Komolika badhalukuranee
image
ކޯމޮލިކާގެ ރޯލުން ފެނިގެންދާ ހީނާ ހާން--
0 ކޮމެންޓް
 

ކޯމޮލިކާ ބަދަލުކުރަނީ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޯމޮލިކާގެ ރޯލުން ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ހީނާ ހާންގެ ބަދަލުގައި އެހެން ތަރިއަކު އެ ރޯލަށް ނަގަން ޝޯގެ އުފެއްދުންތެރިން މަސައްކަތް ފަށައިފިއެވެ.
ބައެއް ނޫސްތަކުން ބުނާ ގޮތުގައި ކޯމޮލިކާގެ ރޯލަށް، ޔޭ ހޭ މޮހައްބަތޭއިންގައި ޝަގުންގެ ރޯލުން ފެނިގެންދާ އަނީތާ ހަސަންއާންދާނީ ނުވަތަ އިޝްގް މެއިން މަރްޖާވާންގެ ތަރި އާލިޝާ ޕަންވަރު، އަދި އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭގައި ޖިވީކާގެ ރޯލުން ފެނިގެންދިޔަ ކްރިސްޓަލް ޑި ސޫޒާ ގެ ތެރެއިން ކޮންމެސް އެއް ތަރިއެއް ނެގުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެކުރިން ވެސް ޝޯ ދޫކޮށް ހީނާ ދާން އުޅޭކަމަށް އަޑުތައް އެރިނަމަވެސް ހީނާ ވަނީ ޝޯ ދޫކޮށް ދާން ނޫޅޭ ކަމަށާއި އެކަމަކު ވަރަށް އަވަހަށް ބްރޭކެއް ނަގާނެ ކަމަށް ބުނެފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ޝޯގައި ކޯމޮލިކާގެ ރޯލުން އެއްވެސް މީހަކު ނުފެންނަމަ އެޝޯ ފްލޮޕް ވެދާނެތީ އެކްތާ މިވަނީ އެހެން ފަންނާނަކު ނަގަން ނިންމާފައި ކަމަށް ބެލެވެއެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޯމޮލިކާގެ ރޯލުން ފެނުނީ، އުރްވަޝީ ދޮލާކިއާއެވެ. ކަސޯޓީގެ ދެވަނަ ބައިގައި ކޯމޮލިކާގެ ރޯލަށް ހީނާ ނެގުމާއެކު ވެސް އުރްވަޝީ ފަދައިން ކޯމޮލިކާގެ ރޯލު ކުޅެލެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. އެކަމަކު ޝޯ ފެށުންތާ މިހާރު ދުވަސްތަކެއް ވެފައިވާއިރު ހީނާގެ އެކްޓިން ގިނަ ބަޔަކު ވަނީ ކަމުގޮސްފައެވެ. މިހެންކަމުން، ދެން ގެންނަ ބަދަލަކީ ވެސް ޝޯގެ ބެލުންތެރިން ބަލައިގަންނާނެ ބަދަލަކަށް ވާންޖެހެއެވެ.

ހީނާއަށް ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިިބިފައިވާއިރު އިތުރު އެހެން ޕްރޮޖެކްޓުތަކެއް ވެސް އެނބަހުރި ކަމަށް ހީނާ ބުނެއެވެ. އެހެންކަމުން، އެ ހުރިހާ މަސައްކަތެއްގައި ހީނާ ވަރަށް އަވަދިނެތި އުޅޭތީ ޝޯގެ ޝޫޓިންތައް ކުރިއަށް ގެންދަން ދަތިތަކާއި ކުރިމަތިވަނީ ކަމަށް ބެލެވެއެވެ.

ހީނާއަށް މަގުބޫލުކަން ލިބުނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި މަސައްކަތް ކޮށްގެންނެވެ. އޭގެ ފަހުން "ބިގް ބޮސް" އާއި "ނަޗް ބަލިޔޭ" އިން ވެސް ހީނާ ފެނިފައިވެއެވެ.
ހިޔާލު