Raees Yameen jalugai bandhukuri massalaige isthiunaaf adu ehun maadhamaa
image
ރައީސް ޔާމީން ޖަލަށް ގެންދަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
0 ކޮމެންޓް
 

ރައީސް ޔާމީން ޖަލުގައި ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން މާދަމާ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ހިންގަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި މާދަމާއަށް ތާވަލްކޮށްފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ތާވަލްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަފަ އެވެ.


ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 1،000،000.00 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައާއި މަނީ ލޯންޑަކުރުމުގެ މައްސަލައިގެ ދައުވާގެ ޝަރީއަތް ނިމެންދެން ޔާމީން ޖަލުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ބާތިލް ކުރުމަށް ޕީޕީއެމުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ އަމުރު ނެރުނު ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ޔާމީން ޖަލުގައި ބެހެއްޓުމަށް އަމުރު ނެރެފައިވަނީ މިދިއަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ހައި ކޯޓުން ބަލައިގަނެފައި ވަނީ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ.

މިދިއަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ، ޔާމީން މަނީ ލޯންޑަކުރުމުގެ މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމަކީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އެދިގެން ބޭއްވި އެޑު އެހުމެކެވެ. އެއީ ރައީސް ޔާމީން މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރުމުގެ މައްސަލައިގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ފުލުހުންގެ ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންނުމަށް ބޭއްވި އަޑު އެހުމެކެވެ.

ޝަރީއަތް ނިމެންދެން ރައީސް ޔާމީން ޖަލުގައި ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެމައްސަލާގައި ހިމެނޭ ހެކީންނަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ހުށަހަޅަމުންދާ ކަމުގެ ތަހުމަތު ކުރެވޭތީ، އެކަން ޕީޖީ އޮފީހުން ހެއްކާއެކު ހުށަހެޅުމާއި ގުޅިގެން ނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކްރިމިނަލް ކޯޓަށް ޔާމީންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ރައީސް ޔާމީނާއި އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ކުރަން ފުލުހުންގެ އިދާރާއިން ޕީޖީގެ އޮފީހަށް ފޮނުވާފައި ވަނީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެވެ. އާޒިމާގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަކުރުމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ޕީޖީގެ އޮފީހަށް ދައުވާ ކުރަން ފޮނުވުމަށްފަހު ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ގާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން، ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީން ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ ލޯންޑަރކޮށް، އެފައިސާއާއި ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާއި ގުޅިގެން ހިންގި މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު އެމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމުގައެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި މަނީ ލޯންޑާކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވާއިރު، މަނީލޯންޑަރކުރުމުގައި ރައީސް ޔާމީނާއި ބައިވެރިވެ އެހީތެރިވެ ދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުގައި އާޒިމާ ގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމުގައެވެ.

"މިމައްސަލައިގެ ތަޙުޤީޤުގައި ފުލުހުން ހޯދި މަޢުލޫމާތުތަކާއި ހެއްކާއި ޤަރީނާތަކުން ފާހަގަކުރެވުނު ގޮތުގައި އެމް.އެމް.ޕީ.އާރސީގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާ ޖަމާކުރި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މަޢުލޫމާތު ލިބުމާއިގުޅިގެން އެމައްސަލަ ތަޙުޤީޤުކުރުމަށްފަހު، އެފައިސާއަކީ ދަޢުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެފައިސާ ދަޢުލަތާއި އަނބުރާ ހަވާލުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެންނެވުމުން އެފައިސާ ދައުލަތާއި ހަވާލުނުކޮށް އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެފައިސާ ދައުރުކޮށް މުޢާމަލާތުކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިވާކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވެއެވެ" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅުތަކެއް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 80 މިލިއަން ޑޮލަރަށް ހިނާޔާންތެރި ވެފައިވެއެވެ. އެމްއެމްޕީއާރުގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތް 155 ފަރާތެއްގެ މެދުގައި ހިންގާފައިވާއިރު، ރައީސް ޔާމީންގެ އެކައުންޓަށް 1،000،000.00 ޑޮލަރު ޖަމާކޮށްފައި ވެއެވެ.
ހިޔާލު