chinage igthisaadhu dhashah dhiyun- raajjeyge fathuruverikamah lolhun arun!?
image
ފަތުރުވެރިން --ފޮޓޯ: އަވަސް
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ޗައިނާގެ އިގްތިސާދު ދަށަށް ދިޔުން - ރާއްޖޭގެ ފަތުރުވެރިކަމަށް ލޮޅުން އެރުން!؟

މިދިޔަ ހުކުރު ދުވަހު ޗައިނާގެ ސަރުކާރުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޗައިނާގެ ފެބްރުއަރީ މަހުގެ އެކްސްޕޯޓު ވަނީ ރިކޯޑު މިންވަރަކަށް ދަށްވެފައެވެ. އަދި ޗައިނާގެ އިގްތިސާދުގެ ކުރިއެރުން މިދިޔަ އަހަރަށް ވުރެ މި އަހަރު ދަށްވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ވަރަށް ފަހުން ރާއްޖެއަށް ޒިޔާރަތްކުރި އައިއެމްއެފްގެ ވަފުދުން ވެސް ވަނީ ޗައިނާގެ އިގްތިސާދުގެ ދުވެލި މަޑުޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މި ކަމުގެ ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން އައިއެމްއެފްއިން ފާޅުކޮށްފައިވެއެވެ.

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެޑިޓަރުކަން މިހާރު ކުރައްވަމުން ގެންދަވާ ފަޒީލު ނަޖީބު ވެސް ވިދާޅުވާ ގޮތުގައި ޗައިނާގެ ޖީޑީޕީ ދަށަށް ހިނގައްޖެނަމަ ޗައިނާގެ އާމްދަނީގެ މިންވަރު ދަށްވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ހިނގާ މާރޗްމަހުގެ ހަތް ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޓީޖީއެސްޓީއިން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަކޮށްފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ލިބުނު މުޅި އާމްދަނީއަކީ 4.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 1.08 ބިލިއަން ރުފިޔާއަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެހެން ކަމުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވެއްޖެ ނަމަ ރާއްޖެއަށް ލިބޭ މުޅި އާމްދަނީ ދަށްވުމުގެ ފުރުސަތު ބޮޑެވެ.

ދެން އުފެދޭ ސުވާލަކީ ޗައިނާގެ ފަތުރުވެރިންގެ އަދަދު ދަށްވެއްޖެ ނަމަ ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ ދަށްވެދާނެތޯ އުފެދޭ ސުވާލެވެ.

އެމްއެމްއޭ އިން ނެރެފައިވާ 2013ން 2018 އަހަރުގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި މި މުއްދަތުގައި ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ފަތުރުވެރިންގެ އަދަދު ކޮންމެ އަހަރަކު ވެސް ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް އެހެން ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ކޮންމެ އަހަރަކު ވެސް މައްޗަށް ޖެހިފައިވުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ މުޅި ޖުމްލަ އަދަދު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2019 ވަނަ އަހަރު ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 2018 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 11.7އިން ސައްތަ އިތުރުވެފައެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭތަކުގެ އަދަދު ވަނީ 6.3 އިންސައްތައަށް އިތުރުވެފައެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން 17.8 އިން ސައްތަ ހިއްސާއަކާ އެކު ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިން ނަމަވެސް ޗައިނާގެ މާކެޓު ވަނީ 3.8 އިން ސައްތަ ވަނީ ދަށްވެފައެވެ. ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވާ 10 މާކެޓުގެ ތެރެއިން ޗައިނާއާއި ސުވިޒަލޭންޑް ފިޔަވައި އެހެން ހުރިހާ މާކެޓުތަކެއް ވަނީ ބޮޑެތި ކުރި އެރުންތަކެއް ހޯދާފައެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ ކުރިއަށް އޮތްތާގައި ދަށްވާނެ ކަމަކަށް ނުބެލެވެއެވެ. ޗައިނާ މާކެޓު ހީނަރުވި ނަމަވެސް އެހެން ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވާނަމަ، އެ ބައި ފޫބެދި ރާއްޖޭގެ އިގްތިސާދަށް މާ ބޮޑު އަސަރެއް ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޗައިނާގެ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް ދަށްވަމުން އައުމަކީ އިގުތިސާދީ މިސްރަބާ މެދު ވިސްނަންޖެހޭނެކަމެއް ކަމަށް ފެނެއެވެ.
ހިޔާލު