Kuru Vaahaka: Bunanhey Kalaa
image
ބުނަންހޭ ކަލާ--
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ކުރު ވާހަކަ: ބުނަންހޭ ކަލާ

ތިން ވަނަ ބައި
"ދެން ތި ކޮން ވާހަކައެއް ކޮންމެ ވެސް އެހެން ވާހަކައެއް ދައްކަބަލަ. އަހަންނަކަށް ތި ކިޔާ އެއްޗެއް ނޭނގޭ. މަ ދޭހައިގެ ޓެސްޓުގައި ފާހެއް ނުވޭ. އެކަން ރިޒޫއަށް ވެސް އެނގޭނެ" ނާޝިދު ވާހަކަދެއްކީ މަޑުމަޑުންނެވެ. "އަހަންނަށް ކަމެއް ކޮށްދެންޏާ ނިކަން ހަރުދަނާ މީހަކަށްވެ ބަލަ. އާދެސްކޮށްފަ މި ބުނަނީ. އަތަށް ލިބޭހާ އެއްޗެއް ތިހެން ތަޅާ ނުބުރުއްސާ ތި ލާރިން ކޮންމެ ވެސް ހަރުދަނާ ކަމެއް ކޮށްބަލަ" ރިޒުލާ އޯގާތެރިކަމާއެކު ލޯބިން ފުރިގެންވީ ރާގެއްގައި ނަސޭހަތްދެމުން ދިޔައީ ކުޑަ ކުއްޖަކަށް ނަސޭހަތްދޭ ފަދައިންނެވެ.

"ބަލަ ލާރި ތަޅާ ބުރުއްސަނީކީ ނޫނޭ. އޮންލައިން ފިހާރަތަކުން ރައްޓެހިން ބުނެގެން އެއްޗެހި ގަނެދެނީނު. އެތަނުން ވެސް ވިޔަފާރި ކުރަނީނު"

"ތި ދެން އަނެއް ކަންތައް. ނާޝިދަށްވީ އެއްޗެއް ގެނެސް ރައްޓެއްސަކަށް ދެވުނީމަ. އެ ލާރި އެމީހެއްގެ އަތުން ނަގަން ކެރޭކަމަކަށް ނުވާނެ. އެ ހެޔޮ ކިތައްމެ އަގުބޮޑު އެއްޗަކަސް. އިހަށް ދަތުރު އެ ގެނައި އެ މޮޅު ފޯނަށް ވެސް އަދިވެސް އެ އައްޔައެއް ލާރި އެއް ނުދެއެއްނު. ކޮބައި މޯޑަށް ގެނައި ލެޕްގެ ލާރި. ޝާޑަށް ގެނެސްދިން އައިޕެޑްގެ ލާރި. ދެން މިހެން ކިޔަން ވެއްޖެއްޔާ ކިޔަންވީ. ނާދަށް ނޭނގެ ލާރި ދޭން ޖެހޭ މީހުންނަކީ ކާކުކަން ކިހައިވަރެއް ކަމެއް ވެސް." ރިޒުލާ ނާޝިދުގެ އުނަގަނޑަށް ފައި އެއްލަމުން ހަމަޖެހިލިއެވެ. ނާޝިދުގެ ހޫނު އިޙްސާސްވާ މިންވަރަށެވެ.
"އެމީހުންނަށް ލިބުނީމަ ދޭނެއްނު. އައިޕެޑް ގެންދީ ބައްޕައޭ"
"ބައްޕައޭ..." ރިޒުލާ ހައިރާންވިއެވެ.

"ހޫނ... އަނެއްކާ އަނެއް އައިޕެޑް. ގައިމު ފެބުރުއަރީ މަހު އައިޕެޑެއް ގަތީ. ބައްޕައެކޭ ޒުވާނެކޭ އެއްވަރެއްނު. އަބަދު އުޅޭނީ ދަރިން ފެލަން. ދެން އެ ބޮޑުވަރު. ކަމެއް ކުރާ މީހެއް ނަމަ ރަނގަޅު ތިން ހަތަރު އައިޕެޑް ގެންގުޅެން. ނުވިތާކަށް ލާރި ދީފަ ގަންނަ އެއްޗެއްކަން ހަނދާން ހުންނަނަމަ ވެސް ހެޔޮ"
"ބަލަ ދަރިން އަތުންނޭ މައިންބަފައިން އެއްޗެހި ހޯދާނީ ދަރިން ބޮޑެތިވީމަ. އަހަރުމެން ދަރިން ޖެހޭނެ މައިބަފައިން ބޭނުންވާ އެއްޗެއް ދޭން. ރިޒޫއެއްނު މަށަށް މި ނަސޭހަތް ލައިދެނީ. ކީއްވެ މިރޭ ރިޒޫއަށް މިޖެހުނީ. ބަލައިބަ މި ފިލްމު ވަރަށް ސާފު" ނާޝިދު ބަލަމުން ދިޔަ ފިލްމު ރިޒުލާއަށް ފެންނަގޮތް ހަދައިދިނެވެ. މައުޟޫޢު ބަދަލުކޮށްލާށެވެ. އެހެން ދިމާއަކަށް ހަރަކާތްތައް އަނބުރާލުމަށް ހިތް އެދެމުންދާތީއާ އެކުގައެވެ.

"މަ ވެސް ބޭނުން މިރޭ އިނގޭ"
"ކީއްކުރަން...؟"
"ދެން އޭރުންނެއްނު މިހެން ރަށުން ބޭރުގަ އުޅޭއިރު ވެސް ހަނދާންވާނީ" ނާޝިދު އެނބުރިލަމުން ރިޒުލާގެ މޫނަށް ބޮސްދިނެވެ. ލޯބިން ފުރިގެންވީ ނަޒަރަކުން ރިޒުލާއަށް ބަލައިލިއެވެ. ފިރުމުންތަކުގައި ރާޅުބާނި ހަރަކާތްތަކެއް އެކުލެވެމުން އެކަމުގެ ތެރެއަށް ގެނބެމުން ދިޔައެވެ.
"ދެން ޑިލީޓްކޮށްލާތި؟ އެހެންނޫނީ ކަމަކު ނުދާނެ" ރިޒުލާ ހިތްހަމަ ނުޖެހުނު ނަމަވެސް ނާޝިދުގެ އާދޭސްތަކަށް އެއްބަސްވީއެވެ.
"ޓުރަސްޓު ނުކުރަނީދޯ" ނާޝިދު ހިނިތުންވެލިއެވެ.

"ޓްރަސްޓްގެ ވާހަކަ ނުދައްކާ! މި ޒަމާނުގަ ޓްރަސްޓް އެ ނެތް އެއްޗެއް. ކޮބައި މިހަފުތާގެ ސައި. ފުރަތަމަ ސައި ދޭން ބުނި މީހާ. އަދިވެސް ޓްރަސްޓްގެ ވާހަކަދެއްކޭތޯ ބަލާ! ސަޔަކީ އަހަރުމެންގެ ޓްރަސްޓްގެ ކާނާ. އެހެންވީމަ ޓްރަސްޓްގެ ފުރާނައަކީ ކާނާ. ހެއް ހެއް" އިބްރާހިމް ދިމާކޮށްލީ ރިޒުލާއަށެވެ.

އެއާއެކު އެންމެ އެކުގައި ބިނދިބިނދިފައި ހޭންފެށިއެވެ. އިބުރާހިމް ޖޯކު ޖަހައިލި ގޮތުންނެވެ. ސްޓާފްރޫމުގައި ފޮތްމާކުރަން ތިބެ އެމީހުން ދައްކަމުން ދިޔަ ވާހަކައިގެ މައުޟޫޢު އެހެން ދިމާއަކަށް އަނބުރާލުމުންނެވެ. އެއީ އިބުރާހިމަށް ނިކަން ފަސޭހަ ކަމެކެވެ. ހެއްވާލަން ވެއްޖެ ނަމަ އަބަދު ވެސް ޖޯކު ޖަހައިލާނީ ކޮންމެވެސް އެހެންމީހެއްގެ ޑައިލޮގަކުންނެވެ.

"ކާކަށްތަ އޮތީ މިއަދު" ސަމީނާ ނިތް އަރުވާލަމުން ހީލިއެވެ.
"އަސްލު އޮންނާނީ ނަޒީ އަށް ދޯ" ނުހާ ވެސް ބައިވެރިވެލިއެވެ.
"ނޫން! މިފަހަރު އޮންނާނީ ރިޒޫއަށް. އަނެއްކާ މި ޓާމުގަ އެންމެ ފުރީ މީހަކީ ވެސް ރިޒޫ. އެހެންވީމަ ޖެހޭނެ ދޭން ވަރަށް ފެންވަރުގަ" ނަޒީމު އަމުނައިލީ އެއް ނޭވާއިންނެވެ.

"އެބުނާހެން. ދެން މާދަމާ މާލެ ފުރާ ސަޔާ ފިރި ސޮރު އައި ސަޔާ. ހުރިހާ ސަޔެއް އެއްކޮށްލީމަ ވަރަށް ބޮޑު ސަކަޔަށް އެބަވާންޖެހޭ މިއަދުގެ ސައި ދޯ ނުހާ" އިބްރާހިމް ނުހާއަށް ނިތްއެއްލިއެވެ.
"ދެން ވަކި މީހަކަށް ކިޔާވަރުތަ؟" ނުހާ ހީލިއެވެ.

"ނުހާ ވެސް ޖޫން ގަ ދާކަށްނު ތިއުޅެނީ. އޭގެ ފަހުން ދާއިމީ ވާނޭ ކެތްކޮށްލާ ދޯ ރިޒޫ! ތިއެއް ނޫނޭ މަށަށް ވަރަށް ހީވޭ މި ނުހާ މާލެ ދާއިރަށް އޭނާގެ ޕްރިންސާ ދިމާވާނެހެން" ނަޒީމު ނުހާއާ ދިމާކޮށްލިއެވެ.
"ހެވޭ ނަޒީއަށް ވީނު ސަމީ ކުރިމަތީ އިނިއްޔާ. މި އިއްބެ ވެސް ވެއްޖޭ މީހަކާ އިންނަން މަ ކިޔަވައި ނުނިމެނީސް. އެހެން ނަމައެއްނު ދޯ!" ނުހާ ވެސް ސަކަރާތުގައި ބައިވެރިވިއެވެ. ސަމީނާ އެއްޗެކޭ ބުނުމުގެ ކުރިން އޭނާ އަމިއްލައަށް ސަމީނާގެ ޑައިލޮގު އިޚްތިޔާރު ކުރީ ސަލާމަތްވުމަށް ފަސޭހައަކަށެވެ.

"މަށަށް ހީވަނީ މިނި މަސްއަޅައިގެން ހަދާފަހުރި ކާޖާތަކެއް ކައި ނިންމާހެން. އަޅެ ކޮންތާކުންތަ މިނި މަސްދަޅު ވިއްކަނީ؟" ރިޒުލާ އެންމެނަށް ދިމާކޮށްލިއެވެ. އެއާ އެކު އެންމެން އެކުގައި ހޭންފެށިއެވެ.
"މީ މިނިކާޖާއޭ! އަސްލު ނުދައްކަން މީހުންގެ ވާހަކައެއް މި ދައްކަނީ އަހަރުންގެ އަމިއްލަވާހަކަ ދޯ ނަޒީ" ސަމީނާ ނަޒީމަށް ބަލައިލިއެވެ. އެއާއެކު ނަޒީމު ބޯޖަހައިލިއެވެ. އިބުރާހިމު ވެސް ނަޒީމަށް ބަލައިލިއެވެ. އަދި މޫނުމަތިން އިޝާރާތެއް ކޮށްލަމުންނެވެ. ނަޒީމު އެ މެސެޖު ނަގައިގަތެވެ.
"ދެން ދާންހިނގާބަ ތިގެއަށް ސަޔަށްދާން. އެހެން ނޫނީ މި މީހުން މިނިކާޖާ ކައިކައި ގޮސް ބަނޑުފުރާ ފާނެ" ނަޒީމު ބަލައިލީ ރިޒުލާއަށެވެ.

"ހިނގާ! އެކަމު ހެދިކާ ގަނެގެން ގެއަށްދާނީ ދޯ! ހެދިކާޔާ ރެޑްބުލް ދޯ އެވަރު އޯކޭތަ؟" ރިޒުލާގެ ކަނާއަތްފަޅީގައި ބަރިއަކަށް ޖަހައިލައިފައިވާ ވިއްސަކަށް މޮނިޓަރު ފޮތުގެ މަތީގައި މާކުކޮށް ނިމިފައި ހުރި ފަސް ވަރަކަށް ފޮތް ބާއްވާލަމުން ތެދުވިއެވެ.

"ތީ ތި ސަޅިއޭ! މި ފަހަރު ރިޒޫމެންގެ ގެވެސް ފެންނާނެތާ ދޯ! މަ އަދި ދުވަހަކު ވެސް އެގެއަކަށް ނުދަން" އިބްރާހިމް ހީލަމުން ކޮޅަށް ތެދުވިއެވެ. އެއާއެކު ހަތަރު މީހުން އެކުގައި ހިނގައިގަތެވެ. އެކަކު އަނެއްކަކަށް ދިމާކުރަމުން ސަކަރާތް ޖަހަމުންނެވެ.

ހިނދުކޮޅެއް ފަހެވެ. ރިޒުލާމެންގެ ގުރޫޕުގެ މިސްރާބު ހުރީ ބޮޑުމަގުން އުތުރަށެވެ. ރިޒުލާމެންގެ ގެއަށެވެ. ރިޒުލާ އަތުގައި ވައަތުގައި އޮތީ ހެދިކާ ކޮތަޅެވެ. ކަނާއަތް އޮތީ އަތްދަބަހާއި ބައެއް ފޮތުން ބަނދެވިފައެވެ. އާދައިގެ ރަތް ކޮތަޅެކެވެ. ހެދިކާތައް ހުރީ ޓިޝޫތަކުގެ ތެރެއަށް ލައިފައެވެ. ބައެއް ހެދިކާތައް ޓިޝޫތަކުން ބޭރަށް ނިކުމެފައި ހުރުމުން ފެންނަން ހުއްޓެވެ. ބަޖިޔާ، ގުޅަ، މަސްރޮށި ފަދަ ހެދިކާތަކެވެ. ނުހާގެ ވެސް ހާލަކީ ރިޒުލާގެ ވެސް ހާލެވެ. ނުހާގެ އަތުގައި ވެސް ހަމަ އެވަރުގެ ކޮތަޅެއް އޮތެވެ. އެ ކޮތަޅުން ވެސް ހެދިކާގެ ވައްތަރުތައް ފާހަގަވާން ހުއްޓެވެ. ކޭކާއި، ފޮޅިއާއި ކޮންމެ ވެސް އެހެން ޒާތެއްގެ ފޮނިކާނާއެވެ. ސަމީނާ އަތުގައިވާ ކޮތަޅުގައި އޮތީ އައިސްބާގް މެދު ސައިޒުގެ ހަތަރު ފެންފުޅިއެވެ. އައިސްކޮށްފައި ވާލެއް ބޮޑުކަމުން ކޮތަޅުގެ ބޭރުން ވެސް އެކަން ހާމަވަމުން ދިޔައީ ފުޅިތަކުގައި ކޮތަޅު ތަތްތެވެފައި ހުރުމުންނެވެ. އިބްރާހިމް އަތުގައި ވެސް ހެޔޮވަރުގެ ކޮތަޅެއް އެލުވާލެވިފައި އޮތެވެ. ރެޑްބުލް ދަޅުތަކެކެވެ. ބަލައިބެލުމަށް ހަތަރު ވަރަކަށް ދަޅު އޭގައި އޮންނާނެއެވެ. އިބްރާހިމް ވެސް ހުރީ ސާމާނުތަކުން އަތްފުރައިލައިގެންނެވެ. އެވަރުން ނުފުދިގެން ކޮނޑުގައި ދަބަހެއް ވެސް އަޅުވައިގެންނެވެ. އަތުގައި ދެ ވާހަކަ ފޮތެއް ވެސް އޮތެވެ. އެންމެން ވެސް ބޮޑުމަގު ހުރަސްކޮށް ހަނި ގޯޅިއެއްގެ ތެރެއިން މިސްރާބު ހުރީ ރިޒުލާމެން އުޅޭ ގެއަށް ދިއުމަށެވެ. އެންމެން ތިބީ އޮލަ ވާހަކައެއް ގައެވެ.

"އަސްލު ވަރަށް ސަޅި ދެ ވާހަކަތީ. ސަމީ ވެސް ކިޔައިލައިފަ ބުނާނެ ސަޅިއޭ" ނުހާ ސަމީނާއާ ވާހަކަދައްކަމުން ދިޔައެވެ.

"މަށަށް ވަރަށް ސަޅި ޒިލާ. އެ ދެން ވަރަށް ރިއަލިސްޓިކް. ހީވަނީ ކޮލެޖްގަ އުޅެވޭހެން. އެހެންވެ އެހާ ސަޅީ. އަސްލު ކޮލެޖްގަ އުޅެފަ ހުރި މީހަކަށް ވަރަށް ސަޅިކޮށް އެ މަންޒަރުތައް ސިފަވާނެ" ރިޒުލާ ވެސް އެމީހުންގެ ވާހަކައިގެ ވާފަށް ގަތަމުން ކުރިއަށް ދިޔައެވެ.

"އެކަމު މަށަށް ހަމަ ސަޅީ އަފްޒަލް. އެ ވަރަށް ގިނައިން ވާކަމެއް މިހާރު. އާއިލީ ގޮތުން ގާތް ދެމީހުން ކައިވެނި ކުރީމަ. އަސްލު ވެސް ލިބޭކުދިންނަށް ޖިސްމާނީ ގޮތުން ހާދަ ގެއްލުމެއްވެޔޭ. ބޭރުފުށުން ގެއްލުން ފެންނަ ނަމަ އެކަކު ވެސް އެގޮތަށް ކައިވެންޏެއް ނުކުރާނެ. ރިޒޫ ނިކަން އެ ވާހަކަ ކިޔައިލަބަލަ މިއަދު" ނުހާ ވާހަކަ ނުނިމެނީސް ޖެހިގެން އޮތް ހަނި ގޯޅީގެ ތެރެއަށް އެންމެންނަށް ވަދެވުނެވެ.

"ހާދަ ވާހަކައޭ ދޯ... އޭ ނަޒީމު ބެލިންތަ އެއްކަލަ ފިލްމު؟ ވަރަށް ގަދަ ފިލްމެއް އިނގޭ! ހަމަ ހީވަނީ ދިވެހި ފިލްމެއް ބަލައިލެވޭހެން" އިބްރާހިމް ބޭނުންވީ އަންހެންވެރިންގެ ވާހަކައިގެ މައުޟޫޢޫ ބަދަލުކޮށްލާށެވެ.

"ޗީޗީ އަހަރުން ނޫޅެން ކަލޭމެން ބަލާ ކަހަލަ ތާކުންތާކު ނުޖެހޭ ބޯގަޅި ފިލްމުތައް ބަލައިކަށް. އަދި ވަރަށް ހެއްވާ ވާނެ. މި ފިރިހެންވެރިން ބުނާނެ ދިވެއްސަކު ސްޕަނެޗްރަލް ވާހަކައެއް ލިޔެލާއިރަށް އެ ދެން ޤަބޫލުކުރެވޭ ވާހަކައެއްހޭ. ނިކަން ބަލައިބަ އެއްކަލަ މެހި އުޅޭ ފިލްމު. ދެން ކާކު އެކަން ޤަބޫލުކުރާނީ" މި ފަހަރު އިބްރާހިމާ ދިމާކޮށްލީ ރިޒުލާއެވެ.
"އޭ އެކިހާ އޮބި ޚިޔާލެއް. އަސްލު ދިވެހިންގެ މައްސަލައަކީ އަބަދު އެއްވައްތަރެއްގެ ވާހަކަ ލިޔާތީ. ދެން ބިރުވެރި ކުރަން ވެއްޖެނަމަ ޖިންނިއެއް ވައްޓާލާނީ. ކީއްވެތަ ދިވެހިންނަށް ސަޅި އައިޑިއާ ޖެނެރޭޓްކުރަން ނޭނގެނީ؟ އެހެން ނޫނަސް މި ބުނާ ފިލްމު އެ ވަރަށް ސަޅި ވަރަށް ހަބޭސް ފިލްމެއް" އިބްރާހިމް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

"އެ ތެދެއް އެ ބިރުވެރި ފިލްމެއް ނޫނޭ. ސީދާ ގެވެށި. ނޫން ދެ މީހުން އިނދެގެން އެކަކު އަނެއްކަކަށް ޒުވާބުކޮށް. ދެން ގޮތްދޫނުކޮށް. އަސްލު ވަރަށް ސަޅި ފިލްމެއް އެ. މަށަށް ހީވަނީ އަލަށް މީހުންނާ އިނދެގެން އުޅޭ މީހުން ބަލަން ވަރަށް ސަޅި ފިލްމެއްހެން އެ... މި ރިޒޫގެ ލައިފާ ނިކަން ގުޅޭނެހެން ވަރަށް ހީވޭ. އަޅޭ ރިޒޫ އެ ފިލްމު ބަލައިބަ. މަ މިއަދު ރިޒޫގެ ހާޑަށް އެ ކަހައިލަދޭނަން އިނގޭ." ފިލްމު ޚުލާޞާކޮށްލަމުން ނަޒީމު ރިޒުލާއަށް ބަލައިލިއެވެ.
"ދެން ތި ޖެހުނީ ވާހަކަތައް ކިޔައިފަ ފިލްމު ބަލަން މިއަދުގެ ހުރިހާ ވަގުތެއް ޤުރުބާން ކުރާކަންނު. މަށަށް އޮކޭއޭ ސައިދޭތީއޭ ކިޔައިފަ ތިހެން ސާމާނުތައް މަށާ ދިމާއަށް ނުއުކިޔަސް. ކީކެތަ ބުނާނީ؟ އެއްކަލަ އަލަފަތް އަންނަހެންދޯ މިއަދު އެއްޗެހި މި ލިބެނީ. މި މީހުންނެކޭ ހަމަ މިއުޅޭ ދިވެހި އެހެން މީހުންނެކޭ އެއްވަރު. ކަމެއްގެ މަގުފަހިވާން އޮތިއްޔާ ހުރިހާ ސާމާނެއް އެއްފަހަރާ. ދެން ފެންނަން ނެތިއްޔާ..." ރިޒުލާ ދެ މާނަ އެކުލެވޭ ގޮތަށް ފުން ބަސްތަކެއް އަމުނާލިއެވެ. އެތަކެއް ވާހަކައެއް އެއްކޮށްލަމުންނެވެ.

"ތިހެން ނުބުނޭ ދޯ ސަމީ. އަހަރުންމީ އަބަދުވެސް އެކުގައިވާނެ ބައެއް. އެކަކަށް ޖެހޭ ކަމެއްގަ އަނެއްކަކު އެހީވާނެ ބައެއް. އަހަރުންނާ ތިބުނާ އެހެން މީހުންނާ ތަފާތުވާނެ! ހަމަ ޤައިމު ވެސް އަހަރެން ރިޒޫ އާމެދު އެހެން ގޮތަކަށް ނުދެކެން" ނުހާގެ ވާހަކަ ނުނިމެނީސް އެމީހުންގެ މަންޒިލަށް އާދެވުނެވެ.

ރިޒުލާގެ ގޭގެ ދޮރުމައްޗަށް އެންމެން އެކުގައި މަޑުކޮށްލިއެވެ. އެންމެވެސް އަވި އައިނުތައް ނަގައި އެމީހަކު ބޮލަށް ހެޔޮވަރުކޮށްލިއެވެ. ރިޒުލާ މަޑުމަޑުން މައި ދޮރު ހުޅުވާލިއެވެ. ރިޒުލާ ދިޔައީ ސިއްސައިގެންނެވެ. ހިސާބަކަށް ފަހަތަށް އެއްލުނެވެ. ފަހަތުން ނުހާ ލެނގިލިއެވެ. ފެނުނު މަންޒަރުންނެވެ. އޭނާގެ ކޮޓަރީގެ ދޮރެވެ. ދޮރުފަތުން ފެންނަނީ ދެތިން ފޫޓުގެ މައްޗެވެ. ތިރީބައި ނިވާވެފައިވަނީ އެޅިގަލުންނެވެ. ގައު އަތުރާ ރާނާލެވިފައިވާ ހެން ބޮޑު ގައު ފޫންޏެއް ހުރުމުންނެވެ. ރިޒުލާއަށް ފަހަތަށް އެނބުރި ބަލައިލެވުނީ ނުހާގެ މޫނަށެވެ. ރިޒުލާގެ ފެންކަޅިވެފައިވާ ދެ ލޯ ފެނުމުން ނުހާ ރިޒުލާއަށް ހިތްވަރު ދިނުމުގެ ގޮތުން މޫނުމަތިން އެކަން ހާމަކޮށްލިއެވެ.

"އާދޭ އެތެރެއަށް! ކީއްވެ މަޑުޖެހުނީ؟" ނުހާ އިސްނެގިއެވެ. ނުހާގެ އިސްނެގުމަށް އެންމެން އެތެރެއަށް ވަނެވެ. ކައިކޮޓަރިއާ ދިމާއަށެވެ. އިބްރާހިމާއި ނަޒީމު ގޭގެ އެކިތަންތަނަށް ނަޒަރު ހިންގަމުން ތަންތަނަށް ކަޅި އުކަމުން ސަމާލުވެ ތިބެ އެމީހުންގެ ފަހަތުން އެތެރެއަށް ވަނެވެ.

"ވަރަށް މުސްކުޅި ގެއެއް ދޯ! އެކަމަކު ކުލަވައްޓާލައިފަ ހުރީމަ ހިއެއް ނުވޭ އެހާ މުސްކުޅި ހެންނެއް" އިބްރާހިމް ގޮނޑީގައި އިށީންނަމުން ހަމަ ޖެހިލިއެވެ. ރިޒުލާއަށް ހުރެވުނީ ހުއްޓުން އަރައިފައެވެ. ގަބުވެފައެވެ.
"މީތަ ކައްކާތަނަކީ؟ އެ ކޮން ތަނެއް؟" ކުރިމަތިން ފެންނަން ހުރި ފާޚާނާއަށް އިޝާރާތްކުރަމުން ނަޒީމު ސުވާލު އަމާޒުކޮށްލީ ސީދާ ރިޒުލާއަށެވެ.
"އެ ޕަބްލިކް ޓޮއިލެޓް. މި ގޭގެ ހުންނަނީ އެޓޭޗް ފާޚާނާއެއް ނޫން. އެންމެން ބޭނުންކުރަނީ އެ ފާޚާނާ" ނުހާ ހުރީ ތައްޔާރުވެގެންނެވެ.

"އޭ އަހަރުން ނޫޅެމޭ މިގޭގަ ވަގަށް ގެންދާކަށް. ގެއަށް ވަދެވޭ އިރަށް ހައްޕު ކިޔައިގެން ތިޔަ ހުންނަނީ" ރިޒުލާގެ އަނގަބަންދުވެފައި ހުރުމުން އިބްރާހިމް ބޭނުންވީ ޖޯކު ޖަހައިލާށެވެ.

"އޭނަ ސުކޫލުގަ އަނގަ ތެޅިޔަސް ގޭގައި އަނގަނުތަޅާނެ. މި ނިކަން ގެއަށް އިޙްތިރާމްކުރާ ގޭ
ދެކެ ލޯބިވާ ބުޅަލެކޭ ދޯ ނުހާ" ސަމީނާ ވަތު ތަށިތައް މޭޒުމަތީ އަތުރައިލަމުން ރިޒުލާއަށް ޖޯކު ޖަހައިލިއެވެ.
"ތީތި ކަޑައޭ. އަސްލު ގިނަފަހަރަށް މިވާ ގޮތަކީ. މީހާގެ ހުންނަ ސްޓެރެސް ގަނޑު ގޭތެރެއިން ބޭރުކޮށް ނުލެވިއްޖެ ނަމަ ބޭރުކޮށްލެވެނީ މަސައްކަތުގެ މާހައުލުގަ. ގޭގައި ވެސް ޖެހޭނެ ސަކަރާތް ޖަހަން އެހެން ނޫނީ ގޭ އޮންނާނީ މިހެން ފަޅުވެފަ. ގޭގަ މަޖާކޮށް ސަކަރާތްޖެހުމަކީ އާއިލީ ގުޅުން ބަދަހިވާހަކަމެއް. ދެން އެކަކު އަނެއްކަކަށް ހައްޕު ބޯޑު އަޅުވައިގެން ގޭގަ. ދެން ކިހާ ފޫހި" ނަޒީމު އޭނާގެ ތަޖުރިބާ ހިއްސާކޮށްލިއެވެ.

"އަސްލު ތި ވަރަށް ތާއިދުކުރެވޭ ވާހަކައެއް. އަހަރުމެން ގޭގަ ވެސް ނިކަން ސަކަރާތްޖަހާނެ. އެކަމު އޯވަރ ނުވާނެ! މަންމަ ވެސް ބައްޕަ ވެސް އަބަދު ތިބޭނީ ޖޯކުޖަހައިލަ ޖަހައިލާ" ސަމީނާ ވެސް ނަޒީމާ ބައިވެރިވިއެވެ.

"ޒުވާނުން މަގުން ކައްސައިލައިގެން މިދަނީ ގޭތެރެއިން ލިބެންޖެހޭ ހިތްހަމަ ޖެހުމާއި ލޯތްބާއި އޯގާތެރިކަން ނުލިބޭތީއޭ ދޯ ނުހާ. ކޮންމެ ހާލެއްގަ އުޅުނަސް އާއިލީ ގުޅުމަކީ ނިކަން ފަސޭހައިން ބަދަހި ކުރެވޭނެ އެއްޗެއް. ކޮންމެހެން ނުޖެހޭނެ ދަތުރު ދާކަށް، ތަންތަނަށް ކާންދާކަށް. އަހަރުން ގޭގައި ހުކުރުދުވަހު އޮންނާނީ ފިރިހެން ވެރިންނަށް ކެއްކުން. ދެން އަންހެންވެރި ތިބޭނެ ކައި ގަޑީގަ ފާޑުކިޔަން. އެކަމު މިހާރު ފިރިހެން ގުރޫޕު މާ ގަދަވާނެ ކައްކަން ވެސް" އިބްރާހިމް ވެސް ބައިވެރިވެލަމުން ތަޖުރިބާ ހިއްސާކޮށްލިއެވެ.

"ތި ވަރަށް ސަޅި ކަމެއް. އެކަމު މިގޭގަ ތިހެން ނުވާނެ. މިގޭ އުޅޭނީ ދެ ބުރަކަށި ދިމާކޮށްގެން. އިސް ބޯދަށުން މެސެޖުދޭ ބައެއް. ކޮންމެ ކަޕުލްއެއް އެއީ ދެން އެހެން ދުނިޔެއަކުން އައިސް ތިބި ބައެއްހެން ހީވާނީ. ތިން ޖޯޑާ ބިޖޯޑަކާ. ނޫން ބިޖޯޑުން ޖޯޑު ހަމަކުރާ ބިޖޯޑު ފީންޏަކާ" ރިޒުލާ ފުންމާނައެއް އެކުލަވައިލަމުން ސަކަރާތުގެ ރާގުގައި ވާހަކަދެއްކީ ފެންކަޅިވެ ހުރެގެންނެވެ. ނުހާ އެކަން ދެނެގަތެވެ.

"ދެން ފަށާ! ރިޒޫ ވެސް އިށީނދެ. މިހާރު ލައްކަ އަނގަ ތެޅިއްޖެއްނު" ނުހާ ރިޒުލާއަށް އިޝާރަތްކޮށްލިއެވެ.
"އަން މި އޮތީ ފޮތް. 'އަފްޒަލް' ކާކަށްދޭންވީ؟ 'ޒިލާ' މިއޮތީ ސަމީއަށް!" ނަޒީމުގެ އަތުގައި އޮތް ދެ ވާހަކަފޮތް ބަހައިލިއެވެ.

"ގެނޭ އަފްޒަލް! މަ ހާޑްވީ ނާޝިދު ގެންގޮސް އެހެން ދުވަހަކުން އެއްކަލަ ފިލްމު ނަގައިނީދޯ" ރިޒުލާ ނަޒީމާ ދިމާއަށް ބަލައިލިއެވެ. ގަސްތުގައި އޭނާ ދޮގުހެދީކަން ނުހާ ދެނެގަތެވެ. ރިޒުލާގެ ކަންބޮޑުވުން އިބްރާހިމާއި ނަޒީމަށް ހާމަކުރަން ބޭނުން ނުވާތީއެވެ. ކަމެއް ހިނގާފައި ހުރިކަން އެމީހުންނަށް އަންގަން ބޭނުން ނުވާތީއެވެ.
"އޭ އެ ކޮން ގަލެއްތަ؟ ކީއްވެ އެތާ ކޮޓަރި ދޮރުމަތީ އެހުރީ ގަޓަރި ޖަހައިލާފަ؟" ނަޒީމު ކަމެއް ހަނދާންވުމުން އަހައިލާ ގޮތަށް ސުވާލު އަމާޒުކޮށްލީ ރެޑްބުލް ދަޅުގައި ތުން ޖަހައިލަމުންނެވެ.

- ނުނިމޭ-
ހިޔާލު

ޏ

މިއީ ކުރިންވެސް ގެނެސްދީފަ އޮތް ބައި. އާ ބަޔަށް އިންތިޒާރުގަައި ހުއްޓަ މިހެން ވީމަ ވަރަށް ދެރަ🙁🙁

ކެތްމަދުވެފަ

އަވަހަށް އިސްލާޙުކޮށްލަދީ.... ކިޔާހިތުން މިހުރީ