Helmetun ekani fuhdhaalaaneetha?
image
ހެލްމެޓް އެޅުން މަޖުނޫރު ކުރީ މި މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން.-- ފޮޓޯ: ވީނިއުސް
6 ކޮމެންޓް
 

ހެލްމެޓުން އެކަނި ފުއްދާލާނީތަ؟

ސިނަމާލެ ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކުގައި ހެލްމެޓް އެޅުން މަޖުބޫރު ކުރުވީ މީގެ ތިން ދުވަސް ކުރިންނެވެ. އޭގެ ކުރިން އެ ތަނުން ދަތުރުކުރާ ގިނަ ބަޔަކީ ހެލްމެޓް ބޭނުންކުރާ މީހުންނެއް ނޫނެވެ.
ހެލްމެޓް ބޭނުން ކުރަން މަޖުބޫރު ކުރުވި އިރު، އެކްސިޑެންޓްތައް ވަނީ އާދަޔާ ހިލާފަށް ގިނަވެފަ އެވެ. ހާއްސަކޮށް ބްރިޖް އާއި ހައިވޭގައި އެކްސިޑެންޓްތައް އިތުރެވެ. އަދި މަޖުބޫރު ކުރުވުމުގެ ކުރިން ހެލްމެޓް ބޭނުންކުރަމުން ދިޔައީ މަދު ބަޔަކު ކަމުން، ގިނަ އެކްސިޑެންޓްތަކުގައި ގިނައިން އަނިޔާވެފައި ވަނީ ވެސް ހެލްމެޓް ނާޅާ ތިބޭ މީހުންނަށެވެ.

އެގޮތުން ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. ބައެއް މީހުންނަށް އަދިވެސް އަންނަނީ ފަރުވާ ވެސް ދެމުންނެވެ. އެހެންކަމުން ބާރު ސްޕީޑުގައި ދުއްވާ މަގުތަކުގައި ހެލްމެޓް އަޅަން މަޖުބޫރު ކުރުމަކީ ހެޔޮ ފާލެއް ކަމަށް ބުނެވިދާނެ އެވެ.

ދެން އޮތް ސުވާލަކީ ހެލްމެޓުން އެކަނި ފުއްދާލައިގެން ތިބޭނީތީ ހެއްޔެވެ؟ މި ސުވާލު ކުރަން ޖެހެނީ ގިނަ ސަބަބުތަކަކާ އެކު އެވެ. ބުރިޖް ހުރަސްކޮށް ދަތުރު ކުރާއިރު ފެންނަ ނުރައްކާތެރި މަންޒަރުތަކުންނެވެ.

ހެލްމެޓް އަޅައިގެން، ސްޕީޑް ލިމިޓަށް ވުރެ އެތައް ގުނައެއް ބާރަށް ދުއްވާފައި ދިއުމަކީ އެފަދަ އެއް މަންޒަރެވެ. ސިގްނަލް ދިނުމެއް ނެތި ލޭން ބަދަލުކޮށްލަނީ އެވެ. އޯވަޓޭކް ކުރުން މަނާ ހިސާބުތަކުން އެއްވެސް ބެލުމެއް ނެތި އޯވަޓޭކް ކުރަނީ އެވެ. ބައެއް ހާލަތްތަކުގައި ޓްރެފިކް ލައިޓަށް ވެސް ބެލުމެއް ނޯވެ އެވެ.

ދެން އޮތީ އެއްހަމައެއްގައި ސައިކަލު ދުއްވުމުގެ މައްސަލަ އެވެ. ހަވީރު ފިންޏަށް އަނގަތަޅާލަން އެއްވަރަކަށް ދޭއް ނުވަތަ ތިން ސައިކަލް ދުއްވާފައި ދިއުމުން ފަހަތުން އަންނަ ސައިކަލުތަކަށް އެތައް އުނދަގުލެއް ކުރިމަތިވެ އެވެ. އެ ސައިސަލުތަކުން "ސަލާމަތްވާން" ކާރު ލޭނަށް އަރައިގެން ދާންޖެހޭ ފަހަރުތައް ވެސް މަދެއް ނޫނެވެ.

އޭގެ އިތުރުން ކާރު ދުއްވާ މީހުންގެ ފަރާތުން ވެސް ބޮޑެތި މައްސަލަތައް ފެނެ އެވެ. އެގޮތުން އޯވަޓޭކް ކުރުން މަނާ ސަރަހައްދުތަކުން، އޯވަޓޭކް ކުރަން ސައިކަލު ލޭނަށް ބާރު ސްޕީޑުގައި އަރަ އެވެ.

ހެލްމެޓުން ރައްކާތެރި ކޮށްދެނީ އެކްސިޑެންޓްތަކުގައި ބޮލަށް ލިބޭ ގެއްލުންތައް ކަން ދަނެ، ގައިގެ އެހެން ތަންތަނަށް ވެދާނެ ގެއްލުމަކަށް ނުވަތަ ތިމާގެ ސަބަބުން އެހެން މީހަކަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވާށެވެ. ހެލްމެޓުން އެކަނި ފުއްދާލައިގެން ނުތިބެ، އެންމެންގެ ރައްކާތެރި ކަމަށް ހަދާފައިވާ ޓްރެފިކް ގަވާއިދުތަކަށް ތަބާވާ ބަޔަކަށް ދިވެހިން ވާން ވެއްޖެ އެވެ.
ހިޔާލު

ޕާކް

ވެހިލް ހުރި ވަރަށް ޕާކް ކުރާނެ ޖާގަ ދީފަ ފިޔަވަޅުއަޅާ އޭރުން ކުއްވެރިވާނެ ރައްޔިތު މީހާ...

އަލިވާސް

ކޮންމެ ސައިކަލެއްގެ ކުރިއަށް ދުއްވާނެ ޕޮލިސް ކުއްޖެއް ލައިގެން ނޫނީ ތިޔަކަން ނުވާނެ ރަނގަޅެއް. ގިނަ ދިވެހިންނަކީ ގޮތެއްފޮތެއް ހުންނަ ބައެއް ނޫން..

ޢަލީ

- ކެމެރާ ހަރުކުރުން
- ޓްރެފިކް މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމް ހެދުން
- ސްޕީޑް ގަން ބޭނުން ކުރުން
- ލައިސަންސް ދޭ ޓެސްޓް ހަރުކަށި ކުރުން
- ކާރު ބެލްޓު އަޅާގެން ތިބިތޯ ބެލުން
- ކޮފީ މޭޒު ހެދުން މަނާކުރުން

ކަންނެލި ސިކުނޑި

ގަވާއިދާއި އެއްގޮތަށް ފިޔަވަޅު އެޅީމާވެސް ފުލުހުންނަށް އެވަރަށް އެއްޗިގޮވާނެ. ނުވިތާކަށް ސަރުކާރަށް ޕްރެޝަރުކޮށްގެން ކޮށްފައި ހުންނަށް ޖޫރިމަނާތައް މާފްކުރުވާނެ. ވެހިކަލެއް ޓޯވްކޮށްފިނަމަ ސަރުކާރުގެ މަތީ މީހަކަށް ގުޅައިގެން ނޫފޫޒް ބޭނުންކޮށްގެން އެވެހިކަލެއް ނެރޭނެ. ދިވެހިންގެ ހާލަކީއީ. މޫސާގެ ފާނާއިއެކު މިސުރުން ފޭބި ޔަހޫދީންނެކޭ ބައެއް ދިވެހިންނެކޭ ނެތް ތަފާތެއް.

ބޭބެ

އެކޮއެ ބުރިޖަށް ނާރާ ގޭގައޮވެފެލެ... އޭރުން ތިބަހަނާ އެެއް ދައްކާކަށް ނުޖެހޭނެ

ޖުލްކާ

ފުލުހުން ކުރަންޖެހޭ ކަންކަން ނުކުރެވުން ހެލްމެޓް އާއި ޖެހުނީ.އަދި ޖެހޭނެ ރޮބަޓުން ތިބޭހެން ހެދުން އަޅަން..ގަވައިދާ ހިލާފްވާ މީހުނަށް ފިޔަވަޅު ނޭޅޭހާ ދުވަހަކު ދެން ތިބިމީހުނަށް އުނދަގޫ ޖައްސާނީ..