Kuru Vaahaka: Bunanhey Kalaa
image
ކުރު ވާހަކަ: ބުނަންހޭ ކަލާ
ފަތުހުﷲ އަހުމަދު
5 ކޮމެންޓް
 

ކުރު ވާހަކަ: ބުނަންހޭ ކަލާ

ދެ ވަނަ ބައި dhi2
ފެންކަޅިވެފައިވާ ދެ ލޮލުގެ ތެރެއިން އޭނާއަށް ފެންނަމުން ދިޔައީ ހަތްފޫޓު ފަސްފޫޓުގެ ކުޑަކުޑަ ކޮޓަރި އެކެވެ. ހަފޫޓު ތިންފޫޓުގެ އެނދެއް ލުމަށް ފަހު ބާކީ އޮތް ތަންކޮޅު ފުރިފައިވަނީ ކުޑަވަރެއްގެ އަލަމާރި އަކުންނެވެ. އަލިމާރި ވެސް ކޮޓަރިއަށް ފައްތާފައިވަނީ ގަދަކަމުންނެވެ. ފިލައިން ހަދާ ބިތްގަނޑު ޖަހައިފައިވާ ކޮޓަރިއެއް ކަމުން ކޮޓަރީގައި އެއްވަސް ވެފައި ހުންނަނީ ލަކުޑީގެ ވަހެވެ. މަތިން އޮފުއަރާ ވަރަށް ރީތިކޮށް ކުލަލައި އޮމާން ކޮށްފައި ހުއްޓަސް އެއީ ބާވެފައިވާ ގެއެއްގައި ހަދާފައި ހުރި ކުޑަ ކޮޓަރި އެއްކަން ބަލާ ކޮންމެ މީހަކަށް ވަޒަން ކުރެވޭނެއެވެ. ކޮޓަރި އާ އިންވެގެން އޮންނަނީ ރަށުގެ މައި މަގެވެ. މަގަށް ހުޅުވާލެވޭ ގޮތަށް ހުރި ބޮޑު ދޮރުފަތް ހުރީ ތަންޑު އަޅުވާ ވަރުގަދައަށް ހައްޔަރުކޮށްފައެވެ. ބޭރަށް ވެސް އެތެރެއަށް ވެސް ނުހުޅުވޭ ގޮތަކަށެވެ. ބޭނުމެއް ޖެހިއްޖެ ނަމަ ކުޑަ މަސައްކަތަކުން އެތެރެއިން ބޭރަށް ހުޅުވޭނެ ފަދަ ގޮތަކަށެވެ.

ރިޒުލާ ހަމަޖެހިލަމުން ނަޒަރު އަމާޒުކޮށްލެވުނީ ފަންކާގެ ވަޔަށް ވިހުރިލަ ވިހުރިލާ ހުރި، ދެ ދޮރުގެ ޖާލީ ގަނޑުގައި ހަރުކޮށްފައިވާ ފޮތިގަނޑަށެވެ. ނާޝިދަށް އެންމެ ރީތި ކުލައިގެ ފޮތިގަނޑެކެވެ. އޭނާގެ ހޮވުމެއް ވީމައެވެ. އިޚްތިޔާރަކާ ނުލައި އެ ފޮތިގަނޑަށް ލޯބިކުރެވި ރުހުމުގެ ނަޒަރެއް އަމާޒުވީ އެހެންވީމައެވެ. މަޑުމަޑުން ނަޒަރު އަމާޒުކޮށްލެވުނީ ކޮޓަރީގެ ފަންގިފިލާއަށެވެ. އޭނާއަށް އެންމެ ރީތި ކުލަ، ފިޔާތޮށި ކުލަ ފަންގިފިލާގައި ލީ ދުވަސް މަތިން ހަނދާންވިއެވެ. ކޮޓަރި ތައްޔާރުކުރުމަށް ނާޝިދާއެކު އޭނާގެ އަމިއްލަ ޖީބުން ކުރި ޚަރަދުގެ ހަނދާންތަކެވެ. ކޮޓަރީގައި ފާޚާނާއެއް ލުމަށް އެދި ނާޝިދަށް ކުރެވުނު އާދޭސްތަކެވެ. ފާޚާނާއެއް ކޮޓަރިގައި ނެތުމުން ވާނެ އުނދަގޫތައް ހިތަށް އަރައިފައެވެ. ނަމަވެސް އެ ދުވަހު ނާޝިދު ބުނި ބަސް އަދިވެސް އޭނާގެ ހަނދާނުން ފިލައިގެން ނުދެއެވެ. އެ ހަނދާން އޭނާއަށް އާވިއެވެ.

"ކީއްކުރަން މިހައި ކުޑަ ކޮޓަރި އެއްގަ ފާޚާނާ ލަނީ؟ ބޮޑާ މެން ކޮޓަރީ ފާޚާނާލައިފަ ހުއްޓަސް ތަންކޮޅު ކުޑަވީމަ މިތަނުގައި ފާޚާނާއެއް ނުލެވޭނެ. ދެން ބޭރު ފާޚާނާ ބޭނުން ކުރާނީ. އެތަން ބޭނުން ކުރާނީ އަހަރުމެންނާ ޝުހާދުމެން ނެއްނު"
ރިޒުލާ މޫނުން ނަގަމުން ދިޔަ ދިލަތަކަށް އިތުރު ހޫނުކަމެއް ވެރިވަމުން ދިޔައީ ކަރުނަތަކުން ކޯތާފަތް ފޯވާން ފެށުމުންނެވެ. ވަދީފާގެ އަޑެއްބަޑެއް ނީވުމުން މަޑުމަޑުން ތެދުވެ ދޮރު ހުޅުވާލިއެވެ. ބޭރަށް ބޯދިއްކޮށް ބައިލީ ގޭތެރެ އަމާންވިތޯ ބެލުމަށެވެ. ވަގު މީދަލެއް ހޮރުން ބޭރަށް ބޯދިއްކޮށްލާ ފަދައިންނެވެ. މޫނު ދޮވެލުމަށް ފާޚާނާއަށް ދިޔުމުގެ ނިޔަތުގައެވެ.

"ހާދަވަރަކަށް ތި ފާޚާނާ ކުރަނީ؟ އަނެއްކާ އެކަހަލަ ކަމެއް އުޅެނީތަ؟ މީހުން ބުނޭ މާގިނައިން ފާޚާނާއަށް ދިއުމަކީ އެކަމުގެ ނިޝާނެކޭ. ފުރަތަމަ މަރުޙަލާގައި އެގޮތަށް ދިމާވެޔޭ" ނުހާ ރިޒުލާއާ ދިމާކޮށްލީ ސްކޫލުގެ މުވައްޒަފުންނަށް ޚާއްޞަކޮށްފައިވާ ފާޚާނާއިން ނިކުމެގެން އައިސް އެމީހުންގާތުގައި އިށީނުމުންނެވެ.
"ނޭނގެ. ނުވާނެކޭ ނުބުނާނަން. ވުން ހަމަ ގާތީ" ރިޒުލާ ޖަވާބު ދިނީ ނުހާމެން ތިބި މޭޒު ކައިރީ އިށީންނަމުން ހިނިތުންވެލަމުންނެވެ.

"މާނައަކީ މިހާރު އެ މަޝްރޫޢުގެ ބިންގާ އެޅީ އޭތަ. އަންގައި ވެސް ނުލާ. މި ރިޒޫ ވަރަށް މަކަރުވާނެ. ކޮންމެ ކަމެއްގައި ވެސް އުޅޭނީ ސިއްރުން" ނުހާގެ ގާތުގައި އިން ސަމީނާ ދިމާކޮށްލިއެވެ.
"ކޮންމެހެން ސަމީ ގާތު ބުނަން ޖެހޭތަ؟ މަށަށް ހީވަނީ ކައިވެނިކުރީމަ އެ އެންގުނީހެން. އެ ރެއިންފެށިގެން އެ އޮތީ އެކަމުގެ ވެސް ބިންގާ އެޅިފައޭ ދޯ ރިޒޫ" ނުހާ ރިޒުލާ އަށް ދޯ ދެމުން ނިތް އަރުވައިލިއެވެ.
"ހޫނ ތީގެ މާނައަކީ ނުހާ ވެސް މިއުޅޭ ދޯބުރާލި މެން އަޅާ އިހަލުން މިހާރު އަޅަނީއޭ ދޯ. ތިހެން އުޅިފަ ކަމެއްވީމަ ރީއްޗެއް ނުވާނެ އިނގޭ" ސަމީނާ ލާނެތް ޒާތަކަށް ހީލިއެވެ.
"ސާބަހޭ! ދިމާ ކުރިޔަސް ތީ ބޮޑުވަރު. އަހަރެން ނޫޅެމޭ އެކަން ވެގެންނެއް. އެކަމަކު..." ރިޒުލާ މޫނު ބަދަލުވިއެވެ. ކުރިން ހުރި އުފާވެރިކަން މޫނު މަތިން ކެހުނެވެ.
"ކިހިނެއްވީ؟ އެ އަހަރެމެން މަޖަލަކަށް ދެއްކި ވާހަކައެކޭ ދޯ ނުހާ" ސަމީނާ ރިޒުލާގެ ބަދަލުވަމުން ދިޔަ މޫނުމަތީގެ ކުލަވަރުން ކަމެއް ވީކަން ދެނެގަތެވެ.
"އެކަން އެނގެޔޭ. އެކަމަކު ވެސް މަ އެހައި ފިޓެއް ނޫން. ޔޫ ނޯ. އައިމް ސޯ ޓަޔަރޑް" ރިޒުލާ ބަލައިލީ ނުހާގެ މޫނަށެވެ. އެންމެންގެ މޫނުމަތިން ފެނުނީ ހިމޭންކަމެވެ.

"އަސްލު ބޭނުން މި ވާހަކަތައް ކޮންމެ ވެސް މީހަކާ ޝެއަރ ކުރަން. އެކަމަކު ދޯ"
"އަހަރުމެން މި ތިބީ ރިޒޫއާ އެކު. މިހާރު ވެސް އަދި އަބަދުވެސް" ނުހާ އިނގިރޭސި ބަހުން ބުނެލިއެވެ.
"އާނ. މަ ވެސް" ސަމީނާ ނުހާ އާ ބައިވެރިވިއެވެ. އެންމެންގެ މޫނުމަތި ސީރިއަސް ވަމުން ދިޔައެވެ.
"ތޭންކްސް. އެކަމު މިހާރަކު ނޫން ދޯ" ރިޒުލާ ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ.
"އަސްލު އެ ވާހަކަ އަށްވުރެ ބޮޑަށް މި ވާހަކަ. މި އުޅެނީ ވަރަށް ބޮޑަށް ބަލިވެގެން. އެހެންވެ އެހައި ގިނައިން ފާޚާނާއަށް ދާން މިޖެހެނީ"

"ކިހިނެއްތަވީ؟ ބުނަބަލަ" ނުހާ އޯގާތެރިކަމާއެކު އަހައިލިއެވެ.
"އިންފެކްޓްވީތަ؟ ފެން ބުއިން މަދުވެއްޖެ ނަމަ ވަރަށް އަވަހަށް އިންފެކްޝަން ޖެހޭނެ. އަސްލު ފުރާވަރަށް އަރައިގެން އަންނަ އިރު އެބަޖެހޭ އަހަރުމެން އަންހެނުން ވަރަށް ގިނަ ކަންކަމަށް ވިސްނަން" ސަމީނާ އޭނާގެ ތަޖުރިބާ ހިއްސާކޮށްލިއެވެ.
"ނޫނޭ! އިންފެކްޓްވީ ކީ ނޫން. ދެން މަށަށް ވެސް އެކަން އެނގެޔޭ. އިންފެކްޝަން ޖެހޭ ގޮތްތަކާ އެކަމުގެ ސަބަބުތައް. މި ތި ހީކުރާ ކަހަލަ ކަމެއް ނޫން. އަސްލު މި ފަހުން ވީ ކަމެއް ނޫން. ކުރިން ވެސް ހުންނަ ކަމެއް. މިހާރު ޑޮކްޓަރު އޮތީ އޮޕަރޭޝަން ކުރަން ޖެހޭނެ ވާހަކަ ބުނެފަ" ރިޒުލާ ގޮނޑީގައި ހަމަޖެހިލީ އުނދަގޫ ގޮތަކަށެވެ. "ޕައިލްސް"
"އެ ކީއްވެ؟" ނުހާ މޫނުމަތިން ސުވާލުގެ ކުލަވަރު ފާއްދާލަމުން އަނގައިން ބޭރުކޮށްލިއެވެ.
"ދެން ނޭނގެ މާ ބޮޑަކަށް މަށަށް އެނގެނީ ޑޮކްޓަރު ބުނި އެއްޗެއް"

"އަސްލުވާގޮތެއް އެނގޭތަ؟ މަ ވަރަށް ގަދައަށް ތިކަމާ އުޅުނިން. ތި މައްސަލަތައް ދިމާވަން މެދުވެރިވާ ސަބަބަކީ މާބޮޑަށް ބަނޑުހިކުނީމަ ފާޚާނާކުރަން އުނދަގޫވަނީ. ދެން ފާޚާނާކުރާއިރު، ގަދަކަމުން ކުރަން ޖެހުނީމަ ހަންގަނޑު ކަނޑައިގެންދަނީ. އެހެންވެ ލޭ އަންނަނީ. މާނައަކީ ފާރު އުފެދެނީއޭ. ދެން އެ ފާރުގަނޑު ރަނގަޅު ނުވަނީސް އަނެއްކާ އަނެއް ފަހަރު ފާޚާނާކުރަން ޖެހުނީމަ. އެގޮތަށް ތަކުރާރުވަމުން ގޮސް އެ ހަންގަނޑު ދޫޖެހި ތިރިއަށް ފައިބަނީ. ދެން ވިސްނާލާ ކޮންމެ ފަހަރަކު އެ އުނދަގޫ ތަކުރާރުވެ އެގޮތަށް ކަނޑައިގެންދާންވެއްޖެ ނަމަ ވާނެގޮތް. އަހަރުމެން ދިވެހިންނަށް މިވާގޮތަކީ އެއީ ކުޑަކުޑަ ކަމެކޭ ހިތަށް އަރުވައި، އެކަހަލަ ބައްޔެއް ފެނުނީމަ ވެސް ޖެހިލުން ވެވެނީ. ލަދުގަނެވެނީ. ދެން ބޮޑުވަރުވީމަ ގޮތެއް ނެތުނީމަ ޑޮކްޓަރާ ހަމައަށް ދާނީ. އަސްލު ކޮންމެ ބައްޔެއްގެ ވެސް ފުރަތަމަ މަރުޙަލާގަ ފަރުވާ ދެވޭ ނަމަ ގައިމު އޮޕަރޭޝަން ނުކޮށް ފުއްދާ ލެވޭނެތާ" ސަމީނާ އޭނާގެ ތަޖުރިބާތަކާއި ލިބިފައިވާ މައުލޫމާތުތައް އެއްކޮށްލިއެވެ.
"އަސްލު ތި ވާގޮތަކީ. މަ އެކަމަކު އޮޕަރޭޝަން ކުރަން ޖެހޭތީ ޖެހިލުމެއް ނުވޭ. މައްސަލަ އަކީ... މައްސަލަ..." ރިޒުލާ ފެންކަޅި ވިއެވެ.

"ދެން ފަހުން ދޯ! ހުއްޓާލަ! މި ސްޓާފް ރޫމު އިނގޭ. މިހާރު ވެސް އިއްބެމެން އެތިބީ އަހަރުންނަށް ކަޅި އަޅައިގެން" ނުހާ ވައި އަޑުން ބުނެލިއެވެ. ރިޒުލާގެ މޫނު ފެނުމުން އޭނާ ވެސް ފެންކަޅިވާން ފެށިއެވެ.
"އެބުނާހެން! ދެރަ ނުވޭ އަދި ރަނގަޅުވާނެ. ތި އެހާ ބޮޑު މައްސަލަ އެއް ނޫނޭ ރިޒޫ. ދެން ހުއްޓާލަ" ސަމީނާ ވެސް ވައި އަޑުން ވާހަކަދައްކަން ފެށީ އެހައި ހިސާބުންނެވެ. އޭރު ރިޒުލާ މޭޒުގައި ބޯއަޅައިލިއެވެ.
މަންޒަރު ބަލަން ދެ ތިން ފޫޓު ދުރުގައި ހުރި މޭޒު ކައިރީ އިބްރާހިމާއި ނަޒީމު ތިއްބެވެ. މަޝްރަޙް ރަނގަޅު ނޫންކަން އެނގުމުން ދެމީހުން އެކުގައި އެދިމާއަށް މިސްރާބު ޖެހިއެވެ. ނުހާ އާއި ސަމީނާ މާ ހުޝިޔާރެވެ.

"ރިޒޫ! މާ ބޮޑަށް ބަނޑަށް ތަދުވަންޏާ ހެލްތް ރޫމަށް ދާންވީނު. ނޫނީ ހިނގާ މަރުކަޒަށް ދާން" ނުހާ ބޭނުންވީ މައުޟޫޢު އޮޅުވާލައިލާށެވެ. އިބުރާހިމާއި އަޒީމަށް އެމީހުން ދެއްކި ވާހަކަ އަންގަން ބޭނުން ނުވާތީއެވެ.
"އެ ތެދެއް ހިނގާ ހެލްތު ރޫމަށްދާން. އެކޮޅުން ބަލައިފަ ދާނީ މަރުކަޒަށް ދޯ" ސަމީނާ ވެސް ބައިވެރި ވެލިއެވެ.
"ކިހިނެއްވީތަ؟" އިބްރާހިމް ސުވާލު އަމާޒު ކުރީ ނުހާ އަށެވެ. މޭޒު ކައިރީ ހުރި ގޮނޑީގައި ހަމަޖެހިލަމުންނެވެ. ނަޒީމު ވެސް ނުހާގެ ކަނާއަތް ފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ.

"އިންފެކްޝަން... ޔޫރިން" ނުހާ އިނީ ވަރަށް ހުޝިޔާރުވެގެންނެވެ.
"އަސްލު! ވަރަށް ބޮޑުވަރުވޭތަ؟ ގިނައިން ފެން ބޮއެ. އަސްލު ފެން މަދުވީމަ ވާގޮތެއްތީ. އަމުދުން މި ކަހަލަ އޭސީ ކޮށްފަ ހުންނަ ތަންތާ އުޅެންޏާ އަބަދު ވެސް ފެން ބޯން ޖެހޭނެ" ނަޒީމު ނަސޭހަތުގެ ރާގުގައި ބުނެލިއެވެ.

"އަހަންނަކަށް ދުވަހަކު ވެސް ތި ކަހަލަ ކަމެއް ނުވޭ. އެކަމު މި އަންހެން ވެރިން އަބަދު އުޅޭނީ ތި ކަހަލަ ކޮންމެ ވެސް ކޫސަނި ބައްޔެއްގަ" އިބްރާހިމް ޖޯކު ޖަހައިލިއެވެ. އެއީ އޭނަގެ އާދައެވެ. ކިތައްމެ ސީރިއަސް ވަގުތެއްގައި ވެސް އޭނާ މަޖާކޮށްލަ ފާނެއެވެ.
"އެހެންވީމަ ތިކަމުގެ އުފަލުގަ ކެއުން ދޭންވީނު. މި އަދު މި އޮތީ އިއްބެ އަމިއްލައަށް މި ކަމާ ހަވާލުވެފަ" ސަމީނާ ބޭނުންވީ އިބުރާހިމު އަތުން އެ ދުވަހުގެ މެންދުރުގެ ކެއުން އަތުލާށެވެ. ދެ ބޭނުމެއްގައެވެ. އެމީހުންގެ އާދަކާދައަށް ހުރުމަތްތެރިކޮށް ހިތާށެވެ. އަނެއް ބޭނުމަކީ ކުޑަކޮށް ސަކަރާތްޖަހައިލާ އެންމެން އެކުވެރި ވެލާށެވެ.
"އެބުނާހެން. އަސްލު އަހަރުމެން ރާވައިގެން މި ތިބީ. އެންމެ ސީރިއަސް ނުވާ މީހަކު ބަލައިގެން އެމީހަކު އަތުން ކެއުން އަތުލަން" ނުހާ ވެސް ސަމީނާއާ ބައިވެރި ވެލިއެވެ.
"އަވަހަށް ހިނގާ" އިބްރާހިމް ދަޢުވަތު ދިނެވެ.

"އެކަމަކު މި ފެށުމެއް އިނގޭ! ބުރު ހަމަވަންދެން އެއީ ފުރަތަމަ ބުރު" އިބުރާހިމް ކޮޅަށް ތެދުވަމުން ނުހާއަށް ބަލައިލިއެވެ.
"އެންމެ ރަނގަޅު. ހިނގާ.. އެކަމު ކެންޓީނަކުން ނޫން ދޯ! ރެސްޓޯ ރެންޓަށް ދޯ ދާނީ" ސަމީނާ ވެސް ކޮޅަށް ތެދުވިއެވެ.
"އޭ މަޑުކޮށްލާ މަ އެބަ އަންނަށް ލެޕް ހިފައިގެން. ދެން ނިންމާފަ ދާނީ ގެއަކަށްނު ދޯ" ނަޒީމު ތެދުވެ ނުހާއަށް ސުވާލު އަމާޒު ކޮށްލިއެވެ.

"އާނ އަހަރުން ނޫޅެން ސެޝަން ވަގުތު ހަމަވީމަ އެންމެ މިނެޓެއް ވެސް މަޑުކުރާކަށް. ނަޒީމު މި ތަނުން ގޯއްޗެއް ނަގައިގެން ކޮއްތުދަރާ ބޯފެން ހިފައިގެން އައިސް އިނދޭ މިތަނުގަ ލަބަރިތަޅަން. ބަލަ ނިކަން އެވެރިން އުޅޭ ގޮތަށް އުޅެން ދަސްކޮށްބަލަ. ލިބޭ މިންވަރު ނިކަން ދަނެގެން މި ބޭނުންތައް ބަހައިލައިގެން"
"އުޅޭނަމައީ މި ރާއްޖޭ ވަސް އަލުން ހޯދާނެ ނޯށެއް ނުލިބޭނޭ" އިބްރާހިމް ނުނިމެނީސް ނަޒީމު ފެށީ އެމީހުން ޖަހަމުންދިޔަ ސަކަރާތުގައި ބައިވެރި ވުމަށެވެ. އެއާއެކު އެންމެ އެކުގައި ހީގަތެވެ. ފަސް މީހުން އެކުގައި ސްޓާފް ރޫމުން ބޭރަށް ނުކުން ނަމުންނެވެ. އެމީހެއްގެ ސާމާނު އެމީހަކު ހިފައިގެންނެވެ.

"ކޮންހާ ސާމާނެއް ހިފައިގެން" ރިޒުލާ ގެއަށް ވަދެގެން އައިތަން ފެނުމުން ނުހާގެ މަންމަ އައިމިނަ ސުވާލުކޮށްލިއެވެ.
"މި ދެން ދައްތައަށް ގެނައި އެއްޗެއް، އަހަންނަށް އެނގޭ ދައްތަމެން ތި އުޅޭހާލު. މީދެން މާބޮޑު އެއްޗެއް ނޫން. އަން" ރިޒުލާގެ އަތުގައި އޮތް ޕްލާސްޓިކް ކޮތަޅު އައިމިނައަށް ދިއްކޮށްލަމުން ހީލިއެވެ.
"ދައްތައަކަށް. ކީއްވެ؟" އައިމިނަގެ ހިތުގައި ސުވާލު ފަތިފައްޗަށް އުކެމުން ގެތެމުން ދިޔައެވެ. ހިފަން ނުހިފަން ދެ ފިކުރެއްގައި އިނދެ ކޮތަޅުގައި ހިފިއެވެ.

"ދައްތާ! ނުހާ އަހަންނަށް ކިޔައިދިނޭ ދައްތަމެންގެ ހާލުހުރިގޮތް. ކިހިނެއް މިހުރިހާ ދަރިން ގޮވައިގެން. އެކަމަކު ވެސް ދައްތަމެން ދަރިންތައް ތިޔަ ތަރުބިއްޔަތު ކުރަނީ ކިހާ ފުދިގެން. އެ ކުދިން ބޭނުންވާ ހުރިހާ ސާމާނެއް ހަމައަށް ހޯދައިދެމުން. ދެރަ ނުވޭ ދައްތާ. މި ދުނިޔޭގަ ހުރިހާ އެއްޗެއް ހަމައަށް ލިބި، މުއްސަނދިކަމާ ތިޔާގި ކަމުގަ އުޅޭ މީހުންގެ ދަރިން ވެސް އެ ތިބެނީ ހަލާކުގެ ތެރެއަށް ވެއްޓިގެނބިފަ. އެމީހުންނަށް އެމީހުންގެ ކުށެއް ނުފެންނާނެ. އަބަދުވެސް ކުށްވެރިވާނީ ކޮންމެ ވެސް އެހެންމީހެއް. އެކަކު ބުނާނީ ޤައުމުގެ ވެރިމީހާ ހެދިގޮތޭ. އަނެއްކަކު ބުނާނީ ޓީޗަރުންނޭ. އަނެއްކަކު ކަރުން ނާރުނަގާ ގޮވާނީ ކޮންމެ ވެސް އެހެން މީހެކޭ. އަމިއްލަ ކުށެއް، އަމިއްލައަށް ވެވޭ އިޙްމާލެއް ނުފެންނާނެ. އެހެންވެ އެބުނަނީ ކޮންމެ އިހްމާލަކީ އަނިޔާއެކޭ. ގެއްލުމެކޭ" ރިޒުލާގެ މައުޟޫޢުގެ ހޭރިޔާ މަޑުމަޑުން އެހެން ދިމާއަކަށް އަމާޒު ކުރަމުން ދިޔައެވެ. ކޮންމެ ފަހަރަކު ވެސް އޭނާއަށް އެ ސުވާލުތައް އެ ގޮތުގައި އަމާޒުވާތީއެވެ.
"ދެން ދައްތައަށް. ބަދަލުގައި... ބަދަލުގައި..." އައިމިނަ ހުއްޓަމުން ހުއްޓަމުން ފުރިހަމަ ކުރިއެވެ.

"އެއްވެސް ކަމެއް ކޮށްދޭނެކަމެއް ނެތް. މިހާރު ވެސް ދައްތައާއި ނުހާގެ ފަރާތުން ލިބޭ މިންވަރު ފުދި އިތުރުވެސްވޭ. ދައްތައަށް އެނގޭނެ އަހަރެން މިއުޅޭ ހާލު. ބީރައްޓެހި ރަށެއްގެ ފިރިމީހާ ރަށުން ބޭރު ރިޒޯޓްގަ. ގޭތެރޭ އެހާ މައްސަލަ... ދެން މިކަހަލަ ދަނޑިވަޅެއްގަ އަހަރެން ބޭނުންވާނީ... އެކަން ދައްތަމެން ކިތައްމެ ރަނގަޅަކަށް ވެސް ކޮށްދެމުން ތިޔަ ދަނީ. އަހަރެން ނުދެކެން ތިޔައީ ދުރު ބައެއްކަމަކަށް. އަހަރެން ދެކެނީ އަހަރެންގެ އެއްބަނޑު އެއްބަފާ ބައެއް ކަމަށް. ތިއީ އަހަރެންގެ ވެސް މަންމަކަމަށް. މިއީ އަހަރެންގެ ވެސް އާއިލާކަމަށް" ރިޒުލާ ހަމަޖެހިލަމުން ޖޯލީގައި އޮށޯވެލިއެވެ. ބޯދަށަށް ކަނާއަތު އަތް ހެޔޮވަރުކޮށްލަމުންނެވެ. އުނގުގައި އަތްދަބަސް ބާއްވާލަމުންނެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އައިމިނަ ކޮށަން އިން މަސްގަނޑުން މަސްކޮޅެއް ނައްޓާލަފަ ދިނުމުން އެ ހަފާލުމުގެ ބޭނުމުގައެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ބޭރު ނުކުރުމުގެ ނިޔަތުގައި ވެސް މެއެވެ.
"އެންމެ ރަނގަޅު! ކޮއިފުޅަށް ހެޔޮގޮތްތައް މިންވަރު ކުރައްވާށި. އެކަމަކު އަހަރުމެން ޖެހިލުންވަނީ ތިޔަގޭގަ އެއުޅޭ ކަމަނާފާނުގެ ތުރާލެއް ޖެހިދާނެތީ. ބުނާނެ ލިބޭހާ ލާރިއެއް މިގެއަށޭ ޚަރަދު ކުރަނީ. ކޮތަޅު ކޮތަޅުން ފުރާ. މިހާރު ވެސް ނޭނގެ ތަންގަނޑު އެންމެންނަށް ޚަބަރު ނުދޭކަމެއް. ކުރިން ދުވަހު ވެސް އެ ކެޔޮޅުގޯތި ކަމަނަ ވެސް އައިސް ދެއްކީ އެ ވާހަކަގަނޑު. މަންޖެއާ ނުހާއާ ގުޅުން ބޮޑުވެގެން. އަހަރުމެން ކުރާކަމެކޭ ކިޔައިގެން"

"އެހެން ނުބުނެވޭނެ! އަހަރެން އެގެއިން އަނގަޔަށް އެއްޗެއް ނުލައި ހުންނަތާ މިއަދަށް މިވީ 3 މަސް ދުވަސް. ދައްތައަށް ފެންނާނެ އަހަރުމެން އެގެއަށް ނުދާއިރު، އެތަން ހުރިހާލު. ކިހިނެއް ހުރި ފަޅުގެއެއް އެއީ. އެ ގެއިގަ ރަސްކަންކުރީ މަކުނާ، ކުރަތްޕާ، މީދާ. މިހާރު ގޭގެ ކުލަލާ ގޭ ގެއަކަށް ވީމަ އެމީހުންނަށް އަހަރެން ބޭކާރުވިޔަސް. އެގެއަށް ބަދަލުވާން ކުރި ހުރިހާ ޚަރަދެއްގެ ބޮޑުބައި ހޭދަކޮށްފަ ހުންނާނީ އަހަރެންގެ ޖީބުން. ފަންސާހަކަށް ހާސް ރުފިޔާ އެކަމަށް ވެސް. ދެން މިހާރު ވެސް ބަރާބަރަށް ކަރަންޓް ބިލް ދައްކަނީ އަހަރެން. ދައްތައަށް އޮޅިފައެއް ނޯންނާނެ އެ މީހުން! އެމީހުން އަހަންނަށް ހަދާގޮތެއް" ރިޒުލާއަށް ކެތެއް ނުކުރެވުނެވެ. ދެ ލޮލުން ކަރުނަތައް ފައިބަން ފެށީ ބޭއިޚްތިޔާރުގައެވެ. ލިބެމުންދިޔަ ތުރާތަކުގެ މަންޒަރުތައް ހިތަށް ސިފަވަމުން ދިޔުމުން އެ އަސަރުތައް ހާމަވަމުން ދިޔައީ އޭނާގެ މޫނުމަތިންނެވެ.

"ކޮބައިތަ ނުހާ؟" ރިޒުލާ ސުވާލުކޮށްލީ ނުހާގެ ކޮއްކޮ ދީމާ ގޭތެރެއިން ނުކުމެގެން އެމީހުން ތިބި ގަހުގެ ހިޔަލަށް އަންނަތަން ފެނުމުންނެވެ.

"ނުބުނޭތަ؟ އަހަރެން ހީކުރީ މަންޖެ ވެސް އެތަނަށްދާނެ ކަމަށް" އައިމިނަ ސުވާލުގެ ނަޒަރަކުން ރިޒުލާގެ މޫނަށް ބަލައިލިއެވެ.
"ޔުނިވަރސިޓީ ބަޔަކު އައިސްގެންނޯ. ކޯސްތަކާ ގުޅޭ މައުލޫމާތުދޭން. މަންމަ ގާތުގައި ކީ ކޯހެއް ހަދަންދާން އުޅޭ ވާހަކަ. އެހެންވެ މަންމަ ވެސް ދާށޭ ކިޔަން ހެދީމަދިޔައީ" ދީމާ ރިޒުލާ ގާތުގައި އިށީނދެލަމުން ހަމަޖެހިލިއެވެ.
"ހޫނ! ނުހާ ނުބުނެ"

"ނުހާ ނިކަން ކިޔަވަން ބޭނުންވާނެ. އަބަދުވެސް ކިޔާނެ ޓީޗިން ކޯސް ހަދަން ބޭނުން ވާހަކަ. އެ ބުނާހެން އަބަދު އެހެން ވަގުތީ ޓީޗަރަކަށް ނޫޅެވޭނެތާ ދޯ. އެކަމުގަ އުޅެންޏާ އެކަމުން ކިޔަވަން ވެސް ޖެހޭނެ. އެކަމަކު މައްސަލައަކީ ދައްތަމެން" އައިމިނަ އިސްޖަހައިލިއެވެ.

"ދެރަ ނުވޭ ދައްތާ! ކޮންމެ ހާލެއްގައި ވެސް ރަނގަޅު ވަޒީފާއެއް ލިބޭނީ މި ޒަމާނުގައި ރަނގަޅަށް ކިޔަވައިގެން. ދުވަސްކޮޅަކުން އޮންނާނީ ކޯސް ހަދައިގެން އަންނަ މީހުން ގިނަވެގެން ވަޒީފާގެ ފުރުޞަތު މި ރަށުން ވެސް ގެއްލިފަ. ބުއްދިވެރި ގޮތަކީ ވީހާ އަވަހަކަށް ކިޔަވައިގެން އައިސް ވަޒީފާއަށް ވަނުން. ކިޔަވައި ދުވަސްކޮޅު އަތްމަތި ދަތިވެ ކަންތައް ވިޔަސް، ފަހުން ލިބޭ މަންފާ ރަނގަޅުވާނެ!" ރިޒުލާ އިށީނދެ ހަމަޖެހިލިއެވެ.

އައިމިނަގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތިން އޭނާއަށް އެތަކެއް ވާހަކަތަކެއް ތަރުޖަމާ ކުރެވުނެވެ. މައިވަންތަކަމުގެ ލޯބި އުތުރު އަރަމުން ދިޔަ ކަމުގެ އިޙްސާސެވެ. ދަރިންނަށް ޓަކައި މައިމީހާގެ ކިބައިގައި ހުރި ކުލުނެވެ. ދަރިންނަށް ޓަކައި މައިން ކުރާ އުއްމީދުތަކެވެ. އައިމިނަގެ މޫނުމަތި ފެނުމުން ރިޒުލާއަށް ބޭއިޚްތިޔާރުގައި ފެންކަޅި ވެވުނެވެ. ކުޑަ ހިނދުކޮޅަކަށް އޭނާގެ މަންމަގެ ހަނދާންތައް އާވުމުންނެވެ. ދަތި ހާލުގައި މަންމައާއި ބައްޕަ އޭނާއަށް ކިޔަވައިދީ ބަލައި ބޮޑުކުރި ގޮތެވެ. ރަށުން ބޭރަށް ފޮނުވައިގެން ކިޔަވައިދިނުމަށް ޓަކައި އުފުލި ތަކުލީފުތަކެވެ. ގްރޭޑު ހައެއްގައި އުޅެނިކޮށް ހިންނަވަރަށް ގެނެސް ކިޔަވައިދިނުމަށް ބެހެއްޓި ގެއިން ދިމާވި ކަންތަކާ ހުރެ އަނެއްކާ ރަށަށް ބަދަލުކުރި ހާދިސާއެވެ. އެ ބިރުވެރި އިޙްސާސްތަކެވެ. ރަށުން އޯލެވެލް ނިންމާލިއިރު، ލިބުނު ނަތީޖާއިން އިތުރަށް ކިޔަވަން ކުޅުދުއްފުށްޓަށް ފޮނުވި ހަނދާންތަކެވެ. އޭލެވެލް ނިންމައިލުމުން މަތީ ތައުލީމަށް ކިޔެވުމަށް މާލެ ގެންގޮސް އެ އުފުލި ބުރަތަކުގެ ހަނދާންތަކެވެ. މަންމަގެ އެ މަސައްކަތްތަކުގެ ހަނދާން ރަށުގައި އުޅުނު އިރު ނުވިޔަސް މިއަދު އޭނާއަށް އެ ހަނދާންތަކާއި އެ މަންމަގެ އޯގާތެރިކަން ކިތައްމެ ރަނގަޅަކަށް ވެސް ވަޒަންކުރެވެއެވެ. މައިމީހާއާ ދުރުގައި އުޅެން ޖެހުމުންނެވެ. މަންމަގެ ފަރާތުން ލިބުނު ލޯބި ބީވީ ކަމުގެ ހަނދާން ވުމުންނެވެ. އެއީ އޭނާއަށް ކުރެވުނު ކުށެއްކަމަށް ރިޒުލާ ޤަބޫލުކުރެއެވެ.

"ޤަބޫލުކޮށްބަލަ! އަހަރެން މި ހެން މި ބުނަނީ ބަދަލުވީމަ ދޯ! ކުރިން ނުބުނަމެއްނު ނާދު ބަދަލެކޭ" ނާޝިދުގެ ކުރިމަތީގައި އިސްޖަހައިގެން އިނދެ ރިޒުލާ ވާހަކަދައްކަމުން ދިޔައެވެ. ނާޝިދަށް ބަދަލުތަކެއް އަންނަމުންދާކަން އޭނާއަށް ފާހަގަކުރެވޭތީއެވެ. ނާޝިދު އޮތީ އެނދުގައި ދިގުދެމިލައިގެން ޓެބްލެޓާ ކުޅޭށެވެ.
"ކޮން ބަދަލެއްތަ؟ އެޔެއް ބުނެދީބަލަ" ނާޝިދު ވާހަކަދެއްކިޔަސް އޭނާގެ ލޯ ހުރީ ޓެބްލެޓަށެވެ.

"މި ގެއަށް ބަދަލުވިފަހުން. ނޭނގޭ ވަރަށް ބަދަލު. އަހަންނަކާ އަޅައެއްނުލާ. ގުޅައި ވެސް ނުލާ ދެތިން ރޭ ހިނގައިދާނެ. އަހަރެން ގުޅިޔަސް އަބަދު ހުންނަނީ ބިޒީ. ދެން ކުރިން ރޭ ވެސް އެހެންބުނީމަ ރުޅިއައީ. އެނގޭނެ މިގޭތެރޭ ކަންތައްތައް ހުންނަގޮތް. މި ހުރިހާ ވާހަކައެއް ކާކަށް އަހަރެން ކިޔައިދޭނީ؟ ދެން ބުނާނި އަޅައިނުލާށޭ އެ ބޮޑާގެ ވައްތަރޭ" ރިޒުލާ ފެންފުޅި އެނދުގެ މަގަތުގައި ހުރި ކަފޭރާ މަތީ ބަހައްޓަމުން ނިދާ ހެދުން ހެޔޮކޮށްލިއެވެ.

"ވަޒީފާގެ އުޅެމުން ކިހިނެއްތަ އަބަދު ގުޅާނީ؟ ދެން ކައިވެނި ކުރީމަ ދައްކަން އޮންނަނީ ކޮންހާ ވާހަކައެއްތަ؟ ހާލު އަހުވާލު އެނގުނީމަ އެވީނު. އެހެންނޫނަސް ބަލިވީމަ މާލެދާން ޗުއްޓީނަގައިގެން ވެސް މިއައީ ދޯ! އަޅައި ނުލާކަމަށްވާނީ ބަލިވީމަ ނައިނަމަ އެއްނު؟" ނާޝިދު ރުންކުރުވަމުން ދިޔައެވެ. މީހާ ރުޅިގަދަވަމުން ދިޔައެވެ.

"އެންމެ ރަނގަޅު. ދެން އަހަރެން މިކަހަލަ ވާހަކައެއް ނުދައްކާނަން. އަބަދު ވެސް ހަނދާންކުރާތި. މިހާ ހާލުގައި އަހަރެން މިއުޅެނީ ފިރިމީހާއަށް ކިޔަމަންތެރިވާން. ރަށުގަ އުފަލުގަ އުޅެވެން އޮއްވާ އެ ހުރިހާ ކަމެއް ދޫކޮށް މިއައީ ހަމައެކަނި ނާޝިދަށް ޓަކައި. އަހަރެން އަބަދު ވެސް ނާޝިދު ބޭނުންވާތީ. ނާޝިދު ދެކެ ލޯބިވާތީ. އަބަދަކު މި ހާލަކު އަހަންނަކަށް ވެސް ކެތެއް ނުވާނެ. ފަޅައިގެންދާ އިރު ފަޅައިގެންދާނީ ވަރަށް އަސަރު ގަދަކޮށް. ހުރިހާ އުދާހެއް ކަރާސީނަށް ބަދަލުވެ ހުޅު ހިފާނީ ރާސްލާފަ" ރިޒުލާ ނާޝިދުގެ މަގަތުގައި އޮށޯވެލަމުން ކޮނޑުގައި ބޯއަޅައިލިއެވެ. މަޑުމަޑުން އޭނާގެ އަތްތިލައިން ނާޝިދުގެ ކޮނޑުގައި ފިރުމާލިއެވެ.
"ދެން ތި ކޮން ވާހަކައެއް ކޮންމެ ވެސް އެހެން ވާހަކައެއް ދައްކަބަލަ. އަހަންނަކަށް ތި ކިޔާ އެއްޗެއް ނޭނގޭ. މަ ދޭހައިގެ ޓެސްޓުގައި ފާހެއް ނުވޭ. އެކަން ރިޒޫއަށް ވެސް އެނގޭނެ" ނާޝިދު ވާހަކަދެއްކީ މަޑުމަޑުންނެވެ.


(ނުނިމޭ)


ނޯޓް: 15 މާޗް 2019 ގައި، އޮޅުމަކުން ޕަބްލިޝް ކުރެވިފައި ވަނީ ވާހަކައިގެ ދެ ވަނަ ބައިގެ ބަދަލުގައި ތިން ވަނަ ބައި ކަން ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަދި މިއީ މި ވާހަކައިގެ ދެ ވަނަ ބައިކަމަށް ދަންނަވަމެވެ.
ހިޔާލު

ހަމަ އެ ކުލާހުގެ އަނެއް ކުއްޖާ

ބުރޯ...މި ސްޓޯރީ ވަރަށް ނައިސިން...ވަރަށް ކިޔާ ހިތްވޭ..އަވަސްކޮށް ގެންނަނިން ...😜

ސަރގެ ގްރޭޑް 12ގެ ކުލާހުގެ ދަރިވަރެއް

ސަރގެ މިވާހަކަ ވަރަށް ކަމުދޭ....ސިފަކުރުންތަކާއި ޢިބާރާތްތައް ވެސް ވ.ފުރިހަމަ... ވަރަށް ބޭނުން ސަރ ފަދަ މޮޅު ލިޔުންތެރިއަކަށް ވަާން...☺☺

ސަރާ

ރީތި.. އެކަމަކު ސަސްޕެންސް ކުޑަކޮށް ދަށް

އަސްލު

ޑައިލޮގު ވ އަސްލު

ދޮން

ދެން ދެނޯ! ...........އވސ ކރއޗ