަކާއި އެމްއެމްޕީއާރުސީގެ ނުވަ މައްސަލަ ހިމެނެއެވެ.

މި ހުރިހާ މައްސަލަތަކުގެ ތެރެއިން ހާއްސަ ތަހުޤީޤު ޓީމަކާއެކު ބަލަމުން އަންނަނީ ޕީއެސްއެމްއާއި ފެނަކަ ކޯޕަރޭޝަނުގެ މައްސަލަތަކެއް ކަމަށް އޭސީސީން ބުނެއެވެ.
ހިޔާލު

ބިގް

ބިގަށް ދިން ފައިސާ އަކީވެސް ޚަލީލް އެމް.އެން.ބީ.ސީ ޒަމާނުގަ ހެދި އެގްރީމަންޓެއް. ލާރި ނުދީ ހުރީ. އެގްރީމަންޓް ހެދީ ބޮޑު ޖޫރިމަނާ ވާހެން. 2016 ގައި ކޯޓުން ހުކުމް ކުރީ އެފައިސާ ދައްކަން. އޭރުވެސް ޕީ.އެސް.އެމް ގެ ވެރިއަކަށް ހުރީ ޚަލީލް.

ސަލީމް

ބިގަށް 30 މިލިޔަންދި އަދި 78 މިލިޔަން ދޭންއުޅުނު މައްސަލަ ބަލާނެ ކަމަށް އުންމީދުކުރަން