Iyye Vehtunu Flightge Kalhufoshi Fenijje
image
0 ކޮމެންޓް
 

އިއްޔެ ވެއްޓުނު ފްލައިޓުގެ ކަޅުފޮށި ފެނިއްޖެ

އާދިއްތަ ދުވަހު ވެއްޓުނު އިތޯޕިއާ އެއާލައިންގެސް ET302 ފްލައިޓުގެ ކަޅުފޮށި ފެނިއްޖެއެވެ.
އިތޯޕިއާގެ އެއާލައިންސްގެ މައްސަލަ ތަހުގީގު ކުރާ ޓީމުން ބުނެފައިވަނީ ފްލައިޓުގެ ޑިޖިޓަލް ޑޭޓާ ރިކޯޑާ އަދި ކޮކްޕިޓް ވޮއިސް ރިކޯޑާ ފެނިފައިވާކަމަށެވެ. އެތަކެތި ފެނިފައިވަނީ ފްލައިޓު ވެއްޓުނު ސަރަހައްދުންނެެވެ. ނަމަވެސް އެ ދެ ރިކޯޑަރަށް ވެސް ގެއްލުންތަކެއް ލިބިފައިވާކަމަށް ތަހުގީގު ކުރާ ޓީމުން ބުނެއެވެ.

"މި ދެ ރިކޯޑަރު ނުވަތަ ކަޅު ފޮށި ވަނީ ފެނިފައި. ދެ ރިކޯޑަރަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައި. އެހެން ނަމަވެސް ރިކަވާ ކުރުމަށް މަސައްކަތް ކުރާނަން،" މައްސަލަ ތަހުގީގު ކުރާ ޓީމުގެ އޮފިޝަލަކު މީޑިއާއާށް މައުލޫމާތުދެމުން ބުނެފައިވެއެވެ.

އިތޯޕިއާ އެއާލައިންގެސް ފްލައިޓެއް ވެއްޓި އޭގެން ދަތުރުކުރި 149 މީހުން ވަނީ މަރުވެފައެވެ. ފްލައިޓު ވެއްޓުނީ އިތޯޕިއާގެ ވެރިރަށް އައްޑިސް އަބާބާ އިން ކެންޔާއަށް ދަތުރުކުރަމުން ދަނިކޮށެވެ. ފްލައިޓު ވެއްޓުނީ އެއާޕޯޓުން ނައްޓާލިތާ ހަތް މިނެޓުތެރޭގައެވެ.

މި މައްސަލައާއި ގުޅިގެން ޗައިނާގައި ވަނީ ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓުތައް އެގައުމުގައި ދުއްވުން ވެސް މަނާކޮށްފައެވެ. މި މަރުކާގެ ފްލައިޓު ޗައިނާގައި އުދުހުން މަނާކޮށްފައި މިވަނީ އިތޯޕިއަން އެއާގެ ފްލައިޓެއް ވެއްޓި އޭގެ ދަތުރުކުރި އެންމެން މަރުވުމާ ގުޅިގެންކަމަށް އެގައުމުން ބުނެއެވެ. މިއީ އެ މަރުކާގެ ފްލައިޓެއް ފާއިތުވީ ފަސް މަސް ދުވަހުގެ ތެރޭގައި ވެއްޓުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން ވެސް ލަޔަން އެއާއިން ބޭނުންކުރި މި މަރުކާގެ ފްލައިޓެއް ވެއްޓި 189 މީހުން ވަނީ މަރުވެފައެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ ފާއިތުވީ ފަސް މަސްދުވަހުގެ ތެރޭގައި ވެއްޓިފައިވަނީ އަލަށް އޮޕަރޭޓު ކުރަން ފެށި ދެ ފްލައިޓުކަމަށެވެ. އަދި ދެ ފްލައިޓު ވެއްޓުމުގައިވެސް އެއްވައްތަރު ކަންތައްތަކެއް އެބަހުރިކަމަށެވެ. ދެ ފްލައިޓުވެސް ވެއްޓިފައިވަނީ ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޮންޓްރޯލުން ނައްޓާލާއިގެންނެވެ.
ހިޔާލު