Boahiyaavahikan hallukurumah 17 billion Ruffiyya, hoadhumuge massaikai kuriah: Minister
image
ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން، ކުރީގެ ރައީސް ނަޝީދު (މ) ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު (ކ) އަދި ޕްލޭނިން މިނިސްޓަރު އަސްލަމް (ވ)
0 ކޮމެންޓް
 

ބޯހިޔާވަހިކަން ހައްލުކުރުމަށް 17 ބިލިއަން ރުފިޔާ، ހޯދުމުގެ މަސައްކަތް ކުރިއަށް: މިނިސްޓަރު

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް 17،000 ފްލެޓް ބޭނުންވާ ކަމަށާއި އެކަމަށް 17 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ "އެޖެންޑާ 19"ގެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ "ފަހި ދިިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ކުންފުނި އުފެއްދުމުގެ ބޭނުމަކީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޭނުންވާ ވަރަށް ފްލެޓުތައް ރައްޔިތުންނަށް ހޯދައި ދިނުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން 17،000 ފްލެޓު ބޭނުންވާ ކަމަށާއި އެކަމަށް ބޭނުންވާ 17 ބިލިއަނެއްހާ ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި ދައްކަނީ އަގުހެޔޮ ފްލެޓުތަކުގެ ވާހަކަ. ތިން މިލިއަން، ފަސް މިލިއަނަށް ލިބޭ ބޮޑެތި ސިންގާ ފްލެޓުތަކުގެ ވާހަކައެއް ނޫން. އެކަމަށް ބޭނުންވެފައި ތިބި މީހުންނަށް އަތްފޯރާ ފަށުގައި ލިބޭނެ ފްލެޓު،" ފައްޔާޒް ވިދާޅުވި އެވެ.

އެޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ސިނަމާލެ 1، 2 އަދި މާލެ ހިޔާ 1، 2 އެއީ މީގެ 25 އަހަރު ކުރީގެ އިމާރާތްތަކެއް ކަމަށާއި އެތަންތަން ހުރީ މަރާމާތުކޮށްގެން ނުގެންގުޅެވޭ ވަރަކަށް ކަމަށްވާނަމަ ޖެހޭނި "ތަޅާލަން" ކަމަށެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ ސިނާމާލެ 1، 2، އަދި މާލެ ހިޔާ 1، 2 ހުރީ "ބޮލަށް ވެއްޓޭ ވަރަށް" ހަލާކުވެފައި ކަމަށާއި އެކަމަށް އޮތް ހައްލަކީ ކޮބައިތޯ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި މީހަކު ކުރި ސުވާލުގެ ޖަވާބުގަ އެވެ.

"އެއީ 25 އަހަރު ކުރީގެ އިމާރާތެއް. އޭރު ކޮންސްޓްރަކްޝަން ސްޓޭންޑަޑް ވަރަށް ތަފާތު. އަޅުގަނޑު ގަބޫލު ކުރަން އެ ހާލަތުގައި ހުންނާނީ،" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް މަޖިލިހުގެ މެޖޯރިޓީ ނުލިބި އެތަން ތަޅާލައިގެން ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް މަޖިލިހަށް އެމްޑީޕީން އެކުލަވާލި "އެޖެންޑާ 19" ގައި ހިމެނޭ ސިޔާސަތުތަކަކީ ރައްޔިތުންނަށް "ޖުމްލަ ބަދަލެއް" އަންނާނެ ސިޔާސަތުތަކެއް ކަމަށެވެ.

ރައީސް ނަޝީދުވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.
ހިޔާލު