Cruise liner Terminal eh alhan Masveringe Park sarahahdhu bandhu kuranee
image
މާލެއަށް އައިސްފައިވާ ކުރޫޒްލައިނެއް-- ފޮޓޯ: އަވަސް
3 ކޮމެންޓް
 

ކްރޫޒް ލައިނާ ޓާމިނަލް އަޅަން މަސްވެރިންގެ ޕާކު ސަރަހައްދު ބަންދުކުރަނީ

މަސްވެރިންގެ ޕާކުގައި އަޅަން ނިންމާފައިވާ ކްރޫޒް ލައިނާ ޓާމިނަލް އެޅުމަށް އެ ސަރަހައްދު ބަންދު ކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
އާންމުންނަށް ބޭނުން ކުރެވޭނެ ފާހާނާތަކަކާއެކު މަސްވެރިންގެ ޕާކުގައި ކްރޫޒް ލައިނާ ޓާމިނަލެއް ގާއިމުކުރަން ނިންމާފައިވާ މާލޭގެ ރައްޔިތުންނާއި ބައްދަލުކޮށް މާލޭ ސިޓީ ކައުންސިލުގެ މޭޔާ ޝިފާ މުހައްމަދު ވިދާޅުވީ، މަސްވެރިންގެ ޕާކު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެތަން ބަންދުކުރާނެ ކަމަށެވެ.

މަސްވެރިންގެ ޕާކުގައި ތަރައްގީ ކުރާނީ މާލެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ބޭނުން ކުރެވޭ ފެންވަރުގެ އާންމު ފާހާނާތަކަކާއި މާލެ އަންނަ ބޭރުގެ ބޮޑެތި ކްރޫޒް ލައިނާތަކަށް ބޭނުން ކުރެވޭ ހިދުމަތްތައް ދެވޭނެ ފަދަ ޓާމިނަލެކެވެ. އެ ޓާމިނަލުގެ ސަބަބުން ރާއްޖެ އަންނަ ބޮޑެތި ކްރޫޒް ލައިނާތަކުގެ އަދަދު އިތުރުވާނެކަން ފާހަގަކޮށް ޝިފާ ވިދާޅުވީ، ޓާމިނަލުގެ މަސައްކަތް ނިމުމާއެކު މާލެ އަންނަ ފަތުރުވެރިންނަށް ޓަމިނަލުން ގިނަ ހިދުމަތްތަކެއް ދޭން ފެށޭނެ ކަމަށެވެ.

ކްރޫޒް ލައިނާތަކުން އަންނަ މީހުން ލަފާއި ފޭބުމުން ކުރިން އައީ މާލޭ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން ބޭނުން ކުރަމުންނެވެ. އެކަމަކު، ކްރޫޒް ލައިނާތަކުން އަންނަ މީހުން ލަފާއި ފޭބުމުން އެތަން ބޭނުން ކުރުން މިހާރު ވަނީ ހުއްޓާލާފައެވެ. އެކަމަށް މިހާރު ބޭނުން ކުރަމުން އަންނަނީ މަސްވެރިންގެ ޕާކު ސަރަހައްދެވެ.

ދަތުރުވެރިންނާއި ކްރޫޒް ލައިނާތަކުން ރާއްޖެ އައިސް ވިޔަފާރި ކުރުމަށް މާލެ ފައިބާ މީހުން ބޭނުން ކުރުމަށް އެކަށީގެންވާ އާންމު ފާހާނާތައް ނެތް މައްސަލައަކީ އެމީހުން އާންމުކޮށް ކުރަމުން އަންނަ ޝަކުވާއެކެވެ.
ހިޔާލު

ކަލޯވާ

އަދިވެސް މާލެ މަގުމަތި ބޭނުންވާވަރައް ތޮއްނުޖެހޭދޯ.. މީގެ ލައިނަރަކުން އެއްފަހަރާ 1000 ހާ މީހުން ފައިބާއިރައް މާލޭގެ ތޮއްޖެހިފައޮތް މަގުމަތީ އުތުރިއަރަން ފަށާނެ.. އޭރުން އެންމެބޮޑު ޓޫރިސްޓު އެޓްރެކްޝަނަކައްވާނީ މަގުމަތީގަ ކިޔޫގަ ތިބޭ ދުއްވާތަކެތީން އަޅާ ބަރުގޮނުގެ އަޑު.. އެ އަޑުއަަހާހިތުންވިއްޔާ ޓޫރިސްޓުން މާލެ އަންނަނީ..

ލަކޭޝް

މި މީހުން ލޯކޭޝަން މިކަނޑައަޅަނީ ކޯޗަކައް ބަލާފަތަ.. ސަރުބަތު ބޮއެގެން ތިބެދޯ..؟ އަރބަން ޕުލޭނިންގެ އަލިފުބާވެސް އެނގޭބާވަޔޭ ހިތައްއަރާ..

އަލިބެ

ހުޅުމާލޭގައި ތިތަން ހަދާލައިފިނަމަ ޓެކްސީ ޑްރައިވަރުންނާއި އެހެނިހެން ފަރާތްތަކަށް ވަރަށް ފައިދާ ވާނެ..