Hinnavaru 2 counciloraku MDP ah soikoh, majority hoadhaifi
image
އެމްޑީޕީގެ ކެންޑިޑޭޓް ޖީހާނުގެ ކެމްޕެއިން އިވެންޓްގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
0 ކޮމެންޓް
 

ހިންނަވަރު ދެ ކައުންސިލަރެއް އެމްޑީޕީއަށް ސޮއި ކުރުމުން މެޖޯރިޓީ ލިބިއްޖެ

ޅ. ހިންނަވަރު ކައުންސލްގައި ހިމެނޭ ފަސް ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރަކު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމާއެކު އެމްޑީޕީއަށް ހިންނަވަރު ކައުންސިލްގެ މެޖޯރިޓީ ލިބިއްޖެ އެވެ.
ހިންނަވަރު ކައުންސިލުގެ އިތުރު ދެ ކައުންސިލަރަކު އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ހިންނަވަރުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. ދެ ކައުންސިލަރުގެ އިތުރުން ޕީޕީއެމް ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހަކު ވެސް ވަނީ އެޖަލްސާގައި އެމްޑީޕީއަށް ސޮއިކޮށްފަ އެވެ.

އެމްޑީޕީއާ ގުޅިވަޑައިގެންނެވި ދެ ކައުންސިލަރުންނަކީ ޕީޕީއެމް ޓިކެޓްގައި ވާދަކޮށް އިންތިހާބުވި މުހައްމަދު ސޯލިހު އަދި ކައުންސިލް މެމްބަރު އާދަމް އަނީޒް އެވެ.

ޖީނާނުގެ ކެމްޕެއިން ރަސްމީކޮށް ފަށްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. ރައީސް ސޯލިހަކީ ހިންނަވަރަށް ނިސްބަތްވާ ހިންނަވަރު ބޭފުޅެކެވެ.

ހިންނަވަރު ކައުންސިލްގެ ދެ މެމްބަރަކު އެމްޑީޕީއަށް ސޮއި ކުރެއްވުމުން، އެ ކައުންސިލްގެ ސާފު އަގުލަބިއްޔަތު އެމްޑީޕީއަށް ވަނީ ލިބިފައެވެ. އެގޮތުން އެމްޑީޕީގެ ހަތަރު ކައުސިލަރުން ތިއްބަވާއިރު، ދެން ހިމެނެނީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ޖީހާނުގެ ކެމްޕެއިން ރަސްމީކޮށް، ހުކުރު ދުވަހުގެ ރޭ ފައްޓާވާދެވި ރައީސް ސޯލިހަކީ މިދިއަ ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް ހިންނަވަރު ދާއިރާގެ ގޮނޑި ފުރުއްވި ހިންނަވަރު ދާއިރާގެ މެމްބަރެވެ. ރައީސް ސޯލިހަކީ 1994 ވަނަ އަހަރުން ފެށިގެން ޅ. އަތޮޅު އަދި ފަހުން ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.
ހިޔާލު