Mihafthaagai Majlis dhiyaee 'Tholhiyah'!
image
މަޖިލީހުގެ ރިޔާސަތު އަދި އިދާރީ މުވައްޒަފުން--
0 ކޮމެންޓް
 

މިހަފްތާގައި މަޖިލިސް މިދިޔައީ "ތޮޅިއަށް"!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިހަފްތާގައި ނުބާއްވާ ނިންމާލިއިރު، މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު ބިލްތަކެއް އެބަހުއްޓެވެ.
މަޖިލީހުގެ ޖަލްސާތައް މިދިއަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ފެށިއިރު، މިހާތަނަށް ބޭއްވިފައި ވަނީ އެންމެ ހަތް ޖަލްސާ އެވެ.

މަޖިލީހުން ނިންމަންޖެހޭ މުހިއްމު ބިލްތަކުގެ ތެރޭގައި ގާނޫނީ ހިދްމަތުގެ ބިލް (ލީގަލް ޕްރޮފެޝަން ބިލް) އާއި ރިޔާސީ ކޮމިޝަން ބިލް ހިމެނެ އެވެ.

އެ ދެބިލްގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، އެ ދެ ބިލް ވެސް އޮތީ ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށހަޅާފަ އެވެ. އެހެންނަމަވެސް އެ ދެ ބިލަށް ވޯޓަށް އެހުމަށް ތާވަލް ކުރުމަށްފަހު، ވޯޓަށް އެހުމެއްނެތި، ރިޔާސަތުން ވަނީ އެ ދެ ބިލް ވެސް ދިރާސާ ކުރުމަށް އަނބުރާ ކޮމެޓީއަށް ފޮނުވާލަފަ އެވެ. އެއީ އޭގެ ކުރިން މަޖިލީހުން އަމަލުކޮށްފައިވާ ގޮތެއް ވެސް ނޫނެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެ ދެ ބިލް އޮންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް އެ ދެ ބިލާމެދު ކޮމެޓީން ނިންމި ނިންމުމެއް އެނގޭކަށް ނެތެވެ.

އެންމެފަހުން، މިދިއަ ހަފްތާގެ ބުދަ ދުވަހުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ދެން ޖަލްސާއެއް ބާއްވާނެ ދުވަހެއް ސިޔާސީ ޕާތީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރުމަށްފަހު މެމްބަރުންނަށް އަންގަވާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ހަފްތާ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވީ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން އެގޮތަށް އެއްބަސް ވެގެންނެވެ. އަދި އަންނަ ހަފްތާގައި ޖަލްސާތައް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ގާނޫނީ ހިދްމަތުގެ ބިލަކީ "ބާ ކައުންސިލް"އެއް އުފެއްދުމާއި ގާނޫނީ ދާއިރާގެ ބޭފުޅުންގެ މަސައްކަތްތައް ހަރުދާ ކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ވަރަށް މުހިއްމު ބިލެކެވެ.

ރިޔާސީ ކޮމިޝަންގެ ބިލަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުލިބޭ ގޮތަށް އުކުލަވާލެވިފައިވާ ބިލެކެވެ. އެއީ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ މައްސަލަތައް ބަލާ ކޮމިޝަނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ކޮމިޝަނެވެ.
ހިޔާލު