Addu ah Dhathurukuri Boateh Farah Araifi
image
އައްޑުއަށް ދަތުރުކުރި ބޯޓެއް 2016 ވަނަ އަހަރު ފަރަށް އަރާފައި: ފައިލް ފޮޓޯ ޕޮލިސް
0 ކޮމެންޓް
 

އައްޑުއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި "އަލްމާ" ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ރޭ 02:57 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށި ކަމަށެވެ.

އެ ހާދިސާ ހިނގި އިރު ބޯޓުގައި 11 މީހުން ތިއްބި އިރު އޭގެ ތެރޭގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަސް ބިދޭސީންނާއި ހަތަރު ދިވެހިންގެ އިތުރުން ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި އެއް ބިދޭސީ އަކާއި ދިވެއްސެއް ހިމެނޭ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން ލޯންޗުގެ ޑައިވަރުން، ޑައިވިންގއަށް ފައިބައިގެން ބެލި ބެލުމުން އަލްމާ ބޯޓުގެ ވާތް ފަރާތުން ގާތްގަނޑަކަށް ތިން ފޫޓު ހާތަން ވަނީ ފަޅައިގެން ގޮސްފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ބޯޓު ފަރަށް އަރައި އެއް ފަޅިއަށް އަރި އަޅާލާފައިވާތީ ބޯޓުގައި ހުރި މުދާތައް އެހެން ދޯންޏަކަށް ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ދަނީ ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި ދެ މީހުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ލޯންޗެއްގައި ސަލާމަތްތެރިކަމާއެކު މީދޫއަށް ގެންގޮސްދީފައެވެ.
ހިޔާލު