Qasim ah Majlis havaalu kurevvumunves natheejaa eh nunerevunu!
image
މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހީމް--
2 ކޮމެންޓް
 

ގާސިމަށް މަޖިލިސް ހަވާލު ކުރެއްވުމުން ވެސް ނަތީޖާއެއް ނުނެރެވުނު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލިސް "ހިސޯރު" ކުރައްވައިގެން އިންނެވިތަން ފެނުނެވެ. މަޖިލީހުގެ ގަަވާއިދާ އެއްގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި މަޖިލީހުގެ ގަވާއިދާ ހިލާފަށް އެތައް ކަމެއް ކޮށްފައި ވެއެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީއަށް އަމަލު ކުރަންފެށިފަހުން މަޖިލީހުގައި އެންމެ މަދުން ޖަލްސާތައް ބާއްވާފައިވަނީ މަސީހު މަޖިލިސް ރައީސްކަމުގައި އިންނެވި ދުވަސްވަރު އެވެ.

ރައީސް ޔާމީނާއެކު މަޖިލިސް ރައީސް ކަމުން މަސީހު ވެސް ބޭރުކޮށްލައިފި އެވެ. ރައްޔިތުންގެ އެދޭ ފަދަ މަސައްކަތްތަކެއް މަޖިލީހުން ފެންނާނެ ކަމުގެ އުއްމީދުގައި ރައްޔިތުން ތިއްބައި، މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމް އިބްރާހީމް އެވެ. އެހެންކަމުން ރައްޔިތުން ހީކޮށްގެން ތިބީ ސަރުކާރު ކޯލިޝަން ގެވެސް އެންމެ ބޮޑު އެއް ހިއްސާއެއް އޮންނަ ޖޭޕީގެ ލީޑަރު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވުމުން މަޖިލީހުން ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލެއް ފެންނާނެ ކަމަށެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ގާސިމް ހުންނަވައި ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ރައްޔިތުންގެ މަންފާއަށް ކުރެވުނު މަސައްކަތާމެދު ރައްޔިތުން ސުވާލު އުފައްދަ އެވެ. އަނބިކަނބަލުން ހިމެނޭ ވަޒީރުންގެ މަޖިލީހަށް މަޖިލީހުގެ ރުހުން ދިނުމަށް ޖަލްސާ ބާއްވައިދީ އެކަން ފާސްކުރުމަކީ ރައްޔިތުންގެ ފައިދާއަށްވުރެ އަމިއްލަ ފައިދާއަށް ކުރެއްވި ކަމެއް ކަމަށް ވެދާނެ އެވެ.

ކޮންމެއަކަސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ދެ ވައުދެއް ފުއްދުމަށްޓަކައި ބިލެއް މަޖިލީހަށް ހުށަހަޅާފަ އެވެ. އެއީ އެކަމަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ.

ދައުލަތުގެ ފައިސާއާއި މުދަލުން ކުރީގެ ސަރުކާރުން "އިންތިހާއަށް" ހިޔާނާތާއި ވައްކަން ކޮށްފައިވާތީ އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔާތްކޮށް ކަށަވަރުކޮށް ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެކެވެ. ދައުލަތުގެ ފައިސާއާއި މުދަލުން ހިޔާނާތްވުމުގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ. އަދި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ވެސް ކޮމިޝަނެއް ރައީސް ސޯލިހު ވަނީ އުފައްދަވާފަ އެވެ.

އެ ދެކޮމިޝަނުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދާދިނުމަށް ކުރާ މަސައްކަތެކެވެ. ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެކެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާމެދު މަޖިލީހުގެ ރައީސް ގާސިމް އަމަލު ކުރެއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށެވެ. ކޮމެޓީން ފާސްކޮށް، ނިންމާފައިވާ ބިލެއް ވޯޓަށް އެހުމަށް އެޖެންޑާ ކުރުމަށްފަހު، އެބިލަށް ވޯޓަށް އެހުމަކާ ނުލައި، މަޖިލީހުގެ ރައީސަށް އެބިލް އަނބުރާ ކޮމެޓީއަށް ފޮނުވޭނެ ގޮތެއް ނެތެވެ. ނަމަވެސް މަޖިލީހުގެ މެމްބަރު ހުށަހަޅާ ހުށަހެޅުމަކާއި ގުޅިގެން، އެހުށަހެޅުން ފާސްވާ ގޮތަކަށް އެބިލާމެދު އަމަލު ކުރެވިދާނެ އެވެ. ޖަލްސާގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ބޭނުންވީމައި ބޭނުންގޮތެއް މަޖިލީހަށް ހުށަހެޅޭ ބިލްތަކަށް ނުހެދޭނެ އެވެ. މަޖިލީހަށް ހުށަހެޅޭ ބިލްތަކާމެދު އަމަލު ކުރާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ވެއެވެ.

މަޖިލީހުގެ ގަވާއިދާ ހިލާފަށް ރިޔާސަތުން އަމަލު ކުރެއްވީ ހަމައެކަނި ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާމެދު އެކަންޏެެއްވެސް ނޫނެވެ. ގާނޫނީ ހިދްމަތުގެ ބިލް (ލީގަލް ޕްރޮފެޝަން ބިލް) މެދުވެސް ރިޔާސަތުން އަމަލުކުރެއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށެވެ. ކޮމެޓީން އެބިލް ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވޯޓަށް އެހުމަށް ތާވަލް ކުރުމަށްފަހު، އެބިލަށް ވެސް ވޯޓަށް އެހުމެއްނެތި ގާސިމް ވަނީ އެބިލް ދިރާސާކުރުމަށް އަނބުރާ ކޮމެޓީއަށް ފޮނުވާލައްވާފަ އެވެ. އެބިލަކީ ގާނޫނީ ވަކީލުންނާއި އަދުލްއިންސާފުގެ ދާއިރާއާ ގުޅުންހުރި މުހިއްމު ބިލެކެވެ. އެބިލްގެ ދަށުން "ބާ ކައުންސިލް" އެއް އެފެދި ގާނޫނީ ވަކީލުންގެ ދައުރު މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއްގެ ތެރެއަށް ފެތިގެންދާނެ އެވެ.

އެބިލް ކޮމެޓީއަށް އަނބުރާ ފޮނުވާލެއްވީ، އެބިލް އޮތްގޮތުން ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އިންނެވި ލަތީފާ ގާސިމްގެ މަގާމު ގެއްލޭތީ ކަމަށް ބުނެއެވެ. އެމައްސަލައަކީ ކޮމެޓީ މަރުހަލާގައި ހައްލު ކުރެވިދާނެ އަދި، ކޮމެޓީން ފާސްކޮށްފައިވާ އެރިޕޯޓަށް ބޭނުންވާ އިސްލާހުވެސް ހުށަހަޅައި، މަޖިލީހުން ފާސްކުރާ ގޮތެއްގެ މަތިން ހައްލު ކުރެވިދާނެ ކަމެކެވެ.

ލަތީފާ ގާސިމް ވީމާ ކޮންމެހެން ޖޭއެސްސީގެ މެމްބަރު ކަމުގައި އިންނަވަންޖެހޭތޯ އެވެ. ލަތީފާ ގާސިމްގެ ފިރިކަލުން އިކްރާމް އަބްދުއްލަތީފަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ. ކޮރަޕްޝަންގެ އެތަށް މައްސަލައެއް ފެންތިވެފައިވާ އިކްރާމަކީ ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އަވަދިނެތި އުޅުއްވި އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ ވެސް ގާތް ބޭފުޅެއް ކަމަށް ވެއެވެ.
ހިޔާލު

ހިގާމީހެއް

ގާނޫނު އަސާސީ ޚިލާފު އަދި ގާނޫނުއަސާސީ ގެ އެއްވެސް މާއްދާ އަކާ ފުށުއަރާ ކަމެއް ކުރެވިގެން ނުވާނެ

އައްލާބެއްޔާ

މިޤައުމު ގައި ދެން ބަޣާވާތް ކުރުމަށް ފުރުސަތު ދެވިގެން ނުވާނެ! ގާސިމް ބިލް ފާސްކުރަން ބައިންދަން ދެންފެންނަނީ! ދެން ހުސްއަތާ އިނދެ ބޯގޮވައިގެން އުޅެންފަށާނެ! ސަރުކާރުން ކުރަންވީ ކަމެކީ މައްސަލަ ތަޚްޤީޤުކުރެވެން އޮތްގޮތަކަށް ކޮއް މައްސަލައިގައި ބެދޭ އެންމެން އިންސާފުގެ ކުރިމައްޗައް ގެންނަންވީ! އިންސާފަށް ހުރަސް އަޅާ މުޢައްސަސާތައް ވާނަމަ ރަޢީސްގެ ޚާއްސަ ގަރާރަކުން އެމުއައްސަސާއަށް އަދަބުދޭންވީ! މިނޫނުް ގޮތެއްނެތް!