Kasautii Dhookoh Hina dhanee konme dhuvahakah 5 lakh nudheegen
image
ހީނާ ހާން--
0 ކޮމެންޓް
 

ކަސޯޓީ ދޫކޮށް ހީނާ ދަނީ ކޮންމެ ދުވަހަކަށް ފަސް ލައްކަ ނުދީގެން

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޯމޮލިކާގެ ރޯލުން ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ހީނާ ހާންގެ ބަދަލުގައި އެހެން ތަރިއަކު އެ ރޯލަށް ނަގަން ނިންމާފައިވަނީ ޝޫޓު ކުރާ ކޮންމެ ދުވަހަކަށް ފަސް ލައްކަ ރުޕީސް ދިނުމަށް ހީނާ އެދެމުންދާތީ ކަމަށް ނޫސްތަކުން ބުނެފިއެވެ.
ޓީވީ ތަރިންގެ ތެރެެއިން އެންމެ މަގުބޫލު އެއްތަރި ކަމުގައިވާ ހީނާއަކީ ޓީވީ ދާއިރާއިން އެންމެ ބޮޑު އާމްދަނީ ލިބޭ އެއް ބަތަލާ ވެސް މެއެވެ. ޝޯ ޝޫޓިންތައް ކުރިއަށް ގެންދާ ކޮންމެ ދުވަހަކަށް ފަސް ލައްކަ ދިނުމަށް ހީނާ އެދެމުން އައި ނަމަވެސް ޝޯގެ އުފެއްދުންތެރިޔާ، އެކްތާ ކަޕޫރު އެކަމަކަށް އެއްބަހެއް ނުވެއެވެ. އަދި އެހެން ތަރިއަކު އެ ރޯލަށް ނެގުމަށް އެކްތާ މަސައްކަތް ކުރަމުން އަންނަނީ އެހެންވެ ކަމަށް ވެއެވެ.

ބައެއް ނޫސްތަކުން ބުނާ ގޮތުގައި ކޯމޮލިކާގެ ރޯލަށް، ޔޭ ހޭ މޮހައްބަތޭއިންގައި ޝަގުންގެ ރޯލުން ފެނިގެންދާ އަނީތާ ހަސަންއާންދާނީ ނުވަތަ އިޝްގް މެއިން މަރްޖާވާންގެ ތަރި އާލިޝާ ޕަންވަރު، އަދި އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭގައި ޖިވީކާގެ ރޯލުން ފެނިގެންދިޔަ ކްރިސްޓަލް ޑި ސޫޒާ ގެ ތެރެއިން ކޮންމެސް އެއް ތަރިއެއް ނެގުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެކުރިން ވެސް ޝޯ ދޫކޮށް ހީނާ ދާން އުޅޭކަމަށް އަޑުތައް އެރި ނަމަވެސް ހީނާ ވަނީ ޝޯ ދޫކޮށް ދާން ނޫޅޭ ކަމަށާއި އެކަމަކު ވަރަށް އަވަހަށް ބްރޭކެއް ނަގާނެ ކަމަށް ބުނެފައެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޯމޮލިކާގެ ރޯލުން ފެނުނީ، އުރްވަޝީ ދޮލާކިއާއެވެ. ކަސޯޓީގެ ދެވަނަ ބައިގައި ކޯމޮލިކާގެ ރޯލަށް ހީނާ ނެގުމާއެކު ވެސް އުރްވަޝީ ފަދައިން ކޯމޮލިކާގެ ރޯލު ކުޅެލެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. އެކަމަކު، ކޯމޮލިކާގެ ގޮތުގައި ބެލުންތެރިން ހީނާ ބަލައިގެންފައިވަނީ އޭނާގެ އެކްޓިން ވަރަށް ބޮޑަށް ކަމުގޮސްގެންނެވެ.

ހީނާއަށް މަގުބޫލުކަން ލިބުނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި މަސައްކަތް ކޮށްގެންނެވެ. އޭގެ ފަހުން "ބިގް ބޮސް" އާއި "ނަޗް ބަލިޔޭ" އިން ވެސް ފެނިފައިވާ ހީނާއަށް ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ދަނީ ލިބެމުންނެވެ.
ހިޔާލު